ތާރީހީ އެކި ލިޔުންތަކުން ފެންނަން އޮތް ގޮތުގައި ބ. އަތޮޅަކީ ވަރަށް ގަދީމީ އަތޮޅެކެވެ. ވަރަށް ކުރިންސުރެ ވެސް މީހުން ދިރިއުޅެމުން އައި އަތޮޅެކެވެ. ތާރީހީ ގިނަ ކަންތައްތަކެއް ގުޅިފައިވާ، އިހުގެ ގިނަ ނިޝާންތަކެއް ވެސް ފެންނަން ހުރި އަތޮޅެކެވެ. އެފަދަ އެއް ތަނަކީ މާޅޮހުގެ ގަދީމީ ސަރަހައްދެވެ.
އެ ސަރަހައްދަކީ މާޅޮހުގެ ގަބުރުސްތާނާ ޖެހިގެން އޮންނަ ސަރަހައްދެކެވެ. މިހާރު އެއީ މި ރަށުގެ ވަލެވެ. މީހުން ދިރިއުޅޭ ހިސާބެއް ނޫނެވެ. ނަމަވެސް ވަލުގެ މި ބޯ ގަސްތަކުގެ ތެރޭގައި އިހުގެ ދިވެހިންގެ ދިރިއުޅުނު ކަމުގެ އިހުގެ ނިޝާންތައް މިހާރު ވެސް ފެންނަން އެބަހުއްޓެވެ.
މި ސަރަހައްދުގައި ހުރި ގާފޮޅުތަކާއި ފާރުތަކާއި މަހާނަތަކުން އެނގެނީ މިތަނަކީ އެއް އިރެއްގައި މީހުން ހަލަބޮލިވެ އުޅުނު ދިރިއުޅުމެއް އޮތް ތަނެއް ކަމެވެ.
އައްޑު އަތޮޅަށް ނިސްބަތްވާ ނަމަވެސް މާޅޮހުގައި އުމުރުން 15 އަހަރުން ފެށިގެން ދިރިއުޅެމުން އަންނަ ހަސަން އިބްރާހިމް ކިޔައިދިން ގޮތުގައި އެ ހިސާބުގެ އެންމެ މޫދާ ގާތުގައި ކުރިން ހުރީ ބޮޑު ބިނާއެއް ކަމަށްވެ އެވެ. އެ ބިނާގެ ފާރުގެ ގާފޮޅު މިހާރު ވެސް އެބަ ހުއްޓެވެ. އެތަނުގައި ވަރަށް ފަހަކާ ޖެހެންދެން ވެސް އުސްކޮށް ފާރެއް ހުރި ކަމަށްވެ އެވެ. އެކަމަކު މިހާރު އެތަން ވަނީ ގިރާލާފަ އެވެ.
އެ ބިނާގެ ގާފޮޅުގެ އިތުރުން ވެސް އޭރު ދިރިއުޅުނު ގޭގެ ކަމަށް ބެލެވޭ ތަންތަނުގެ ގިނަ ގާފޮޅުތަކެއް އެތަނުން ފެންނަން އެބަ ހުއްޓެވެ. އެތަނުން ފެންނަން ހުރި ނިޝާންތަކަށް ބަލާއިރު މީހުން ދިރިއުޅުނު ސަރަހައްދަކީ އެއީ ކަމަށް ބެލެވެ އެވެ. މަގު އަނެއް ފަޅިން ފެނުނީ ގަބުރުސްތާނެއްގެ ނިޝާންތަކެވެ.
އެ ތަނުން ގިނަ އަދަދެއްގެ މަހާނަ ގާތައް ފެނުނެވެ. ކަނޑައި ނަގައިގެން ހަދާފައިވާ ރީތި މަހާނަ ގާތައް ވެސް އެބަ ހުއްޓެވެ. ބައެއް މަހާނަ ގާތަކުގައި ޝަހާދަތުގެ ދެ ކަލިމަ ލިޔެފައިވެ އެވެ. އެ ގަބުރުސްތާނާ މާ ދުރު ސަރަހައްދެއްގައި ޒިޔާރާތެއް ހުރި ކަމަށް ހަސަން އިބްރާހިމް ބުންޏެވެ. އެ ޒިޔާރަތް މިހާރު ވަނީ ވީރާނާވެފަ އެވެ. ކާކުގެ ޒިޔާރާތެއް ކަމަށް ވެސް ނޭނގެ އެވެ.
ޒިޔާރަތް ހުރި ތަން މިހާރު ވަނީ ވަރަށް ބޮޑަށް ވާވެފަ އެވެ. އެހެން އެތަނަށް ވަދެވޭ ގޮތެއް ނުވި އެވެ. އެކަމަކު، ޒިޔާރާތުގެ ނިޝާންތައް އެތާ ހުންނާނެ ކަމަށް ބެލެެވެ އެވެ. ޒިޔާރާތާއެކު ހުރި އެ ގަރުސްތާނަކީ ރާއްޖެ އިސްލާމްގެ ފަހުގެ ގަބުރުސްތާނެއްކަން މަހާނަ ގާތަކުން އެނގުނު ނަމަވެސް އެ ގަބުރުސްތާނުގެ ތެރެއިން ބުޑިސްޓުން އަޅުކަން ކުރާ ފަޑުގެ ބުދެއް މީގެކުރިން ފެނުނެވެ.
