ދިޔަރެސް

ހަނދާންތައް ހިފައިގެން ކާށިދޫ ވެވަށް!

ކާށިދޫން: އައިޝާ އަޝްރަފް
Jun 1, 2019
2
ކާށިދޫގައި އޮތް ވެވުގެ ބައެއް ހަނދާންތަކާއި ތާރީހުތައް ކިޔައިދޭ ވިޑިއޯ އިންޓަވިއުއެއް | އަވަސް

ކާށިދޫގައި މުއްސަނދީ ދަނޑުބިންތައް އެކަންޏެއް ނޫނެވެ. މި ގުޅިފައިވާ ފޯކްލޯރްތައް ވަރަށް ވެސް އެހާ މުއްސަންޖެވެ. ތާރީހާ ގުޅިފައިވާ ވާހަކަތައް ގިނަވެފައި ކާށިދޫ ކަނޑުހާ ފުނެވެ. ކާށިދޫ ކަނޑާއި ކާށިދޫ ކުޑަ ކަނޑާއި ކާށިދޫ ތަރާގަނޑާއި ކުރުހިންނައާ ކާށިދޫގެ އަރާމަގު ދޮން ކަމަނައާ ދޮންއަހުމަދުގެ ވާހަކަ މަޝްހޫރެވެ. އެކަމަކު އިހުގައި ކާށީދޫއަށް ހާއްސަ އެންމެ މަޝްހުރު އެއް ވާހަކައަކީ މިރަށުގެ ވެވުގެ ވާހަަކަ އެވެ. ކާށިދޫއާ ގުޅިފައިވާ ތާރީހީ މި ވެވަކީ މިހާރު މި ރަށުގެ ސްކޫލް ކަންމައްޗަށް މިހިރަ "އަނބުގަސްދޮށު" ގޭގައި މާ އިހު ޒަމާނެއްގައި ހުރި މާ ސިންގާ ބޮޑު ފެންގަނޑެކެވެ. މުޅި ރާއްޖޭގައި ވެސް އޮތް އެންމެ ބޮޑު ވެވަކީ ކާށީދޫ ވެވު ކަމަށް ބުނެވެ އެވެ.

އެއީ ވަރަށް ބޮޑު ވެވެއް! ހުންނާނީ ދެކޮޅުގަ ދެ ހަރުފަތްބަރި. އަޅުގަނޑުމެން ކިޔާނީ ދޫނި ހަރުފަތް. ދޫނިފަތް ކިޔާނީ... ތިރިއަށް ފޭބޭ ސިޑިތަކެއް އެ ދެން. އިހުގައި ކިޔަނީ ދޫނިފަތް... މިހާރު ކިޔާނީ ސިޑި، އެހެންނޫންތޯ ދިހަ ދިހަ ވަރަކަށް ގަނަޑު ހަރުފަތް ހުންނާނެ ފަރާތަކުން، އެއީ އެފަރާތަށް ހަރުފަތެއް! މިފަރާތަށް ހަރުފަތެއް! ދެން ފެން ވަރާލަން މީހުން ގޮސް އެރޭނެ. އަނެއްކާ ބީރައްޓެހިން ވެސް ކާށީދޫ ވެވަށް އެރެން އަންނާނެ، މަހަށް ދާ މީހުން ވެސް އަންނާނެ
އިބްރާހިމް އަހުމަދު | ކާށިދޫ

ވެވެކީ މީހުން ފެންވަރަށް އެރި އުޅުމަށް ދޫނިފަތްލައި ތިލަވަތް ގާ އަޅައި ކައިރިވެސް ހަދާފައި އޮންނަ ފެންގަނޑެކެވެ. މިހާރު ގޮތަކަށް ކިޔަންޏާ އެއީ ޕަބްލިކް ސުވިމިނ ޕޫލެކޭ ކިއިދާނެ އެވެ. މިފެންގަނޑަށް ހުންނަނީ ދޫނިފަތް ލާފައޭ ބުނަނީ ފެންގަނޑަށް ފައިބާށާއި އެރެން ދެ ފަރާތުން ފުޅަލަށް ހިރިގަލުން ހަދާފައި އޮންނަ ހަރުފަތް ބަރިއަށެވެ.

