އަރާމަގުން ހޯދި ދޮންކަމަނަގެ އާ ވާހަކައެއް!

ކާށިދޫން: މޫސާ ރަޝީދު
ކާށިދޫ އަރާމަގު ދޮންކަމަ އާއި ދޮން އަހުމަދުގެ ވާހަކަ ދިރާސާކޮށްފައިވާ ވިޑީއޯ ރިޕޯޓް | އަވަސް

ކާށިދޫ ކަނޑު ހުރަސްކޮށް މި ވަދެވުނީ ކާށިދޫގެ ފަޅު ތެރެއަށެވެ. މިއީ ދަނޑުވެރިކަން ކުރާ މާ ރަށެކެވެ. އެހެން ގިނަ ރަށްރަށެކޭ އެއްގޮތަށް ވަރަށް އެކުވެރި ބަޔަކު ދިރިއުޅޭ އުޅޭ ރަށެކެވެ. ނަމަވެސް މި ރަށް ތަފާތުވާ ސަބަބުތަކެއް އެބަހުއްޓެވެ. މި ރަށުގެ ކޮންމެ މީހެއްގެ ދުލު ކުރީގައި މިރަށާބެހޭ ކޮންމެވެސް ތާރީހީ ވާހަކައެއް އޮވެއެވެ. އެކަކު ކާށިދޫ ތަރާގަނޑުގެ ވާހަކަ އެވެ. އަނެކަކު ވެވެއްގެ ވާހަކަ އެވެ. ދޮންމޮހޮނާ މިޔަރުގެ ވާހަކަ އެވެ. މި ކާށިދޫގައި ރަނަކީ މި ރަށުގެ ކުރީގެ ވާހަކަތަކެވެ. ބޮޑު ބިޔަ ޖަންގައްޔެއް އޮންނަ މި ރަށުގެ ވެލިމަލައާ ހަމައިން ހިޔާލަށް ގެނެވުނީ ކާށިދޫގެ މަޝްހޫރު އަރާމަގު ދޮންކަމަނަގެ ވާހަކަ އެވެ. އެންމެނަށް އެނގޭ، އެއްބަޔަކު ހަގީގަތެއް ކަމަށް ބަލާ އަދި އެއްބަޔަކު ފްލޯކެއް ކަމަށް ބަލާ ބިރުވެރި ވާހަކައެކެވެ. މި ރަށުގައި އަދިވެސް "އަރާމަގު" ނުވަތަ އެހެން ކިޔާ ސަރަހައްދެއް އެބަ އޮވެ އެވެ. މި ރަށަށް ފާބައި އެ މަގަށް އަރާލައިފީމެވެ. މި މަގުން ބައްދަލުވި އެންމެ ތަފާތު ބޭފުޅަކީ މިރަށުގެ ތާރީހާ ގުޅޭ ވާހަކަތަކުގެ ހަގީގަތް ހޯދާ، ދިރާސާ ކުރެއްވުމުގައި ދުވަސްތައް ހޭދަ ކުރައްވާ އަބްދުލް ހަލީމެވެ. އޭނާއަކީ މި ރަށު ސްކޫލް ޓީޗަރެކެވެ. ދިވެހި ބަހަށާއި ތާރީހަށް ލޯބި ކުރައްވާ ބޭފުޅެކެވެ. އަދި ތާރީހުގެގެ ވަރަށް ގިނަ ރިސާޗް ހައްދަވާފައިވާ ބޭފުޅެކެވެ. އޭނާ އެކު ކާށިދޫގެ އަރާމަގުގައި ހިނގާލަން ފަސޭހަވާނެތީ އޭނާއާއެކު ހިނގައިގަތީ އެވެ.

