ބޭރު ދަތުރު

ހިތްގައިމު މި ޕޮންޑް ކައިރިން އަޑުއެހި ހިޔާލީ ވާހަކަތައް!

ޗައިނާގެ ޔުނާންއިން: މުހައްމަދު އުސާމް
Dec 6, 2019
1

"ބަލާބަލަ، މި މީހުން ހާދަ ކްރިއޭޓިވްއޭ،" "މިއީ ވަރަށް ވެސް ތަފާތު ވާހަކަތަކެއް ގެންގުޅޭ ބަޔެއް،" މިހެން ބުނެވުނު އަދަދެއް ވެސް މިހާރު ނޭނގެ އެވެ. އެހެން ބުނާ އަޑު އިވުނު އަދަދު ވެސް ވަކި މަދެއް ނޫނެވެ. ޗައިނާގެ އިރުމަތިން ޔުނާން ޕްރޮވިންސަށް ދިވެހި ބައެއް ނޫސްވެރިންނާއެކު މި ކުރި ދަތުރުގައި އަހަރެންނަށް ފާހަގަ ކޮށްލެވުނު ދެ ޖުމުލައެކެވެ. ޗައިނާ މީހުން ހަމަ ވަރަށް އުފެއްދުންތެރި އެވެ. ދިގު ތާރީހެއް އޮވެ، ގިނަ ދަރިފަސްކޮޅަކަށް ނިސްބަތްވާ ބަޔަކު އުޅޭ ގައުމެކެވެ. އެހެންވީތީވެ އުފެއްދުންތެރި ބިނާތައް ބަލާލައި، އެއާ ގުޅޭ ހައްކަ ވާހަކަތައް ހުންނާނެތާ އެވެ.

ޔުނާންގެ ލިޖިއަންގް ސިޓީ އަކީ އޭގެ ތަފާތު ވާހަކަތައް އަޑުއަހާލަން ލިބުނު ސިޓީއެކެވެ. ޔުނެސްކޯގެ ސަގާފީ އާސާރީ ތަންތަނުގެ ލިސްޓުގައި އެ ސިޓީގެ ގިނަ ތަންތަން ހިމެނެ އެވެ.

އޭގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ތަނަކީ އެ ސިޓީގެ އޯލްޑް ޓައުނާއި އެ އަވަށުގެ ވޯޓާވޭތައް ގުޅިފައިވާ ބްލެކް ޑްރެގަން ޕޫލް ނޫނީ ޕޮންޑްގެ ވާހަކަ އެވެ. މީގެ ހާހެއްހާ އަހަރު ކުރިން މީހުން އުޅެފައިވާ އެ ތަނަކީ މިހާރު ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި ތަރައްގީ ކޮށްފައިވާ އާސާރީ އަވަށެކެވެ.

ކޮންމެއަކަސް އެ ޓައުންގެ ވޯޓާވޭތަކާއި އޭގެ ނިޒާމުގެ ވާހަކަ މީގެ ކުރިން އަޑުއެހިން ހެއްޔެވެ؟ އަދި ވޯޓާވޭތަކާއި ގުޅިގެން އައިސްފައިވާ ޕޫލެއްގެ ވާހަކައާއި އޭގެ ތާރީހާ ގުޅުވައިގެން ޗައިނާ މީހުން ދައްކާ ވާހަތައް އިވިފައިވޭ ހެއްޔެވެ؟

އެ އަވަށު ތެރޭގައި މަޑުމަޑުން ހިނގަމުން ދިޔައިރު އެ ބުނާ މަޝްހޫރު ވޯޓާވޭތަކާއި އެ ހުރަސް ކުރަން އަޅާފައި ހުރި ކުދި ބްރިޖްތައް ފެނުނެވެ. އެތައް ޒަމާނެއްވީ ފެނުގެ ނިޒާމު ދައުރު ކުރުމުގައި ބޭނުން ކުރާ ދެ ފުރޮޅާއި ކޮންމެވެސް ވަރަކަށް އަދިވެސް ނިޒާމް މަސައްކަތް ކުރާ މަންޒަރެވެ.

އެކި ކޮޅު ކޮޅަށް ކަނދުރާ އަނބުރަމުން ދިޔައިރު، އޭގެ ތާރީހީ ބައެއް ވާހަކަތައް އޮފިޝަލް ކިޔައިދިނެވެ. ފެނަކީ ދިރިއުޅުމަށް ކޮންމެ ހެން ވެސް ބޭނުންވާ އެއްޗެކެވެ. އެހެންކަމުން އެ ނިޒާމަކީ ޗައިނާގެ ނަޝީ ދަރިފަސްކޮޅުގެ މީހުން އެ ތަނުގައި ދިރިއުޅެން ފެށިއިރު، ފެން ހޯދުމަށް ގާއިމު ކުރި ނިޒާމެކެވެ. އޭގައިވަނީ ބޯން ހަމަ އެންމެ ކަމުދާ ސާފު ފެނެވެ.

