ކާފަ އާއި މާމަ ނިދާ ކޮޓަރިއާ ޖެހިގެން ހުހަަށްހުރި ކޮޓަރި ޓޫރިސްޓުންނަށް "ވިއްކޭ" ގޮތަށް ގެންނަ "ހޯމްސްޓޭ" ޓޫރިޒަމް ތައާރަފު ކުރަން ސަރުކާރުން މިވަނީ ރަނގަޅަށް ފައި ނަގާފަ އެވެ. މާލީ އޭންގަލުން ވިސްނާނަމަ މިކަން ވެގެން ދާނީ އާއްމު މީހާގެ ޖީބަށް "ބޯކޮށް" ޑޮލަރު ވަންނާނެ ކަމަކަށެވެ. އެކަމަކު މި ވަންނަ ޑޮލަރުގެ އަނެއް ފުށަށް ބަލައިލުމުން ފެންނަނީ ދުރަށް ލޮލު ކޮޅަށް ނުފެންނަ "ކަޅު" ކަމެކެވެ. އެ މަންޒަރުން ސިފަކޮށް ދެނީ ނުތަނަވަސްކަމާއި މިކަމުން ނުކުމެދާނެ މައްސަލަތަކުގެ ފުނިވަރެކެވެ.
"ހޯމްސްޓޭ" ގެ ޑޮލަރު ސީދާ ވަންނާނީ ޖީބަށެވެ. ސަރުކާރުން މިކަން ކުރާ މައިގަނޑު ސަބަބެއްގެ ގޮތުގައި ދައްކަނީ ވެސް އެ މަންޒަރެވެ. އެކަމަކު މި ވަންނަ ޑޮލަރާއެކު "ހޯމްސްޓޭ"ގައި "އަނދިރި ކޮޓަރީ" ގެ ތެރެއަށް ރާއްޖެ އެތެރެވެދާނެ ގިނަ މައްސަލަތަކުގެ ވާހަކަ ދައްކާކަށް ސަރުކާރުން ބޭނުމެއް ނުވެ އެވެ. މި މައްސަލަތަކުގެ ވާހަކަ ދައްކައިގަތީ މި ވިޔަފާރިއާއިގެން ކުރިއަށްދާން ތިބި މީހުންނެވެ. ސަރުކާރަށް ވެސް މިހާރު އެ މީހުންގެ އަނގަ ބަންދު ކުރެވޭ ގޮތް މިވަނީ ނުވެފަ އެވެ. އެކަމަކު އޭގެ މާނައަކީ ޓޫރިޒަމް ސިނާއަތް ހޯމްސްޓޭއާ ދެކޮޅުވުމެއް ނޫނެވެ.
ރާއްޖޭގެ އެންމެ ދުވަސްވީ އެއް ޓްރެވަލް އެޖެންސީ ކަމަށް ލެޓްސްގޯ ކުންފުނީގެ ވެރިޔާ، މުހައްމަދު ރިޔާޒު ވިދާޅުވި ގޮތުގައި "ހޯމްސްޓޭ" ރަނގަޅެވެ. އެކަމަކު، ހޯމްސްޓޭ ފަދަ ކަމެއް ކުރަންވާނީ ވަރަށް ރަނގަޅު ދިރާސާކޮށް ރެގިއުލޭޓް ކުރާނެ ގަވައިދުތައް ރަނގަޅަށް ހަދައިގެން އެކަން ކަން ރަނގަޅަށް ތަންފީޒު ކުރެވޭނެ ނަމަ އެވެ.
"ގެސްޓް މީހާ އަށް ވަރަށް ރަނގަޅަށް އެނގެން ހުންނަން ޖެހޭނެ އުޅެން ޖެހޭނެ ގޮތް. އަދި އެ ގަވައިދުތައް ވަރަށް ރަނގަޅަށް އިމްޕްލިމެންޓް ކުރެވެގެން ވާނެ. އެހެން ނޫނީ އެހިސާބުން އެކަން އެ ގޯސްވީ،" ރިޔާޒު ވިދާޅުވި އެވެ.
