ފުވައްމުލައް ހޯދަޑު އަވަށުގެ އަލީ އަހުމަދު ރޯދަ މަހު، އޭނާގެ ދުރު ހަދާންތައް އާކޮށްދޭން އުޅުނެވެ: "އޮއްސޭލެއް ލަސް ވެގެން ރަށުތެރޭގަ އެންމެން ހިނގާނީ. ގަޑިއެއް ހުންނަ ގެއެއް ވެސް މަދުވާނެ. މާ ހޭލުންތެރިއެއް ވެސް ނުވާނެ އިރު ހަނދަށް ބަލައިގެން ގަޑި ކިޔާކަށް ވެސް،" މިހާރު ރޯދަ މަހުގެ ދުވަސް ދިގުވެގެން ދިވެއްސަކު އެބަ އުޅޭ ހެއްޔެވެ؟
މިހާރު ފަތިސް ނާމާދުކޮށްލައިގެން ނިދާލުމަށްފަހު ދުވާލުގެ ދަމެއް ކެނޑޭ ހިސާބުން ތެދުވެފައި މެންދުރު ނަމާދުކޮށްލައި ގްރުއާން ކިޔަވާލައިގެން ނެޓްފްލިކްސުން ދެ ފިލްމު ބަލާ ނިމޭއިރު އިރު އިންނާނީ އޮއްސޭން "ފޫޓެއްހާ" ކައިރީގަ އެވެ.
"ކުރިން ވިއްޔާ ރޯދައިގެ ދުވަސް ވަރަށް ދިގު، އެހާ ވަރުބަލި،" އަލިބެ ބުންޏެވެ. "އަބަދުވެސް އެންމެނަށްވެސް ތިބެވެނީ އިރު އޮއްސޭނެ ވަގުތަށް ކުރާ ދިގު އިންތިޒާރެއްގައި،" އޭރު ހަމަ ރޯދައިގެ ދުވަސް ދިގީ އެވެ. ވަގުތުވެސް ހަމަ ހިނގާލެއް ލަހީ އެވެ. ކިތަންމެ އަވަސް އަވަހާ ގަޑި ބަލަމުން ރަށް ވަށައި ތިން ބުރު ޖަހާފައި ހައެއްކަ ބުރަ ޑިގު ކުޅެފައި ނިންލާއިރު ވެސް ގުޑާ ނުލާތީ ގަޑީގެ ކައްޓާމެދު ޝަކުވާ ކުރެވެނީ އެހެންވެގެނެވެ. އޮއްސޭލެއް ހަމަ ލަހީ އެވެ.
މިއީ ހުރިހާ ފަސޭހައެއް އިނގިލިކުރީގައި އޮތް ޒަމާނެކެވެ. އަދި ހިނދުކޮޅަކަށް ފޯނު އަތުން ދޫވިއަސް އަތްކަހާ ވަރުން ކެތްނުވާ ޒަމާނެކެވެ. ގްރުއާން ކިޔަަވަނީ ވެސް ފޯނުންނެވެ. ފާރުގެ ބިތަށް ކިރިޔާ ފެތޭ ޓީވީއަކުން ނޫނީ ފިލްމެއް ބެލޭ ކަމަކަށް ނުވެ އެވެ. ކުލްފީގެ ދުނިޔެއަށް ގެނބިފައި އިންދާ ކަރަންޓު ގޮއްސިއްޔާ އަތުޖެހުނު އެއްޗެއް ހޫރައިލެވޭވަރުގެ ރުޅިގަނޑެއް އާދެވެ އެވެ. ކިރިއާ އިންޓަނެޓް ސްލޯވިޔަސް ވަރު އަރަ އެވެ. ކަރާ ފަންޏާ، ބިސްގަނޑާއި، ދެ ވައްތަރު ރިހައާ، އެވަރުން ނުވެގެން ހަވާދުލީ ބިސް ސުފުރާ މަތިން ނުފެނިއްޖެނަމަ މާ ބޮޑަށް ވަރު އަރަ އެވެ.
