ބޭރު ދަތުރު

ކުންމިން ތަސައްވުރު: ދިވެހި ނޫސްވެރިންގެ ނޯޓް ފޮތަށް

ޗައިނާގެ ޔުނާންއިން: މުހައްމަދު އުސާމް
Dec 2, 2019

ދުނިޔޭގެ އެންމެ ބޮޑު އާބާދީ އަކީ ޗައިނާ އެވެ. އަދި ދުނިޔޭގައި އެންމެ ހަލުއި ދުވެއްޔެއްގައި ކުރިއަރަމުން ދަނީ ވެސް ޗައިނާ އެވެ. ދުނިޔޭގައި މިވަގުތު އެންމެ ދުޅަހެޔޮ އިގްތިސޯދެއް އޮތީ ވެސް ޗައިނާގަ އެވެ. ހަމަ އެގޮތަށް ކުރިއަރާ ސިޓީތައް ޗައިނާގައި ވެސް ވެއެވެ. އެފަދަ އެއްތަނަކީ އެންމެ އިރުމަތީން ޔުނާން އެވެ. މި ޔުނާންގައި 40 މިލިއަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އެބައޮތެވެ. ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުން ޗައިނާއަށް ވަންނަން އޮތް މައި ދޮރަކީ މި ޕްރޮވިންސެވެ. ސަގާފީ ގޮތުން ވެސް މުއްސަނދި ޔުނާންއަކީ ޗައިނާގެ ދަރިފަސްކޮޅުތަކުގެ ތާރީހުގައި ވެސް މުހިއްމު ސަފްހާތަކެއް ނިސްބަތްވާ ޕްރޮވިންސެކެވެ.

މި ރަށަށް އައިސް ޗައިނާ އާއި މި ޔޫނާންއާ ގުޅޭ ތާރީހީ ސަފުހާތައް ކޮންމެވެސް ވަރަކަށް ހޯދައިލެވުނެވެ. ދިވެހި ބައެއް ނޫސްވެރިންނާއެކު ޗައިނާއަށް ފެށި މި ދަތުރުގައި އެންމެ ފުރަތަމަ މަންޒިލަކަށް މިއޮތީ ވެސް ޔުނާން އެވެ. ޔުނާންއާބެހޭ މައުލޫމާތު އެއްކޮށްލީ ދިގު ދަތުރު ކުރު ކޮށްލުމުގެ ބޭނުމުގަ އާއި މަންޒިލަށް ދެވުމުން ފެނުނު އެއްޗަކާ މަންޒަރެއްގެ ވާހަކަ ފަހުން ލިޔެލާ ވެސް ހިތުންނެވެ. ދާން މިޖެހެނީ ކުންމިންގެ އާބަން ޕްލޭނިން އެގްޒިބިޝަން ހޯލަށެވެ. އެ ތާނގެ މައުލޫމާތު ހޯދަން އުނދަގޫވި އެވެ.

ބޮޑެތި މަގުތަކާއި ހައިވޭތައް ހުރަސް ކުރަމުން ބަހުގައި ކުރި ދަތުރު އިތުރަށް ޝައުގުވެރިކޮށް ދިނީ އެ ޕްރޮވިންސްގެ ފޮރިން އެފެއާޒް ޑިޕާޓްމަންޓްގެ ފަރާތުން ދަތުރުގައި ބައިވެރިވެވަޑައިގެންނެވި އޮފިޝަލަކު ދެއްވަމުން ގެންދެވި މައުލޫމާތުތަކާ އެކުގަ އެވެ.

އޭނާ ވިދާޅުވެ ދެއްވި ގޮތުގައި ޔުނާންއަކީ ޗައިިނާގެ ޕްރޮވިންސްތަކުގެ ތެރެއިން ތަރައްގީގެ ކުލަވަރު އެންމެ މަޑު އެއް ޕްރޮވިންސެވެ. އެކަމަކު ޕްރޮވިންސްގެ ވެރިރަށް ކުންމިން ވެސް ފަތުވެރިންގެ މަންޒިލެއްގެ ގޮތުގައި ތަރައްގީ ކުރާނެ އާބަން ޕްލޭނެއް އޮވެ އެވެ. އެ ޕްލޭނިން ހޯލްގައި ފަންނުތައް ބޭނުންކޮށްގެން ކުރަހާފައިވާ އޭގެ ތަސައްވަރުތައް ބަހައްޓާފައި ވެއެވެ.

