ދިވެހި ސަރުކާރުން އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑެއް އުފެއްދީ ދަނޑުވެރިންނަށް ފަސޭހައެއް ކޮށްދޭން ވެގެނެވެ. އަދި މަސްވެރި ކަމުގައި މިފްކޯ އޮވެގެން ކުރާ މަސައްކަތް އެގްރޯ އޮވެގެން ދަނޑުވެރި ކަމުގައި ކުރާށެވެ. ދަނޑުވެރިންގެ އުފެއްދުންތަކަށް މާކެޓް ހޯދައިދީ ދަނޑުވެރިން ކުރާ މަސައްކަތާއި އެއްވަރުގެ އާމްދަނީއެއް ހޯދައިދޭށެވެ. ސަރުކާރުގެ އެ މަގުސަދު ހާސިލް ކޮށްދިނުމަށް އެގްރޯ ކުންފުނިން މަސައްކަތްތައް ފުޅާ ކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.
އަދި އެގްރޯ ކުންފުނިން ބޭނުންވަނީ ވެސް ދަނޑުވެރިންނާ ގާތުން މަސައްކަތް ކޮށްގެން އިތުބާރު ހޯދާށެވެ. ދަނޑުވެރިންނަށް ބޭނުންވާ ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސައިދީ ދަނޑުވެރިންގެ މަސައްކަތް ތަރައްގީކޮށް، ފުޅާ ކޮށްދޭ ބައިވެރިޔަކަށް ވުމަކީ އެގްރޯގެ ބޭނުމެވެ. އެ މަސައްކަތްތައް ރާވާފައިވާ ގޮތް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހާރޫން ރަޝީދު ވިދާޅުވެ ދެއްވަ އެވެ.
އެގްރޯގެ ދަނޑުވެރިއަކަށް ވާން
އެގްރޯގެ ދަނޑުވެރިޔަކަށް ވާން އަތުގައި 500 އަކަފޫޓުގެ ބިމެއް އޮންނަން ޖެހެ އެވެ. އެ ބިމަކީ އެމީހަކަށް ބާރުވެރިކަން ލިބިފައިވާ ބިމަކަށް ވާންޖެހެ އެވެ. އެގްރޯގައި ރަޖިސްޓްރީވާން ހުށަހަޅާއިރު ބިމުގެ މިލްކުވެރިކަން، ބާރުވެރިކަން އޮތް ކަން އަންގައިދޭން ޖެހޭނެ އެވެ.
އެގްރޯއާއެކު މަސައްކަތް ކުރަން ހުށަހަޅާ ދަނޑުވެރިން ވަކި މަދުވެގެން ދެ އަހަރު އެ ކުންފުންޏާއެކު މަސައްކަތް ކުރަންޖެހެ އެވެ. ރަށަކުން 10 ދަނޑުވެރިން ރަޖިސްޓްރީ ވެއްޖެނަމަ އެ ދަނޑުވެރިންނަށް އެގްރޯއިން މުވައްޒަފަކު ހަމަޖައްސަ އެވެ. އޭނާގެ ދައުރަކީ އެ ރަށުގެ ދަނޑުވެރިންނަށް ތަކެތި ފޯރުކޮށްދިނުމާއި ފަންނީ ލަފާ ދިނުމާއި މަސައްކަތްތައް ބަލައި މޮނިޓާ ކުރުމެވެ. ބިދޭސީ އެގްރޯގެ ދަނޑުވެރިޔަކަށް ނުވެވޭނެ އެވެ.
އެގްރޯގެ ދަނޑުވެރިން އުފައްދަން ބޭނުންވާ ބާވަތް ރަޖިސްޓްރީ ކުރަންޖެހެ އެވެ. އެ ފުރުސަތު ލިބެނީ ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ބާވަތްތަކުގެ ތެރެއިން އިސްކަން ދެވޭ ތަރުތީބަށް ބަލައިގެނެވެ. ބާވަތް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮންނަނީ ކޮންމެ ސަރަހައްދެއް ވަކިވަކިންނެވެ.
އެގްރޯގެ މަސައްކަތްތައް އޮތް ސަރަހައްދުތައް
ހިދުމަތް ފަސޭކޮށް އަވަސް ކުރަން އެގްރޯއިން ވަނީ ރާއްޖެ ފަސް ސަރަހައްދަކަށް ބަހާލާފައިވާއިރު އެގްރޯ ދަނޑުވެރިން މިވަގުތު ތިބީ 45 ރަށެއްގަ އެވެ.
