ތަރިކަ

އައިޝާ، ޗައިނާ ހިލައިގެ ޖަންގައްޔަށް!

ޗައިނާގެ ޔުނާންއިން: އައިޝާ އަޝްރަފް
Dec 1, 2019
5

އެތެރެއަށް ވަދެވި ގެއްލެމުން މިދަނީ ހަމަ ބޯ ބިޔަ ޖަންގައްޔެއްގެ ތެރެއަށެވެ. އަހަންނަށް ވަދެވިފައި މިހުރީ އެކި ފާޑު ފާޑުގެ ބިޔަ ބޮޑެތި ގަސްތަކާއި ވެޔޮތައް ހިމެނޭ ޖަންގައްޔެއް ކަމަށް ސިފަވާނަމަ މާފު ކުރާށެވެ. މިއަކީ އަދި އެކަހަލަ ޖަންގައްޔެއް ނޫނެވެ. އެކަމަކު މިވެސް ތާރީހީ އެތައް ވާހަކައަކާ ގުޅިފައި އޮތް ހައިރާން ކުރުވި ބޯ، އެހާ ބިޔަ ގަންގައްޔެކެވެ. އަހަރެން ވަދެ މިހުރީ ޗައިނާގެ ހިލައިގެ ގަންގައްޔަށެވެ. އެހެންނާ ޗައިނާގެ ސްޓޯން ފޮރެސްޓެވެ.

ޗައިނާގެ ޔުނާން ޕްރޮވިންސަށް އަހަރެން ކުރާ ދަތުރެއްގައި މިހާރު ދުއްވަމުން މި ދަނީ މުޅި ޔުނާން އަށްވެސް މުޅި ދުނިޔެއަށް ވެސް މަޝްހޫރު ޝިލިން ނޫނީ ސްޓޯން ފޮރެސްޓަށެވެ. މިތަނަށް ހިލައިގެ ގަންޖައްޔޭ ކިޔަމާ ހިނގާށެވެ.

މި ސިޓީގެ ޑައުންޓައުން އިން ބަހުގައި އެއްގަޑިއިރު ދަތުރު ކުރާންވީމާ އަހަރެން ކަހަލަ ހަލަނި މީހަކަށް ވަރަށް ދެން ފޫއްސެވެ. އެހެން ނަމަވެސް އެކުވެރި ބައެއް އެހެން ނޫސްވެރިން ގާތުގައި ތިބެފައި އެ މީހުންގެ މަޖަލާއި ސަކަރާތުގެ ތެރޭގައި ހިފަހައްޓާލެވުމުން ދަަތުރު، މަންޒިލާ ހަމައަށް ދާން ފޫއްސެކޭ ވެސް ނުބުނެވޭނެ އެވެ.

ޝިލިން ނުވަތަ ހިލައިގެ ޖަންގަލި މިއޮންނަނީ ޔުންނާން ޕްރޮވިންސްގެ މަރުކަޒީ ރަށް، ކުންމިންގަ އެވެ. މިހާރު އެ މަންޒިލަށް އާދެވިއްޖެ އެވެ؛ ޗައިނާގެ "ނީހާއު" ސަލާމަކުން އަހަރެމެންގެ ގައިޑް އަހަރެން ހޭލައްވާލައިފި އެވެ.

މިހާ ހިސާބުން ދެން ސްްޓޯން ފޮރެސްޓުގެ އެތެރެއަށް ވަންނަން މި ހިނގައިގަތީ އެވެ. ބޮޑެތި ފަރުބަދަތަކުގެ ކުރިމަތިން ފެންނަނީ އެކި ފާޑު ފާޑަށް އެކި ވައްތަރު ވައްތަރާއި ޒާތްޒާތަށް އަދި އެކި ވަރުވަރަށް ގަސްތައް ފަދައިން ހެދިފައި ހިލަ އެވެ.

