ޖަލުގައި "ބަންދުވި" ކާށިދޫ ދަނޑުތައް!

ކާށިދޫން: މޫސާ ރަޝީދު
ކާށިދޫގެ ދަނޑުވެރިކަމާއި އެ ރަށުގައި އަޅާ ޖަލާ ބެހޭ ގޮތުން އަވަސްގެ ތައްޔާރުކުރި ވީޑިއޯ ރިޕޯޓް | އަވަސް

ދަނޑުވެރި ކާށިދޫއަށް ލެފިއްޖެއްޔާ މި ރަށުގެ ދަނޑުވެރި ކަމާއި ދަނޑުތައް ބަލައިނުލާ ފައިބައިގެން ދިޔުމަކީ އެހާ ރަނގަޅު ގޮތަކަށެއް ނުވާނެ އެވެ. މި މާލެ އަތޮޅުގައި ދަނޑުވެރިކަމުގެ މަސައްކަތް އެންމެ ގަދައަށް ރަނގަޅަށް ކުރާ ރަށަކީ މި ކާށިދޫ އެވެ. މި ރަށު ރައްޔިތަކީ ވެސް ދަނޑުވެރިންނެވެ. މި ރަށަކީ ވެސް ޒަމާނުއްސުރެ ބޮޑު ބިޔަ ދަނޑުބިމެކެވެ. މި ރަށުގެ ކޮންމެ ގެއެއްގައި ދަނޑެއް އޮވެ އެވެ. އަބަދުވެސް ރޯދައާ ދިމާކޮށް މާލޭގެ މާރުކޭޓްތަކުގައި މިރުހާއި ކޮޕީފަތާއި ފަތްކޭލައި ކަރަ އާއި ކުރުނބާ އަދި މި ނޫންވެސް ތަރުކާރީ އާއި މޭވާ ތިޔާގިކޮށްދޭ އެއް ބަޔަކީ މި ކާށިދޫގެ ހީވާގި ދަނޑުވެރިންނެވެ. ކާށިދޫގެ އެ މަންޒަރު ސީދާ މި ފަސްގަނޑުގައި ހުރެފައި ބަލައިލަން މާ ރީއްޗެވެ.

މި ރަށުގެ ދަނޑު ބިންތަކަށް ގޮސް ބަލައިލިއިރު ވަރަށް ރީއްޗަށް ތަރުތީބުކޮށް ތަރުކާރީ އާއި މޭވާ ހައްދާލާފައިވާ އެތައް ދަނޑެއް ސަރާރަށް ފެންނާން އެބައޮތެވެ. ބައެއް ދަނޑުތަކުގައި މޭވާތައް ވަނީ ފައްކާވެފަ އެވެ. އާ ރުއްތައް ފޯދި ރަނގަޅަށް ހެދެން ފަށައިފަ އެވެ. އަނެއްބައި ދަނޑުތަކުގައި ހުރީ ވަޅުގަނޑުތައް ޖަހާ ކުރިތައް އިންދަން ފަށައިފަ އެވެ.

ދަނޑުތައް ހުންނަނީ މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރުގައި ވަލުގެ އެކި ދިމަ ދިމާލުގަ އެވެ. އަރާއިރާއެކު ދަނޑުވެރިން ގާޑިޔާތައް ދަމާފައި ތަކެތި އަރުވައިގެން ދަނޑަށް ދާ މަންޒަރު ފެނެ އެވެ. މިއިން ކޮންމެ ދަނޑުވެރިއަކާ ސުވާލު ކޮށްލިޔަސް ވަރަށް ކުރުކޮށް ދޭ ޖަވާބަކީ މި އެވެ.

"ދަނޑުވެރިކަން ގޯހެއް ނޫން!"

