ކުޑަރިކިލު

ރާނީގެ އެއްވަނައަކީ ކުޑަރިކިލު ބަނޑިޔާ!

ކުޑަރިކިލުން: ނާޒިމް ހަސަން
May 15, 2019
3

ބ. ކުޑަރިކިލޭ ހަމަ ބުނެލާއިރަށް ފުރަތަމަ ބޮޑުހަނގުރާމައިގެ ތެރޭ އެރަށަށް ލެއްގި ބޮމެއް ގޮއްވާލި ހާދިސާގެ ވާހަކައިން ފަށާނެއެވެ. ނުވަ މީހަކު މަރުވެ ގިނަ ބަޔަކު ޒަހަމްވި އެ ހާދިސާއަކީ އެ ރަށުގެ ތާރީހާ ގުޅިފައިވާ ހިތާމަވެރި އަދި އެންމެ ބޮޑު ހާދިސާއެވެ. އެކަމަކު، މި ކުޑަކުޑަ ކުޑަރިކިލަކީ އެއް ގޮތަކަށް ވެސް ހިތާމަވެރި ރަށެއް ނޫނެވެ. އެކުވެރި އުފާވެރި ރައްޔިތެއް އޮތް ފައްކާ ރަށެކެވެ. މުސާބަތުތަކުގައި ހާއްސަކޮށް އީދުގައި ފޯރި ހިއްޕާލާ ރަށެކެވެ. މި ރަށަކީ ސަގާފީ ކުޅިވަރުތަކުގެ ޖަގަހައެކެވެ.

މި ރަށުގެ އާއިލާތަކުން މުޅީންހެން ދިމާވަނީ ސަގާފީ ކުޅިވަރުގެ ހުނަރުވެރީންނެވެ. މިއީވެސް އާއިލާއެކެވެ. މި އާއިލާގައި ބައްޕަ ލަވަ ކިޔައި ތާރައަށް ނަށާއިރު މަންމަ ވެސް ނަށައި ލަވަ ކިޔައެވެ. އަދި މާމައަކީ ލަވައިގެ އިސް މީހާއެވެ. ކާފައަކީ މޭސްތެރިޔާއެވެ. އޭގެ ފަހަތުން ދޮންބެ އާއި މިގޭގެ އަލީ ވެސް ވަކި ދުލެއް ނުކުރެއެވެ. ގަދައަށް ބެރުޖަހައި ނަށާލައެވެ. މިގޭ އަލީއަކީ "އަވަސް އޮންލައިން" ނޫސްވެރިޔާ އަލީ އަފާފެވެ.

އިނގިރޭސި ރާނީ، ކްއީން އެލިޒަބަތު ދޭއް، ރާއްޖެ ވަޑައިގަތުމުން އެކަމަނާއަށް މަރުހަބާ ދެންނެވުމަށް މާލޭގައި ބޭއްވި ވަރުގަދަ ހަރަކާތަކަށް ކުޑަރިކިލުގެ ބަނޑިޔާ ގުރޫޕް ވެސް ގެންދިޔައެވެ. ގިނަ ރަށްތަކެއްގެ ސަގާފީ ކުޅިވަރުތައް ހުށަހަޅައިދިން އެ ހަރަކާތުގެ އެއްވަނައަށް ދިޔައީ ވެސް ކުޑަރިކިލު ބަނޑިޔާ ކަމަށް ބުނެއެވެ. މިރަށުގައި ވެސް އެހެން ކިޔައެވެ. -- އެކަމަކު އެ ހަރަކާތްތަކުގައި ވަނަ ހޮޮވިކަން ސާފެއް ނުވެއެވެ.

ރާނީގެ އަރިހުން ކުޑަރިކިލު ބަނޑިޔާ ގުރޫޕް ހޯދީ ސަގާފީ ކުޅިވަރުގެ "ރަނި" ކަމެވެ. އެ ގްރޫޕްގެ ބައެއް ތަރީން އަދި ދުނިޔޭގައި އެއްބަތިއްބެވެ. މި ރަށުގައި އެ ތަރީންނާ ބައްދަލު ކުރަން މާ ދިގު ހިނގުމެއް ބޭނުމެއް ނުވެއެވެ.