އެ ބުދު ފެނުނީ ވެސް ހަސަން އިބްރާހިމަށެވެ. އެއީ މީގެ އެތައް އަހަރެއް ކުރިންނެވެ. އޭނާއަކީ އާންމުކޮށް އެ ސަރަހައްދަށް ގޮސް އުޅޭ މީހެކެވެ. އޭނާއަށް އެ ބުދު ފެނުނީ މަހާނަ ގަލެއް ކައިރީ ވަޅުލެވިފައި ވަނިކޮށެވެ. އެ ދުވަހު އޭނާ ސަރަހައްދުގައި އުޅެނިކޮށް ބުދުގެ ކުޑަ ތަންކޮޅެއް މައްޗަށް ފާޅުވެފައި ހުއްޓާ ފެނުމުން އެތަން ކޮނުނީ އެވެ. ކޮނެގެން ނެގިއިރު އެ ބުދަށް މާބޮޑު ގެއްލުމެއް ލިބިފައެއް ނެތެވެ. މަދީ އެއް ކަންފަތެވެ.
އޭނާ އެ ބުދު ނަގައިގެން ގެންގުޅެނިކޮށް އެ ރަށަށް ދިޔަ ޓޫރިސްޓުންތަކަށް ފެނިގެން ބުދު ގަންނަން ވެސް ބޭނުންވި އެވެ. ނަމަވެސް އެފަދަ ތަކެއްޗަކީ ވިއްކާ އެއްޗެއް ނޫން ކަމަށް އޭނާއަށް ރަށު އޮފީހުން އެންގި އެވެ. އަދި އެ ބުދު ރަށު އޮފީހުން ގެންދިޔަ އެވެ. އެއަށްފަހު ބުދަށް ވީގޮތެއް އޭނާއަކަށް ވެސް ނޭނގެ އެވެ. ނަމަވެސް ވަރަަށް ފަހުން އޭނާއަށް ވަނީ އެ ބުދު ދާރުލްއާސާރުގައި ހުރި ކަމުގެ މައުލޫމާތު ލިބިފަ އެވެ. އެއީ އޭނާގެ ނަމާ ވެސް އެކުގަ އެވެ.
އެ ބުދު ބަލާލުމުގެ ޝައުގު ހުރުމުން ދާރުލްއަސާރަށް ދިޔައީމެވެ. ނަމަވެސް އެތަނުގައި އެ ބުދެއް މިހާރަކު ފެންނަން ނެތެވެ. ދާރުލްއާސާރުން މައުލޫމާތު ދިން ގޮތުގައި މިހާރު އެއްވެސް ބުދެއް ފެންނަން ގޮތަށް ނުބަހައްޓަ އެވެ. ނަމަވެސް ރައްކާކޮށްފައި އެތަކެތި ހުންނާނެ ކަމަށް އެތަނުން މައުލޫމާތު ދިނެވެ.
ހަސަން އިބްރާހިމަށް އެ ބުދު ފެނުނު މަހާނަ މިހާރު ވެސް އެބަ ހުއްޓެވެ. އެ މަހާނަ ކައިރީގައި ވަރަށް ކުދިކޮށް ގާ ތަޅައިގެން ރާނާފައިވާ ފާރުކޮޅެއް ވެސް ހުއްޓެވެ. ބެލެވޭ ގޮތުގައި އެއީ އިއްޒަތްތެރިއެއްގެ މަހާނަ އެވެ. އެ ބުދަކީ ރާއްޖެ އިސްލާމްވުމުގެ ކުރީގައި އޭރު އެތަނުގައި ދިރިއުޅުނު ދިވެހިން އަޅުކަން ކުރަން ގެންގުޅުނު ބުދަކަށްވުން އެކަށީގެންވެ އެވެ. ނޫންނަމަ ދަތުރުވަރެއްގައި އެ ރަށަށް ދިޔަ ބޭރު މީހެއްގެ ބުދަކަށްވުން ވެސް އެކަށީގެންވެ އެވެ. އެއީ ހަސަން އިބްރާހިމް މައުލޫމާތު ދިން ގޮތުގައި އޭނާގެ އަތުން އެ ބުދު ގަންނަން އުޅުނު މީހުންނަށް އެއީ ކޮން ބުދެއްކަން އެނގެ އެވެ. އެމީހުން އެ ބުދަށް ވަރަށް އިހްތިރާމް ކުރި އެވެ.
ހަސަން އިބްރާހިމް މައުލޫމާތު ދިން ގޮތުގައި އެތަނުގައި ކުރިން ނުރާނަ، ބޮޑެތި ގާ ޖައްސައިގެން ހަދާފައިވާ ވަޅެއް ވެސް ހުއްޓެވެ. އެކަމަކު، މިހާރު އެ ވަޅެއް ނެތެވެ. އެ ގާތައް އެކި ފަހަރު މަތިން އެކި ބޭނުންތަކަށް ނެގީ ކަމަށްވެ އެވެ. އޭގެ އިތުރުން ވެސް އެތަނުގައި ހުރި ގިނަ ތަކެތި ވަނީ ބައެއް މީހުން ނަގައިގެން ގޮސްފަ އެވެ. މިހާރު އެތަނަކީ ކިރިޔާ ނިޝާންތައް ފެންނަން އޮތް ތަނެކެވެ.