އާބާދީގައި 2،000 މީހުން ދިރިއުޅޭ ކ. ކާށިދޫއަކީ ހިތްގައިމު ރަށެވެ. ނަމަވެސް ރާއްޖޭގެ އެހެން ރަށްތަކާ އެކަހެރިކޮށް އޮންނަ އެ ރަށަކީ މިހާރު އެހާ އަމާން ރަށަކަށް ނުވެ އެވެ. ފަހަކަށް އައިސް ކާށިދޫގައި ނިސްބަތުން ކުށްކުރުން ގިނަ ވެފައި ވެއެވެ. ހާއްސަކޮށް ޑްރަގުގެ ވިޔަފާރި ކުރުމާއި މަސްތުވާތަކެތީގެ މައްސަލަތައް ބޮޑުވެފއި ވެއެވެ. ކާށިދޫގެ ވައްކަންތައް ގުޅިފައި އޮންނަނީ ޑްރަގް ބޭނުން ކުރާ މީހުންނާއި އެ ވިޔަފާރީގެ އަޑީގައި ތިބި މީހުނާ އެވެ.
ކާށިދޫގައި ގާއިމުވެގެން ތިބޭ ފުލުހުންގެ އޮފީހެއް ހުރި ނަމަވެސް މައްސަލަތައް ހުއްޓުވުމަށް ކުރެވޭ އެއްވެސް ނެތްކަމުގެ ޝަކުވާ އެރަށުގެ ރައްޔިތުންގެ ތެރޭގައި އޮވެއެވެ. ރޭ ވެއްޖެނަމަ "ގޭންގް" ތައް ނުކުމެ ވައްކަން ކުރަން ފަށަ އެވެ. އެހެންވެ ކާށިދޫ ތެރޭގައި މިހާރު އޮންނަނީ ބިރުވެރި ކަމެއް އުފެދިފަ އެވެ.
"ގޭގެ ދޮރު މި ޖެހެނީ އަބަދު ތަޅުލައިގެން އުޅެން. ދަނޑުތަކުގައި އެއްޗެއް ހެއްދޭކަށް ނެތް، ދަނޑުތަކުން އެއްޗިހި ވަގަށް ބިނދެގެން ޑްރަގު ބޭނުން ކުރާ މީހުން ގެންދަނީ. އެކަން ހުއްޓުވޭނެ ގޮތެއް ނެތް،" ކާށިދޫން ވާހަކަ ދެއްކި މީހަކު ނަން ނުޖެހުމަށް އެދި ބުންޏެވެ.
މުދާ ބޭރުކުރާ ނެޓްވޯކް ތަކެއް
ކާށިދޫގައި ވައްކަން އިންތިހާއަށް ގިނަ ވެފައިވާއިރު ވައްކަންތައް ކުރަމުން ދަނީ ބަޔަކު ގުޅިގެނެވެ. ވަގަށް ނަގާ ތަކެތި ގަންނަނާނެ މާކެޓެއް ވެސް އެ ރަށުގައި އުފެދިފައި އޮވެ އެވެ. އަދި ދަނޑުވެރިކަން އެއްގޮތަކަށް ނުކުރާ މީހުންގެ އަތުގައި ވެސް ދަނޑުވެރިން ނުގެންގުޅޭ ވަރަށް އެ ބާވަތްތައް ހުރެ އެވެ. އެ މީހުން ދަނީ ފޭސްބުކް ފަދަ ވަސީލަތްތައް މެދުވެރިކޮށް ވެސް މި ވިޔަފާރި ފުޅާކޮށް ކުރަމުންނެވެ. ކާށިދޫ ދަނޑުވެރިންގެ އަތުން ދަނޑުވެރި ބާވަތްތައް ނުލިބުނަސް ދަނޑުވެރިކަން ނުކުރާ މީހުންގެ އަތުން ދަނޑުވެރިކަމުގެ ބޭނުން ބާވަތެއް ލިބެ އެވެ.