ނަމަވެސް މިއިން ކޮންމެ ދަނޑުވެރިއަކު ދިގު ބަހުސް ކުރަން ތައްޔާރަށް ހުންނަ މައުލޫއަކީ ޖަލަކާ ހެދި "ބަންދުވެފައި" ވާ މި ރަށު ދަނޑު ބިންތަކުގެ ވާހަކަ އެވެ. ހަމަ ކޮންމެ މީހަކުވެސް އެ ވާހަކަ ދައްކަން ބޭނުންވެ އެވެ.

"ދުވަހަކު ނޭޅުނު އެ ބުނާ ޖަލެއް، ޖެލެއް މި ރަށަށް ބޭނުމެއް ވެސް ނުވޭ. ދަނޑު ބިންތައް މަތީ ޖަލު އަޅާ ސާމާނުތައް ބެހެއްޓި ގޮތަށް ވަލަށް ދޫކޮށްލާފައި އެ ހުރީ. ބާ ދަގަނޑަށްވެ ވީރާނާވެފައި. ދަނޑެއް ވެސް ޖަލެއް ވެސް ނުލިބި ރަށަށް ބޮޑު ގެއްލުމެއް މި ލިބުނީ،" ކާށިދޫ ދަނޑުވެރިއަކު ޝަކުވާ އޮއްސާލި އެވެ.

މި އެންމެ މި ދައްކަނީ 2013 ވަނަ އަހަރުގެ ތެރޭގައި 143 މިލިއަން ރުފިޔާ ހަރަދުކޮށް ބަޔަކާ ހަވާލުކޮށްގެން ކާށިދޫގައި އަޅަން ނިންމި ޖަލުގެ ވާހަކަ އެވެ. އެ މަޝްރޫއު އޭރު ކުރިޔަށް ނުގެންދެވުން ނަމަވެސް ކުރީ ސަރުކާރުގައި މީގެ ދެ އަހަރު ކުރިން ޖަލު އަޅަން ބޭނުންވާ އެތަށް މިލިއަން ރުފިޔާގެ ސާމާނު ގެނެސް ކާށިދޫއަށް "އަޅައިލި" އެވެ. އޭރު ގެނައި ގޮތަށް އަދިވެސް އެތަކެތި މި ރަށުގެ ވަލުތެރޭގައި އެބަހުއްޓެވެ.

މި ރަށުގެ ދަނޑުވެރިއަކު ބުނި ގޮތުގައި މައްސަލައަކީ ރަށަށް ބޭނުން ނުވާ މަޝްރޫއެއް ގެނެސް ރަށުގެ އެންމެ ގަދައަށް ދަނޑުވެރި ކުރަމުން އައި ސަރަހައްދު އެކަމަށް ހުސް ކުރަން ޖެހުމެވެ. އޭގެ ސަބަބުން އެތައް ދުވަހެއްގެ ބުރަ މަސައްކަތް ހުއްޓާލަން ޖެހި ކާށިދޫ ދަނޑުވެރިން އެ ބިންތައް ދޫކޮށް އެހެން ތަނަކަށް ބަދަލުވާން ޖެހުނެވެ. މިހާރު މި ރަށުގެ ދަނޑުވެރިން ވަލު ތެރޭ އެކި ތަންތަންކޮޅުގައި ދަނޑު ހަދައިގެން އުޅެން ޖެހޭ މައިގަނޑު ސަބަބަކީ އެއީ ކަމަށް މިރަށުގެ ދަނޑުވެރިން ބުނެ އެވެ.

"މިސާލަކަށް ޓޫރިޒަމް މަސައްކަތަކަށް ބިން ދޭށޭ ބުނި ނަމަވެސް އަޅުގަނޑުމެން ހިލޭ ވެސް މި ބިން ދިނީސް. އެއީ ރަށަށް ވާން އޮތް ބޮޑު ފައިދާއެއް. އެކަމަކު މިހާރު މިތަނުގައި ޖަލެއް އަޅަން ބުނެ އެކަން ވެސް ނުވި. އުމުރު ދުވަހު ކުރި މަސައްކަތް މިއީ މިތަން ހެދުން. އެ ވަރު މަސައްކަތެއް އަލުން އިތުރަކަށް ނުވާނެ،" ޖަލު ސާމާނުތައް އަޅާފައި ހުރި ސަރަހައްދުގައި ހުރެ އެކަކު ބުންޏެވެ.