"ހޯމްސްޓޭ" ޓޫރިޒަމުން އިތުރު ގިނަ މައްސަލަ ތަކެއް ނުކުންނާނެ އެވެ. އެހެންވެ އެކަމުގައި ކަންބޮޑުވުން ތަކެއް ވެއެވެ. ރާއްޖޭގައި މި ޓޫރިޒަމް ހިންގާނީ ކިހިނެއް ހެއްޔެވެ؟ އަދި މިއީ ކިހާ އާމްދަނީއެއް ރައްޔިތު މީހާގެ ޖީބަށް ވަންނާނެ ބޮޑު ބަދަލެއް ހެއްޔެވެ؟ މިއީ ދުނިޔޭގައި ކިހާ ކާމިޔާބު ވިޔަފާރިއެއް ހެއްޔެވެ؟ ރާއްޖޭގައި މިކަން ކުރަން ހުރި ގޮންޖެހުން ތަކަކީ ކޮބައި ހެއްޔެވެ؟ މިކަން ރެގިއުލޭޓް ކުރެވިދާނެ ހެއްޔެވެ؟
ގޭމްގެ ކަންބޮޑުވުމާއި މިނިސްޓަރުގެ ރައްދު
މި މައްސަލަތައް އެންމެ ފަހުން ތިލަކޮށްފައި ވަނީ "ރައްޔިތު މީހާގެ ޖީބަށް" އެންމެ ގިނައިން ޑޮލަރު ލިބޭ ކަމަށް ދައުވާކުރާ ގެސްޓްހައުސްތަކުންނެވެ. އެކަމަކު އެއީ ކީއް ވެގެން ހެއްޔެވެ؟ އެ މީހުންގެ ވިޔަފާރީގެ މައްސަލަހަތުގައި ހެއްޔެވެ؟
ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ވެސް ހޯމްސްޓޭ ޓޫރިޒަމް ސިފަ ކުރަނީ ފައިދާވާނެ ވިޔަފާރިއެއްގެ ގޮތުގަ އެވެ. އެކަމަކު، އެ ޖަމިއްޔާގެ އޮތް ކަންބޮޑުވުމަކީ މި ވަގުތު "އަވަސް އަރުވާލައިގެން" އެކަން ކުރުމާއެކު އޭގެ ސަބަބުން ނުކުމެދާނެ މައްސަލަތައް އިންތިހާ އަށް ބޮޑުވެ އިޖުތިމާއީ މައްސަލަތައް ބޮއްސުންލައި ދިއުމެވެ. ގޭމުން އެ ވާހަކަ ދައްކަނީ އެހެންވެގެނެވެ.
ގޭމުން ބުނާ ގޮތުގައި ހޯމްސްޓޭގެ ސަބަބުން ދިމާވެދާނެ އިޖުތިމާއީ މައްސަލަތަކުގެ އިތުރުން ރާއްޖެ މިހާރު މިއޮތް ހާލަތުގައި ޓޫރިސްޓުންނާއި ގޭބިސީތަކުގައި ދިރިއުޅޭ އާއިލާތަކުގެ ކުރިމަތިވެދާނެ ގޮން ޖެހުންތައް ވެސް ވެއެވެ.
"މި މައްސަލަތަކާ ފުރިހަމަ އަށް ކުރިމަތިލާ ހައްލު ހޯދޭނެ ހަރުދަނާ ޕޮލިސީތަކާއެކު ތަންފީޒީ އިދާރާތައް ފުރިހަމަ އަށް ތައްޔާރު ނުވެވެނީސް އަދި ހޯމްސްޓޭގެ ސަބަބުން އާމްދަނީ އިތުރުވާ މިންވަރާއި އޭގައި ހުރި ގޮންޖެހުންތައް ރަނގަޅަށް ދިރާސާ ނުކޮށް ހޯމްސްޓޭ ތައާރަފު ވެގެން ގޮސްފިނަމަ ރާއްޖެއަށް ބުރަ މަސައްކަތުން ލިބިފައިވާ ރީތި ނަން ހުތުރުވެ، ރާއްޖެއަކީ ރައްކާތެރި ނޫން މަންޒިލެއްގެ ގޮތުގައި ފެންވަރު ދަށް ޓޫރިޒަމެއް އޮތް ގައުމެއްގެ ގޮތުގައި ފާހަގަ ވެގެން ހިންގައިދާނެ އެވެ." އެ ޖަމިއްޔާގެ ބަޔާނެއްގައި ބުނެފައި ވެއެވެ.