ގޫގަލް ކޮށްގެން އެ މައުލޫމާތު ލިބޭނެ ގޮތެއް ނުވި އެވެ. އެހެން ވެގެން އެއް ފަރާތަކަށް ޖެހިލާފައި އެ އޮފިޝަލާ އެ ވާހަކައިން ސުވާލު ކޮށްލައިފީމެވެ؛ އޭނާ ވިދާޅުވި ގޮތުގައި އެއީ އަދި މީގެ ދެމަހެއްހާ ދުވަސް ކުރިން ހުޅުވި ތަނެކެވެ. އެ މައުރަޒުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. އަދި އެއްވެސް ކަމެއް މުޅިން ނުއެއް ނިމެ އެވެ. މި ވަގުތަށް އެތަން ދައްކަނީ ވެސް ބޭރު ގައުމުތަކުން އަންނަ ޑެލިގޭޝަންތަކަށާއި ހާއްސަ ކުރެވޭ ނޫސްވެރިންނަށް އެކަންޏެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއީ ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި ޔުނާން ތަރައްގީ ކުރުމުގެ ގޮތުން ފަތުރުވެރިން ގަޔާވާނެ ސައިޓްތައް ތަރައްގީ ކުރުމުގެ ޕްލޭންގެ ތެރެއިން ކުރާ އެއް މަސައްކަތެވެ. އެ ވާހަކަތަކުން އެ ބުނާ ތަނެއް ބަލާލުމުގެ ޝައުގުވެރިކަން އިތުރުވި އެވެ. އޭގެ ކުރިއަށް އައިޓްނަރީގެ އެބައިގައި އޮންނާނީ އެއީ އެހާ މުހިންމު ތަނެއް ނޫން ކަމަށް ބަލައި ރަސްގެއެއް ލާފަ އެވެ.

މިއީ އެއް ގަޑިއިރަށްވުރެ ދިގު ދަތުރެކެވެ. ނަމަވެސް ގިނަ ނޫސްވެރިން ޔުނާނަށް ކުރާ ފުރަތަމަ ދަތުރު ކަމުން އަނގަތެޅުމާއި ސަކަރާތުމުގެ ތެރޭގައި ތިއްބާ މަންޒިލަށް ދެވިއްޖެ އެވެ.

އެހެން ނޫސްވެރިންގެ ހިތުގައި އޮތް އެއްޗެއްވެސް ނޯޓު ފޮތުގައި ލިޔުނު އެއްޗެއްވެސް ނޭނގެ އެވެ. އެކަމަކު އެކި ފަންނުތައް ހިމެނޭ މައުރަޒެއް މެދުވެރިކޮށް މި ޕްރޮވިންސްގެ އާބަން ޕްލޭން ދައްކާލާނީ ކޮން ކަހަލަ ތަފާތު އުކުޅުތަކަކުންބާއޭ އަހަރެންގެ ހިތަށް އަރައަރައި އޮތެވެ. އެ ސުވާލުގެ ޖަވާބު ހޯދަން ހިނގައިގެންފީމެވެ.

ފަންނުތަކުން ޔުނާންގެ ތާރީހު

އާބަން ޕްލޭން ބަލައިލަން ވަން މައުރަޒުން ފުރަތަމަ ފެނުނީ ޔުނާންގެ މާޒީ އެވެ. ކުރެވުނު އެކި ހަނގުރާމަތަކުން ފެށިގެން މާޒީގައި އޮތް އެކިއެކި އާދަކާދަތަކާއި ސަގާފަތާއި ހަމައަށް ދައްކުވައި ދިނީ ހަމަ އެކަނި ކުލަގަނޑަކުންނެއް ނޫނެވެ. ތަރައްގީ ހޯދުމުގެ ދަތުރުގައި އިގްތިސޯދަކަށް މެދުވެރިވާ ހާލަތްތައް މި ޕްރޮވިންސް ވެސް ތަޖުރިބާ ކޮށްފައިވާ ކަން ބުނެދިނީ ހަމަ އެކަނި ލިޔުންގަނޑަކުން ވެސް ނޫނެވެ. އެއަށްވުރެ މާ ފުރިހަމައަށެވެ.