މާ ގިނަ ސުވާލެއް ކުރާކަށް ނުޖެހުނެވެ. އަރާމަގުގެ ޓްއާއެއް ދޭން ހަލީމް ނިންމައިފި އެވެ. އޭނާގެ މަސައްކަތްތަކާއި ދިރާސާތަކުގެ ވާހަކަތަކުގެ އަލީގައި އަރާމަގު ދޮންކަމަނައާބެހޭ ގޮތުން ކުރިން ނީވޭ މުޅިން އާ ވާހަކަތަކެއް ހިއްސާ ކުރާން ފަށައިފި އެވެ. އަހަރެމެން އަޑު އަހައު އުޅޭ ދޮންކަމަނަގެ ހާދިސާތައް ކާށިދޫއާ ގުޅިގެން އައި ގޮތުގެ ވާހަކައިގެ ތެރެއިން މިހާރު ފެށުނީ މުޅީން އާ ޗެޕްޓަރެކެވެ.

ކާށިދޫ އަރާމަގު ދޮންކަމަނަ ވާހަކައަކީ މާ އިހުގެ ޒަމާނެއްގައި މި ރަށުގައި ދިރިއުޅެމުން އައި ދޮން އަހަންމަދު ކިޔާ މީހަކާއި ދޮން ކަމަނަގެ ނަމުގައި އުޅުނު ޖިންނިއެއް ބައްދަލުވެ، ހިތާވެ، ލޯބީގެ ގޮތުން ގުޅުމަށްފަހު ދިރިއުޅުމެއް ފަށާ ހަޔާތެއް ބިނާ ކުރި ގޮތުގެ ވާހަކަ އެވެ. ވާހަކާގައި ދޮން އަހަންމަދަށް ދޮންކަމަނަ ދިމާވީ މި ރަށުގެ ޖަންގަލީގެ ތެރެއިންނެވެ. އޭގެ ފަހުން ދެމީހުން ދިމާވި ސަރަހައްދުގައި މި ރަށުގެ މީހުނާ އެކަހެރިކޮށް އަމިއްލަ ދިރިއުޅުމެއް ފެށި އެވެ. މި ދިރިއުޅުމުގައި ކާބޯތަކެތި ހޯދަނީ ދޮންކަމަނަ އެވެ. ރަށުގެ އެހެން މީހުން އެ ސަރަހައްދަށް ގެނައުމުގެ ހުއްދައެއް ދޮންކަމަނަ ދޮން އަހަންމަދަަކަށް ނުދެ އެވެ. އެ ދެ މީހުން އެތައް އަހަރެންވަންދެން ދިރިއުޅުން ބިނާކޮށް ދަރިން ވެސް ހޯދި ފަހުން ދޮން އަހަންމަދަށް ދޮންކަމަނައަކީ ޖިންނިއެއްކަން އެނގުނެވެ. ދެ މީހުންގެ ގުޅުން ކެނޑިގެން ދެއެވެ. ނުރުހުުމުގައި ދެކުދީންގެ ތެރެއިން އެއް ކުއްޖަކު ގޮވައިގެން ދޮންކަމަނަ ފިލައިގެން ދަނީ އެވެ. މިއީ އަރާމަގު ދޮންކަމަނަ ވާހަކާގައިވާ ގޮތެވެ.

އެ ހިޔާލީ ވާހަކައިގެ "ހަގީގަތް" ހޯދަން ހަލީމް ނިންމެވި ސަބަބު އަރާމަގުގައި ހުންނަވައިގެން އޭނާ ވިދާޅުވެ ދެއްވަނީ އެވެ:

"މި ރަށުގައި އަޅުގަނޑުމެން އެންމެ ޒުވާން އިރު އުޅޭނެ މޫސާ ކިލެގެފާނު. އޭނާ ކިޔައި ދެއްވާ ހަނދާންވޭ ދޮންކަމަނަ ވާހަކަ މުޅިން އެހެން ގޮތަކަށް. އޭނާއާ އަދިވެސް މި ރަށުގެ މުސްކުޅިން ބުނާ ގޮތުން ދޮންކަމަނައަކީ ޖިންނިއެއްގެ ބަދަލުގައި އެހެން ރަށަކުން މި ރަށަށް އައިސް ގެއްލިގެން އުޅުނު އަންހެނެއް. އޭނާއާ ކާށިދޫ ދޮންއަހަންމަދާ ބައްދަލުވެ އޭނާ ފަހުން އަހަންމަދު ދޫކޮށްލާފައި ދިޔަ ވާހަކައެއް. މި ގޮތަށް މި ވާހަކަ ދެކެވޭތީ އަޅުގަނޑު ނިންމީ މީގެ ފުނަށް ދާން. އެއީ ޒަމާނުއްސުރެ ދެކެވޭ ވާހަކައަކަށް ވެފައި ތާރީހާ ގުޅިފައިވާ ކަމަަކަށް އެކަން ވެދާނެތީ،"