މީގެ ޒަމާންތަކެއް ކުރިން މި ރަށުގެ މިތާނގައި ވެވެއް އޮތް ކަމާއި އެ ވެވު ފަސް އަޅާ ވަޅުލި ވާހަކަތަކެއް މި ރަށުގެ މީހުން އެކި ގޮތް ގޮތަށް ކިޔައިދެ އެވެ. މިހާރު މިއޮތް ކާށިދޫގެ އާބާދީގައި އެ ވެވު ހަމަ ލޮލަށް ދުށް، އެ ނަސީބު ލިބުނު އެކަކީ މިހާރު އުމުރުން އައްޑިހަ އަހަރަށް ވުރެ ދުވަސް ވެފައިވާ މި ރަށު ބޮއިގަސްދޮށުގޭ އިބްރާހިމް އަހުމަދެވެ. މިރަށު އެންމެން ކަހަލަ ގޮތަކަށް ކިޔައި އުޅޭ އިބްރާހިމްބެ އެވެ. ވެވަށް އެރި އުޅުނު ޒަމާނާއި ފަސް އަޅާ ބިމު އަޑީ ވެވު ވަޅުލި އިރު މަންޒަރު އޭނާއަށް ވަނީ ފެނިފައެވެ. އެ ނޫނަސް އެފަދަ ބައެއް އިސް ރަށްވެހީން މި ރަށުގައި އަދި ހެޔޮހާލުގައި އެބަތިއްބެވެ.

އިބްރާހިމްބެއަކީ އޭނާގެ ޅަފުރާގައި ވެވަށް އެރި ވެވުގެ ފެންގަނޑުގެ ތެރޭގައި ބަކަތަޅައި އުޅެމުން ބޮޑުވި ކުއްޖެކޭ އޭނާއަށް ބުނެވިދާނެ އެވެ.

"އެ ވެވު ދޯ؟!" ވެވުގެ ވާހަކައިން ހަނދާންހުރި ބައި ފަށަމުން އޭނާ ބުނެލި އެވެ. އެ ވާހަކަ ދައްކަން އިިބްރާހިމްބެއަށް ނިއުޅާލަން ޖެހުނީ މާޒީގެ އެތައް އެތައް އަހަރެއްގެ ދުރަށް އޮބާފާއިވާ ހަނދާނުގެ ފީތާއެކެވެ. އޭނާގެ އެންމެ ޅަ ދުވަސްވަރު އުޅުނު ގޮތް އަލުން ސިފަކޮށްލައިދޭން ޖެހުނީ އެވެ.

"އެއީ ވަރަށް ބޮޑު ވެވެއް! ހުންނާނީ ދެކޮޅުގަ ދެ ހަރުފަތްބަރި. އަޅުގަނޑުމެން ކިޔާނީ ދޫނި ހަރުފަތް. ދޫނިފަތް ކިޔާނީ... ތިރިއަށް ފޭބޭ ސިޑިތަކެއް އެ ދެން. އިހުގައި ކިޔަނީ ދޫނިފަތް... މިހާރު ކިޔާނީ ސިޑި، އެހެންނޫންތޯ ދިހަ ދިހަ ވަރަކަށް ގަނަޑު ހަރުފަތް ހުންނާނެ ފަރާތަކުން، އެއީ އެފަރާތަށް ހަރުފަތެއް! މިފަރާތަށް ހަރުފަތެއް! ދެން ފެން ވަރާލަން މީހުން ގޮސް އެރޭނެ. އަނެއްކާ ބީރައްޓެހިން ވެސް ކާށީދޫ ވެވަށް އެރެން އަންނާނެ، މަހަށް ދާ މީހުން ވެސް އަންނާނެ. މަހަށް ދާ މީހުން ވެސް އަންނާނެ" ހަނދާންތައް އާވުމުން އިބްރާހިމްބެއަށް ހީވީ ދޫނިފަތުން ވެވެގުތެރެއަށް ފޭބެމުން ދިޔަ ހެނެވެ.