އޭގެ ކުރިޔަށް އެންމެ ފުރަތަމަ ދިޔައީ މިރަށުގެ މުހައްމަދު ފަތުހީ ގާތަށެވެ. ރާނީއަށް މަރުހަބާ ދަންނަވާން ކުޑަރިކިލު ބަނޑިޔާ ގްރޫޕް ތައްޔާރުކޮށް މާލެ ފޮނުވި އިރު އޭނާއަކީ މި ރަށުގެ ކުޑަ ކަތީބެވެ. ފަހުން ބޮޑު ކަތީބުކަން ވެސް ކުރެއްވެވި ފަތުހީގެ ހަނދާނުގައި އަދިވެސް އެކަން ވަަރަށް ސާފެވެ. ފަތުހީއަކީ ނޫސްވެރިޔާ އަލީގެ ކާފައެވެ.

ފަތުހީ ވިދާޅުވި ގޮތުގައި އޭނާ މާލޭގައި ހުއްޓައި ރާނީ ވަޑައިގަންނަވާ ހަބަރު ލިބުނެވެ. އަދި ރާނީއަށް މަރުހަބާ ދެއްނެވުމަށް ސަރުކާރުން އިސްވެ އުޅުއްވި ބޭފުޅަކު އޭނާގެ އަރިހުގައި ކުޑަރިކިލުގައި ބަނޑިޔާ ޖަހާ ކުދިން އުޅޭތޯ އެއްސެވިއެވެ. ފަތުހީގެ ޖަވާބަކަށްވީ "ހިސާބަކަށް އުޅޭނެ" އޭއެވެ. ދެން އެ ބޭފުޅާ އެންގެވީ ރާނީގެ ދަތުރު ނިމެންދެން ފަތުހީ މާލޭގަ މަޑު ކުރެއްވުމަށެވެ. އަދި ކުޑަރިކިލު ބަނޑިޔާ ގްރޫޕް މާލެ ގެނެސް ތައްޔާރު ކުރުވުމަށެވެ.

ރާނީ ދަތުރުފުޅުގައި އެކަމަނާއަށް މަރުހަބާ ދެންނެވުމުގެ ކަންކަމާ ރައީސް އިބްރާހިމް ނާސިރު ހަވާލު ކުރައްވާފައި އޮތީ އޮތީ ހ. ހިކަރީ އަހުމަދު އާދަމާއި މ. ދޫރެސް، އަބްދުﷲ ޖަމީލަށެވެ. އެ ދެ ބޭފުުން ވެސް ދުނިޔޭގައި އެބަތިއްބެވެ. މީގެ ތެރެއިން ކުޅިވަރުގެ ކަންކަން ހަވާލުވެފައި އޮތީ އަބްދުﷲ ޖަމީލަށެވެ. އެހެންކަމުން ކުޑަރިކިލު ބަނޑިޔާ ގްރޫޕަށް ދައުވަތެއް ދެއްވީ އަބްދުﷲ ޖަމީލް ކަމަށް ވުން ވަރަށް ގާތެވެ.

ރާނީއަށް މަރުހާބާ ދެއްނެވުމުގެ ހަރަކާތުގައި ވަރަށް ގިނަ ރަށްރަށުގެ ތަފާތު ސަގާފީ ކުޅިވަރުތައް އޮތެވެ. އެއިން ކޮންމެ ގްރޫޕަކަށް ވެސް ޖެހެނީ ރާނީގެ ކުރިމަތިން ހުރަސްކޮށްފައި ކުޅިވަރު ތަމްސީލް ކުރަމުންދާށެވެ. އެ ދުވަހު ކުޑަރިކިލުގެ ބަނޑިޔަލުގެ ނެށުންތެރިން ރާނީއާއި ފިރިކަލުން ޑިއުކް އޮފް އެޑިންބަރާ، ޕްރިންސް ފިލިޕަށް ވަރަށް ކަމު ދިޔައެވެ. ވަރަށް ފާހަގަ ކުރައްވާ ކުޑަރިކިލު އަންހެން ކުދީންގެ ފޮޓޯތައް ވަކިވަކީން ރާނީ ފޮޓޯ ނެންގެވިއެވެ.

