އެންމެ ރަށެއް، އެތައް ވާހަކައެއް!

މާލެ އަތޮޅުގެ ކާށިދޫގެ ވާހަތައް ކިޔައިދޭ ވީޑީއޯ ރިޕޯޓް | އަވަސް

ދިމާވީ ކާށިދޫ ކަނޑު މަޑު ދުވަހަކާ އެވެ. ލޯންޗެއްގައި މާލެއިން ފުރައިގެން ކާށިދޫއަށް ދެވުނީ ގަޑިންވީ އިރެއް ފިޔަވައި މާ ބޮޑު ވަރެއް ނުވެއެވެ. ރާޅުތައް މުގުރާ ގާމަތީ މި ރަށަކީ ބިޔަ ބޮޑު ރަށެކެވެ. ކުއްޅަވަކާއި ކަނޑޫފަލާއި ގަސްތަކުގެ ގުދުރަތީ މުއްސަނދިކަމުގެ ވާހަކައަކީ ކާށިދޫގެ ފަހުރެވެ. ރަށަށް ފޭބުމާއެކު ބަލައިލަން ބޭނުންވީ މި ރަށުގެ ފާ ތަކެވެ. އެތަންތާނގެ ދިރުންތަކެވެ. މިހާރު ފެންނަން ހުރި ދިރުންތަކާއި އެއް އިރެއްގައި އެ ސަރަހައްދުތަކާ ބެހޭ ގޮތުން ދެކެވުނު ދިރުންތަކުގެ ވާހަކަތައްވެސް ބަލައިލާން ބޭނުންވި އެވެ.

މި ރަށުގައި ހިނގާލުމުން ރަށްފުށު ފަސޭހަ ދިރިއުޅުން ވަރަށް ބޮޑަށް އިހުސާސް ކޮށްލެވެ އެވެ. ބަނދަރު ސަރަހައްދުގެ ޖޯލިފަތިތަކުގައި ވާހަކަ ދައްކާލަން ތިބި ދުވަސްވީ މީހުންގެ މޫނުމަތިން ހަމަޖެހުން ފެނެ އެވެ. މުޅި އެ ހިސާބުގަނޑުގައި ކުޑަކުދީންތައް ދުވެ ދުވެފައި އުޅެ އެވެ.

ގެތައް ކުދި ވެފައި ގޯޅިތައް ވެސް ހަނި ކާށިދޫގެ އެއްވެސް ދިމާއަކުން އަދިވެސް ތަރައްގީގެ މާ ބޮޑު ކުލަވަރެއް ނުފެނެ އެވެ. ދެ ހާހެއްހާ މީހުންގެ އާބާދީއެއް އޮތް މި ރަށުގެ ބޮޑު މަގުގައި ރަށުގެ ބޮޑު މިސްކިތުން ފަށައިގެން ރަށު ކޯޓާއި ޕޮލިސް އިސްޓޭޝަނާއި ހެލްތު ސެންޓަރާއި ގުރުއާން ކުލާހާއި، ސްކޫލާއި ރަށެއްގައި ހުންނާނެ މުހިންމު ހުރިހާ ތަނެއް ހިމެނެ އެވެ.

ދުރަށް ހިނގާފައި ދާ ވަރަކަށް ރަށުގެ ގުދުރަތީ ރީތިކަމުގެ ފުރިހަމަކަން ފެނެއެވެ. މަގު އެއް ކޮޅުން އަނެއް ކޮޅަށް ފެންނަނީ ބިޔަ ގަސްތަކެވެ.

މަގުގެ ދެ ފަރާތުގައި ޗަސް ބިންތަކެވެ. މިކަހަލަ ތަނަކަށް އާދެވުމުން މަޑުން ހުރެވޭނެ ހެއްޔެވެ؟ ކާށިދޫއަށް ހާއްސަ ކަންޒުކަހަނބެއް ފެންނާނެ ކަމަށް ބަލައިގެން ވަދެގެންދާއިރު ހީވަނީ ފޮރެސްޓެއް ހެނެވެ. ހިމާޔަތް ކޮށްފައިވާ ކަންޒުހަނބާއި ދޫނިތައް ގޮވާލާ އަޑު ނުކެނޑެ އެވެ.

ކާށިދޫގެ ގުދުރަތީ މި މުއްސަނދިކަން ފުރިހަމަ ކޮށްދެނީ މި ރަށާ ގުޅިފައިވާ ތާރީހީ ވާހަކަ ތަކުންނެވެ. އެންމެން ދަންނަ މަޝްހޫރު އަރާމަގު ދޮން ކަމަނަ އާއި ދޮން އަހުމަދު ދިމާވެ ދިރިއުޅުނީ މި ރަށުގެ ވަލުތެރޭގަ އެވެ. އަދި ދޮން މޮހޮނާއި އޭނާ އޮޅު ކޮށްގެން ގެންގުޅުނު މިޔަރު އޮތް ވަޅުގަނޑު މިއަދުވެސް މި ރަށުގެ ވަކި ހިސާބެއްގައި އޮވެއެވެ. މި ފޯކްލޯރު ވާހަކަތަކާބެހޭ މައުލޫމާތުތައް ހޯދަން މާ ދިގު ހިނގުމެއް މި ރަށުގައި ބޭނުމެއް ނުވެއެވެ.