އިބްރާހިމްބެގެ ވާހަކައިގައި އެންމެ ފުރަތަމަ ވެވު ސިފަކޮށް ދިނެވެ. އޭނާ ބުނާ ގޮތުގައި ހިރިގަލުން ހަދާފައި ހުރި އެ ވެވުގެ ދެފަރާތުގައި ހުރި ދެ ހަރުފަތްބަރިން ފަށައިގެން އެ ވެވުން ފެންވެރުމަށް ވެވަށް އެރެން ރަށްރަށުގެ މީހުންނާއި ބީރައްޓެހިން އައިސް އަބަދުވެސް އޮންނަނީ ފުރިފަ އެވެ.

"އަޅުގަނޑު އެންމެ ކުޑަކުޑަ އިރުވެސް ވެވަށް އެރި އުޅުނިން!" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެންމެން އެރި ފެންވަރާ ފެންޖަހާ އުޅުނު އެ ވެވަކީ ވަޅު ދިޔަ ހިއްކާ ސާފު ކުރާ ގޮތަށް ސާފުކޮށް ހިއްކާ ވެސް އުޅުނު ބޮޑު ވެވެކެވެ. ބަލަހައްޓާ މީހުނާއި ސާފު ކުރާ މީހުން ވެސް އޭރު ތިބެ އެވެ. ވެވު ހިއްކާލާ ރީތި ކޮށްލާފައު ދެން ކަރުތާފެނަށް ފެން އަރުވާލާފައި އޮންނަ އިރު "ތިނޯހެއް ވެއްޓުނަސް" މަތީގައި ތިބެފައި ބަލާއިރު ފެންނާނެ ކަމަށް އިބްރާހިމްބެ ބުނެ އެވެ. އޭނާ އެހެން ބުނަނީ ދޮވެ ހިއްކާލައި އަލުން ފެން އެރުމުން އޮންނަ ފެންފަނޑުގެ ސާފުކަން ސިފަކޮށްދޭށެވެ.

"ދިޔަ ހިއްކާލާފައި އޮންނަ އިރު ހަތަރު ކަނުގައި ހުންނާނެ ހަތަރު އުނގުރި، ދިޔަ ހިއްކާނީ ރައްޔިތުންނަށް ގޮވާލައިގެން. ދިޔަ ހިއްކާކަށް އޭރު ޕަމްޕެއް ނުހުރޭ... އޭރު އަޅުގަނޑު ވަރަށް ކުޑަ... އަޅުގަނޑުމެންގެ ބައްޕަމެން ގެންގުޅޭނެ ޑަބިޔާ، މިހާރު މި ހުންނަ ބިސްކޯދު ޑަބިޔާ، އޭރު ކިޔާނީ ތެޔޮ ނާޅި ޑަބިޔާ! ދެން އޭގެ ޑަބިޔަލުގައި ދަނޑި ބަދެލާނީ ... އެތަނުން އޮންނާނެ ބޮޑު ކޯރެއް ކޮނެފައި! އެ ކޯރު އޮންނާނީ މިހާރު މި ރަށުގެ ބެންކު ކައިރިން ގޮސް މޫދަށް ކަނޑާފައި،" އޭނާ ކިޔައިދިނެވެ.

"ދެން އެ ހިސާބަކަށް ނާންނާނެ އެ ކޯރެއް އޭރު މިސްކިތާ ހަމައަށް އަންނާނީ އެ ކޯރު، މޫދު އޮންނާތީ. މިހާރު ކޯޓާ ހަމައިގައި މޫދު އޮންނާނީ. ދެން އެ ތަނަށް އައިސް އެ ކޯރު ކަނޑާލާފައި އޮންނާނީ ފުންކޮށް ކޮނެފައި. ދެން ޑަބިޔާ ހިފައިގެން މިތަނަށް އަންނަން މި ހަދާ ގޮތަކީ ބޮޑު ވަޅުގަނޑެއް ވެވު ކައިރީ އޮންނާނެ ކޮނެފައި ރައްޔިތުން، ދެން އެތަނަށް ސައްލި ދަމާލާފައި ގެންނަނީ، ސައްލި ދަމާލުން އެނގޭތަ؟ އެއީ އެކަކު އަތުން އަނެކަކު އަތަށް ފެން ޑަބިޔާ ދޭ ގޮތަށް މީހުންތައް ބަރިއަކަށް ތިބުން،"

