ކާށިދޫގެ ކޮންމެ ގެއެއްގައި މާބަގީޗާއެއް!

ކުއްޅަވައްފާ ތަކާއި ކަށިކެޔޮ ފާ ތަކުން ފުރިފައިވާ މި ކާށިދޫގެ ބިޔަ ބޮޑު ޖަންގަލިން ނެއްޓި، ދެ ހާހެއްހާ މީހުންގެ އާއްމު ދިރިއުޅުމުގެ ތެރެއަށް ވަންނަ އިރު މަގުތަކާއި ހިމަ ގޯޅިތަކުގައިވާ ގެތަކުން ފެންނަ ރަށްފުށުގެ ފެހި ދިރިއުޅުމުގައިވާ ތަފާތު ފެހިކަމަކުން ލޮލަށް ފަސޭހަކަން ގެނުވައި ދެއެވެ.

މި ރަށުގެ ކޮންމެ ގެއެއްގެ ގޯތި ތެރޭގައި މާ ބަގީޗާއެއް އެބަ އޮވެއެވެ. ކުދި ގަސް މުށިތައް ބަރިބަަރިއަަށް އަަތުރާލައި މާމެލާ މެލިން އޮންނަނީ ގޯތީގެ ބައެއް ފުރާފަ އެވެ. މާ ބަގީޗާތަކުގެ ފަރިކަމާއި މާހައުލުގައިވާ މީރު ވަހާއެކު މި ރަށުގެ މަގުތަކުގައި އެހެން ރަށްތަކާ ތަފާތު ކަމެއް ހުރެ އެވެ.

މިހާރު އޮފީސް އޮފީހުގައި އެންމެ ގާތްކޮށްގެން ކޮންމެ މީހެއްގެ މޭޒު މަތީ، ފޮޓޯ ރީތި ކުރަން ގެންގުޅޭ އިންޑޯ ޕްލާންޓްތައް ވެސް ގަސް މުށިތަކުގައި އިންދާ ބޮޑު ކޮށްފައި އެބަ ހުއްޓެވެ. އެއްބައި ގަސްމުށިތައް ގޭގޭގެ ފުރާޅު މަތިން ވާޖަހާފައި ތިރިއަށްވާ ގޮތަށް އެލުވާފައި ވެއެވެ. ދެން ހުރި ގަސްތައް ރީއްޗަށް ހަރު ހަރުގައި އަތުރާލާފަ އެވެ. ގަވައިދުން ގިނައިން ފެން ދޭން ނުޖެހޭ ކެކްޓަސްތަކާއި ސަކިއުލަންޓް ތަކުން މުޅި ގޯތި ތެރެ އެއްކޮށް އޮންނާނީ ފުރާފަ އެވެ.

މި ފެހި ގަސްތަކުގެ ތެރެއިން ފާޅުވާ ރީތި މާ ތައް ވެސް ވަރަށް ހާއްސަ އެވެ. ސައިމަލާއި ބޮނޑި ސައި މަލާއި ޗަމްޕާ ޕޫލު މަލެވެ. އެންމެ މަގުބޫލު ޖަޕާނު ރޯހާއި ކަނީރު މަލެވެ. އަދި އެ މާތަކުގެ ތެރެއިން، އަބަދަށް ފަރި ފިޔާތޮށި ފިނިފެންމާ ވެސް ރީއްޗަށް ފޮޅިފައި އެކި ސައިޒު ސައިޒަށް ހުއްޓެވެ. މީގެ ފިޔާތޮށި ފިނިފެންމަލެއް ނެތިއްޔާ ދެން ދިވެއްސެއްގެ ބަގީޗާއެއް، ފުރިހަމަ ބަގީޗާ އަކަށްވެސް ނުވާނެ ނޫން ހެއްޔެވެ؟

މި ރަށުގެ ފިރިހެންވެރިން ގެއާ ދުރުން ބޮޑެތި ދަނޑުތަކުގައި މޭވާ އާއި ތަރުކާރީ ވިޔަފާރީގެ މަސައްކަތް ފުޅާ ކުރުމަށް މަސައްކަތް ކުރާއިރު ގޭގައި ހުންނަން ކުރާ މަސައްކަތެއްހެން، ދަނޑުވެރިކަމުގެ ޒަމާނީ ބަގީޗާތަަކެއް މި ބަލަހައްޓަނީ އެ ރަށު އަންހެން ވެރިންނެވެ.

