ކަނޑޫދޫ

ކަނޑޫދޫ މިރުސް ލަންކާގައި ހައްދައިގެން ގެނެސް އަގު ވައްޓާލައިފި

Apr 20, 2021
41

ރާއްޖޭގައި އެންމެ އަގު ބޮޑުކޮށް ވިއްކާ އަދި ވިކޭ، މަޝްހޫރު ކަނޑޫދޫ މިރުހުގެ މުޑުވައް ސްރީލަންކާއަށް އެކްސްޕޯޓްކޮށް އެ މިރުސް ލަންކާގައި ހައްދައިގެން ގެނެސް ކަނޑޫދޫ މިރުގެ އަގު ބާޒާރުގައި ވައްޓާލައިފި އެވެ.

ރޯދަ މަހު އެންމެ ބޮޑަށް އަގު މަތިވާ މިރުހުގެ އެއް ވައްތަރު ކަމަށްވާ ކަނޑޫދޫ މިރުހަކީ ދިވެހި ދަނޑުވެރިން އެންމެ ބޮޑު ފައިދާއެއް ހޯދާ އެއް ބާވަތެވެ. ތ. އަތޮޅު ކަނޑޫދޫއަށް ނިސްބަތްވާ އެކަމަކު ފަހުން މުޅި ރާއްޖޭގައި ހައްދާ ކަނޑޫދޫ މިރުހުގެ އަގު މިދިޔަ އަހަރު ކިލޯއެއްގެ އަގު 2،500ރ. އަށް ވެސް އުފުލުނެވެ.

ނަމަވެސް، މި އަހަރު ކަނޑޫދޫ މިރުހަކީ މިރުހުގެ އެންމެ އަގުދަށް ބާވަތަށެވެ. މިހާރު ކަނޑޫދޫ މިރުސް 100ގ. އެންމެ 20ރ. އަށް ލިބެ އެވެ. ކަނޑޫދޫ މިރުސް ކިލޯއެއް މިހާރު ވިއްކަނީ 180ރ. އާއި 200ރ. އާ ދެމެދުގަ އެވެ.

މިކަން ކުރީ ލަންކާގެ ކުންފުންޏަކުން

ރޯދަ މަހުގެ ފުރަތަމަ ހަފުތާ ނިމެން ދާއިރު މިރުހުގެ އަގު އެއްވަރެއްގައި ހުރުމަކީ ދުވަހަކު ވެސް ވީކަމެއް ނޫނެވެ. ބެލިބެލުމުން އެނގުނީ ކަނޑޫދޫ މިރުސް އަވައްޓެރި ސްރީލަންކާގައި ހައްދައިގެން ގެނެސް މާލޭ ބާޒާރަށް "ފްލަޑް" ކޮށްލާފައިވާ ކަމެވެ. މިކަން ކޮށްފައިވަނީ އެ ގައުމުގެ ބޮޑު ކުންފުންޏަކުންނެވެ. މީގެ އަޑީގައި ތިބީ ސްރީލަންކާ ބަޔަކާއި ގުޅިފައިވާ ދިވެހިންނެވެ. އެމީހުން ކޮންމެ ދުވަހަކު ވެސް ސްރީލަންކާއިން ވައިގެ މަގުން ދަނީ ކަނޑޫދޫ މިރުސް ގެނެސް ވިއްކަމުންނެވެ.

ދިވެހި ދަނޑުވެރިންނަށް ބޮޑު ގެއްލުމެއް

ރާއްޖޭގައި އެންމެ ފުޅާކޮށް ދަނޑުވެރިކަން ކުރާ ގަމީރާ އާދަމް ބުނި ގޮތުގައި ކަނޑޫދޫ މިރުހުގެ އަގުދަށްވެފައި ވަނީ ލަންކާގައި ހައްދައިގެން އެ މިރުސް ގެނައުމުގެ ސަބަބުންނެވެ. މިއީ ދިވެހި ދަނޑުވެރިންނަށް ބަޔަކު ދިން ބޮޑު ދެރައެކެވެ.

"މިއީ ވަރަށް ދެރަކަމެއް. ދިވެހި އުފެއްދުންތެރިންގެ މަސައްކަތުގައި އެއްވެސް އަގެއް ނެތް މިހާރަކު. މިކަން މިހެން ވެގެނެއް ނުވާނެ،" ގަމީރާ ބުންޏެވެ.

މިއީ ވަރަށް ދެރަކަމެއް. ދިވެހި އުފެއްދުންތެރިންގެ މަސައްކަތުގައި އެއްވެސް އަގެއް ނެތް މިހާރަކު. މިކަން މިހެން ވެގެން ނުވާނެ
ގަމީރާ އާދަމް | ދަނޑުވެރިއެއް

އޭނާ ބުނި ގޮތުގައި ދަނޑުވެރިންނަށް ވެސް ހަމަ އަގެއް ނުލިބެ އެވެ. އެހެން އޮތް އިރު ރާއްޖޭގައި އާއްމުކޮށް ހައްދާ ތަކެތި ބޭރުގައި ހައްދައިގެން ގެނެސް "ފްލަޑް" ކުރިޔަ ދީގެން ނުވާނެ އެވެ.

"ދިވެހިން ހައްދާ ރާއްޖޭގައި ހެދޭ ތަކެތިން ބޮޑު ޑިއުޓީއެއް ނެގެން ޖެހޭ. އެ އެތެރެ ކުރުން ކޮންޓްރޯލް ކުރެވެން ޖެހޭ. އެހެން ނޫނީ މިކަމެއް ނުކުރެވޭނެ،" ގަމީރާ ބުންޏެވެ.