ރާނީގެ އަރިހަށް ދިޔަ މިރަށުގެ ބަނޑިޔާ ގުރޫޕްގައި ނަގާ ކިޔަން ހުރީ ނޫސްވެރިޔާ އަލީގެ މާމައާ އެއްބަނޑު އެއްބަފާ އާރިފާ ހުސައިންނެވެ. -- އަލީ ބުނާ ގޮތުން ވިއްޔާ އެއީ އޭނާގެ "ބޮއްތަ"އެވެ.

އެ ގްރޫޕްގެ އެހެން ނެށުންތެރިންނާ ހަވާލުވެ ހުރީ ވެސް އާރިފާއެވެ. އެއީ އެ ދަތުރުގައި ބަނޑިޔަލުގެ މުރީދެވެ. މިހާރު އުމުރުން ގާތްގަނޑަކަށް 64 އަހަރުގެ އާރިފާއަކީ އެ ދަތުރު މާލެ ދިޔައިރު ހުސްހަށި ބައި ފުރާވަރުގެ އަންހެން ކުއްޖެކެވެ.

"ގުރޫޕްގައި އޭރު ތިބީ ފައްޗަކަށް ހަ ކުދިން، ދެ ފައްޗަށް ތިބެގެން ބަނޑިޔާޖަހާ ނެށީ،" އާރިފާ ބުންޏެވެ. "ރާނީގެ ކުރިމަތީގައި އަޅުގަނޑުމެން ކުޑަރިކިލު ބަނޑިޔާ ގުރޫޕުން ހަ ލަވަ ހުށަހެޅިން އެއީ މިނެޓަކަށް ލަވައެއް، އަޅުގަނޑުމެނަށް އެއްވަނަ ލިބުނީ،"

އާރިފާ ކިޔައިދިން ގޮތުގައި އޭރު ރާއްޖޭގައި ބަނޑިޔާ ޖެހުމަކީ މާ މަޝްހޫރު ކަމެއް ނޫނެވެ. ހުޅުދެއްޔާއި ތޮއްޑޫ ބަނޑިޔާ އައިސް މަޝްހޫރުވީ އޭގެ ފަހުންނެވެ. އަދި އޭރު ބަނޑިޔާ ޖަހަނީ ވެސް މަދު ރަށެއްގައެވެ.

"ބަނޑިޔާ ސީދާ އުފެދުނީ މި ރަށުގައި ކަމަށް ނުވިޔަސް ބަނޑިޔާ ޖެހުން ފުޅާވެގެން ދިޔައީ ކުޑަރިކިލާ ހަމައިން، އޭގެ ފަހުން ތޮއްޑޫ އާއި ހުޅުދެލި ވިދާލީ،" އޭނާ ބުންޏެވެ.

ސަގާފީ ނެށުމުގެ ޒަމާނެއް މި ރަށުގައި އުފަން ކުރުވީ ކުޑަރިކިލު މުހައްމަދު މަނިކު (ނައިބު ކަލޭފާނު)ގެ މަސައްކަތުންނެވެ. ނައިބު ކަލޭފާނު ވަނީ މި ރަށުގައި ސަގާފީ ކުޅިވަރުތައް ފުޅާކުރަން ވަރަށް ގިނަ މަސައްކަތް ކުރައްވާފައެވެ. މި ރަށަށް ކުރު ފަލި ޖެހުން ތާއަރަފު ކުރެއްވީ ވެސް ނައިބު ކަލޭފާނެވެ. އަލީގެ ކާފަ ފަތުހީއަކީ ނައިބު ކަލޭފާނުގެ އަރިހުން އެ ނެށުން ދަަސްކުރެއްވި ބޭފުޅެކެވެ.