ހޯމްސްޓޭގެ ސަބަބުން އާމްދަނީ އިތުރުވާ މިންވަރާއި އޭގައި ހުރި ގޮންޖެހުންތައް ރަނގަޅަށް ދިރާސާ ނުކޮށް ހޯމްސްޓޭ ތައާރަފު ވެގެން ގޮސްފިނަމަ ރާއްޖެ އަށް ބުރަ މަސައްކަތުން ލިބިފައިވާ ރީތި ނަން ހުތުރުވާނެގެސްޓްހައުސް އެސޯސިއޭޝަން
ތާކުން ތާކު ނުޖެހޭ ގޮތަށް ވާހަކަ ގިނަ ކުރައްވައިގެން އުޅުއްވާ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ގޭމަށް "ރައްދު ނުދެއްވާ" އެކަަމަކު "ރައްދެއް" ދެއްވާފަ އެވެ. ސަރުކާރުން ރާއްޖެ ގެންނަން އުޅޭ ހޯމްސްޓޭއާ ގުޅުވާލާގައި މައުސޫމް މިސާލު ޖެއްސެވީ އެތައް ދީނެއް މަސްހުރި ވެގެން މީހުން އުޅޭ މެލޭޝިއާއާ ގުޅުވާލައިގެނެވެ. މައުސޫމް ވިދާޅުވާ ގޮތުގައި މެލޭޝިއާގައި ވެސް ހޯމްސްޓޭ ފައްކާކޮށް ހެސްކިޔާފަ ކުރަނީ އެވެ. އެހެންވީއިރު، ރާއްޖޭގައި ނުކުރެވެންވީ ސަބަބެއް އެބައޮތް ހެއްޔެވެ؟
މިނިސްޓަރު އެ ވިދާޅުވީ ގަވައިދުތައް ތަންފީޒު ކޮށްގެން ރާއްޖޭގައި ވެސް މިކަންވާނެއޭ ކަމަށް ހީކުރަމާ ހިނގާށެވެ.
ގަވައިދު ތަންފީޒު ކުުރުން އެއީ ޖޯކެއް
މައުސޫމްގެ ގިނަ ވާހަކަތައް ހުންނަ ގޮތަށް އެހާ ފަސޭހައިން އެހެން ވިދާޅުވި ނަމަވެސް ގަވައިދުތައް ތަންފީޒެއް ނުކުރެވޭނެ އެވެ. ބޯކޮށް ޕައުންޑާއި ޑޮލަރު ވަންނަ ގެސްޓްހައުސް ސިނާއަތް ހިންގާތާ 12 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު ތަންފީޒު ވަނީ ކޮން ގަވައިދެއް ހެއްޔެވެ؟
މި ސިނާއަތް ހިންގަނީ ރެގިއުލޭޓް ކުރެވިގެން ހެއްޔެވެ؟ ރާއްޖޭގެ ގެސްޓްހައުސް މިހިނހާ ގޮތް މިއީ ދުނިޔެ ދަންނަ ބާވަަތެއް ހެއްޔެވެ؟ ސަތޭކައިން މަތިން ކޮޓަރި ހަދައި، ބޮޑެތި ރިސޯޓުތަކުގައި ހުންނަ ފެންވަރަށް އެންމެ "ގެސްޓްހައުސް" އެއްގެ އެނދު އިތުރު ކުރުމުން ވެސް ހަމަ ކިޔަންވީ ގެސްޓްހައުސްތައް ހެއްޔެވެ؟ މި ދާއިރާ ކުރިއަރުވަން ސަރުކާރުގެ ރެގިއުލޭޓަރީ އޮނިގަނޑުގެ ތެރެއިން މިހާތަނަށް ކުރީ ކޮން ކަމެއް ހެއްޔެވެ؟ އެކަމަކު ހެއްވާ ކަމަކަށް ވާނެ ކަމަކީ މިއަށް ވެސް މައުމޫސުމް ހުއްޖަތް ދައްކަވާނެތީ އެވެ.