މިފަދަ ތަނެއް ފެނުމާއެކު އަހަރެމެނަށް ވާނީ ކިހިނެއް ޔެވެ؟ އެހެން ދިވެހިންނަށް ވެސް އާންމުކޮށް ވާގޮތަށް ހަޅޭއްލަވާފައި ފުމެގަނެވުނީ އެވެ. އަހަރެން މިހަރަށް ބަރު، ބިމަށް ހިފާލާފައި ހުންނަ މީހާއަށް ވެސް ހިސާބަކަށް ހުރީ ފުމެގަނެވިފަ އެވެ. ފަހަރަކު މީހަކު "ހާދަ ރީއްޗޭ! ހާދަ ސަޅިއޭ... ވާއު!" ކިޔާ އަޑު ބާރަށް އިވެނީ އެކޯވެސް ވެގެނެވެ.

އެންމެން ވެގެން ފޮޓޯ ނަގަން ތެޅި ފޮޅިގަތެވެ. އަދި މުއުޅެނީ ހިލައިގެ ގަންގައްޔަށް ރަނގަޅަށް ނުވަދެވި އެވެ، އެވީ މަދު ސިކުންތުކޮޅު ތެރޭވެސް އެތައް ފޮޓޯއެއް މި އެންމެން ނަގައިފި އެވެ. ގައިމަށް އެންމެ ފޮޓޯ މަދުވާނީ އަހަރެންގެ އެވެ.
-- އަހަރެންގެ ފޯނު ވަރަށް އާދައިގެ އެވެ.

ސްޓޯން ފޮރެސްޓަށް ވަންނަ މައި ދޮރާށިން ނުނެއްޓިގެން އުޅޭހެން ހީވާތީ ފޮޓޯ ނަގަން މާ ރީތި ތަންތަން ކުރިއަށް އޮތީ ކަމަށް ގައިޑް، އޭނާގެ ކުޑަ ލޯޑް ސްޕީކަރުން ގޮވަން ފެށި އެވެ. އަހަރެމެން ހަބިމަށް ފޭބީ އެހިސާބުންނެވެ. ދެން އޭނާ އަހަރެމެން އެތެރެއަށް ވައްދަައިފި އެވެ. އައްދެ، ދެންވެސް ހަމަ ހުސް ހިލަ އެވެ. ބޮޑެތި ބިޔަ ހިލައިގެ ވެޔޮގަނޑު ގަނޑެވެ. އަޖައިބު ހައިރާނެއް ނުވާނެ ހެއްޔެވެ؟ މިއީ ގުދުރަތުގެ ކޮން ކަހަލަ އަޖައިބެއް އަދި ފުރިހަމަ ކަމެއް ހެއްޔެވެ؟

ވެއްޓޭނީ އެންމެ ނުބައި މީހާ ބޮލަށް!

ޔުނެސްކޯ ވޯލްްޑް ހެރިޓޭޖް ލިސްޓްގައި 2007 ވަނަ ހިމަނާފައިވާ މި ސްޓޯން ފޮރެސްޓަކީ ދެ ބަަޔަކަށް ބެހި ގުދުރަތުން ހެދިފައި އޮތް އާދަޔާ ތަފާތު ތަނެކެވެ. މިތާނގެ ލައިމްސްޓޯން، "ހިލައިގެ ގަސްތައް" ހެދެމުން ހެދުމުން މައްޗަށް އަރާ 400 ކިލޯމީޓަރުގެ ބޮޑު ސަރަހައްދަކަށް އެ އޮތީ އެއްކޮށް ފެތުރިގަނެގެނެވެ. މި ހިލައް މާސިންގާ ކަނޑި އާއި ތޮތްޕާއި އެކި ކަހަލަ ޖަނަވާރު ސިފަވާ ގޮތަށްވެސް ހެދިފައި އެބަ ހުރެ އެވެ. ތިނެސްކަނަށް ފެންނަން މި ހުންނަ ހިލަކީ "ނަޕޯލިއަން ހެޓް" އެއް ކަމަށް މި ރަށު މީހުން ބުނެ އެވެ. ދެން ދެއްކީ "ޓޮމް އެންޑް ޖެރީ" ގައި ޖެރީ އާ ވައްތަރު ކަމަށް ބުނާ ހިލަ އެވެ، އެ ތެދެކެވެ، ހަމަ އެއްވެސް ތަފާތެއް ނެތެވެ. އެ އެހެން ވިސްނުމަކުން އަހަރެން ބަލައިލީމާ އެ ފާޑު ހިލަ ވައްތަރުވާން ދަނީ މުސަޅަކާ އެވެެ.