ވާހަކަތައް ބުނެ ދިނީ ބޮޑެތި މުރާލް އާޓާއި ސްކަލްޕްޗާ އާޓްގެ މަސައްކަތްތަކުންނެވެ. އެންމެ ތިރީ ފަންގިފިލާގެ މުޅި ފާރު ފުރާލައި އޭގެ އެއް އާޓްގެ ބޮޑެތި މަސައްކަތްތައް ހަރުކޮށްފައި ހުއްޓެވެ. ލޮއި ފަދަ ތަކެތިން ހަދާފައިވާ އެ ފަންނުތައް ފެނުމުން މިތާ މިތިބަ ނޫސްވެރިންނަށް ބަލާކަށް ނުތިބެވުނެވެ. އެންމެވެސް ބުނެލީ "ހިނގާ ފޮޓޯއެއް ނަގަން،" އެހެނެވެ.

އެންމެން އެކުއެކީގައި ފޯނުތަކުން ފޮޓޯ ނެގި އެވެ. މި ބޮޑެތި މަސައްކަތްތައް ހަމަ ލޮލުން މީގެ ކުރިއަކުން ނުދެކެ މެވެ. ފަންނުތަކުން މާޒީ ކިޔައިދޭން މި ރަށުގެ ފަންނުވެރިން ކުރި މަސައްކަތް ފަށައިގަތޔް ފޮޓޯތަކާއި ވީޑިއޯތައް ވެސް ނެގީމެވެ.

އެންމެން ބިޒީވެފައި ތިއްބައި އަދިވެސް އިތުރު މަސައްކަތްތައް އޮތް ކަމަށް ބުނެ އޮފިޝަލުން އިޝާރާތެއްކޮށްލި އެވެ. އިތުރަށް ވެސް ބޮޑެތި ސަޕްރައިޒްތައް ހުރީ އެވެ. ހިނގަމުން ދިޔައިރު އެ ސަޕްރައިޒްތައް ދިޔައީ ލިބެމުންނެވެ. އޭގެ ތެރެއިން ލޮލުގައި އަޅައިގަތް އެއް ކަމަކީ މައުރަޒުގައި ހިމެނޭ ކުދިކުދި ކޮޓަރިތަކެެއްގައި ހުރި ފަންނީ މަސައްކަތްތަކެވެ. ޔުނާންގެ މާޒީގައި އާންމު ގެތަކުގެ ކޮޓަރިތައް ހުންނަ ގޮތަށް ފަރުމާ ކޮށްފައިވާ އެ ކޮޓަރިތަކުގައި ޗައިނާ މީހުން ތިބޭ ގޮތަށް ހަދާފައިވާ ބުދުތައް އަތުރާފައި ވެއެވެ.

"ހީވަނީ ހަމަ އަސްލު ހެން ދޯ؟" ގާތުގައިހުރި ދިވެހި ނޫސްވެރިޔަކު ސުވާލު ކުރި އެވެ. އެ "ޓޯއީ" މީހުންނާއެކު ވެސް ނޫސްވެރިން ފޮޓޯ ނެގި އެވެ. ވަރަށް ގިނައިންނެވެ. އެ ފުރިހަމަ އުފެއްދުންތައް ފެނި ފޮޓޯ ނެގުމުގައި އެއް ބަޔަކު ބިޒީވިއިރު ދެން ތިބި ނޫސްވެރިންނަށް އެ މަސައްކަތަށް ތައުރީފު ކުރުމުގައި ތިއްބެވެ.