ފެން ޑަބިޔާތައް މުޅި ރަށުގެ އެކެއް އަނެއްކެއްގެ އަތުން ދިއްކުރަމުން ގޮސް ވެވުގެ ފެންގަނޑު ހިންދާލަނީ އެވެ. އިބްރާހިމްބެ ބުނި ގޮތުގައި ރަށުގެ ބޮޑެތި މީހުނާއެކު ކުޑަ ކުދިން ވެސް ބައިވެރިވެ އެވެ.

"އޭގެ ތެރޭގައި އަޅުގަނޑުވެސް ގޮސް އުޅެން! ވެވު ހިއްކާ ދުވަހެއް ވެއްޖިއްޔާ އެހެން ކުދިންނާއެކު އެ ތަނުގައި ސަކަރާތްޖަހާ އުޅެން، ރޯނުގަނޑެއްގައި ގަލެއް އައްސައިގެން ހަދާ ގޮތަކީ ވެވުން ހުސްކުރާ ފެން ޑަބިޔަލުގައި ގެންގޮސް އަޅާލުމުން އެ ފެންގަނޑަށް ގާ ވައްޓާލައި ރޯނުގަނޑު ކޯރުގެ ތެރެއިން ދަމަނީ... އެއިން އުފެދޭ މޮއިގެ ތެރެއިން ފެންގަނޑު ދެމެމުން އަންނާނާނެ، އެކަން ކުދިވެރިންނަށް ކުޅިވަރަކަށްވޭ!"

ކާށިދޫގެ ވެވުން ފެންވަރަން އުތުރާއި ދެކުނުގެ ރަށްރަށުން ވެސް މީހުން އާދެ އެވެ. އިބްރާހިމްބެ ބުނި ގޮތުގައި ރަށްރަށުން އެހެން އަންނަ މީހުން ވެވަށް އެރި، އެތައް އިރެއް ވަންދެން ތިބޭނެ އެވެ. -- ޓޫރިސްޓުން ރިސޯޓްގެ ސްވިމިން ޕޫލްގެ ޑެގް މަތީގައި އަވީލެވިގެން ތިބޭ ގޮތަށެވެ.

އޭނާ ބުނި ގޮތުގައި ވެވުގެ ފެންގަނޑު ހަޑިވެ ކިލާވެ، މީހުން ވެވާ ދުރަށް ޖެހެން ފެށީ މަހަށް ދާ މީހުން އެއެއް މިއެއް ނުބަލައި ދޯނިފަހަރުގެ ރިޔާތައް ވެވަށް ވައްޓާލައި ދޮންނަން ފެށި ހިސާބުންނެވެ.

"އާއްމުން އެއްވެ ފެންވަރާ ހެދި މި ތަނުގައި ބޮޑެތި ރިޔާ ފޮތިގަނޑުގަނޑު ދޮވެ ފެންލާން ވުމުން ކިލާ ވާނެއެއް ނޫންތަ؟"

ވެވު މާޒީއާއެކުވެ އޭގެ މައްޗަށް ފަސްލެވި މި ރަށުގެ އަނބުގަސްދޮށުގޭ ބޮޑު ބައެއް މިހުރީ ވެވު އޮތް ތަނުގަ އެވެ. ވެވު އޮތް ކަމަށް އިބްރާހިމްބެ އާއި މިރަށުގެ އެހެން މުސްކުޅިން ބުނާ ސަރަހައްދުގައި ދެ ގެއެއް އެބަހުރެ އެވެ. ވެވު އޮތް ކަމަށް ވަނީ މި ދެގޭ މެދަށްވާ ގޮތަށެވެ. މި ދެ ގެއަކީ ވެސް ވެވުގެ ބައެކެވެ. އެހެންވެ ކާށިދޫ ވެވަކީ އެންމެ ބޮޑެތި ސްވިމިން ޕޫލްތަކާ އެއްވަރުގެ ފެންގަނޑެކެވެ.

