ކާށިދޫގައި ކުޑަ ކެޔޮޅެއް، ބޮޑު ވާހަކައެއް!

މިނުންގެ މަސްވެރިކަމުގެ ޝައުގިވެރިކަން ދައްކުވައިދޭ ވީޑިއޯއެއް | އަވަސް

ނިތްމަތީގައި އަތް ބާއްވާލައިގެން ނިދަން އޮންނަ އިރު މާދަމާ މަހަށް ދާން ތެދުވާނީ ކޮން އިރަކުތޯ ވިސްނޭ ހެއްޔެވެ؟ މާދަމާގެ އެންވެރިކަމާއި މަސްވެރިކަން ރަނގަޅު ވާނެތޯ ފިކުރު ކުރެވޭ ހެއްޔެވެ؟ އަދި މާދަމާ ބޭނޭނީ ކޮން ކަހަލަ މަހެއްތޯ ވިސްނޭ ހެއްޔެވެ؟ މިއީ މަސްވެރިކަމުގައި އުޅޭ މަސްވެރިއެއްގެ ކޮންމެ ރެއެއްގެ ހިޔާލާއި ފިކުރަކަށްވެފައި އޮވެދާނެ އެވެ. ނަމަވެސް މަސްވެރިކަމަށް ރަނގަޅަށް ލޯ ވެސް ނުހުޅުވޭ ކުޑަކުއްޖެއްގެ ވިސްނުމުގައި މިކަހަލަ ބޮޑެތި ހިޔާލުތައް ހުރެދާނެ ހެއްޔެވެ؟ އެވަރު ކުޑަކުއްޖަކު ދުވާލު ހަތަރުދަމު މަސްވެރިކަމަށް ހުސްވާން ބޭނުން ވެދާނެ ހެއްޔެވެ؟ މިފަހަރު މިއޮތީ އެކަންވެސް ވެފަ އެވެ. މިއީ މަސްވެރިކަމުގެ ދިލަ ހޫނުގައި ރަނގަޅަށް ޖެހިފައިވާ ކުޑަކުޑަ ކެޔޮޅެކެވެ. މިއީ މިއީ މާލެ އަތޮޅު ކާށިދޫ، އުމުރުން އަދި އަށް އަހަރުގެ މަސްވެރި އަލީ ޝައިމިން (މިންނު) ގެ ވާހަކަ އެވެ.

މި ކުޑަކުޑަ މިންނު އަކީ މަސްވެރިކަމަށް ފޯރި ހުންނަ ކުއްޖަކީއެއް ނޫނެވެ. އޭނާއަކީ މަސްވެރިކަމަށް ނިކަން ގަދަ ފޯރިއެއް ހުންނަ ކުއްޖަކީވެ. ދަނޑުވެރި މި ރަށުގެ އެންމެން ވެސް މި ވާހަކަ ދައްކައި އެކަމަށް ހެކި ވެއެވެ. މި އެންމެން ވެސް މި ކުޑަކުޑަ މިންނުއާ މުހާތަބު ކުރަނީ "ކުޑަ މަސްވެރިޔާ" ނުވަތަ "ކުޑަ ކެޔޮޅު" ގެ ގޮތުގަ އެވެ.

އެ ސުވާލު މިންނުއާ ކުރުމުން ދޭ ޖަވާބު އެނގޭ ހެއްޔެވެ؟

"ކޮރަކައްޔަށް ހަމަ ދާހިތް ވަނީ!"

މިންނުން ހަމަ ކޮރަކައްޔަށް ދާހިތްވަނީ އެވެ؛ އާދައިގެ މަތީން ކޮންމެ ދުވަހަކު ސްކޫލް ގަޑިއަށް ފަހު ލިބޭ ހުސް ވަގުތުތައް އޭނާ ހޭދަ ކުރަނީ މި ރަށުގެ ޖެޓީ ސަރަހައްދުން ބޭރު އުރަފަށަށް ނަނު އުކައިގެން ކޮރަކައްޔާއި ލަނޑަ އާއި ހަނދި ބޭނުމުގަ އެވެ. -- އާއިލާގެ އެހީތެރިކަމަކާއި ހާއްސަ ހުއްދައެއް އޮވެގެނެވެ.

ކޮންމެ ދުވަހަކުވެސް ގޭގެ ބަދިގެއަށް ވަދެ ކޮތަޅަކަށް އެން މަސްކޮޅެއް ލައިގެން އޭނާ މަހަށް ނައްޓާލަ އެވެ. ބައެއް ދުވަސް ދުވަހު އޭނާގެ ހަގަށް ހުންނަ "ފުކެއްހާ" ކުޑަ ކޮއްކޮ ވެސް ގޮވައިގެނެވެ. މިންނު އަމިއްލައަށް އޭނާ ސިފަ ކުރަނީ ވެސް ކުޑަ ކެޔޮޅެއްގެ ގޮތުގަ އެވެ. އެކަމަކު އޭނާ ބޭނު ވަނީ އޭނާއަކީ "ބޮޑު މަސްވެރިއެކޭ" އެންމެން ބުނާށެވެ.

