ރޯދަ މަހާ ރޯއްޖާ

ދަނޑުވެރިންނަށް ހުރަހަކަށްވީ މޫސުން!

ރޯދަ މަހު އެންމެ ބޮޑަށް ބަރޯސާވާން ޖެހިފައި އޮންނަ އެއް ބަޔަކީ ދަނޑުވެރިންނާއި ދަނޑުވެރި ބާވަތްތަކެވެ. ދަނޑުވެރިން ރޯދައަށް ތައްޔާރުވުމުގެ ގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރާތީ އެވެ. ބައެއް ރަށްރަށުގެ ދަނޑުވެރިން ރޯދައިގެ ހަ މަސް ކުރިން ދަނޑުތަކުގެ މަސައްކަތް ފަށަ އެވެ. އަދި ވަރަށް ގިނަ ފަހަރަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިނަށް ރޯދައިގެ ތެރޭގަ އާއި ރޯދައިގެ ކުރީން ބޮޑެތި ގެއްލުންތައް ވެއެވެ. ބައެއް ފަހަރު ވިއްސާރައިގައި ޖެހި ހަމަސް ދުވަހުގެ މަސައްކަތް ހިނދުކޮޅެއްގެ ތެރޭގައި ވަޔާ ތަޅާލަ އެވެ.

ރޯދަ މަސް މި ފަހަރު އައިރު ވެސް އޮތީ ގާތްގަނޑަކަށް އެ މަންޒަރެވެ. މޫސުމީ ވިއްސާރައާއެކު ދަނޑުތައް ތަޅާލާފަ އެވެ. އެ ގެއްލުން ބޮޑަށް ތަހައްމަލު ކުރި އެއް ރަށަކީ މާލެ އަތޮޅު ކާށިދޫ އެވެ.

ރޯދަ މަސް ފެށުމުގެ ކުރިން ދުރާލައި ކާށިދޫގެ ދަނޑުވެރިން ވަނީ ކަރަ އާއި ފަތް ކޭލާއި ތޮރަ އާއި މިރުހާ ކޮޕީ ފަތުގެ އިތުރުން ލެޓިއުސް -- ކިރުކޮޕީ -- ފަދަ ބާވަތްތައް ހައްދާފައި ވެއެވެ.

އާއްމު ގޮތެއްގައި މި ބާވަތްތައް ވިއްކަައިގެން އެ ރަށު ދަނޑުވެރިންނަށް ރަނގަޅު ނަފާއެއްވެސް ލިބެ އެވެ. ނަމަވެސް ކާށިދޫގެ ބައެއް ދަނޑުވެރިންނަށް މިފަހަރު ކުރިމަތިލާން ޖެހުނީ ވަރަށް ބޮޑު މާޔޫސް ކަމާއެވެ. މިދިޔަ މަހު ރާއްޖެއަށް ކުރި ބޯ ވިއްސާރައިގެ ސަބަބުން ދަނޑުތަކަށް ވަނީ ބޮޑެތި ގެއްލުން ތަކެއް ވެފަ އެވެ. ފަޅޯ ދަނޑުތައް އެކީ ހަލާކުވެގެން ދިޔައީ އެވެ.

"އާމްދަނީން ބޮޑު ބައެއް ގެއްލިގެން ދާނެ. ބާޒާރަށް ވަރަށް ބޮޑު އެނގުމެއްވާނެ،" ކާށިދޫ ދަނޑުވެރިޔަކު ބުންޏެވެ.

ދަނޑުވެރިކަމަށް މަޝްހޫރު އއ. ތޮއްޑޫއަށް ވެސް ޖެހުނީ ގާތްގަނޑަކަށް އެ ހާލެވެ. އެރަށުގެ ދަނޑުވެރިއެއްގެ ދަނޑު ވެސް މިދިޔަ މަހުގެ ވިއްސާރައިގައި ވަނީ އެއްކޮށް ސުންނާފަތި ވެގެން ގޮސްފަ އެވެ.

"ރޯދަ އަށް ތައްޔާރުވުމުގެ ގޮތުން ވަރަށް ތައްޔާރީތައް ވިން. ނަމަވެސް މިފަހުން ރާއްޖެއަށް ކުރި ވިއްސާރައިގައި އަޅުގަނޑުމެންގެ ފަޅޯ ދަނޑާއި ދޮންކެޔޮ ނިރުފާ އެއްކޮށްހެން ވަނީ ސުންނާފަތި ވެފައި،" އެ ރަށުގެ އެއްދަނޑުވެރިޔަކު ބުންޏެވެ.

ރާއްޖެއަކީ މޫސުމަށް ގިނަ ބަދަލުތަކެއް އަންނަ ގައުމެކެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އަބަދުވެސް ގެއްލުންވާ އެއް ބަޔަކީ ދަނޑުވެރިންނެވެ. އޭގެ ސަބަބުން ރޯދަ މަހުގެ ބާޒާރަށް ވަރަށް ބޮޑަށް އަސަރު ކުރެ އެވެ.