ކާށިދޫގެ ތާރީހާބެހޭ އެތައް ދިރާސާތަކެއް ކުރައްވާފައިވާ ހަލީމް ވިދާޅުވި ގޮތުގައި ދިގުމިނުގައި ގާތްގަނޑަކަށް ދެ މޭލު އަދި ފުޅާ މިނުގައި މޭލެއް ހުންނަ މި "ކާށީދޫ އަތޮޅު" ގެ އެންމެ އިހު ޒަމާނުގައި މީހުން ދިރިއުޅެފައި ހުރީ މި ރަށުގެ ޖަނގަލީގެ އެކި ސަރަހައްދުތަކުގައި ވަކި ވަކީންނެވެ. އެއްކޮށް އެއް އާބާދީއަކަށް ނޫނެވެ. އޭގެ ހެއްކަކީ ރަށުގެ ބޮޑު ޖަންގަލީގެ ކޮންމެ ސަރަހައްދަކުން މިހާރު ވެސް ކުރީގެ މީހުން ދިރިއުޅެފައި ހުރި ކަމުގެ ނިޝާންތައް ފެންނަން ހުރުމެވެ.

ހަލީމް ވިދާޅުވާ ގޮތުގައި އޭނާ މިހާތަނަށް ހެދި ހުރިހާ ދިރާސާއެއްގެ ހޯދުމުން ދައްކާ ގޮތުން "އަރާމަގު ދޮންކަމަނަ" އަކީ އުތުރުން މާލެ ދަތުރު ކުރި ދޯންޏެއްގައި ކާށިދޫއަށް ފޭބި އަންހެނެއް ކަމަށް އޭނާއަށް ވަރަށް ބޮޑަށް ގަބޫލު ކުރެ އެވެ.

ހަލީމް ވިދާޅުވާ ގޮތުން ދޮންކަމަނައަށް ކާށިދޫއަށް ފޭބިފައި ވަނީ ކާށިދޫގެ އެންމެ އިރު އުތުރު ފަރާތަށެވެ. އަދި އޭނާގެ ލަފާތައް ގުޅުވައިލުމުން ދޮންކަމަނަ ރަށަށް ފޭބި ގޮތަށް އޭނާއަށް އަނބުރާ ދޯންޏަށް ނޭރެނީސް އެ ދޯނި ފުރީ އެވެ. ނުވަތަ އެފަަދަ އެހެން ހާދިސާއެއް ދިމާވެގެން ދޮންކަމަނައަށް ރަށުގައި މަޑު ކުރަން މަޖުބޫރެއްވީ އެވެ.

އެކަމަކު އެ ސަރަހައްދުގައި ބޯކޮށް ކަށިކެޔޮ ގަސްތައް އޮތުމުގެ ސަބަބުން ރަށު ތެރެއަށް އެރުމަށް ދޮން ކަމަނައަށް ދެން ދެވޭނީ ޗަސް ބިމާއި ކުޅިއެއް ކުރިން އޮންނަ "ދެރަބެޖާޑި" ސަރަހައްދަށެވެ.

އެއީ މި ކާށިދޫ މީހުން ކިޔާ އަރާމަގު އޮންނަ ސަރަހައްދެވެ. މިހާރު ވަރަށް ބޮޑުކޮށް މަގު ކޮށާފައި އޮތަސް ހަލީމް ވިދާޅުވި ގޮތުގައި ކުރިން އެ މަގު އޮންނާނީ ވަރަށް ހިމަކޮށް ބޯ ވިނަތަކާއި ގަސްތަކުގެ ތެރެއިން ލައިގެން ދެވޭ ގޮތަށެވެ. އަދި އެއީ ރަށު މީހެއް ހޯދަން ދޮންކަމަނަ ރަށަށް އަރައިގެން ގޮސް ދޮން އަހަންމަދާ ބައްދަލުވި ހިސާބު ކަމަށް ގަބޫލު ކުރެވޭ ކަމަށް ހަލީމް ވިދާޅުވެ އެވެ.