"މި ރަށުގައި އެބަ އުޅޭ ވައްކަން ކޮށްގެން ދަނޑުތަކުން ނެރޭ އެއްޗެހި ގަންނަ މީހުން. އެ މީހުންގެ ކުރާ ކަމަކީ ދަނޑުތަކުން ވައްކަން ކޮށްގެން ނެރޭ ތަކެތި މާލެ ގެންދިއުން،" ކާށިދޫ ދަނޑުވެރިޔަކު ބުންޏެވެ.
ރާއްޖޭގެ އެންމެ ބޮޑު ފަސް ރަށުގެ ތެރޭގައި ހިމެނޭ ކާށިދޫގައި މީހުން އުޅޭ ސަރަހަށްދަށް ވުރެ ޖަންގަލި ބޮޑެވެ. އެހެންވެ، ވައްކަންތައް ކުރި ނަމަވެސް އެ ރަށުގައި ތިބޭ މަދު ފުލުހުންނަށް އެކަންކަން ބަލަން ވަނީ ދަތިވެފަ އެވެ.
އެ ރަށުގެ އެހެން މީހަކު ބުނި ގޮތުގައި ރަށުގައި "ވަގު ރުކު އަޅަން" ތިއްބާ ވެސް ވަރަށް ގިނައިން މީހުނަށް ފެނެ އެވެ. އެކަމަކު ކުރެވޭނެ ކަމެއް ނޯވެ އެވެ.
"ދިޔައީމަ އެބަބުނޭ ހަމަ ރުކަށް އަރާލީއްޔޭ. އެެރޭ ތޯ ބަލާލަން. ދެން ކިހިނެއް ތޯ ސާބިތު ކުރެވޭނީ. އެހެންވެ ހަމަ ފިޔަވަޅެއް އެޅޭ ގޮތެއް ވެސް ނުވޭ،"
ކާށިދޫ ވަލުތެރޭ އުޅޭ ޑްރަގުގެ ނެޓްވޯކްތައް ކޮވިޑް-19 ގެ ކުރީގައި ހަރަކާތްތެރިވުން ތަންކޮޅެއް މަދެވެ. ނަމަވެސް ކޮވިޑަށް ފަހު މިހާރު ވަނީ ވައްކަން ތައް އިންތިހާއަށް ބޮޑުވެފަ އެވެ.
"ކުރިން ރަށު ތެރެއިން ކުދިކުދި މަސައްކަތް އެމީހުންނަށް ލިބޭ. އެކަމަކު ކޮވިޑް-19 އައި ފަހުން މަސައްކަތްތައް ހުއްޓުނީމަ އެމީހުންގެ ވައްކަން ހައްދުން ނައްޓާލައިފި،" އެ ރަށު އަންހެނަކު ބުންޏެވެ.
ކާށިދޫއަކީ ރާއްޖެއަށް ގިނަ އަދަދަކަށް ކާއްޓާއި ކުރުނބާ އަދި ބަނބުކެޔޮ ފަދަ ތަކެތި ބޭރު ކުރާ ރަށެވެ. ނަމަވެސް، މިހާރު ބަނކެޔޮ ގަސްތަކާއި އެ ރަށުގެ ގޮއިފާލައްބަ އަދި ހިންނަ ފަދަ ތަންތަން ލިޔެގެން އުޅޭ މީހުނަށް އެ ތަންތަނުން އެއްޗެއް ނުލިބެ އެވެ. އެ ތަންތަނުގައި ހައްދާ ތަކެތި ވަގުން ގެންދަނީ އެވެ. މިކަން ކުރަން ވަގުން ނުކުންނަނީ ދަންވަރު އެވެ.
ދަނޑުތަކުން ތަކެތި ވަގަށް ނަގައިގެން އެ މީހުން ވަލުގެ އެކި ތަންތަނުގައި ފޮރުވައިގެން ވެސް ގެންގުޅެ އެވެ. އަދި މާލެ އާއި އެކި ތަންތަނުން އެތަކެތި ވިއްކާނެ މީހުން ހޯދައި މާލެ ފޮނުވަ އެވެ. މިކަމުގެ އަޑީގައި ކާށިދޫގެ ބައެއް މީހުން ވެސް އުޅެ އެވެ.