އުމުރުން 67 އަހަރުގެ އަލިބެއަކީ މި ޖީލުގެ ކުދީންނަށް ހުވަފެނުގައި ވެސް ނުފެންނާނެ ފަދަ ނިކަމެތި ޒަމާނެއްގައި ރޯދައިގެ ފަރުޟު އަދާކުރަމުން މިއަދާ ހަމައަށް އައި ދިވެހިންގެ ތެރެއިން އެކެކެވެ.
މިހާރު އިސްރާފުކޮށްފަ އުކާލައި ކާބޯތަކެތި އޭރު އުކާނަމަ، ޖަނަވާރުންނަށް ވުރެ ކުރިން އެކާނީ އިންސާނުންއަލީ އަހުމަދު ދީދީ | ފުވައްމުލަކު
އަލިބެ ބުނި ގޮތުގައި ރޯދަ ކުރު ކުރުމަށް މޫދަށް ފަތަން ދިއުމާއި މިސްކިތު ވަޅުން މަންމައަށް ވަގަށް ފެންބުއިމާއި އޮއްވަޅު ކުޅުމާ، ކުޑަ އުނދޯލި ހެއްލުން އެއީ 1960 ގެ ހިސާބުގައި ވެސް ފުވައްމުލަކު އެހެން ކުދިންނާއެކު އަލިބެވެސް އުޅުނު ގޮތެވެ. މިޒަމާނުގެ ކުއްޖަކަށް މަދުން ނޫނީ އުނދޯންޏެއް ފެނުމުގެ ނަސީބެއް ނެތަސް އޭރު ރޯދަ ކުރު ކުރަން އެންމެ ފޯރި ނަގާ އެއް ކަމަކީ އުނދޯލި ހެއްލުމެވެ.
"ބަނބުކެޔޮ ކަހަލަ ބޮޑު ގަސްގަހުގައި އުނދޯލި އެލުވާފައި ހުންނާނީ. ދެން ކުއްޖަކު ލާފައި އަތުކޮޅަށް ހެއްލާނީ. ކިރިއާ ގަހުގެ އޮފިގަނޑުގައި ނުޖެހޭ ހިސާބަށް ގެންދާނެ،" އޭރު ނެގި މަޖާ އަލިބެ ހިއްސާކުރި އެވެ. ނަމަވެސް، އުނދޯލި ހެއްލައި ވަރުބަލިވެ، އޮއްވަޅު ކުޅެ ފޫހިވާއިރު ވެސް އިރު މެދުޖެހޭކަށް ނޫޅޭނެ އެވެ.
"ބަލާނެ ގަޑިއެއްވެސް ނުހުންނާތީ ވަރަށް ވަގުތު ދިގު އަސްލު. ދެން ހޫނުވެގެން ކުޅަދާނަ ނުވީމަ މިސްކިތަށް ގޮސް ފެން ބޮނީ. އެކަމަކު ގެއަށް ގޮސް މަންމަމެން ގާތު ބުނަނީ ރޯދައޭ،"
މިޒަމާނުގެ ކުދިން ރޯދަ ވީއްލަން ކިޔާލާ ދިގު ލިސްޓުން މީހަކު ބިރުން ފިއްކަނޑައިގެންދާ ވަރު ވާއިރު، އޭރު އަލިބެމެންގެ ލިސްޓުން ހަމައެކަނި ޖާގަލިބޭ "ފޭވަރިޓަކީ" ހިއްޗެވެ. އަލަ ގޮބޮޅިއާ، މަހުގެ ގޮހޮރާ، ބަނޑައިދޫ ފަދަ އެތައް އެއްޗެއް އަޅައިގެން ކައްކާ ހިތި ރޯދައްވީއްލާ ގަޑީގައި ހުންނަންޖެހޭނެ އެވެ.