ހޯމްސްޓޭއިން ލައްގަނީ ނުތަނަވަސްކަން
ހޯމް ސްޓޭ ގެންނާނީ ރެޖިއުލޭޓްކޮށްގެން ކަމަށް ބުނާއިރު ކުރިމަތީގަ ހުރީ ހުސް ސުވާލެވެ. އެ މައްސަލަތައް މިހެން ފެންމަތީގައި ދުވެދުވެ އޮތުމުގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް މާކެޓު ބަދަލު ވަމުން އަންނަ ގޮތާއި ރާއްޖެއަށް އަބަދު އަންނާނީ "ސްމާޓް" ނޫނީ "ޕޮލައިޓް" މީހުންކަމަށް ކަމަށް ބަލައިގެން މިކަން ކުރުމަކީ ވެސް މައުސޫމުގެ ބަހަށް ސަރުކާރު ހަދާނެ، ނޫނީ ސަރުކާރު ބަހަށް މައުސޫމް ހައްދަވާނެ ބޮޑު ގޯހެކެވެ.
ޓޫރިޒަމް ސިނާއަތާއި އާއްމު ތަކެތި ވިއްކުމުގައި ވެސް ހަރަކާތްތެރިވާ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއަކު ވިދާޅުވި ގޮތުގައި ހޯމްސްޓޭގެ ސަބަބުން އިތުރު ނުރައްކާތަކެއް ސީދާ ރައްޔިތު މީހާއާ ގާތަށް ދިއުން ވަރަށް ގާތެވެ.
"މީގެ ކުޑަ މިސާލެއް ވަރަށް ފަހުން މާފުށިގައި ހިނގި ހާދިސާ. ގެސްޓްހައުސް އަށް އައި ޓޫރިސްޓެއް އެ ރަށު އަންހެނެއްގެ ކައިރިއަށް ވަދެގެން ގެސްޓް މީހާއާ މާރާމާރީ ހިންގުން. މިއީ ވަކިން ހިންގާއިރު ކުރިމަތިވާ މައްސަލަތައް. ދެން ވިސްނާ ރާއްޖޭގެ މަސައްކަތުގެ މާހައުލު އޮންނާނެ ގޮތަށް. ރަށްރަށުގައި ގިނައީ މަސްވެރިން ނޫނީ ރިސޯޓުތަކުގައި އުޅޭ ކުދިން. އެ ކުދިން އާއިލާއާ ދުރުގައި ހަފުތާ ނޫނީ މަސް އެބަވޭ. ގޭގައި މިތިބެނީ ހަމައެކަނި އަނބިދަރިން. ދެން ވިސްނަވާ ގޭގެ ތެރެ އަށް ބޭރުން އަލަށް މިއަދު އަންނަ މީހާ ވައްދަން ޖެހިއްޖެ ހާލަތުގައި ނުކުންނާނެ މައްސަލަތައް،" އޭނާ ވިދާޅުވި އެވެ.
"ވިސްނާ އިންޑިއާ އިން ފެންނަ މަންޒަރު. ކޮންމެ ދުވަހު ރޭޕެއް؟ ދެން ބުނާނެ ރާއްޖޭގައި ނެތްކަމެއް އިންޑިއާގައި އެބައޮތް ހޭ؟ ރަނގަޅު މިތަނުގައި ކުށް މަދެއް ނޫން. ކުޑަކުދިންނާ ބެހުމުގެ މައްސަލަ ވެސް ހިންގާ. މާރާމާރީ ވެސް ހީނގާ. ރޭޕް މައްސަލަ ވެސް ހިނގާ. އެކަމަކު އެކަން މިހާރަށް ވުރެ އިތުރަށް ބޮޑުވެ މައްސަލަ ގޯސްވާން ކާކު ތޯ ބޭނުން ވާނީ. މިއީ އެކަމަށް ހުޅުވޭ ދޮރެއް ނޫން ތޯ؟
ރަނގަޅު ވާހަކަ އެކެވެ؛ ރަށްރަށުން ބަނގުރަލެއް ނުލިބެ އެވެ. އެހެންވީމަ ހޯމްސްޓޭ އަށް ދާ ގެސްޓް މީހާ ގޭގެ ކޮޓަރީގައި އޮވެގެން ރާ ނުބޮއިފާނެ އެވެ. -- އެހެނެއް ކަމަކު ރާވެސް ބޯނެ -- ތަފާތު ސަގާފަތްތަކުގެ މީހުން ދިރިއުޅޭ ދިވެހި ސަގާފަތާއި އިސްލާމް ދީނާ ފުށުއަރާ މަންޒަރުތަކާއެކު ބޮޑުވާ ދިވެހި ކުޑަކުއްޖާގެ އަހުލާގަށް ވާނެ ގޮތަކާމެދު ވިސްނާލަން ޖެހެ އެވެ. ފަހަރުގައި މިހާރު ގެންނަން އުޅޭ ހޯމްސްޓޭގެ ހަގީގީ މަގުސަދަކީ ވެސް އެއީ ކަމަށް ވެދާނެ އެވެ.