"އެ 45 ރަށުގެ ތެރޭގައި ނުހިމެނޭ ދަނޑުވެރިންނަށް ވެސް ފުރުސަތު އޮންނާނެ. އެކަމަކު އެއް ރަށަކުން 10 ދަނޑުވެރިން ރަޖިސްޓްރީވީމާ އަޅުގަނޑުމެންނަށް ކަންކަން ކޮށްދޭން ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ. ހުށަހެޅީމާ އަޅުގަނޑުމެންގެ މިންގަނޑަށް ފެތޭނަމަ އެ ފުރުސަތު ދޭނަން،" ހާރޫން ވިދާޅުވި އެވެ. އޭނާ ވިދާޅުވާ ގޮތުގައި އެގްރޯގައި ރަޖިސްޓްރީވާން ދަނޑުވެރިން ޝައުގުވެރިވެ އެވެ.
އެގްރޯއަށް ވެސް ހާރޫނަށް ވެސް އޮތް ބޮޑު ގޮންޖެހުމަކީ ދަނޑުވެރިން ރަޖިސްޓްރީ ކުރުމުގެ ކުރިން މައުލޫމާތުތައް ހޯދުމުގައި ހުރި ދައްޗެވެ. ރަށު ކައުންސިލްތަކުން އެކަމަށް މާބޮޑު އެހީތެރިކަމެއް ނުދެ އެވެ.
އެގްރޯގެ ދަނޑުވެރިން ހައްދާ ބާވަތްތައް
އެގްރޯގެ ދަނޑުވެރިން 17 ބާވަތެއް މިވަގުތު ހައްދަ އެވެ. އެއީ މިހާރުވެސް ރާއްޖެއަށް އާންމުކޮށް އިމްޕޯޓް ކުރާ ބާވަތްތަކެކެވެ. ހާރޫން ވިދާޅުވި ގޮތުގައި 17 ބާވަތެއް ކަނޑައެޅީ އެއީ ރާއްޖޭގައި ވެސް ހެއްދިދާނެ ބާވަތްތަކަކަށް ވާތީ އެވެ. އަދި އެ ބާވަތްތަކުން ދިވެހި ދަނޑުވެރިންނަށް ވަރަށް ބޮޑު ފައިދާއެއް ހޯދައިދެވޭނެ ކަމަށް ޔަގީން ކުރެވޭތީ އެވެ.
"މި ދެންނެވި 17 ބާވަތް އެންމެ ގިނައިން ރާއްޖެއަށް އެތެރެ ކުރަނީ ރިސޯޓްތަކުން. އަޅުގަނޑުމެން މިކުރާ ކަމަކީ ރިސޯޓްތަކާއި ވާހަކަ ދައްކައިގެން ރިސޯޓްތަކާއެކު އެއްބަސްވުންތަކެއް ހަދަނީ އެތަކެތި ބޭނުންވާ އަދަދަށް ބޭނުންވާ ދުވަހަށް ފޯރުކޮށް ދޭން. ދިވެހި ދަނޑުވެރިންނަށް އެކަން ކުރެވޭނެ،" ހާރޫން ވިދާޅުވި އެވެ.
އެގްރޯއިން ހައްދާ ބާވަތުގެ ތެރޭގައި ހިމެނެނީ ބަރަބޮލާއި މެލަން އާއި ބަޓަނާއި ޗިޗަންޑާ އާއި ބީންސް އާއި ކެބެޖާއި ފަތްކޭލާއި ފަޅޮލާއި ޓޮމާޓޯ އާއި ތޮރަލާއި ކެޕްސިކަމާއި ޗައިނީޒް ކެބެޖާއި ބައްޓާއި ކަރާ، ކިއުކަމްބާ އާއި ބާމިޔާ ތޮޅި އަދި ލެޓިއުސް -- ކިރިކޮޕީ -- އެވެ. ޑިމާންޑަށް ބެލުމަށްފަހު ކުރިއަށް އޮތް ދުވަސްތަކުގައި އެހެން ބާވަތްތައް ހައްދާނެ އެވެ.
އެގްރޯ އަދި ވަރަށް ހަގެވެ. އެހެންވެ މިހާތަނަށް ހެއްދި ބާވަތްތަކުގެ ތެރެއިން ލިބުނީ އެންމެ ބާވަތެކެވެ. އެއީ ލ. އަތޮޅުގައި ހެއްދި ވޯޓާ މެލަނެވެ.
އުފެއްދުންތައް ރައްކާތެރިކަމާއެކު މާކެޓަށް
ދަނޑުވެރި ކަމުހައި ކެމިކަލް ބޭނުން ކުރުން ވަރަށް އާންމެވެ. ބައެއް ދަނޑުވެރިންނަށް އޭގެ ގެއްލުމެއް ނޭނގެ އެވެ. ކެމިކަލް ބޭނުން ކުރުމުން ދިމާވާ ސިއްހީ މައްސަލަތައް ސާފެއް ވެސް ނުވެއެވެ. އެހެން ނަމަވެސް އެގްރޯގެ އުފެއްދުންތަކަކީ ސިއްހަތަށް ރައްކާތެރި އުފެއްދުންތަކަކަށް ހަދަ އެވެ.