"ރޯދައަށް ކައްކާ އަންހެވެރިން، އަލަ ކަނޑައިގެން އެންމެން އެކީގައި ދާނީ ހިޔާ އޮންނަ ބޮޑެތި ގަސްދޮށަށް. ވަށައިގެން ހުންނަ ގެތަކުގެ ހުރިހާ އަންހެންވެރިން އެއްތަނަކަށް ޖަމާވާނީ. ދެން އެތާނގަ ތިބެގެން އަލަ މެށުމާ، ފަތަފޮޅި ފިހުމާ، ގަބުޅި ހުނި ގޭނުމާ ކަންކަން ކުރާނީ. ވަރަށް އެކުވެރިވާނެ އޭރު އެންމެންވެސް،" ރޯދައިގެ ކުރިން އަންހެންވެރިންވާ ތައްޔާރީތައް އަލިބެ ހަނދާނަށް ގެންނަމުން ހިއްސާ ކުރި އެވެ.
މި ޒަމާނުގައި ރޯދައަށް ގޭތެރެ ސާފު ކުރުމާއި، ޒީނަތްތެރި ކުރުމާ، ފަރުނީޗަރު އާ ކުރުމުގެ ސަގާފަތަކީ އަލިބެމެންގެ ޒަމާނުން ވާރުތަވެފައި އޮތް ކަމަށްވެ އެވެ. އަލިބެ ބުނާ ގޮތުންނަމަ، އޭރު ތަފާތު ވަނީ އެކަން ކުރާ ގޮތެވެ.
"ރޯދައަށް ހަނދުބަލަންވީމަ އެވީ ގޭގެ ހުރިހާ ފަރުނީޗަރެއް ދޮންނަން. އެނދާ، އަށިތަކާ މަދިރިގެއަށް ދާންދެން ދޮންނާނެ. ދެން ގޭގެ ފިރިހެންވެރިންވެގެން ގޭގެ ވެލި ބަދަލު ކުރާނެ. ގޭތެރޭގައި ހުންނަ ވެލިތައް ގެނެސް ގޯތި ތެރެއަށް އަޅާފަ، ރަށު ކޮޅުން އާ ވެލި ނަގައިގެން ގޭތެރޭގަ ލާނީ،" އަންހެންވެރިންނަށް ދޫނުކޮށް ފިރިހެނުންވެސް ރޯދައަށް ތައްޔާރުވާ މިންވަރު އަލިބެ ހާމަކުރި އެވެ.
ގޭގެ ބޮކި ބަދަލު ކުރަން ވެސް "ބަންގާޅީ" އެއް ގެންނަ މި ޒަމާނާ އަޅުވައި އަލިބެ ކިޔައިދިން ގޮތުންނަމަ އޭރުގެ ފިރިހެނުންނަކީ މިސާލެކެވެ. ޝައުބާން މަސް ނިމެންދާއިރަށް، ގޭގެ ވެލި ބަދަލު ކުރުމަށް ރަށު ކޮޅުން ވެލި ނަގަން ކައިރިގޭގެ ފިރިހެންވެރިން އެކުގައި ނުކުންނާނެ އެވެ.
"ރަށު ކޮޅުން ވެލި ނަގައިގެން، ގެރި ގާޑިއަލެއްހެން އޮންނަ ގާޑިއާއަށް ބަރުކޮށްގެން އަންބާ ކިއަމުން ގެންނާނީ. ކައިރި ގެތަކުގެ އެންމެން އެކަމުގައި އުޅޭނީ. އަގު ދީގެން ކުރާކަމެއް ނޫން އެއީކީ. އެއްގެ ނިންމާފަ އަނެއް ގޭގަ ވެލިލާނީ. ހަމަ ގޮވާލާއިރަށް އަންނާނެ. އެއްގޭގެ ކަންތައް ކޮށްލަދީފައި އަނެއް ގޭގެ ކަންތައް ކުރާނީ،"
އަލިބެ ބުނި ގޮތުގައި ރޯދައަށް އަދި ރޯދަ ވީއްލާ ގަޑިއަށް ތައްރާރުވުމުގައި ކުރިން އުޅުނު ހާލު އިހުސާސްކޮށްލެވުނަސް މިހާރު ކުދީން ދެރަވާނެ އެވެ.
"މިހާރު އިސްރާފުކޮށްފަ އުކާލައި ކާބޯތަކެތި އޭރު އުކާނަމަ، ޖަނަވާރުންނަށް ވުރެ ކުރިން އެކާނީ އިންސާނުން،"