ލޯންޗެއްގައި އެކަމަކު "ތަޅުވަމުން ތަޅުވަމުން" ކުރި ދަތުރަކަށްފަހު މި ފުންމާލެވުނީ "މާޅޮސްމަޑުލު" އެ ރަށަކަށް ނިސްބަތްވާ ބ. މާޅޮހަށެވެ. މި ރަށުގެ މީސްކޮޅު މަދެވެ. ތަރައްގީގެ ކުލަ އެހާ ފާޅު ނުވެފައި ރަށް ވެސް މިއީ އާދައިގެ ރަށެކެވެ. މިރަށަށް ލިބިފައި އޮތް ނިއުމަތަކީ ހިތްފަސޭހަ، އަރާމު މާހައުލެކެވެ. މި ރަށުގެ މީހުންގެ މޫނުމަތީން "މި ހިތް ފަސޭހަކަން މި ރަށުގެ ރައްޔިތުންގެ ތަރައްގީއަކަށް ފުދެ" އޭ ބުނާން އުޅޭހެން ހީވެއެވެ. މިހެން އާދެވުމުން މާޅޮހުގެ މި ހިތްގައިމު މާހައުލާއި މިތިބިހާ މީހުންގެ އުފާވެރިކަމާއި ހިތްފަސޭހަ ކަމުގެ ތެރޭގައި ވަގުތުކޮޅަކަށް ވިޔަސް ހުރެލަން ބޭނުންވި އެވެ. އުޅެން ޖެހިފައި އޮންނަ ގޮތުން މިހެން ވަރަށް ނާދެވޭނެ އެވެ. މިވެސް އަންނަން އޮތް ދަތުރެއް ނޫނެވެ. އާދެވުނު ދަތުރެކެވެ.
މާޅޮހަށް އަރައި ހިނގަމުން ހިނގަމުން ގޮސް މި އާދެވުނީ ބަނދަރު ހަދާފައި އޮތް ފަރާތް ނޫން އަނެއް ފަރާތުގެ ހުދުވެއްޔާ ހަމައަށެވެ. ގޮނޑުދޮށާ ހަމައަށް ފޭބުނީ ހިމުން ވެލިގަނޑެއް އޮތް ހިމަ ގޯޅިއެއްގެ ތެރެއިންނެވެ. މިތާނގެ ވައި ހެޔޮ ހިސާބަށް ނުކުމެވުމުން އަޖައިބު ހައިރާން ކޮށްލައިފި އެވެ. މާޅޮހަށް ތަންވަސްވެފައި މިއޮތީ ގުދުރަތުގެ ކޮން ފަދަ ރީތި ކަމެއް ހެއްޔެވެ؟
ކުރި މަތިން ފެންނާން އޮތް ހިތްފަސޭހަ މާހައުލުގެ ތެރެއަށް ދެވުނު ގޮތުންނާއި ހުއްޓުން އެރި ގޮތުން ހީވީ "އުފުލާލުމަކުން" ގެންދިޔަހެނެވެ. އަދި "ފޮޓޯގަނޑަކަށް" ގަނޑުކޮށްލިހެނެވެ.
މިތާކު ވަކި ދިމާއެއް ނޯވެ އެވެ؛ ސާފު ދޮން ވެލިގަނޑު ހުރަސްކޮށް ދިމަ ދިމާއިން ފިނި ވައިރޯޅިތައް ޖެހިލަ އެވެ. މާޅޮހު ލަނގިރީގެ ފައްޗަށް މާކޯނިތައް ހަލުވާލާއި ގޮތަށް މިތާނގަގެ ރުއްކަރައިގެ ފަންތައް ބައިބަޔަށް އެކުއެކީގައި ވަޔާ ހަލުލާވަ އެވެ. ރުއްބައި ގިނަ ފިނި ފިނި ހިޔަލެކެވެ. އުނދޯލިތަކާއި ޖޯލިތަކެވެ. ހޮޅި އައްޓާއި ފިނި މައިޒާނެވެ. އާފާގުގެ ކުލަ ޖެހި، ހިނިތުން ވެފައިވާ މޫނުތަކެެވެ.
މިތާނގައި އިރުއޮއްސުމަކާ ކައިރިއަށް ދެވެނީ އެވެ. ރޯދަ ވިއްލާން ތައްޔާރު ވެގެންނާއި ރޯދަ ކުރުކޮށްލަން މި ރަށުގެ ގިނަ ބަޔަކު މިތިބީ ބީޗްގަ އެވެ. ކާފައިންނާއި މާމަމެން ނުކުމެ ހިމުން ފަސްގަނޑުގެ ތެރޭގައި ފައި ފޮރުވައިގެން އެބައުޅެ އެވެ.