ދެން ފެނުނު ދެ ހިލަ އަދި މާ ތަފާތެވެ. ބަލާ ފޫހި ނުވެއެވެ. އެކަމަކު މި ދެކެވޭ ވާހަކައަކުން ވަރަށް ބިރު ގަނެވެ. އެ ބޮޑު ދެ ހިލައިގެ އެހީގައި ކިރިޔަ ކިރިޔާ ނުވެއްޓި އޮންނަ ހިލައެއް ބޯ މަތިން އޮންނަނީ އެވެ. އެއީ މާ މޮޅު ހިލައެއް ކަމަށް ގައިޑު ވެސް އަދި މިރަށު އެހެން މީހުން ވެސް ބުނެ އެވެ.

ސަބަބަކީ ދޮގު ހަދާ މީހަކަށް އޭ ހިލައިގެ ދަށަކުން ނުދެވޭނެ އެވެ. ސުންޕާ ކަމެއް ހުންނަ އަދި ދޮގު ހަދާ މީހުންގެ ބޮލަށް އެ ބިޔަ ހިލަ ފުންމާލާނެ އެވެ. މިޖެހުނީ ކިހާ ބޮޑު ކަމެއް ހެއްޔެވެ؟ އަހަންނަވެސް ކުދިކުދި ދޮގުތައް ހެދިފައި ހުންނާނެ އެވެ.

"މިތަނުގައި އެންްމެ ކުރިން އުޅުނު މީހުން ބުުނާ ގޮތުން ނަމަ، މި ގާ ވެއްޓޭނީ ގާ ދަށުން ހުރަސް ކުރާ އެންމެ ނުބައި މީހާ ބޮލަށް އަދި ދޮގު ހަދާ މީހުންގެ ބޮލަށް" ގައިޑު ބުނެ ދިނެވެ.

އެކަމަކު ހިލައިގެ ދަށުން ހުރަސް ނުކޮށް އެ ތަނުން ކުރިއަކަށް ވެސް ނުދެވެ އެވެ. ދެން މިޖެހެނީ މޭގަނޑު އަތަށް ލައިގެން ހުރަސް ކުރާށެވެ. ގައިޑު ބުނި ގޮތުގައި، މި ގާ މިހެން އޮންނަތާ މިހާރު ތިން މިލިއަަން އަހަރު ވެއްޖެ އެެވެ. އެހެންވީމާ "ނުބައި" މީހެއް މި ހިލައިގެ ދަަށުންް އަދި ހުރަސް ނުކުރަނީ ދޯ އެވެ؟ އެވަރަށް ދޮގުވެސް އަދި ނުހެދެނީ އެވެ.

ޖަންގަލިން އިވޭ އާޝިމާގެ ލޯބީގެ އަޑު

އަހަރެން ޖަންގަލި ހާވަނީ އެވެ. މި ހިލައިގެ ޖަންގަލީގެ ތެރޭ ފޮރުވިފައި އޮތް ލޯބީގެ ވާހަކައެއް ވެސް އެބަ އޮތެވެ. މި ވާހަކަަ 2800 އަހަރަށް ދެމިގެން ދެ އެވެ. ވާހަކާގައި އުޅެނީ ފަަގީރު އާއިލާ އަކަށް އުފަންވި ރަނަށް ވުރެ ވެސް އަގުހުރި އާޝިމާ އާއި އޭނާގެ ހިތް ގުރުބާން ކުރި ލޯބިވެރިއާ އާހީ އެވެ.

ވަރަށް ދުވަސްވީ މި ލޯބީގެ ބައްތި ނިވާލަނީ މި އަަވަށް ޝިލިންގެ ބޮޑު މީހާގެ ދަރީގެ ބާރާއި ނުފޫޒެވެ. އޭނާ އާޝިމާ އާ އިންނަން ބޭނުންވާ ކަމަށް ބުނާ ހިސާބުން ތިނެސްކަން ލޯތްބެއް އުފަންވެ އެވެ. އެއީ ރުޅިވެރިކަމާއި އަރާރުމާއި ލޯބީގެ ހަނގުރާމަ އެކެވެ. އެންމެ ފަަހުން ނިމުނީ އެ ތަަނުގައި އޮތް ފެންް ކޯރަކަށް އާޝިމާ ޣަރަގުވެ، އެ ކޯރު ހިލަތަކަކަށް ބަދަލުވެގެނެވެ.