ހޯމްސްޓޭގެ ސަބަބުން ނުކުމެދާނެ އިތުރު އެހެން މައްސަލަތައް ވެސް ވެއެވެ. ހޯމްްސްޓޭ ރާއްޖެ އަންނަ ވަގުތާ ރާއްޖެއަށް "ލޯންގް ސްޓޭ" ގެންނަ ވަގުތާ ވެސް އެބަ ދިމާ ކުރެ އެވެ. މި ދެ ކަންތައް ޖައްސަައި ވިސްނާލާއިރު ބަޔަކަށް ނުސީދާ ފުރުސަތުތަކެއް ފަހިވުމުގެ މަގު ތަކެއް އެބަ ހުޅުވެ އެވެ.
ހޯމްސްޓޭއަށް އަންނަ މީހާ އަށް ވެސް ލޯންގް ސްޓޭ ނަގައިގެން ރާއްޖޭގައި ހުރެވިދާނެ ހެއްޔެވެ؟ ހުރެވޭ ގޮތަށް ހަދައިފިނަމަ ކޮޗިން ފެރީ އިން ރާއްޖެ މުދާ ގެނެސް ރާއްޖޭގެ ރިސޯޓު ތަކަށް ވިއްކާލަ ވިއްކާލަ މަހެއްހާ ދުވަހު ހުންނަންވީ އެވެ. ކުޑަ އަގުގައި ރާއްޖޭގައި މަޑުކޮށްލާފަ މުދާ ކޮޅު ވިކުމުން ފައިސާ ބޮނޑި ހިފައިގެން ދިއުން ފަދަ ކަމެއް ނުކުރާނެ ހެއްޔެވެ؟ އެހެން ހަދަން މަގު ކޮށައިދީފިނަމަ ޑޮލަރު ވަންނާނީ ދިވެހި ރައްޔިތު މީހާގެ ޖީބަށް ހެއްޔެވެ؟ އަރައިގެން އަންނަ އިންޑިއާ މީހުނަށް ހެއްޔެވެ؟ މިއީ ހޯމްސްޓޭއާއެކު ރާއްޖޭގެ ގޮނޑުދޮށަށް ލައްގައިފާނެ މައްސަލަތަކުގެ މަދު މިންވަރެކެވެ.
މައުސޫމަށާއި ސަރުކާރަށް ނޭނގުނަސް މި ހުރިހާ މައްސަލަ ތަކެއް ފުނިޖެހިފައި އޮއްވާ އަނެއްކާ މި ސިނާއަތުގެ މައްޗަށް އިތުރު ކަމެއް މި ހާލަތުގައި ގެނައުމަކީ މިހާރު ވެސް ގާތްގަނޑަކަށް "މަރުވެފައި އޮތް" ސިނާއަތް ފުނޑިގެންދާނެ ކަމަކަށް ނޫނީ ނުވާނެ އެވެ. ރިސޯޓުތަކާއި ގެސްޓްހައުސް އަދި ސަފާރީ ތަކުން ޓެކްސް ނަގާފައި ހޯމްސްޓޭ ގެންނައިރު "ޓެކްސް ހޮލިޑޭ" އެއް ދިނުމަކީ އިންސާފެއް ހެއްޔެވެ؟
އިނަ މޯލްޑިވްސްގެ ވެރިޔާ، މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި "ހޯމްސްޓޭ" ރަނގަޅެވެ. އެކަމަކު ކަމެއް ކުރުމުގެ ގޮތުން ދިރާސާއެއް ނުކޮށް، އެކަންކަން އެއްވެސް ބަޔަކާ ހިއްސާވެސް ނުކޮށް ކުރުމަކީ މައްސަލައެކެވެ.