ގޭގެ ގޯތި ތެރޭގައި ގަސް މުށިތައް އިންދައި ރަނގަޅަށް ހެދިލުމުން ޕޮޓުތައް ގިނަކޮށް މާލެ އަށް ވިއްކަން ފޮނުވަނީ އެވެ. ކާށިދޫގައި ގަހާއި މާގަސް ހައްދާތާ މިހާރު ދެ އަހަރު ވަރު ވެދާނެ އެވެ. އެއީ ރަސްމީކޮށް ވިޔަފާރި އެއްގެ ގޮތަށް މިކަން ކުރަން ފެށި އުމުރެވެ.

"މިހާރު ދެ އަހަރު މި ވަނީ މިހެން ގަސް އިންދާތާ. މަލަށް ވުރެ ދިވެހިންނަށް މިހާރު ކަމުދަނީ، އިންޑޯ ޕްލާންޓްސް. އެ އަށް ބޭނުންވާ ހުރިހާ ސާމާނެއް ގިނައިން ގެންނަނީ ބޭރުން. ރާއްޖެއިން އެ ގަންނަން ވެއްޖިއްޔާ ވަރަށް އަގުބޮޑު އެހެންވެ، ބަލްކުކޮށް ބޭރުން އެ ގެނެސްގެން ގޭގެ ގޯތިތެރޭގައި އިންދާ ހަދަނީ. މި ގަސްތައް ރީއްޗަށް ހެދެން ނަގާނެ ދެތިން މަސް. ދެން މިހާރު އެހާ އުނދަގުލެއް ނޫން އޭގެ ގަސް އިންދާ ގޮތާ އެއްޗެހި ނޭނގިގެން އުޅޭކަށް. އެއީ މި ގަސްތަކާ ބެހޭ މައުލޫމާތު އިންޓަނެޓުންވެސް ލިބޭ. ފަސޭހައިން މައުލޫމާތުތައް ނަގާލެވޭނެ. ވަރަށް ފަސޭހައިން ކުރެވޭ ކަމެއް މިއީ". ކާށިދޫގައި މާ ގަހާއި ގަސްތައް އިންދާ ވިއްކުމުގައި އުޅޭ ޒުވާން މަންމައަކު ބުންޏެވެ.

މި ރަށުގެ އެހެން މީހަކު ބުނި ގޮތުގައި މި ގަސްތައް އިންދައި ކުރި އަކުން ކުރި އެއް ފަޅުވާ އިތުރު ކުރަން އަވީގައި ގިނަ އިރު ހޭދަކޮށް ވަގުތުތަކެއް ދުއްވާލާކަށް މިހާރު ނުޖެހެ އެވެ. އަމިއްލަ ގޯތި ތެރޭގައި ގަސްތައް އިންދައިގެން އާއިލާ އަށާއި ގޭތެރެއަށް ބޭނުންވާ ވަރަށް ހަރަދު ކުރެވެ އެވެ. އަދި އެންމެ މުހިއްމު ކަމެއް ކަމަށް ދެކޭ، އާއިލީ ވަގުތު ވެސް ފުރިހަމައަށް ދެވެ އެވެ.

ހިޔާ ގަސްތަކުން ފުރިފައިވާ މި ކާށިދޫގެ އާބާދީގެ ކޮންމެ ގެއެއްގައިހެން ގަސް މުށިތައް ބަހައްޓާފައި ހުރެ އެވެ. ގޭގެ ގޯތިތެރެ ހިތްފަސޭހަކޮށްލާފައި ހުންނަނީ ފެހި ގަސްތަކާއި ރީތިހާ މާމެލާ މެލިންނެވެ. މި މާތައް ފޮޅުވައި މާލެ ފޮނުވައިން އާމްދަނީ ހޯދާއިރު، މިއީ އެ މީހުން ދެކޭ ގޮތުގައި ކުރިމަގުގައި ފުޅާވެ ބޮޑު ފައިދާ އެއް ކުރާނެ ރަނގަޅު މަސައްކަތަކަށްވާނެ އެވެ. އަދި ރަށުގެ މާހައުލަށް އަންނަ ރީތި ބަދަލަކަށް ވެސް ވާނެ އެވެ.