ކޯރާ އެކު އާޝިމާގެ ރޫހު ހިލަތަކުގެ ތެރޭ ވާކަމަށް ވެއެވެ. އޭނާގެ ލޯބިވެރިޔާ އާހީ ލޯތްބަށް އެދި އެ ސަރަހައްދުގެ ހިލަތަކުގެ ތެރޭ އާޝިމާއަށް ގޮވާ ހަދާ ކަމަށްވެސް މިރަށު މީހުން ބުނެ އެވެ. މިއީ އެތަކެއްހާސް ޅެމާއި އެތަކެއް ސަތޭކަ ފިލްމުވެސް ހަދާފައި އޮތް ލޯތްބެކެވެ.

މި ފްލޯކް ވާހަކަ އަަކީ މި ފޮރެސްޓުގެ އެންމެ ތާރީހީ އެންމެ ރީތި ވާހަކަ އެވެ. އާޝިމާގެ ލޯތްބާއި އެ ލޯބީގެ ނިމުމާ ގުޅިފަައި އޮތް ފޮރެސްޓުގައި މި ލޯބީގެ ވާހަކަ އަޑު އަހާ މީހުން އާޝިމާ އަށް “ހެދިގެން” އެބުނާ އާޝިމާ ހިލައިގެ ކުރިމަތީ އަރިއަރިއަށް ފޮޓޯ ވެސް ނަގަ އެވެ. ހެދުމާއި އާޝިމާ އަޅާ ގޮތަށް ތޮފި އަޅައިގެން ހުއްޓުމުން ހަމަ އާޝިމާ އާ ވައްތަރުވެސް ވާހެން ހީވެ އެވެ. މިހާރު ދެން ހީވާ ގޮތުން އަހަރެން ވެސް ހިސާބަކަށް ވައްތަރު ވެއްޖެ އެވެ.

ހިލައިން އުފާވެރިކަމާއި ލޯތްބާއި ކައިވެނި

އަހަރުމެން ހިނގަމުން ގެއްލެމުން ދިޔަ ވަރަކަށް ގައިޑު ދިޔައީ އެންމެނަށް އަޑު އިވޭ ވަރަށް މުޅި ސަރަހައްދު އިނގިރޭސި ބަހުން ކިޔައިދެމުންނެވެ. އިސްޕީކަރުން ހަޅޭލަވައިގެން ދެއްކި އެ ވާހަކަތަކުން ވަރަށް މަޖާ ވާހަކައެއްވެސް ގޮވާލަ އެވެ.

"މިހާރު ތި އެދުނީ ލޯބި ހޯދަން!" އަހަރުމެންގެ ތެރެއިން ނޫސްވެރިއަކު އެތަނުން ހިލައެއްގައި އަތް ލުމުން ޓުއާ ގައިޑު ބުނީ އޭނާއަށް އެ އެދެވުނީ ލޯތްބަކަށެ. މި ގައިޑް މީ ވަރަށް މަޖާ ސަމާސާ ބަސްމަގެއް ގެންގުޅޭ މީހެކެވެ.

ދެން ހުރި ނޫސްވެރިޔާއަށް އޮތީ އަވަސް ކައިވެންޏެކެވެ. މިވީ ގޮތް އޮޅުންފިލުވާ ބެލި އިރު އެ ގާތަކުގައި މީހުން އަތް ލުމަށްފަަހު އެކި ކަންކަމަށް އެދެނީ އެވެ. އެއީ ސްޓޯން ފޮރެސްޓާ ގުޅިފައި އޮތް ޒަމާންވީ ވިޝް ކުރުމުގެ ސަގާފަތެކެވެ. މި ގަންގަލީގައި އަހަރެން އަތްލި ހިލަ އާއި ވިޝް ބުނެވޭކަށް ނެތެވެ! އެއީ އަދި ދެން ސިއްރެކެވެ.