ވެވު ހިމެނޭ ދިމާލުގެ ތެރެއިން އެއްގޭގައި މީހުން އުޅެ އެވެ. ދެން ހުރި ގެ ހުރީ ފިހާރައެއް ކަހަލަ ތަނަކަށް ހަދައި ހުހަށެވެ. މީހުން ދިރިއުޅޭ ގޭގައި އުޅޭ މީހުންނަށް އެ ވެވުގެ އިހުސާސް އަދިވެސް ކުރެވޭ ކަމަށް މިރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

"އެތަނުން މީހުން އުޅޭ ގޭގެ މީހުން ބުނޭ އެ ދިމާ ބިމުގެ އަޑިން ފިނި ހެދި، ވަރަށް ފިނިވާ ކަމުގެ އިހުސާސް ކުރެވެއޭ. ބޮޑަށް ބެލެވެނީ ފަސް އަޅާ ވަޅުލި ފަހުން ވެސް އެ ވެވުގެ އަސަރު ހުރީ ކަމަށް. ފެންގަނޑެއް އޮތް ތަނެއް ކަމުން އެގޭ ތަޅުންގަނޑާއި ގާތަށް ފިނި ވެފައި އޮންނަނީ ކަމަށް ބުނަނީ،" މިރަށުގެ މީހަކު ބުންޏެވެ.

ކާށިދޫ ވެވަށް ފަސް އަޅާ ވަޅުލި ކަމަށް މި ރަށުގެ މީހުން ބުނަނީ ރައީސް އިބުރާހީމް ނާސިރުގެ ބޮޑު ވަޒީރު ކަމުގަ އެވެ. އެއީ މަދިރި ގިނަވެ ރަށު ރައްޔިތުންނަށް މަދިރީގެ އުނދަގޫ ޖެހޭތީ ފަސް އަޅާ ބިމު އަޑިއަށް ވަޅުލާން ރައްޔިތުން ބޭނުންވީ އެވެ. ނަމަވެސް ވެވަށް ފަސްލާ ފޮރުވާލީ ނާސިރު ރައީސް ކަމުގައި ހެލްތު މިނިސްޓަރު މޫމިނާ ހަލީމް އަންގަވައިގެން އެ ގޮތަށް އެކަން ކުރަން މަޖުބޫރު ވެގެނެވެ. ފަސްލި އިރު ވެވު މަތީން ބޭރަށް އިންނަ އުސް ގާފޮޅު ފިޔަވައި އެއްވެސް ތަނެއް ހަލާކުކޮށެއް ނުލަ އެވެ.

"ގާ އޮންނާނީ ކަޅުފަތް ކަނޑާފަ. އެންމެ ވެލި ކޮޅެއްވެސް އެ ހިންމި އަކުން ނާރާނެ. ބައްދާލި އިރު ވެވްގެ އަޑި ހަލާކެއް ނުކުރެ. ވެވުގެ ދެފަރާތް ހުންނާނެ ދޮޅު ފޫޓަށް ނަގާފަ، މި ބުނާ ސިޑި ބަރީގެ ވަށައިގެން ދެ ފޫޓު ދޮޅު ފޫޓު ހުންނާނެ. އެއީ ކުދިން ވެއްޓިދާނެތީ.... ދެން އެ ވެވުގެ އެތެރެއަށް އެބައި ވައްޓާލައި ފޮރުވާލީ ރައްޔިތުން،"

ހިރިގާ ތަޅައިގެން ހަދާފައިވާ މި ވެވަށް ފަސްލައި ބިމުގެ އަޑިއަޑިއަށް ދޫކޮށްލައިފައި ވިޔަސް އެއީ ކާށިދޫގެ މުއްސަނދި ތާރީހެވެ. މިހާރު ކޮނެލިއަސް އެ މުއްސަނދިކަން ދިމާއަށް ފެންނާން އޮންޏާނެ އެވެ.