"ޑްރަގް ބޭނުން ކުރާ ކުދިންގެ ކައިރީ މި ތަކެތި ގަންނަ މީހުން ބުނަނީ މާދަމާ ދޯނި މާލެއަށް ފުރަން އެބައޮތޭ ހޯދައިދީ ބަލާށޭ 400 ކާށި. އެހެން ބުނީމަ އެ މީހުން އެބަ ގެނެސްދޭ ހަތަރު ރުފިޔާއަށް ކާއްޓެއް. އޭރުން އެ ކުދިންނަށް ލިބޭ 400ރ. ވަރު. އެ ވަރުން އެއް ދުވަހުގެ އެ މީހުންނަށް [ޑްރަގް ބޭނުންކުރާ މީހުންނަށް] ހިފަހައްޓާލެވޭ. މި ރަށު އެންމެންނަށް ވެސް އެނގޭ އެކަން ހިނގަނީ މިހެންކަން،" ރަށުގެ ދުވަސްވީ މީހަކު ބުންޏެވެ.
ކާށިދޫގައި ވައްކަން ގިނަވުމުން ދަނޑުތައް ރައްކާތެރި ކުރުމަށްޓަކައި މިހާރު ހުންނަނީ ފެންސް ޖަހާފަ އެވެ. އަދި ދަނޑުތަކުގައި ބައެއް ތަކެތި ރައްކާތެރި ކުރުމަށްޓަކައި ދަގަނޑު ހޮޅި ބޭނުން ކޮށްގެންނާއި ރާނައިގެން އިމާރާތްތައް ހަދާފައި ހުރެ އެވެ. އެކަމު މާލެ އަށް މުދާ ދޯނި ދަތުރު ކުރަން ކައިރިވާއިރު އެ ތަންތަން ފަޅާލަ އެވެ. ބައެއް ތަންތުން ވައްކަން ކުރަނީ ފާރު ތަޅާލައިގެންނެވެ. އަނެއްބައި ތަންތަން ކީހާލައިގެނެވެ. ފުރާޅު ޓިނު ނަގައިގެން ވެސް ވައްކަން ކުރެ އެވެ.
"މި ތަންތަނަން [ދަނޑުތަކުގައި ހުންނަ ގުދަންތައް] ފަޅާލާ އަޑު ރަށު ތެރެއަކަށް ނީވޭނެ. އެއީ ވަރަށް ދުރު. އެހެންވެ އެކަކަށް ވެސް ނޭނގެ އެކަން ކުރާ ކަމެއް. ހެނދުނު ދާއިރު އޮންނަނީ ފަޅާލާފައި،" ދަނޑުވެރިއަކު ބުންޏެވެ.
ރާއްޖޭގެ ދަނޑުވެރި ގިނަ ރަށްރަށުގެ ވަލުތެރޭގައި ދަނޑުވެރިކަމުގައި ބިދޭސީން އުޅެ އެވެ. ކާށިދޫ މި މަސައްކަތުގައި ވެސް ބިދޭސީން ގިނަ އަދަދަކަށް މަސައްކަތް ކުރެ އެވެ. ކާށިދޫ ދަނޑުތައް ފަޅާލައިގެން ނަގާ ތަކެތި ބިދޭސީން ވެސް ގަނެ އެވެ.
"ބައެއް މީހުން ދަނޑުތައް މި ހުންނަނީ ބިދޭސީންނަށް ކުއްޔަށް ދީފަ، އެމީހުންނަށް މަހަކު 3،000ރ. ދިނީމަ ނިމުނީ. އެގޮތަށް ދަނޑުވެރިކަން ކުރާ ބިދޭސީން އުޅޭ. ދަނޑުތަކުގައި ހުންނަ ކެމިކަލް އާއި ގަހު ކާނާގެ ގުދަތައް ފަޅާލައި ނަގާ ތަކެތި ބިދޭސީން ގަނޭ،" އެހެން ދަނޑުވެރިއަކު ބުންޏެވެ.
