ހެންވޭރު ތިމާވެށިން ކާށިދޫ ޖާބިރުގެއަށް!

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު، އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ ތައާރަފެއް ދެންޏާ ޔޮޓް ޓްއާސްގެ ޗެއާމަން، ރިޗް ކްލަބް މޯލްޑިވްސް އާއި ޖޭ ހޮޓެލްސްގެ ވެރިޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޝްޕެޝަލް އެންވޯއީ، ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރު، ރައީސް އަބްދުﷲ ޔާމީންގެ ފްރެންޑް، މިހެން ގޮސް އެތަކެއް ނަމެއް ކިޔައިފާނެ އެވެ. އެކަމަކު ފާހަގަވާ ކަމެއް އޮވެ އެވެ. ޖާބިރު އަމިއްލަފުޅަށް އޭނާގެ ނަން ވިދާޅުވާއިރު މިހާތަށް އަބަދުވެސް ވިދާޅުވާނީ "ހެންވޭރު ތިމާވެށި، އަބްދުﷲ ޖާބިރު" އެހެނެވެ. ދެން އިތުރަށް އެއްޗެއް ވިދާޅެއް ނުވެ "ހަނު ހުންނަވަނީ" އެވެ.

ނަމަވެސް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ޖާބިރު ކުރިމަތިލެއްވި އިރު އޮތީ އޭނާގެ ވަނަވަރާއި ތައާރަފު ބަދަލު ވެފައެވެ. ޖާބިރުގެ ރަށްވެހިކަން ކާށިދޫއަށް ބަދަލުވެ، އެޑްރެސް "ހެންވޭރު ތިމާވެށި" ން "ކ. ކާށިދޫ، ޖާބިރުގެ" އަށް ބަދަލުވެފަ އެވެ. މިހާރު ޖާބިރު އަމިއްލަފުޅަށް ވިދާޅުވާ ގޮތުގައި އޭނާއަކީ "ކ. ކާށިދޫ، ޖާބިރުގޭ، އަބްދުﷲ ޖާބިރެ" ވެ. ދެން ހަނު ހުންވަނީއެއް ވެސް ނޫނެވެ. ބައިވަރު ވާހަކަ ވެސް ވިދާޅުވެ ދެއްވަނީ އެވެ.

ޖާބިރު ވިދާޅުވަނީ އެއީ ހެއްވާ ޖޯކް ވާހަކައެއް އަދި ހެއްވާ ނަމެއް ވެސް ނޫނެވެ. އަދި "ކ. ކާށިދޫ، ޖާބިރުގެ" އަކީ މުސްތަގުބަލުގައި އާދައިގެ ގެއަކަށް ނުވާނެ އެވެ.

މި ރަށުގެ ބަނދަރުމައްޗާ ދިމާއިން ސީދާ އަތިރިއަށްވާ ގޮތަށް މިހިރަ ގެއަކީ މިހާރު ވެސް އަދައިގެ ގެއެއް ނޫނެވެ. މި ގެ އަލުން ތަރައްގީކޮށް އުފުލައިލުމުގެ މަސައްކަތަށް ބޭނުން ވާނެ ހުރިހާ ސާމާނެއް މިހުރީ މި ރަށަށް ގެނެސްފަ އެވެ. މިތާނގައި މި ގެ ހެދުމުގެ މަސައްކަތް ވެސް މިއޮތީ ފެށިފަ އެވެ. މިގޭގެ ހުދުކުލައިގެ ވަށާފާރުގައި ނަންބޯޑެއް ހަރުކޮށްފައި އެބަހުއްޓެވެ. އެ ބޯޑްގައި ޖާބިރު ވިދާޅުވާ ގޮތަށް ލިޔެފައި ވަނީ "ޖާބިރުގެ" އެވެ.

ޖާބިރު ވިދާޅުވާ ގޮތުގައި އޭނާ ވަނީ މި ކާށިދޫއިން ވަރަށް ގިނަ ބިން ބައްލަވައިގެންފަ އެވެ. އޭގެ ތެރެއިން ބިމެއްގައި "ޖާބިރުގެ" މިހިރީ ފެންނާށެވެ. މިގެއާއެކު ޖާބިރުގެ ވިޔަފާރިތައް ކާށިދޫއަށް "ޝިފްޓް" ކުރާނެ ވިސްނުންފުޅެއް ވެސް އޭނާ ގެންގުޅުއްވަ އެވެ.

މި ރަށުގައި "ޖާބިރުގެ" ނަމުގައި އޭނާ ތަރައްގީ ކުރައްވާ އޭނާގެ އަމިއްލަފުޅު "ގަނޑުވަރު"ގެ ބިމާއި އިމާރާތް އޭނާ ބައްލަވައިގަތީ 2.5 މިލިއަން ރުފިޔާއަށެވެ. މި ގެއަކީ ކާށިދޫގައި އެންމެ ފުރަތަަމަ ދެ ބުރިއަށް ހެދި ގެއެވެ.

"އަޅުގަނޑު ބޭނުންވަނީ ދާއިރާގެ މި ރަށުގައި ދިރިއުޅެން. އެހެން ނަމަވެސް ދަތިތަކެއް އެބަހުރޭ. ކިހިނެތްތޯ އަޅުގަނޑު ކޮންމެ ދުވަހަކު މަޖިލީހުގެ ޖަލްސާއަށް މާލެ ދާނީ! ދައުލަތުން އެބަޖެހޭ އެފަދަ ފެސިލިޓީސްތައް މަޖިލިސް މެމްބަރުންނަށް ފޯރުކޮށްދޭން. ރައްޔިތުންނާއި ގާތުން މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސާ، ބައްދަލު ކުރެވޭނެ ގޮތް ހަދައިދޭން ޖެހޭ. އެހެން ނަމަވެސް ކާށިދޫ ޖާބިރުގޭގައި ރައްޔިތުންނާއި ބަރާބަރަށް ބައްދަލުވެ ވާހަކަ ދެއްކޭނެ" ކާށިދު އާއި މާލެ "އަޑީންނާއި މަތީން" ގުޅައިލުމުގެ ހުވަފެން ދެކެވަޑައިގަންނަވާ ޖާބިރު ވިދާޅުވި އެވެ.

ޖާބިރުގެ ވިސްނުންފުޅަށް މި ރަށުގެ ގިނަ ރައްޔިތުން ތާއީދު ކުރެ އެވެ. ދާއިރާގެ މައި ރަށުގައި ޖާބިރު ދިރިއުޅުއްވުމަކީ މި ދާއިރާގެ ރައްޔިތުންނަށް ފައިދާވާނެ ކަމެއް ކަމަށް މި ރަށުގެ ވަރަށް ގިނަ މީހުން ވެސް ގަބޫލު ކުރެއެވެ.

"އަސްލުގައި ވަރަށް ރަނގަޅު ކަމަކަށްވާނީ ޖާބިރު މި ރަށުގައި ދިރިއުޅުއްވަން ފެއްޓެވުން. އޭރަށް އަޅުގަނޑުމެން ބޭނުން އިރަކު ގޮސް ވާހަކަ ދައްކާލެވޭނެ. ދަތިތަކާއި ބޭނުންތައް ހިއްސާކޮށްލެވޭނެ. އަނެއްކާ ޖާބިރަކީ މީހުންގެ އަޑު ވަރަށް ރަނގަޅަށް އަހާ ބޭފުޅެއް، އޭރަށް އަޅުގަނޑުމެން ސީދާ ދާނީ ޖާބިރުގެއަށް،" އެކަކު ބުންޏެވެ.