"އަޅުގަނޑުމެންގެ ދަނޑުވެރިން ކެމިކަލް ބޭނުން ކުރާނީ ހުއްދަކުރާ މިންވަރަށް. އަޅުގަނޑުމެން މިދަނީ އެއްގޮތަކަށް ވެސް ކެމިކަލް ބޭނުން ނުކޮށް މިކަން ކުރާނެ ގޮތް ދަނޑުވެރިންނަށް ބުނެދީ ތަމްރީން ކުރަން ޕްރޮގްރާމްތައް ތައްޔާރު ކުރަމުން،"
ތާޒާކޮށް ރައްކާތެރި ކަމާއެކު އުފެއްދުންތައް މާކެޓަށް ނެރެން ވެސް އެގްރޯ ފިޔަވަޅުތަކެއް އަޅަ އެވެ. ރަށެއްގައި އެގްރޯގެ ދަނޑުވެރިން ވަކި އަދަދަކަށް ތިބޭނަމަ އެ ރަށެއްގައި ކޯލްޑް ސްޓޯރޭޖް ހަދާނެ އެވެ. އަދި ސަރަހައްދުތަކަށް ފެރީގެ ހިދުމަތްދޭ ކުންފުނިތައް މެދުވެރިކޮށް އުފެއްދުންތައް ބާޒާރަށް ގެންނަން ފަަސޭހަ އިންތިޒާމެއް ގާއިމް ކުރާނެއެވެ.
ވިއްކޭނީ ހަމައެކަނި އެގްރޯއަށް
ދަނޑުވެރިން މަސައްކަތް ފަށަން އެގްރޯއިން ގަސްކާނާއި ސީޑް ފަދަ ތަކެތި ފޯރުކޮށްދެ އެވެ. އަދި ދަނޑުތަކަށް ބޭނުންވާނެ ފެންހޮޅި އާއި ފެން ޕަންޕް ފަދަ ސާމާނުތައް ދޭނެ އެވެ. އެ ތަކެތި ފޯރުކޮށްދެނީ ދިގު މުއްދަތަކުން އަގު އަދާކުރާ ގޮތަށެވެ. އަދި އެގްރޯގެ ދަށުން މަސައްކަތް ކުރާ ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް އެހެން ބަޔަކަށް ނުވިއްކޭނެ އެވެ. އެގްރޯއަށް އޮންނަނީ އެކްސްކުލޫސިވް ރައިޓްސް އެކެވެ. އުފެއްދުންތައް ހަމައެކަނި އެގްރޯއަށް ވިއްކާ ގޮތަށް ހަދައި އެ ތަކެތި ގަންނާނެ ކަމުގެ ޔަގީންކަން ދަނޑުވެރިޔާއަށް ދެ އެވެ.
"މިހެން ހަދަން ޖެހެނީ އަޅުގަނޑުމެން ކުރާ އިންވެސްޓްމަންޓްގެ ޔަގީންކަން ކަށަވަރު ކުރަން. ދަނޑުވެރިންނަށް ވެސް އަޅުގަނޑުމެން އެހީތެރިކަމެއް ފޯރުކޮށް ދިނުމަށްޓަކައި. މިކަހަލަ ގޮތަކަށް އަމަލު ކޮށްގެން ނޫނީ ސަޕްލަޔަރު ބޭނުންވާ ދުވަހަށް ބޭނުންވާ އަދަދަށް ތަކެތި ނުލިބިދާނެ،" ހާރޫނު ވިދާޅުވި އެވެ.
އެގްރޯގެ ކޮންސެޕްޓަށް ޝައުގުވެރިކަން
އެގްރޯ އުފައްދައިގެން މަސައްކަތް ފެށުމަށް ތައްޔާރުވަމުން ދަނިކޮށް ކޮވިޑް-19 އިގެ ހާލަތު ކުރިމަތިވުމުން ކުންފުނީގެ ވަރަށް ގިނަ މަސައްކަތްތަކަށް ހުއްޓުނެވެ. އަލުން ސައްކަތްތައް ފަށައިގެންވީ ދުވަސްކޮޅެކެވެ.
"އެގްރޯގައި ރަޖިސްޓްރީވާން 1500 ދަނޑުވެރިންގެ ދިގު ލިސްޓެއް އެބައޮތް. އޭގެ ތެރެއިން 800 އެއްހާ ދަނޑުވެރިންނާއެކު އެއްބަސްވުންތައް ހެދުމަށް އަޅުގަނޑުމެން މިދަނީ ތައްޔާރުވަމުން. މިހާރުވެސް އޭގެ ތެރެއިން 400 ދަނޑުވެރިންނާއެކު އެއްބަސްވުންތައް ހެދިއްޖެ،"