"ގޭގެއަކީ އެންމެން ދިރިއުޅޭ ތަންތަން. ހުރުމަތްތެރި ވެގެންވާ ތަނެއް. ހަމަގައިމު ވެސް މިތަނުގައި އުޅޭ ބަޔަކަށް ފެނިގެން ނުވާނެ މަންޒަރު ތަކެއް ވެސް ހުރޭ. މިކަން ފަށާއިރު ވަކިން މިތަނަށް އަންނަ މީހުންނަށް އެކްސެސް ވެވެން ހުރުމާއި މި ނޫން ވެސް ގިނަ ކަންތައްތަކެއް ހުންނަން ޖެހޭ. ހަމަހުރެދަ ހޯމްސްޓޭއޭ ބުންޏަސް ކަމަކުނުދޭ. އަނެއްކާ ޓެކްސް ތަކާ ކުޅުމަކީ ވެސް ގޯހެއް،" ފިރާގު ވިދާޅުވި އެވެ.
ކާމިޔާބީ - އުފާލާއެކު ދެއްކިދާނެ ވާހަކައެއް
ދުނިޔޭގައި "ހޯމްސްޓޭ" އަކީ ކާމިޔާބު މޮޑެލް ވިޔަފާރި އެކެވެ. މިއީ "އެއާ ބީއެންބީ" މޮޑެލް އެވެ. ގޭގައި ބާކީ ހުރި ކޮޓަރި އެއާ ބީއެމްބީގައި ޖަހައި ވިއްކާ މޮޑެލް އެވެ. މިއީ ދުނިޔޭގެ ދެވަނަ އަށް އެންމެ ޒުވާން ބިލިއަނަރު އަދި "އޯޔޯ ރޫމް" ގެ ވެރިޔާ ރިތޭޝް އަގަރުވާލު މަހުޖަނަށްވީ ވިޔަފާރި އެވެ. އެހެންވެ، ހޯމްސްޓޭ ފަށާ ހިސާބުން އިންޑިއާގެ މި ބިލިނަރުގެ ކުންފުނިން މިހާރަށް ވުރެ ބޮޑަށް ރާއްޖޭގެ މާކެޓްގެ ފުނަށް ވަންނާނެ އެވެ.
މި ސަރަހައްދަށް ބަލާނަމަ ހޯމްސްޓޭ ކޮޓަރިއެއް އާއްމު ގޮތެއްގައި ވިއްކަނީ 15 ޑޮލަރާއި 25 ނޫނީ އެންމެ މަތިން ވެސް ވިކެނީ 30 ޑޮލަރު ވަރަށެވެ. ރާއްޖޭގެ ރަށްރަށުގައި އާއްމު ގޮތެއްގައި ގެސްޓްހައުސް ކޮޓަރިއެއްގެ ރެއަކަށް ލިބެނީ 50 ޑޮލަރުން މަތީގަ އެވެ. އެހެންވެ ހޯމްސްޓޭ ގެންނަ ހިސާބުން ގެސްޓްހައުސް މާކެޓަށް ވެސް އަސަރު ތަކެއް ކުރުން ގާތެވެ. ސަބަބަކީ މިހާތަނަށް އައިރު ގެސްޓްހައުސްތައް ދުނިޔޭގައި އެކަށީގެންވާ ގޮތެއްގައި މާކެޓު ކުރެވިފައި ނެތުމެވެ. މިހެންވެ މި މާކެޓަށް އަލަށް ފުންމާލާ ހޯމްސްޓޭ މުޅި މާކެޓުގެ މައްޗަށް އަތްގަދަ ކުރުމުގެ ފުރުސަތެއް މައުސޫމު މެނަށް ރަނގަޅު ގަވައިދުތަކެއް ހަދައި ތަންފީޒު ނުކުރެއްވިއްޖެ ނަމަ އޮންނާނެ އެވެ. -- ގައިމުވެސް ގަވައިދެއް ތަންފީޒެއް ނުވާނެ އެވެ.