އެއިނީ ކާފައަކާއި މާމައެކެވެ. ފަހުރުވެރި އެ ދެމަފިރީން މާމަ ކުދީންނާއެކު ވެލިގަނޑުގެ މަތީގައި ކުޅެނީ އެވެ. އެއިނީ އަންހެނެކެވެ. އޭނާ ރޯނު ވަށަނީ އެވެ. ޖެހިގެން އެއީނީ ފަންގި ވިންނަން ވަތަކަށް ފަހު ވަތެއް ޖަހަމުންދާ މީހެކެވެ.
އެތިބީ ވެސް ބައެކެވެ. އެމީހުން ޅައިރުގެ ވާހަކައިން ހޯއް ގޮވައި ހީ ސަމާސާކޮށް ސަކަރާތް ގަންނަނީ އެވެ. މަތިން މާމައްޗަކުން މަޑު ނުލަކުން ގަދަ ރީނދުލަކަށް ބަދަލުވެފައި މިހާރު "ރަތްގެރިބެއަކަށް" ވެގެންއިން އިރާ ދިމާއަށް ޖެހެމުންދާ ވިލާގަނޑާ ދިމާ ތިރީން ފުރާވަރުގެ އަންހެން ކުދީން ބައި ބަޔަށް ނުކުމެ ރާޅު ފަށުގައި ފަރިއަށް ދެކޮޅަށް ހިނގަނީ އެވެ.
ޓޫރިސްޓުންނާއި ބިދޭސީ މަސައްކަތު އާބާދީގެ ވެސް ހިތަށް ފަސޭހައެއް ވަނީ މާޅޮހުގެ މި މާހައުލަށް ނުކުމެވުނީމަ އެވެ. އެމީހުންގެ ވެސް އެތިބަ އުޅެނީ އެވެ. އަރާމުކޮށްލަނީ އެވެ. ފިކުރުތައް އުކާލައި ސިނކުޑި އާއި ހިތުގެ މަސައްކަތް އަލުން ފަށަނީ އެވެ.
"ދައްތަގެ ހުރިހާ ދަރިން ވެސް އުޅެނީ މާލޭގަ، ދެމަފިރިން އެކަނި ރަށުގައި މި އުޅެނީ، ދައްތަމެން މި ތަން ދޫކޮށްދާކަށް ބޭނުމެއް ނުވޭ، މި ހިތްފަސޭހަކަމުގައި ތިބެވެން އޮތްހާ ދުވަހަކު މާލެއަށް ދާނީ ކާކު؟" ހުދުވެލި މަތީގައި މަޑުކޮށްލައިގެން ތިބި ދޮށީ އުމުރުގެ ދެމަފިރިންގެ ތެރެއިން އަންހެން މީހާ ބުންޏެވެ. ދެމެފިރިން އެކުގައި ނުކުމެ ގޮނޑުދޮށުގައި މަޑުކޮށްލައިގެން ތިބީ ފިނިކޮށްލާށާއި ރޯދަ ކުރުކޮށްލާށެވެ. މިހާރު އެ ދެމަފިރީން ވެސް އެ ހެލިގަތީ އެވެ.
އުނދަގުލަކާއެކު ހިނގައި ގަންނަމުން ރާގެއްލާފައި، ފިއްޔަކަށް ދަމާލާފައި ފިރިމީހާ ވެސް ވާހަކައިގައި ބައިވެރިވެލި އެވެ.
"އަހަރެމެންގެ ސިއްހަތަށް ވެސް މާ ރަނގަޅު ރަށުގެ މި ދިރިއުޅުން،"
މި ރަށުގެ މި ގޮނޑުދޮށުގައި ހުރެ ކުރިމަތީން ބަލާލާއިރު ރީތި ރަށަކާއެކު ޗާލު މަންޒަރެއް އެބަ ފެނެ އެވެ. އެއީ މި ރީތި ގޮނޑުދޮށާ ވަރަށް ކައިރިން އޮންނަ އަދި މާރީތި ފަޅު ރަށެކެވެ. ގަސް ގިނަ، ބިޔަ ޖަންގައްޔެއްހެން ފެންނަން އޮތް ރަށެކެވެ.
"ތިއީ އެއްކަލަ މަޝްހޫރު ހިބަޅިދޫ،" މިތަނުން މީހަކު އަންހަނަށް އެހީ ވެދިނެވެ.
މި ރީތި ވެލި މަތީން އެ ނޫނަސް މި ރަށުގެ ވަރަށް ގިނަ މީހުން އަހަންނަށް މަރުހަބާ ކިޔައިފި އެވެ. މިތަނުން ދާހިތެއް ހަމަނުވި އެވެ. އެހެން ބައެއް މީހުން ގާތަށް ޖެހިލައި ސަލާމެއްކޮށްލައި ސުވާލެއްވެސް އަހައިލެވެނީ އެވެ.
"މިއަދު މިތަނަށް އައިސް މިއިނީ ކާފަ ދަރިން ގޮވައިގެން، މި އުމުރުގައި މިހެން ހަމަޖެހިލައިގެން އުޅެވުން އެއީ އެންމެ ބޮޑު އުފުލަކީ، އެކުދީން ވެސް އެ އުޅެނީ އުފަލުން މިތަނަށް އާދެވުމުން،" ދުވަސްވީ މިރަށުގެ މީހަކު ބުނެލި އެވެ.