"މި ކަމަށް ވަދެވުނީ ބައްޕަ އާއެކު މަހަށް ދިއުމަށްފަހު އެހެންވެ ވީކަމެއް... އޭރު އެއީ އުމުރުން ފަސް ވަރަކަށް އަހަރުގައި،"

އެންމެ ދުވަހެއްވެސް ވައްޓާ ނުލައި ކޮންމެ ދުވަހަކު ރޯލު / ނަނު އެއްލައިގެން މަސްވެރިކަމުގެ ތެރޭގައި މި ކުޑަ ކެޔޮޅު އުޅޭ އިރު، އޭނާ މަސްވެރި ކަމަށް ހުންނަނީ އަމަށަކު ފޯރިއެއް ނޫނެވެ. މަސްވެރިކަމުގެ ހުރިހާ ކަމަކާއި މައުލޫމާތެއްގައި ވެސް އޭނާ މުއްސަންޖެވެ.

މިންނުގެ އާއިލާގެ މެންބަރަކު ބުނި ގޮތުގައި އޭނާ މަހަށް ނުފޮނުވައިފ ނަމަ، ގަދަ ހަދާފައި ވެސް މަސް ބާނަން ދާން ބޭނުން ވެއެވެ. އަދި މަހަށް ނުދެވޭ ދުވަހެއް އަތުވެއްޖެނަމަ އެ ދުވަހެއްގެ ރޭގަނޑު ނުނިދިގެން މިންނު ހޭލައި އޮވެ އެވެ.

"ބައެއް ދުވަސް ދުވަހު މިންނުގެ މަންމަ އުޅޭނެ އޭނާ ނުފެނިގެން. އެކަމަކު އިތުރު ތަނެއް ހޯދަން ދާކަށް ނުޖެހޭނެ. ރައްޓެހިންނާއެކު ގޭމު ކުޅޭކަށް ނޫޅޭނެ. މަގުމަތީ ސަކަރާތް ޖަހަން ނޫނީ ފޯނު ހިފައިގެނެއް ވެސް ނޫޅޭނެ. ގޭތެރެއިން ނުފެނިއްޖެއްޔާ ޖެޓީ ކައިރި އަށް ދާއިރު އެތާ ހުންނާނެ ނަނު އެއްލައިގެން މަސް ބާނަން. އިތުރު ތަނެއް ހޯދަން ދާކަށް ނުޖެހޭ." މިންނުގެ އާއިލާގެ މެންބަރަކު ކިޔައި ދިނެވެ.

އާދަވެ މަސް ބާނަން ދާ މި ކުޑަކުއްޖާ ކޮންމެ ދުވަހަކު އޭނާގެ ސްކޫލް ގަޑިއަށް ފަހު ގެއިން ނައްޓާލައިގެން ފަސް ވަރަކަށް މިނެޓުގެ ހިނގުމެއްގައި މި ރަށުގެ ބަނދަރަށް ފޯރަ އެވެ. ބަނދަރާ ކައިރިވާ ވަރަކަށް މިންނުގެ ހިނގުން ބާރުވެ އެވެ. އަދި ހިނގުމުގައި ބަނދަރު މަގަށް އަޅާލުމުން ހިސާބަކަށް ފުމެ ވެސް ހަދަ އެވެ. އެހާ ހިސާބަށް ދެވޭއިރު ރަށުގެ އުރަ ފަށާއި އެތާނގައިވާ މަސްތައް ވެސް އޭނާގެ ލޮލަށް ރީއްޗަށް ފެނިގެން އުޅޭހެން ހީވެ އެވެ. ނަނު އެއްލައި ދަމާލަން އޭނާ ހުންނަނީ ކެތް މަދުވެފަ އެވެ.

މިންނުގެ މަސްވެރިކަން އޮތީ އަދި މި ހީކުރާ ވަރަށްވުރެ މާ ފުޅާ ވެސް ވެފަ އެވެ. ކޮންމެ ދުވަހަކު މަހަށް ގޮސް ބާނާ މަސްތައް މަންމައާ ހަވާލު ކޮށްލުމުން އެދުވަހުގެ މަސައްކަތް ނިމުނީ އެއް ނޫނެވެ. އޭނާ ބާނާ މަސް ގަންނަން ވެސް މީހުން ތިބެ އެވެ. އޭނާ މަސް ބޭނުމުން އެ މަސް ގަންނަ ބިދޭސީންގެ ގްރޫޕެއް ވެސް މި ރަށުގައި އުޅެ އެވެ.

"ބައެއް ފަހަރު ދިވެހިން ވެސް މަސް ގަނެގެން ގެންދޭ. އާންމުކޮށް ގަންނަނީ ބިދޭސީން!" އޭނާ ބުންޏެވެ. "ބިދޭސީންގެ މަސްގަންނަ ގުރޫޕް ކޮންމެ ދުވަހަކު ގެއަށް އައިސް މަސް ބޭވުނު ތޯވެސް އަހާ،"

އެންމެ ފުރަތަމައިނުންވެސް ކެޔޮޅެކޭ ބުނީ މިހެންވެ އެވެ. ރަސްމީކޮށް ކެޔޮޅެކޭ ނުކިޔަސް މިންނުގެ ގައިގައި ހުރީ ކެޔޮޅު ލެޔެވެ. މި ކުޑަކުޑަ މަސްވެރިޔާ ބާނާ މަސް ވިއްކައިގެން އާމްދަނީއެއް ވެސް ލިބެ އެބެ. އެ ފައިސާ އޭނާ ހަވާލު ކުރަނީ ބައްޕައާ މަންމަ އާއެވެ، އޭނާ ބުނެފައި އޮންނަނީ އެ ފައިސާއިން "ބޭބީއަށް އެއްޗެހި ގަނެފައި ދޭނީ" އޭ އެވެ. މިންނުމެންގެ ގޭގައި އެކަން ކުރަނީ ވެސް އެގޮތަށެވެ.