އޭގެ ހެއްކެއްގެ ގޮތުގައި ހަލީމް ދައްކަވާ ހެކި ހުރެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ދޮން އަހަންމަދަކީ ދިވެހިން އަޑު އަހާ ވާހަކައިގައި ވެސް ކިޔާ ފަދަ މަޝްހޫރު ރައިވެރިއެކެވެ. ކުރިން ކާށިދޫގެ ރައިވެރިކަމުގެ އެންމެ މަޝްހޫރު ތުނޑި އޭރިއާއަކީ ވެސް އެއީ އެވެ. އެހެންވެ ދޮންކަމަނައަށް އެ ސަރަހައްދުން ދޮން އަހަންމަދާ ބައްދަލުވީ އެވެ. އެ ސަރަހައްދަށް ލަފާ އޮޑިއަކުން ފޭބޭ މީހަކަށް ރަށުތެރެއަށް ވަދެވެން އޮންނަ ހަމައެކަނި މަގަކީ އެއީކަމަށް ވުމުން އެއީ ދޮން އަހަންމަދާއި ދޮންކަމަނަ ރައިވަރުން ބައްދަލުވާނެ ގޮތް ކަމަށް ހަލީމަށް ވަނީ ގާތްގަނޑަކަށް ކަށަވަރު ކުރެވިފައެވެ.

ހަލީމް ވިދާޅުވި ގޮތުގައި ދޮން އަހަންމަދާއި ދޮންކަމަނަ ވާހަކައިގެ ތެރެއަށް ފީނުމަށް އޭނާ 1978 އާއި 1988 ދެމެދު ޅ. އަަތޮޅާއި ނ. އަތޮޅުގެ ހުރިހާ ރަށަކަށް ދަތުރު ކުރެއްވި އެވެ. އަދި އެ ދަތުރުތަކުގައި އޭނާ ކުރެއްވި ދިރާސާތަކުން ދޮންކަމަނައަކީ ނ. އަތޮޅު ވެލިދޫ އަންހެނެއް ކަން ޝައްކެއް ނެތް މިންވަރަށް އޭނާ އަށް ސާބިތު ކުރެވެ އެވެ.

އޭނާ ވިދާޅުވާ ގޮތުގައި އޭނާގެ ހުރިހާ ހޯދުމަކުން ދައްކާ ގޮތުގައި އެ ޒަމާނުގައި ކާށިދޫއާ ދެމެދު އެންމެ ގާތް ގުޅުމެއް އޮންނަ ރަށަކީ ވެލިދޫ އެވެ. ދޮންކަމަނަގެ އިސްކޮޅާއި ހަމުގެ ކުލަ އާއި އެހެނިހެން ސިފަތައް ކަމަށް ދުވަސްވީ މީހުންގެ ފަރާތުން އެނގޭ ސިފަތައް ފެންނަނީ ވެލިދޫ އަންހެނުންގެ ކިބައިންނެވެ.