މިހިރީ ފިނިކޮށްލާށާއި ވަރުބަލި ފިލުވާލަން ޖައްސާލެވޭ ގޮތަށް ހަދާފައި ހުރި އަށްޓެކެވެ. މި އަށީގައި އިށީނދެ، ވަށައިގެން މިވާ މާހައުލަށް ބަލާލުމުން ހިތަށް އަރަން ފެށި އެވެ. އަހަންނާ ގާތުން މީހަކު ބުނެލި އަޑު އިވުނީ އަހަރެންގެ ހިތަށް ވެސް ހަމަ އެރި ޖުމްލަ އެވެ.
"ދިވެހިންނަކީ ހާދަ ނަސީބު ގަދަ ބައެކޭ!" މި ބީޗްގެ ތެރެއަށް އަހަރެން ވަދެ ހުސްވެފައިވާތީ އެ ވާހަކަ އޭނާ އެ ބުނެލީ އަހަންނާ ދިމާއަށެވެ.
"މިހާ ހިތްފަސޭހަ، އަރާމު ދިރިއުޅުމެއް އުޅެން ލިބިފައި އޮތީ ދުނިޔޭގެ އެހެން ވަކި ކޮން ބަޔަކަށް؟ދުވާލުގެ މަސައްކަތް ނިންމައި، ހިތްހަމަޖައްސާލަން ދާނެ މިފަދަ ގޮނޑުދޮށްތައް އޮތީ އެހެން ކޮން ބަޔަކަށް؟"
މި ގޮނޑު ދޮށުގައި ހުސް ފަޔާ ހިނގަމުން ދެފައި ވެލި އުކަމުން ދިޔަ އެތައް ކުދީންގެ ތެރެއިން ފުރާވަރުގެ އަންހެން ކުއްޖަކު އަހަންނާ ވަރަށް ވާހަކަ ދެއްކި އެވެ. ބައިވަރު ބައިވަރު ވާހަކަ އެވެ.
"މި ރަށު ގޮނޑުދޮށް ހަމަ ހިތްގައިމު ކަމަށް ވަރަށް ގިނަ މީހުން ބުނޭ، މިގޮތަށް ގޮނޑުދޮށާ އެހާ ގާތުގައި ރުއްތައް ހުރެފައި މި އޮންނަނީ މުޅިން ހިޔާވެފައި، ކުނި އަޅާފައެއް ނޯވޭ، އެހާ ސާފުކޮށް އެންމެން ވެސް މި ތަން ބަލަހައްޓަނީ، އެހެންވެ މިއީ މާޅޮހުގެ ޝަރަފު،" އަންހެން ކުއްޖާ ބުންޏެވެ.
އޭނާގެ ފަހަތުން ދުވަމުން އައި އެހެން ކުއްޖަކު ވާހަކަ ދެއްކި އެވެ. އޭނާ ބުނި ގޮތުގައި މާޅޮހުގެ މި ގޮނޑުދޮށް އެކަނި ޕްރޮމޯޓްކޮށްގެން ވެސް މި ރަށުގައި ރަށު ޓޫރިޒަމް ވަރަށް ބާރަށް ކުރި އަރާނެ އެވެ.
"މިހާރު ވެސް ދިވެހިން ވެސް ވަރަށް ގަޔާވާ ތަނަކަށް މިއޮންނަނީ ވެފަ، މި ތަނުގެ ފޮޓޯއެއް ސޯޝަލް މީޑިއާއިން ފެނިއްޖެޔާ، ދާން ބޭނުމޭ އެންމެން ވެސް ބުނަނީ،" އެ ކުދިން ވަރަށް ވިސްނަ އެވެ. ވަރަށް އުންމީދު ކުރެ އެވެ.
އެކުދިންގެ ބަހަށް ހެއްލިގެން އަޖުމަ ބަލައިލާން ކަމަށް ހީކޮށް މި ގޮނޑުދޮށުގެ ހަވީރު ފިންޏާއި ރަތްވިލާގެ ފޮޓޯއެއް ޓްވީޓްކޮށްލައިފީމެވެ. ލައިކްތަކާއި ރިޓްވީޓްތައް އެ ފޮޓޯގައި ޖެހިގަތީ ބަސް ބުނާހާ އިރުންނެވެ. އެ އެންމެން ވެސް ބޭނުންވީ މި މާާޅޮހަށް އަންނާށެވެ. މި ރަށުގެ ގޮނޑުދޮށަށް ފައިބާށެވެ.
އަހަރެން އެކުދީންނަށް ދައްކާލީމެވެ. އެކުދީން ބުންޏެވެ. "ބުނާށެވެ! "މި މާޅޮހުގެ ގޮނޑުދޮށަށް އާދެވުނު މީހަކު، އަނބުރާ ދާކަށް ބޭނުމެއް ނުވާނެ" އެވެ!