ދިގު ތާރީހެއް އޮތް ޗައިނާއަކީ 55 ދަރިފަސްކޮޅަކަށް ނިސްބަތްވާ މީހުން އުޅޭ ގައުމެކެވެ. މެޖޯރިޓީ ހަން ދަރިފަސްކޮޅާއެކު ޔުނާންގައި ވެސް އޭގެ 25 ދަރިފަސްކޮޅަށް ނިސްބަތްވާ މީހުން އުޅެ އެވެ. ޔުނާންގެ ވެރިރަށް ކުންމިންގެ މި މައުރަޒުން ފެނުނު ކުދި ކޮޓަރިތަކުގައި ހަދާފައިވާ ބުދު މީހުނާއި ބައެއް ފަންނީ އެހެން މަސައްކަތްތަކުން ވެސް އެ ހުރިހާ ދަރިފަސްކޮޅެއް ތަމްސީލު ކޮށްދޭން މަސައްކަތް ކޮށްފައިވެ އެވެ.

ފޮރިން އޮފިޝަލާއި މައުރަޒުގެ ޓުއާގައިޑާއެކު ފަންނީ އެކިއެކި މަސައްކަތްތައް ބަލަމުން ދިޔައިރު ދެން ފާހަގަވީ އަތްތެރި މަސަައްކަތުގެ އިތުރަށް ޑިޖިޓަލް ފަންނުގެ ބޭނުން ވެސް ކުރެވެން އޮތް ފުރިހަމައަކަށް ކޮށްފައިވާ ކަމެވެ. އޭގެ ތެރޭގައި އެނިމޭޝަން ވީޑިއޯތައް ވެސް ހިމެނެ އެވެ. މިހާރު ކުންމިން އޮތް ގޮތާއި މީގެ ކުރިން ކުންމިން އޮތް ގޮތުގެ މެޕްތައް ވެސް ހުއްޓެވެ. އެ މެޕްތަކުގައި ކުންމިން ސިޓީގައި ހިމެނޭ އިމާރާތްތަކާއި ރުއްގަހާއި ގަސްގަހާގެހީގެ ވާހަކަ ތަފުސީލުކޮށް ފަރުމާ ކޮށްފައިވެ އެވެ.

އެންމެ ތަފާތު އެއް މަސައްކަތެއްގެ ގޮތުގައި ފެނުނީ ކުންމިންގެ ސަރަހައްދުތަކާއި ސަގާފީ ކުޅިވަރުތައް ދައްކުވައިދޭން އެނިމޭޝަންތައް ހިމަނައިގެން އުފައްދާފައި ހުރި ބައެއް ވީޑިއޯ ގޭމްތަކެވެ. ވީޑިއޯ ގޭމް ކުޅޭ ގޮތަށް އިންތިޒާމުކޮށްފައި ވަނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެންނެވެ. އާދައިގެ ޖޮއިސްޓިކެއްގެ ބަދަލުގައި ކަސްރަތު ކުރާ ވަސީލަތްތަކުން އެ ގޭމެއް ކުޅެވޭ ގޮތަށެވެ. ވީހާ ވެސް ބޮޑަކަށް މީހުންނާ އެކުވެރިވެ ގަޔާވާނެ ގޮތަކަށެވެ.

ގޭމަށް އެ ހުންނަ ފޯރިއަކުން އަހަރެން ވެސް ގޭމްގައިވާ ދޯނި ދަތުރު ކުރުމުގެ ރޭހުގައި ބައިވެރިވެލީމެވެ. ޗައިނާއަކީ ޓެކްނޮލޮޖީއާ ޑިޖިޓަލް ފަންނުގައި މޮޅު މީހުން އުޅޭ ގައުމެކޭ ބުނާ އަޑު ކުރިން ވެސް އަހަމެވެ. ފަތުރުވެރިންގެ ސަމާލުކަން އެ ގައުމަށް ގެނައުމުގައި އެ ފަންނުގެ ބޭނުން ކުރުމުގައި ވެސް ޗައިނާގެ ލޭބާ ފޯސް ވަރަށް ހުޝިޔާރެވެ. މިއީ ފަތުރުވެރިންނަށް ޗައިނާ ވިއްކަން މުހިއްމު ހަތިޔާރެކެވެ.