ރާނީގެ އަރިހަށް ދިޔަ ދަތުރުގައި ނަގާ ކިޔަން އާރިފާ ހުރި ނަމަވެސް އޭނާގެ ބަނޑިޔާ ނެށުމުގެ ހަޔާތް މާ ދިގެއް ނޫނެވެ. މީހަކާ ކައިވެނިކޮށް ދަރިން ލިބުން ފަހުން އާރިފާ ބަނޑިޔަލެއް ނުޖަހައެވެ. ދެނީ ސަޕޯޓެވެ. އަދި އޭނާގެ ވާހަކައިން އެނގުނީ އެ ގުރޫޕްގެ ހަގީގީ މޭސްތެރިޔަކީ އޭނާގެ ދައްތަ ޝަކީބާ ހުސައިން ކަމެވެ. އެއީ އަވަސްގެ އަލީގެ މާމައެވެ.

ޝަކީބާއަށް ރާނީގެ ދަތުރުގައި ދިއުމުގެ ނަސީބެއް ނުލިބުނެވެ. ނުދެވުނީ އޭރު އަލީގެ މަންމައަށް އޭނާ ބަލިވެ އިން ދުވަސްވަރާ ދިމާވުމުންނެވެ.

"އާނ... އޭރު އެއްވަނަ ބަނޑިޔާ ގުރޫޕަކީ އަހަރެމެން،" އުމުރުން މިހާރު 70 އަހަރުވެފައިވާ ޝަކީބާ ބުނެލިއެވެ. އޭނާ އެތައް ޒަމާނަކު ބަނޑިޔާ ޖެހުން ކުރިޔަށް ގެންދިޔައެވެ. އެކަމަކު މިހާރު މިރަށުގެ ބަނޑިޔަލުގެ އިސްވެރިޔަކީ އަފީފާ ހާމިދެވެ. އެއީ އަލީގެ މަންމައެވެ.

ކުޑަރިކިލުގެ ފުރަތަމަ ބަނޑިޔާ ގުރޫޕް އުފެދިގެން އައީ ޝަކީބާ މި އަތޮޅު ކަމަދޫއަށް މާލޫދު ދަތުރެއްގައި ގޮސް އުޅުމުގެ ތެރޭގައެވެ. އެ ދަތުރުގައި ކަމަދޫން އޭނާއަށް ފެނުނީ ކ. ކާށިދޫ މީހުން ބަނޑިޔާ ޖެހުމުގެ ހަރަކާތެއް އެ ރަށުގައި ކުރިއަށް ގެންދިޔަ ތަނެވެ. އޭރު އެންމެ ގަދައަށް ބަނޑިޔާ ޖަހައި އުޅުނީ ކާށިދޫގައެވެ. ކާށިދޫގައި އޭރު އަންހެނުންނަށް ދޫނުކޮށް ފިރިހެންވެރިން ވެސް ބަނޑިޔާ ޖަހާ އުޅުނެވެ.

އެ ދަތުރަށްފަހު، އެނބުރި ޝަކީބާ ރަށަށް އައިސް މި ރަށުގެ "ސަން ލައިޓް" ކުލަބާއެކު ބަނޑިޔާ ފަށައި އޭނާގެ އެންމެ ގާތް އެކުވެރިޔާ ގަމަރުއް ނިސާއާއެކު ރަނގަޅަށް ބަނޑިޔާ ޖަހަން ދަސްކުރީއެވެ. އޭނާ މިހާރު ދުނިޔެއަކު ނެތެވެ.

"12 ކުދިން ރަށު ތެރެއިން ހޯދައި ފައްޗަކަށް ހަ ކުދިންވާ ގޮތަށް ފަށައިގަތީ. އެ ކުދިންނަށް ބަނޑިޔާ ނެށުން ދަސްކޮށްދިނީ އަރެމެން ދެ މީހުން،" ޝަކީބާ ބުންޏެވެ.

ކުޑަރިކިލަކީ މާލޭ ދާ ދޯނި ފަހަރު ބަނދަރުކުރާ ރަށެކެވެ. އެގޮތަށް މަޑުކުރާ ދޯނި ފަހަރުގެ ބީރަށްޓެހިންނަށް ވެސް ޝަކީބާމެން ބަނޑިޔާ ޖަހައިދެއެވެ.

