ރާއްޖެ އިސްލާމްވީ ގޮތުގެ ވާހަކަ ދިވެހި ތާރީހުގައި ތަފާތު ގޮތްގޮތަށް ކިޔައި އަދި ލިޔެ އެވެ. ރާއްޖެ އިސްލާމްވީ ކޮން ބޭފުޅެއްގެ އަތް މައްޗަށްތޯ އެއީ ވެސް އޮންނަ ބަހުސެކެވެ. އަދި މަޣުރިބުގެ އެ ބޭފުޅަކު އެންމެ ފުރަތަމަ ވަޑައިގެންނެވީ ބ. ކެންދޫއަށެވެ. އެންމެ ފުރަތަމަ ކެންދޫއަށް ވަޑައިގެންނެވުމަކީ ކެންދޫ ހާއްސަވާ ސަބަބެކެވެ.
ކެންދޫގެ މުހިންމު ސަރަހައްދެއްގައި ތަބްރޭޒުގެ ފާނުގެ މަގާމްފުޅު އެބަހުއްޓެވެ. މި ތަނަކީ މިރަށުގެ މީހުންގެ ވަރަށް ފަހަކާ ޖެހެންދެން ވެސް ރީތިކޮށް ބަލަހައްޓަައި އިހްތިރާމު ދީފައިވާ ހާއްސަ ބިނާއެކެވެ. ސަލަވާތް ފާތިހާ އާއި މާލޫދު ކިޔުމަށްވެސް މަގާމުފުޅު ބޭނުން ކުރި އެވެ. ފަހުން ނަމާދު ކޮޓަރިއެއްގެ ގޮތުގައި ވެސް ބޭނުން ކުރިއިރު ތައުލީމް އުނގަންނައިދޭ މަރުކަޒެއްގެ ގޮތުގައި ވެސް ބޭނުން ކުރި އެވެ.
މި ރަށުގެ މަގާމްފުޅަކީ ޒިޔާރާތެއް ނޫނެވެ. އާންމުކޮށް އެފަދަ ތަންތަނުގައި ކޮންމެ ވެސް ބޭފުޅަކު ފަސްދާނުލާފައި ވިޔަސް މި ތަނުގައި އެފަދަ މަހާނާއެއް ނުހުރެ އެވެ. މި ތަނަކީ ތަބްރޭޒުގެފާނުގެ ހަނދާނީ މަގާމުފުޅެވެ.
މި ރަށު މީހުން ކިޔައިދޭ ގޮތާއި އަދި ކެންދޫގެ ދޮން ޔޫސުބް ލިޔުއްވާފައިވާ ގޮތުން މި ރަށަށް ވަޑައިގެންނެވި ބޭފުޅަކީ ތަބްރޭޒްގެފާނެވެ. އެ މަނިކުފާނު ރާއްޖެއަށް އެތެރެވެ އެންމެ ފުރަތަމަ މަޑު ކުރެއްވީ މި ރަށުގަ އެވެ. އޭގެ ފަހަށް މި ރަށުގެ ރައްޔިތުންނަށް އިސްލާމް ދީން ދަސްކޮށް ދެއްވައި ދީނަށް ގޮވާލެއްވި އެވެ. އަދި މި ރަށުގެ ރައްޔިތުން އިސްލާމް ކުރައްވައި އެމީހުނަށް ދީން އުނގަންނައިދެއްވާ އަރަބި ބަސް ދަސްކޮށް ދެއްވި އެވެ.
ތަބްރޭޒްގެފާންގެ މާލެ ވަޑައިގެންނެވީ މުޅި ކެންދޫ އިސްލާމް ކުރައްވާފައިވާ ކަމަށްވެ އެވެ. ބައެއް ރިވާގައި ކެންދޫއަކީ އިސްލާމްވި ފުރަތަމަ ރަށޭ ވެސް ބުނެވެ އެވެ.
މި ރަށުގެ މަގާމްފުޅު މިހާރު ހުރި ތަނަކީ ތަބްރޭޒްގެފާން ނަމާދު ކުރެއްވި ތަން ކަމަށްވެ އެވެ. އެއީ އިހުގައި ރަށުގެ ގޮނޑުދޮށުގެ ދޮންވެލިގަނޑެވެ. އެ ތަނުގައި ދަނޑިފަނުގެ ގެއެއް އެޅީ އޭގެ ފަހުންނެވެ. ތަބްރޭޒްގެފާނު އެ ރަށުން ވަޑައިގެންނެވުމުން ވެސް އެކި ފަހަރު މަތިން ކެންދޫގެ ރައްޔިތުން އެތަން މަރާމާތުކޮށް ބަލަހައްޓަމުން ދިޔައީ އެވެ. މިހާރު އެ މަގާމްފުޅު ހުރި ގޮތަށް އުވައިން އިމާރާތް ކުރެއްވީ ކުޑަރިކިލު މުހައްމަދު މަނިކު (ނައިބު ކަލޭފާނު) އެވެ.