ހޯމްސްޓޭއަށް ކޮޓަރި ދިނުމުން ފައިސާ ހުރި މީހަކަށް ރަށަކުން 30 ނޫނީ 40 ކޮޓަރި އެއްކޮށް ގަނެލައިގެން ބޮޑު ގެސްޓްހައުސްއެއް ވެސް ހިންގިދާނެ ހެއްޔެވެ؟ އޭރުން އެ ރަށުގައި އެ ހުރީ ހަގީގަތުގައި އިމާރާތެއް ފެންނަން ނެތަސް އޭނާގެ ބޮޑު ހޮޓަލެކެވެ. އަނެއްކާ ގެސްޓްހައުސްތަކުން 50 ޑޮލަރު ވަރަށް ކޮޓަރި ވިއްކާއިރު ހޯމްސްޓޭއިން 25 ޑޮލަރަށް ކޮޓަރި ވިއްކައި މޫދުކުޅިވަރާއި އެހެން ބައިތައް ހިމަނައިގެން ވިއްކޭ ގޮތަށް ހަދައިފިނަމަ ގެސްޓްހައުސް ވިޔަފާރިއަށް އަސަރުތައް ވެސް ކުރާނެ އެވެ.
ދެހާސް ފަނަރަ ވަނަ އަހަރުން ފެށިގެން ގެސްޓްހައުސް މާކެޓު ކުރަން މަސައްކަތް ކުރާ، ޑރ. ސަނީ އުމަރު ވިދާޅުވި ގޮތުގައި މިހާރު ގެސްޓްހައުސް މާކެޓު ކުރަން އެމްއެމްޕީއާރުސީން ކުރަމުންދެ އެވެ. ނަމަވެސް، އަދިވެސް ރާއްޖޭގެ މި މާކެޓު މައުލޫމާތެއް ދުނިޔެ އަށް ނޭނގެ އެވެ. އަދި ރާއްޖޭގެ ގެސްޓްހައުސްތަކުގެ 70 ޕަސެންޓް އެނދު ނުވިކެ އެވެ.
"މިއީ ވަރަށް ބޮޑު މާކެެޓެއް. ބަޖެޓް ޓެވަލާސްގެ ގޮތުގައި ދުނިޔޭގައި ދަތުރު ކުރޭ 1.4 ބިލިއަން. މިމާކެޓު ބޮޑު ބައެއް ހޯމްސްޓޭ ބޭނުން ކުރޭ. އެހެންވެ ފުރުސަތު ވަރަށް ބޮޑު. އަނެއްހެން މާބޮޑު ބްރޭންޑިންއެއް ވެސް ހަދާކަށް ނުޖެހޭ. އެކަމަކު ބްރޭންޑިން ހަދައިފިނަމަ އިތުރަށް ފުރިހަމަވާނެ،" ސަނީ ވިދާޅުވި އެވެ.
ނަމަވެސް އޭނާގެ ވެސް އެންމެ ބޮޑު ނުތަނަވަސް ކަމަކީ މި ވިޔަފާރި ރަނގަޅަށް ރެގިއުލޭޓް ނުކުރެވިއްޖެނަމަ ނުކުންނާނެ މައްސަލަ ތަކެވެ.
"މިހާރު ކައުންސިލްތައް އެބައޮތް. އެހެންވެ އެކަން ކުރެވޭނެ ކައުންސިލް ތަކުން. ގެސްޓްހައުސް އައިއިރު ރިސޯޓު އޯނަރުން ވެސް ދެއްކި މިހާރު ވާހަކަ ދައްކާ ގޮތަށް އަސަރުކޮ ށްފާނެއޭ. އެކަމަކު މާބޮޑު އަސަރެއް ނެތް،" ސަނީ ވިދާޅުވި އެވެ.