ދޮންކަމަނައަކީ ވަރަށް ދޮން މީހަކަށްވުމުން އޭނާ ރަށުގެ އެހެން މީހުންނާ ކައިރިޔަށް ގެންދާކަށް ދޮން އަހަންމަދު ބޭނުން ނުވެ އެވެ. އެހެންވެ އެކަހެރިކޮށް ދިރިއުޅެން ދިމާވި ސަރަހައްދުގައި ދިރިއުޅުން ބިނާ ކުރީ އެވެ. ހަލީމް ވިދާޅުވި ގޮތުގައި އެކަން ދިރާސާ ކުރަން ދެރަބެޖާޑި ސަރަހައްދު އަރާމަގު ކޮނެ ބެލި އިރު އޮމާން ގާތަކުން ހަދާފައި ހުރި ޕޮންޑުތަކާއި ދިރިއުޅުމަށް ބޭނުން ކުރި ތަކެތި އޭނާއަށް ހޯދުނެވެ. އަދި އެތަނުގައި ކުޅިއެއް އޮތުމުން ކަންޒުކަހަނބާއި އެކި ބާވަތުގެ ބޭންގައި މަސް ހިފުމަކީ ދޮންކަމަނަައަށް ފަސޭހައިން ކުރެވޭނެ ކަމަކަށް ވުމުން ދޮންއަހަންމަދު އެ މަސައްކަތުން ވީއްލާފައި ބެހެއްޓީ އެވެ. އޭގެ ބޭނުމަކީ ދޮންކަމަނަގެ ވިސްނުން ހުރީ އުމުރަށް ރަށުގައި ދިރިއުޅެން ނޫންވުން ކަމަށް ވެދާނެ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.

"ދޮންކަމަނަގެ ފުރަތަމަ ޝަރުތުގައި މަސް ހޯދާ ގެއަށް ބޭނުންވާ ލައިގެން ކާއެއްޗެހި ހޯދުމުގެ ބައި ދޮން އަހަންމަދުގެ ކިބައިން އޮންނަނީ ވަކިކޮށްފައި. މި ކުޅީގެ ތެރެއިން ކަންޒު ކަހަނބު ލިބޭ. އެހެން ފާޑުފާޑުގެ މަސް ލިބޭ އެ މަސް މިއަދު ވެސް ވަަކިން ނަގާ ކައްކާލައިފި ނަމަ ކަނޑުމަހެކޭ އެއްވެސް ތަފާތެއް ނުހުންނާނެ. ކުލަ ވެސް ވަރަށް ރީތި ރަތް ކުލައިގައި ހުންނާނީ. އެހެންވެ އެކަން ކުރަމުން އައީ ދޮންކަމަނަ،" އޭނާ ވިދާޅުވި އެވެ.

ދޮންކަމަނަ އާއި ދޮން އަހަންމަދު މި ރަށުގައި އަށް އަހަރު ވަކިން ސިއްރު ގޮތަކަށް ދިރިއުޅުމަފަހު، ލެފި އޮޑިއެއްގައި ދޮން ކަމަނަ، ދޮން އަހަންމަދަށް ވެސް ފިލައި ރަށުން ފުރައިގެން ދިޔައީ އެވެ. އެހެންވެ އެކަން ބޮޑު މިސްޓްރީއަކަށްވެ ދޮން އަހަންމަދާއެކީ އުޅުނީ ޖިންނިއެއްގެ ގޮތަށް ވާހަކަ ބަދަލުވެގެން އައީ އެވެ.

"އަރާމަގު ދޮންކަމަނައަކީ ޖިންނިއެއް ނޫން. އެއީ މި ރަށުގައި އުޅުނު އަންހެނެއް. އޭނާގެ ވާހާކަ ބަދަލުވެފައި އެވަނީ،"

އަޅުގަނޑު ބުނާނަން. މި ދިރާސާ ހަމަ 90 ޕަސަންޓު އެކިއުރޭޓް ވާނެ،
ހަލީމް | ރިސާޗަރެއްް

އަރާމަގު ދޮންކަމަނަގެ ހަގީގަތް ހޯދަން ހަލީމް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި އެވެ. އަދި ގިނަ ރަށްތަކަކަށް ދަތުރު ކުރައްވާ ކޮންމެ ރަށެއްގައި 15 ދުވަސް ހޭދަ ކުރެއްވި އެވެ. އަދި ކާށިދޫގެ އެތައް ސަރަހައްދެއް ކޮނެ ހޯދާ ބެއްލެވި އެވެ. ދުވަސްވީ މީހުންނާ ވާާހަކަ ދައްކަވާ މައުލޫމާތު އެއް ކުރެއްވި އެވެ އެހެން ކަމުން މިއީ މި ރަށުގެ އަރާމަގުން ތިލަވެގެން އަންނަނަ ދޮން އަހަންމަދާއި ދޮން ކަމަނަގެ އާ ވާހަކައެކެވެ.