މަގާންފުޅަކީ ވަރަށް ރީއްޗަށް ފަރުމާކޮށްފައިވާ ބިނާ އެކެވެ. މިތާނގައި ޖެހިޖެހިގެން ދެ ގެއެއް ހުރެ އެވެ. އެއް ގެއަކީ ނަމާދު ކުރާ ކޮޓަރިއެއްގެ ގޮތަށް އިމާރާތް ކޮށްފައިވާ ތަނެކެވެ. އަނެއް ގެއަކީ ކިޔެވައިދޭން ހާއްސަކޮށްފައިވާ ގެއެވެ.
ދެ ފަރާތުގައި ދެ އަށި ވެސް ހުރެ އެވެ. އިހުގައި ކިޔަވައިދީ އުޅުނީ މިފަދަ އަށިމަތީ އެވެ. އޭގެ އިތުރަށް އެ ގެތަކުގެ ފަހަތުގައި އުސްކޮށް ހަދާފައިވާ މަގުބަރާއެއް ހުރެ އެވެ. ކީއްކުރަން ބޭނުންކުރި މަގުބާރާއެއް ކަމެއް ސާފެއް ނޫނެވެ. އުވައިން ހަދާފައިވާ އެ ތަނަކީ ހަތަރު ސިޑީގެ މަގުބަރާއެކެވެ.
އެތަނުގައި ހައިވަރަކުން ހަދާފައިވާ އުނދޯލިކޮޅުތަކާއި އެހެން ވެސް ގިނަ މަސައްކަތްތަކެއް ކުރިން ހުރި ކަމަށްވެ އެވެ. ނަމަވެސް މިހާރު އެތަނަކީ ވީރާނާވެ، ނެތެމުންދާ ތަނެކެވެ. މަގާމްފުޅުގެ އެތެރެ ފަޅުވެ، ވަނީ ބާވެފަ އެވެ. ބޭރު ފާރުގެ ބައެއް ވަނީ ވެއްޓިފަ އެވެ. އުވައިގެ ހުދަކަން ކެނޑި، ހައިބަތު ވަނީ ގެއްލިފަ އެވެ. ނަމަވެސް އިހުގެ ބައެއް މުހިންމު ނިޝާންތައް އަދިވެސް އެބަ ހުއްޓެވެ.
މަގާމްފުޅުގެ ދިގު ދިދަ ދަނޑިއަކީ ފާހަގަކޮށްލެވޭ އެއްޗެކެވެ. އެ ދަނޑިއާ ބެހޭ ގޮތުން މި ރަށުގައި ދެ ގޮތަކަށް ވާހަކަ ދެކެވެ އެވެ. އެއް ގޮތަކީ އެ ދަނޑިއަކީ އެ ރަށަށް ލެއްގި ހައިވަކަރު ގަހަކުން ރަށުގެ ރައްޔިތުން ހެދި ދަނޑިއެކެވެ. އެ ގަހުގެ ބުޑުގަނޑު ވަރަށް ފަހަކާ ޖެހެންދެން ވެސް އެ ރަށުގައި އޮތް ކަމަށްވެ އެވެ. އަނެއް ގޮތަކީ އެ ދިދަ ދަނޑިއަކީ މާލެއިން ރަށްރަށުގެ ޒިޔާރަތްތަކަށް ހައިވަކަރު ދިދަ ދަނޑި ފޮނުވި އިރެއްގައި އެ ރަށަށް ފޮނުވި ދަނޑިއެކެވެ.
މަގާމްފުޅުގެ ކުރިމަތީގައި ބޮޑު ކައްޓާއެއްގެ ބައެއް ހުރެ އެވެ. އެ ކައްޓާއަކީ ދަރިންގެ ބަރު ދަނަށް ސަދަގާތް ކުރުމަށް ކަންޖާ ކިރުން ފަދަ ކަންކަމަށް ބޭނުން ކުރި ކައްޓާއެކެވެ. ނަދުރު ބުނެގެން ބަރުދަނަށް ކިރައި ސަދަގާތް ކުރުމަކީ ކުރީގެ އާދައެކެވެ.
ރާއްޖޭގައި ހުރި މިފަދަ ތާރީހީ ގިނަ ބިނާތަކަކީ މިހާރު އެއްކޮށް ނެތެންދާ ތަންތަނެވެ. އުތީމު ގަނޑުވަރާއި މާލޭގެ މެދު ޒިޔާރަތް ފަދަ ތަންތަން ސަލާމާތުން ހުރި ނަމަވެސް އެހާ މުހިންމު ގިނަ ތަންތަން ވީރާނާ ވެއްޖެ އެވެ. ކެންދޫގެ ތަބްރޭޒްގެފާންގެ މަގާމްފުޅު އެއީ މި ރަށުގެ ޝަރަފެކެވެ. އެކަމަކު ޝަރަފެއްގެ ގޮތުގައި ފެންނަން ހުރި ހުރުން ފިޔަވައި އެއްވެސް ސަމާލު ކަމެއް ނެތެވެ.