ނައިޓަށް ދާން ހޯމްސްޓޭ ނުހެދޭނެ ތަ؟
މި ވިޔަފާރީގެ ކާމިޔާބީ އާއި މޮޅުން ލިބޭނެ ޑޮލަރުގެ ވާހަކަ ބާއްވާފައި ހޯމްސްޓޭ ބޭރު މީހުންނަށް ނުވިއްކާ މި ކޮޓަރިތައް ވިއްކިދާނެ ގޮތެއް ނެރެވިދާނެ ތޯ މިއީ ވެސް ސުވާލެކެވެ. ތަޖުރިބާކާރުންގެ ނަޒަރުގައި އެކަން ކުރެވިދާނެ "މޮޑެލް" އެއް ނެރެވިދާނެ އެވެ. އެ ގޮތަކީ ސަރުކާރުން ގެންނަން ވާހަކަ ދެއްކި "ނައިޓަށް ރަށަށްދާ" އުސޫލު އެޕްލައި ކުރުމެވެ. މިކަން ކުރެވިއްޖެނަމަ އެތެރޭގެ އިކޮނޮމީ ވެސް ފުރިހަމައަށް ހިންގޭނެ އެވެ.
އެގޮތަކީ ކައިރި ރަށްރަށުގައި މިގޮތަށް ހުރި ކޮޓަރިތައް ރިސޯޓު މުވައްޒަފުންގެ އާއިލާތަކަށް ތިބެވޭނެ ގޮތެއް ހޯދައި ދިނުމެވެ. ލަފާ ކުރެވޭ ގޮތުގައި ހޯމްސްޓޭ އިން މަހެއްގެ މައްޗަށް ކޮޓަރި އަކަށް ލިބޭނެ ކަމަށް ބެލެވޭ އަންދާޒާއަކީ 4،000ރ. އާއި 5،000ރ. ވަރެވެ. އެހެންވެ މި ކޮޓަރިތައް ރިސޯޓުތަކުގައި ތިބި ދިވެހި މުވައްޒަފުންގެ އާއިލާތައް ތިބެވޭނެ ގޮތެއް ނުހެދޭނެ ހެއްޔެވެ؟
މި ފުރުުސަތު ދެވިއްޖެނަމަ ކޮންމެ ދުވަހަކު ވަޒީފާ ނިންމާފަ އާއިލާ ކައިރި އަށް ދެވޭނެ ގޮތްވެސް ހެދުނީ އެވެ. ނޫނީ ކޮންމެ ދުވަހު ނޫންނަމަވެސް ހަފުތާއަކު އެއް ފަހަރު ވެސް ދެވޭނެ އެވެ. އޭރުން މި މުވައްޒަފުންގެ ދަރިން ރަށުގެ ސްކޫލަށް ވައްދައިގެން އަހަރު ދުވަހު ތިބެވޭނެ އެވެ. މީގެ ސަބަބުން އާއިލާއެއްކޮށް އުޅޭނެ ރަނގަޅު ޖީލެއް ފައްކާ ކުރަން ވެސް ފުރުސަތު ފަހިވާނެ އެވެ. އަނެއްކާ މައުސޫމް ލައިގެން ސަރުކާރުން ފަށަން އުޅޭ ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން "ޑޮމެސްޓިކް ޓްރެވަލް" ދަތުރުފަތު ވެސް އުފެދިގެންދާނެ އެވެ. އޭރުން މާމަ އާއި ކާފަ އަށް ވެސް އެ ރަށަށް ދަތުރުކޮށް މާމަދަރިން ގާތަށް "ވިޒިޓް" ކޮށްލެވޭނެ އެވެ. ފިހާރަތަކުން ވިޔަފާރި ވެސް ވާނެ އެވެ. ޑޮލަރު ނުލިބުނަސް ރުފިޔާ ލިބޭނެ އެވެ. މިއީ ވެސް "ހޯމްސްޓޭ" ހިންގިދާނެ ގޮތެކެވެ.
ކިރިޔާ ވެސް ގޮތެއް އޮއްވައި އަންނަން އޮތް ޖީލުތައް ފުނޑާލާކަށް ހެޔޮ ނުވާނެ އެވެ. ދިރާސާއެއް ނުކޮށް ހޯމްސްޓޭ އިން ނުކުމެދާނެ މައްސަލަތައް ނުބަލައި ހޯމްސްޓޭ ގެނައުން ރަނގަޅެއް ނުވާނެ އެވެ. އެކަމެއް މައުސޫމަށް އެނގި ވަޑައި ނުގަތަސް އެވަރު ސަރުކާރަށް އެނގެން ޖެހޭނެ އެވެ.