މި ރަށު ސްކޫލުގެ ލީޑިން ޓީޗަރު އަބްދުލް ހަލީމް ވަނީ ރަށާ ބެހޭ މައުލޫމާތުތައް އެއްކޮށްފަ އެވެ. ޕްރެޒެންޓޭޝަނެއްގެ އެހީގައި މި ރަށާބެހޭ މައުލޫމާތެއް އޭނާ ހިއްސާ ކޮށްދެ އެވެ.

މި ރަށުގައި އެންމެން ދަންނަ ކުރުހިންނަ ތަރާގަނޑުވެސް މިއީ މި ރަށުގެ ފަހުރެކެވެ. އަދި ތާރީހީ ގޮތުން ރައްކާ ކުރަންޖެހޭ ބޮޑު ސަރަހައްދެކެވެ. ބުޑިސްޓް ފައްޅި އެއް އޮތް ބޮޑު އެ ތަރާގަނޑު ވަޅުލާ ފަސް އެޅިފަހުން އެތަނުގައި ބޮޑެތި ގަސް ފަޅާ ނެތިގެން ދަނީ އެވެ.

ވަރަށް ގިނަ މީހުން ރަށާ ބެހޭ މައުލޫމާތު ދޭން ބޭނުންވެ ތިބެނީ ތައްޔާރަށެވެ. މި ރަށުގެ މީހުން ބޮޑު ތަދު ދުވަސްވަރު ކަންތައް ކުރި ގޮތާއި ރަށް ކުރިން އޮތް ގޮތްވެސް ސިފަ ކޮށްދެ އެވެ. މި ރަށުގައި ކުރިން އޮތް ވެވެއްގެ ވާހަކަ ވަރަށް ޝައުގުވެރިއެވެ. މި އެންމެންވެސް އެ ވާހަކަ ކިޔައިދެނީ ދެންމެގެ ކަމެއް ހެނެވެ.

މި ރަށުގައި ހޭދަވީ ފަސް ގަޑިއިރެވެ. ނަމަވެސް، ތާރީހީ އެތައް ވާހަކައެއް އެނގުނެވެ. މި ރަށުގެ ސްކޫލް ކުދިން މަގުތައް މަތިން ނުފެނުނު ކަމުގައި ވިޔަސް ސްކޫލާ އަރާ ހަމަ ވުމުން ރައިވަރާ ޅެން ހިމެނޭ ތަމްސީލެއް ކުޅޭ އަޑު އިވެއެވެ. ކޮންމެވެސް ހާއްސަ ދުވަހަކަށް ތައްޔާރު ވަނީ އެވެ.


މި ރަށުގައި މިނިވަން ދުވަހާއި ނަސްރުގެ ދުވަސް ވިޔަސް އަމިއްލައަށް ޅެމާއި ރައިވަރުތައް ހަދައިގެން ކިޔަ އެވެ. އަދި އިހުގެ ހެދުން އަޅައިގެން އަދަބީ މުބާރާތްތައް ވެސް ބާއްވަ އެވެ. މި ހުރިހާ ކަމެއްވެސް ގުޅުވާފައި ހުންނަނީ މި ރަށުގެ ތާރީހީ ހާދިސާތަކުގެ މައްޗަށެވެ. އަދަބީ ކޮންމެ ހަރަކާތެއްގައި ވެސް ކާށިދޫގެ ތާރީހު ހިމަނަ އެވެ.

ތާރީހަށް ލޯބި ކުރާ ބަޔަކު އުޅޭ މި ރަށުގެ ޒުވާނުން ބޭނުންވަނީ ތާރީހާއެކު މި ރަށް އެހެން ދިމާލަކަށް ގެންދާށެވެ. ކާށިދޫގެ އާސާރީ ތަންތަނާއި ރަށުގެ ވާހަކަތައް ޕްރޮމޯޓްކޮށް ރަށުގައި ފަށައިގެންފައިވާ ޓޫރިޒަމް ފުޅާ ކުރާށެވެ. "ކަލްޗާ އެންޑް ހެރިޓޭޖް ތްރޫ ޓުއަރިޒަމް" ގެ ގޮތުގައި ކާށިދޫ ޕްރޮމޯޓް ކުރާށެވެ.

މި ކާށިދޫގެ ތާރީހާކީ މި ރައްޔިތުންގެ އެންމެ ބޮޑު ފަހުރެވެ. ފައިއިނދޭ ފުރައާ ހަމައިން ފަށައިގެން މި ރަށުގެ ދުވަސްވީ މީހުންނަށް ވެސް އެ މީހެއްގެ ހަނދާނުގައި ހުރި ތާރީހާބެހޭ ކޮންމެވެސް ވާހަކައެއް ކިޔައިދެ އެވެ. އެފަދަ އެތައް ބައިވަރު ވާހަކައެއް މިރަށުގައި ވެއެވެ.