1300 ކިލޯމީޓަރު އުހުގައި

މި ސްޓޯން ފޮރެސްޓުގައި ހިނގާތާ މިހާރު ބައިގަޑިއިރު ވަނީ އެވެ. ދެރަ ނުވާން ވެގެން ވަރުބައްޔޭ ނުބުނާން ތިބީ އެވެ. އެންމެންވެސް ތިބީ އިށީންނަން ބޭނުންވެފައިހެން ހީވި އެވެ. މައްސަަލަ އެއް ނެތެވެ. ހަމަ ޔަގީނުން ވެސް ހިލަ ތަކުގެތެރޭ އަހަރެން ހުރީ އިށީންނާނެ ގަލެއްވެސް ނުފެނިފަ އެވެ. ވަށައިގެން ހުރި ބިޔަ ބޮޑެތި ހިލަތަކުގެ ތެރޭން، ކުރިއަށް ދާން ޖެހެނީ ނިކަން ފާޑަކަށެވެ. ބައެއް ފަހަރު އެއް އަރިމައްޗަކަށް، އަނެއް ބައި ފަހަރު ބޯ ތިރި ކޮށްގެންނެވެ. އަދި ހޮހޮޅަ އެއްހެން އޮތަސް މަތި ނުބައްދާ އޮތުމުން ޖެހޭ ކޮންމެ ވައިރޯޅި އެއްގެ ފިނި ހަށިގަނޑު ތެރެއަށް ވަދެގެން ދެ އެވެ. ކުދި ސިޑިތަކުން އަަރަމުން، ވަދެގެން ދިޔަ އިރު ދެތިން ފަހަަރަަކު ގާތަކު މަތިން ކައްސާ ވެސް ލި އެވެ. މިއިން އެއްވެސް ކަމަކަށް މާ ބޮޑު ސަމާލުކަމެއް ނުދެވުނީ ގުދުރަތީ ގޮތުން ހެދިފައި އޮތް މި އާދަޔާހިލާފު ސަރަހައްދު ފެނި، އަޖައިބު ވެފައި ހުރި ވަރުންނެވެ.

ހިނގަމުން ވެއްޓެމުން ކަައްސަމުން ގޮސް އެންމެ ފަހުން ޕީކް ޕޮއިންޓަށް އެރިއްޖެ އެވެ

"މިހާރު ތިތިބެވެނީ ސީލެވެލް އަށްވުރެ 1300 ކިލޯމީޓަރު އުހުގައި. ޢެންޖޯއި ދަ ވިއު!” ގައިޑް ބުނެލި އެވެ.

ގުދުރަތުގެ މިއީ އަންތަރީސްވާވަރުގެ އަޖައިބެކެވެ. ބަލާލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ ދުވަހަކުވެސް ލޮލަށް ފެނިފައި ނެތް އެތައް މަންޒަރެކެވެ. ވަށައިގެން އޮތްް އެ ހިލަތައް ދާދި އެއް ވަރަކަށް ހެދިފައި ހުރި ގޮތެވެ. އަަދި ކޮންމެ ހިލައެއްގެ ތަފާތު ކަމެވެ. ކުލަ އާއި ބައްޓަމާއި އުސްމިން ވެސް މެ އެވެ. ލޯބީގެ އާޝިމާ ގަލާއި އެތައް ގަލެކެވެ.

އަދި ބުނަން ހެއްޔެވެ؟ އަހަރުމެންނަށް މި ބެލުނީ ފޮރެސަޓުގެ އެންމެ 10 ޕަސެންޓެވެ. ފަތުރުވެރި ކަމަށް ހާއްސަ ނުކޮށް ފޮރެސްޓުގެ އެތައް ބަޔެއް މުޅި އެ ހިސާބުގައި ވެއެވެ.

މި ސްޓޯން ފޮރެސްޓް އޮންނަކީ ކުންމިން އިން ފެށިގެން 75 މޭލު ދުރުގައި އޮންނަ "ލޫނާން ޔީ ނޭޝަނަލިޓީ އޮޓޮނޮމަސް ކަންޓްރީ" ގައެވެ. މި ސްޓޯން ފޮރެސްޓްގެ ބޮޑު މިނަކީ ގާތްގަނޑަކަށް 400 އަކަކިލޯމީޓަރެވެ. އެއީ 96000 އޭކަރެވެ.