އާބަން ޕްލޭނިންގެ އެނިމޭޝަންތަކާއި ބޮޑު މެޕް

ހަތަރު ފަންގިފިލާގެ އެ މައުރަޒުގައި ކުންމިންގެ ތަރައްގީގެ ތަސައްވަރު ދައްކާލީ އެންމެ މަތީ ފަންގިފިލާގައި ފަރުމާ ކޮށްފައިވާ އެ ސިޓީގެ މެޕަކުންނެވެ. ތިރީ ފަންގިިފިލާތަކުގައި ވެސް ތަސައްވަރުގެ މެޕްތަކެއް ހުއްޓެވެ. އެންމެ މަތީ ފަންގިފިލާއިން ފެނުނީ އެއަށްވުރެ ބޮޑު މެޕެކެވެ. މި ކިޔަނީ ރާއްޖޭގައި މަޝްރޫއުތައް އިއުލާން ކުރާއިރު ފެންނަ ކަހަލަ އާދައިގެ ކުޑަ މެޕެއްގެ ވާހަކައެއް ނޫނެވެ. ސިނަމާ ތިއޭޓަރު ވަރުގެ ބޮޑު ބިޔަ ރޫމެއް އެއްކޮށް ބޭނުން ކޮށްފައި ވަނީ އެ މެޕަށެވެ. ފަންނުވެރިންގެ ބުރަ މަސައްކަތްތަކެއް ފެންނަ އެ މެޕް ފަރުމާ ކުރުމުގައި އަތްތެރި މަސައްކަތުގެ އިތުރަށް ޑިޖިޓަލް ފަންނު ވެސް ބޭނުން ކޮށްފައިވެ އެވެ.

ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި އެކި މޫސުންތަކުގައި ސިޓީ ފެންނާނެ ގޮތާއި ރޭގަނޑާއި ދުވާލު ވަގުތުގައި ސިޓީ ފެންނާނެ ގޮތް ވެސް ރިމޯޓެއް މެދުވެރިކޮށް ބަދަލު ކޮށްލެވެ އެވެ. ރިމޯޓް މެދުވެރިކޮށް މެޕްގެ ސްޓްރީޓް ލައިޓްތަކުގެ އަލި ބަދަލު ކުރަމުން ގެންދެވެ އެވެ. ދިވެހި ނޫސްވެރިން އެ މަންޒަރު ބަލަމުން ފޯނުތަކުގައި އެ ވީޑިއޯތައް ރައްކާކުރި އެވެ.

ކުންމިން ސިޓީގެ އެ ބޮޑު މެޕްގައި ހިމެނޭ ފެންގަނޑު ހަދާފައި އޮތީ ޑިޖިޓަލައިޒް ކޮށެވެ.

މެޕްގެ އެއްކައިރިން މަތިން ޔުނާންގެ ތާރީހާއި އާބަން ޕްލޭނިންގެ ތަސައްވަރާ ގުޅޭ ގޮތުން ވީޑިއޯ ޕްރެޒެންޓޭޝަން އެއް ވެސް އަޅުވާފަައި ހުއްޓެވެ. އެނިމޭޝަންތަކުގެ އިތުރުން ސިޓީގެ މަންޒަރުތައް ހިމެނޭ ވީޑިއޯތައް ބޭނުން ކޮށްގެން ހަދާފައިވާ ޕްރެޒެންޓޭޝަންގައި ޔުނާން ޕްރޮވިންސްގެ ތާރީހާއި މައުލޫމާތުތަކުގެ އިތުރުން ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރަން އޮތް ޕްލޭންގެ ވާހަކަތައް ވެސް ޗައިނާ ބަހުން ކިޔައި ދެއެވެ.

މިތަނުން ފެނުނު ފަންނުތަކުގެ އިތުރުން ފާހަގަ ކުރެވުނީ ޔުނާން ޕްރޮވިންސްގެ ރައްޔިތުންގެ ހިތުގައި ގައިމާއި ސިޓީއަށް އޮތް ލޯތްބެވެ. ފަތުރުވެރިންނަށް އެ އަވަށް ވިއްކުމުގައި ފަންނުވެރިންގެ ބައިވެރިވުން އިތުރު ކުރުމުގައި ޕްރޮވިންސްގެ ސަރުކާރުން ވިސްނާއިރު، ފަންނުވެރިންގެ ތެރޭގައި އޮތް ލޯތްބެވެ. ފުދުންތެރިކަން ހޯދުމަށް މުޅި އަވަށުގެ ތަރައްގީއަށް ބޭނުންވެ އެ މަސައްކަތުގައި އުޅޭ ވަރެވެ.