މާލީ ގޮތުން ބޮޑު ގެއްލުމެއް
ވައްކަން ގިނަވުމުގެ ސަބަބުން ދަނޑުވެރިންނަށް މާލީ ގޮތުން ދަނީ ބޮޑެތި ގެއްލުމެއް ވަމުންނެވެ. ދަނޑު ހައްދަން އެތައް ހާސް ރުފިޔާއެއް ހޭދަ ކުރާއިރު އާންދަނީ ލިބެން ފަށާއިރަށް ގެއްލުން ވުމުން އޭގެ ނުރަނގަޅު އަސަރު މުޅި ރަށުން ފެނެ އެވެ.
"ސަޕްލަޔަރުން ފައިސާ ވެސް ދައްކާފަ މި ހުންނަނީ ގިނަ ފަހަރު. އޭގެ ފަހުން ދަނޑަށް ގޮސް އެއްޗިހި ހޯދަން ބަލާއިރު މުޅި ދަނޑު އޮންނަނީ ކޮށާލާފައި. މިރުސް ގަންތައް ވެސް ހަލާކު ކޮށްލާފައި. ރުކުގައި ކުރުނބާއިން ފެށިގެން މިރިއަށް ދަންދެން ކުރުން ބާލާފައި." ދަނޑުވެރިއަކު ބުންޏެވެ.
ވައްކަން ހުއްޓުވަން މަސައްކަތް ކުރޭ
ކާށިދޫގައި ވައްކަން އިންތިހާއަށް އިތުރުވެފައިވާ މައްސަލާގައި ކައުންސިލަށް ވެސް ކުރެވޭނެ މާ ބޮޑު މަސައްކަތެއް ނެތެވެ.
ކާށިދޫ ކައުންސިލްގެ ރައީސް އަލީ ސުލްތާން ވިދާޅުވި ގޮތުގައި ދަނޑުތަކުން ވައްކަން ކުރާ މައްސަލަތައް ބޮޑެވެ. ކުރިއާ ހިލާފަށް ހުރިހާ ބާވަތެއްގެ ތަކެތި ވެސް ވަގުން ނަގަމުން ދެއެވެ. އަދި ވައްކަން ހުއްޓުވަން ރޯދަ މަހު ފުލުހުންނާ ގުޅިގެން މަސައްކަތްތަކެއް ވެސް ކުރެވުނެވެ.
އޭނާ ވިދާޅުވި ގޮތުގައި ވައްކަން ކުރަނީ މެންދުރު ފަހު ދަނޑުވެރިން ގެއަށް ދާ ވަގުތާއި ރޭގަނޑުގެ މެންދަމު ވަގުތުތަކުގަ އެވެ. އަދި ވަގަށް ނަގާ ތަކެތި ގިނައިން ވިއްކަނީ އެ ރެއެއްގައި ފުރާ ސަޕްލައި ދޯނި ތަކަށެވެ.
"ފުލުހުންނާ ގުޅިގެން ރޯދަ މަހު ދޯނި ފަހަރަށް މުދާ އަރުވާއިރު އަޅުގަނޑުމެން ބަލަމުން ގެންދިޔައިން އެ ދުވަސްވަރު ތަންކޮޅެއް ގިނައިން ބެލުނު،" ސުލްތާން ވިދާޅުވި އެވެ.
ކާށިދޫގައި ވައްކަން ގިނަވުމުގެ ސަބަބުން، ދަނޑުވެރިންނަށް ދަނީ މިލިއަން ރުފިޔާއިން ގެއްލުންވަމުންނެވެ. ރަށުން ވަގަށް ބޭރުކުރާ ތަކެތީގެ ސަބަބުން އެތަށް ލައްކަ ރުފިޔާއެއްގެ އިންވެސްޓް ކޮށްފައިވާ ދަނޑުވެރިން ތިބީ ގޮތް ހުސްވެފަ އެވެ.