ޖަލުގެ ހަދާ ސާމާނުތައް "ހުސްވަނީ"

ޖަލު ހަދަން އެތައް މިލިއަން ރުފިޔާއެއްގެ ސާމާނާއި އާލާތް ދަނޑުވެރިކަން ކުރާ މި ރަށުގެ މައި ސަރަހައްދަށް ޖަމާކޮށްފައިވާ އޮންނަތާ އެތައް އަހަރެއްވެފައި ވެއެވެ. އެތަން މިހާރު ހުރީ ވިނަ ބޯވެ އަލުން ވަލަކަށް ވެފައެވެ. ދަގަނޑު ކޮންޓޭނަރުތަކާއި ހޮޅިތަކާއި ފިލާތައް ފަނވާން ކައިރިވެފަ އެވެ. އެތަކެތި ބަލަހައްޓާނެ ބަޔަކު ނެތެވެ. އަދި ދާދި ފަހުން ހޫނުގެ ސަބަބުން މި ރަށުގެ ވަލުގައި އަލިފާނުގެ ހާދިސާއެއް ވެސް ހިނގީ އެތާނގެ ކައިރިންނެވެ. ވަގުތަށް ނާދެވުނު ނަމަ އެތަށް މިލިއަން ރުފިޔާއެއް އަނދާ އަޅިއަށްވެސް ވީއެވެ

ކާށިދޫ ކައުންސިލްގެ ރައީސް އަލީ ސުލްތާން ވިދާޅުވި ގޮތުގައި އެތަން ދޫކޮށްލާފައި އޮންނާތީ އެ މައްސަލަ ސަރުކާރާއި ހޯމް މިނިސްޓަރުންގެ ސަމާލު ކަމަށް ވެސް އެތައް ފަހަރަކު ވަނީ ގެންގޮސްފަ އެވެ. ޖަލެއް މިރަށުގައި އަޅަންޏާ އަޅަން ނުވަތަ ދަނޑުވެރިންނަށް ދޫކޮށްލަން ވެސް އެތަށް ފަހަރަކު އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެއިން އެއްވެސް ކަމަަކަށް ސަރުކާރުން ސަމާލު ކަމެއް ނުދެ އެވެ. ނަތީޖާއަކަށްވީ އެ ތަކަތީގެ ގިނަ ސަމާނާއި އާލަތް" އެއް ވަގު އަނެއް ވަގަށް" ނަގައި ހުސްވާން ދިއުމެވެ.

"އަޅުގަނޑުމެންނަށް އެބަ ހަބަރު ލިބޭ ނަރު ރޯލާއި އެހެން ސާމާނުތައް ކާށިދޫއިން ގެންނަ ސްޓޮަކަކުން ވަރަށް ގަދައަށް ވިކެމުންދާ ވާހަކަ. އެކަން އެނގިގެން އެ ވާހަކަ ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެންދިޔައިން އެތަނުގައި ހުރި ތަޅުތައް ހަލާކުކޮށްލައިގެން ވަގުން ވަދެ އެތިކޮޅު ވިއްކާ ހުސްކޮށްލަނީ. އެހެންވެ މި ބުނީ އެތަނަށް ކޮންމެވެސް އެއްގޮތަށް ހަަދަން،" އަލީ ވިދާޅުވި އެވެ.

ދަނޑުވެރިންގެ ޝަކުވާތައް ހައްލެއް ނުވާތަނުގައި އެންމެ ކުޑާ މިނުން ދައުލަތުންކޮށްފައިވާ ބޮޑު ހަރަދެއް ވީރާނާވެގެން ދަނީ އެވެ. އެކަމަށް އަވަސް ހައްލެއް އެބަ ގެންނަން ޖެހެ އެވެ.