"ބިންމަތީ ފަން އަޅައި، އޭގެ މަތިން ސަތަރިގަނޑެއް އަޅާލުމުން އޭރު ސްޓޭޖް އޮންނަނީ ހެދިފަ. އޭގެ ކުރިމަތީ ބީރަށްޓެހި ފިރިހެންވެރިން ކުޑަރިކިލު ބަނޑިޔާގެ ގުރޫޕްގެ ފަރި ހަރަކާތްތައް ބަލާލަން ތިބޭނެ." އޭނާ ބުންޏެވެ. "މިހާ ފަރިކޮށް ނަށާލަން އެނގޭ އެހެން ބައެއް ރާއްޖޭގައި އޭރު ނޫޅޭނެ،"

އެ ފަހުރުވެރި ގުރޫޕް ގޮވައިގެން ފަހުން ޝަކީބާ ކާށިދޫއަށް ވެސް ދިޔައެވެ. އެ ދަތުރުގައި އިތުރު ނެށުންތައް ދަސްކުރިއެވެ. ބަނޑިޔާ ޖެހުމުގައި ކާށިދޫ މީހުން އަލަށް ނެރުުނު ފުނަ ދަސްކުރީ އެ ދަތުރުގައެވެ. މި ގުރޫޕްގެ މަޝްހޫރުކަން ބޮޑުވެގެން ގޮސް މާލޭގެ ޝޯތަކަށް ވެސް ދިނެވެ.

"ރާނީގެ ދަތުރުގައި ނުދެވުނީ އެކަމަކު އެ ދަތުރަށް ލަވަ ހަދައި، މިނެޓަށް ފައްތައިގެން ކުޅިތައް ތައްޔާރުކުރީ އަޅުގަނޑު މާބަނޑުވެފައި އިނދެގެން... ރާނީގެ އެއްވަނަ ލިބުނީ މި ގުރޫޕަށް އަދި ސަރުކާރުން ދިން މިނެޓަށް ފެއްތުނީ ވެސް ހަމައެކަނި ކުޑަރިކިލު ބަނޑިޔަލަށް އެކަނި. އެއްވަނައަށް ދިޔުމުން ހަދިޔާއެއްގެ ގޮތުގައި ސަރުކާރުގެ ފަރާތުން ގިނަ ބަނޑިޔާތަކާއި އެހެން ވެސް ތަކެތި ލިބުނު،" ޝަކީބާ ކިޔައިދިނެވެ.

މިނިވަން 25 ގެ ހަރަކާތުގައި ވެސް ކުޑަރިކިލު ބަނޑިޔާ ބޮޑު މަގުބޫލުކަމެއް ހޯދިއެވެ. އެކަމަކުޔ އޭރު ބަނޑިޔާ ޖެހުމުގައި ތޮއްޑޫ އާއި ހުޅުދެލީގެ ނުފޫޒު އޮތީ މާ ބޮޑަށް ގަދަކޮށްފައެވެ. އެފަހަރު ކުޑަރިކިލު ބަނޑިޔާ ގުރޫޕްގައި ނަގާ ކިޔަން އުޅުނީ ޝަކީބާގެ ދަރިފުޅު އަފީފާ ހާމިދެވެ.

"ސަން ލައިޓް" ކުލަބު މިހާރު ނެތް ނަމަވެސް މިހާރު ވެސް ކުޑަރިކިލުގައި ބަނޑިޔާ ގުރޫޕް ނުކުމެއެވެ. ބަނޑިޔާގެ އިތުރަށް ވެސް އެހެން ކުޅިވަރުތަކަށް މިރަށުގައި އޮވެއެވެ. މިއީ ސަގާފީ ކުޅިވަރަށް ވަރަށް ފޯރި އޮންނަ ރަށެކެވެ. އީދެއްގައި މި ރަށަށް އައުމަކީ ހަގީގީ ފެސްޓިވަލެއް ފެންނާނެ ކަމެކެވެ. ކުއްޖެއް ބޮޑެއް ނެތި މި ރަށު އެންމެން މަގުމަތީ އުޅޭނީ މަޖަލާއި ކުޅިވަރުގައެވެ. ކުޑަރިކިއްޔަކީ ވަރަށް ތަފާތު، ފައްކާ ބަޔަކު އުޅޭ ރަށެކެވެ.