ލިޖިއަންގް ސިޓީއަށް އައުމާއެކު އޮފިޝަލުން ދިން ސިޓީގެ ޓްރެވެލް ގައިޑް ފޮތް ބަލާލީމެވެ. އޭގައިވާ ގޮތުން އޯލްޑް ޓައުންގެ ވޯޓާވޭތައް ގޮސް ގުޅެނީ އެ ތަނާ ދެ ކިލޯމިޓާރެއްހާ ދުރުމިނުގައި އުތުރަށް އޮތް އެ ޕޫލަށެވެ. އެއީ މީގެ ތިން ސަތޭކައެއްހާ އަހަރު ކުރިން އެމްޕަޔާ ކިއަން ލޮންގްގެ ވެރިކަމުގައި ބިނާ ކޮށްފައިވާ 80،000 އަކަ މީޓަރުގެ ޕޮންޑެކެވެ. އެ ޕޮންޑުގައި ވެސް ވަނީ ސާފު ބޯ ފެނެވެ.

ޕޮންޑާ ގުޅޭ ތާރީހީ އަދި ހެއްވާ ވާހަކަތަކެއް

ދިވެހި ނޫސްވެރިން ދަތުރު ކުރުމަށް ހާއްސަކުރެވިފައިވާ ބަހުގައި އޯލްޑް ޓައުނުން ބްލެކް ޑްރެގަން ޕޫލް ޕާކަށް ދާން މާ އިރުތަކެއް ވެސް ނުވި އެވެ. ޕާކްގެ ތެރެއަށް ވަދެގެން އައި އިރު ފެނުނީ ބޮޑު ފެންގަނޑެކެވެ. އެއީ ގުދުރަތީ ފެންގަނޑެއް ހެއްޔެވެ؟ ކައިރީގައި ހުރި އޮފިޝަލްގެ ގާތުން ސުވާލުކޮށްލީމެވެ. ބުނީ ނޫނެކޭއެވެ. އެއީ އާޓިފިޝަލް ޕޮންޑެއް ކަަމަށެވެ. ފޮތުގައިވާ ކަންކަމަށް އިޝާރާތް ކުރައްވައި އޭނާ ފާހަގަކުރެއްވީ 1737 ވަނަ އަހަރުގައި ބިނާ ކުރި ތަނެއް ކަމުގަ އެވެ.

ހިނގަމުން ދިޔަ ވަރަކަށް އެންމެން ވެސް ދިޔައީ ތަނުގެ ރީތި މަންޒަރުތައް އެ މީހަކު ގެންގުޅޭ ފޯނުތަކަށް ރައްކާ ކުރަމުންނެވެ. ޕޮންޑް ޕާކަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައި ވަނީ އެ ތަނުގެ އުތުރުން ދެކުނަށް ހުރަސްކުރެވޭ ގޮތަށް މެދުގައި އަޅާފައި ބްރިޖާއި ދެ ސަރަހައްދުގައި އަޅާފައިވާ ބައެއް ބިނާތަކާއި އިމާރާތްތަކެވެ.

ވަކި ހިސާބަކަށް ގޮސްފައި އޮފިޝަލުން މަޑުކުރިއިރު، އެ ސިޓީގައިވާ އެންމެ އުސް ފަރުބަދަ ކަމުގައިވާ ސްނޯ މައުންޓެއިން ފެންނާން ހުއްޓެވެ. އޮފިޝަލް ފެންގަނޑަށް އިޝާރާތް ކޮށްލި އެވެ. އެ ފަރުބަދައިގެ ހިޔަނި ވަރަށް ސާފުކޮށް ފެންގަނޑުގެ ތެރެއިން ފެނެ އެވެ. ހިތްގައިމު އެ މަންޒަރު ބަލާ ފޫހި ނުވާނެ އެވެ. އަހަރެމެންނެކޭ އެެއްގޮތަށް އެ ވަގުތު އެ ތަނަށް އައިސް ތިބި ފަތުރުވެރިން ދިޔައީ އަވަދިނެތި އޭގެ ފޮޓޯތައް ނެގުމުގަ އެވެ.

އެ ޕޮންޑްގެ ތާރީހާ ގުޅޭ ގޮތުން އެ ރަށަށް ވެސް އުފަން އޮފިޝަލާ އަހަރެން ވާހަކަ ދައްކާލީމެވެ. އެއާ ގުޅޭ ގޮތުން ޗައިނާ ބަހުން ލިޔެފައިވާ ބޮޑު ހިލައެއް ދެއްކި އެވެ. އޭގައިވާ ކަންކަމަށް އިޝާރާތްކޮށް ޗައިނާގެ ތާރީހުގައި އޮތް ބައެއް ވާހަކަތައް ކިޔައިދިނެވެ.

ބުނެވޭ ގޮތުގައި މީގެ އެތަކެއް ސަތޭކަ އަހަރު ކުރިން ވަރަށް ނުބައި 10 ބްލެކް ޑްރެގަންއެއް އެ އަވަށަށް ބޮޑެތި ގެެއްލުންދީ މީހުންތަައް ޒަހަމްކޮށްލި އެވެ. ޗައިނާގެ ތާރީހީ ބަތަލެއް ކަމުގައިވާ "ލު ޑޮންގްބިން" އެ ޑްރެގަންތަކާ ދެކޮޅަށް ކުރި ހަނގުރާމާގައި ނުވަ ޑްރެގަން ހައްޔަރުކުރި އެވެ.

އެކަމަކު އޭގެ ތެރެއިން އެންމެ ޒުވާން ޑްރެގަން އޭނާ ދޫކޮށްލީ އޭތީގެ މިނިވަންކަމުގެ ބަދަލުގައި އެ ތަނުގައި ދިރިއުޅޭ މީހުނަށް ރައްކާތެރި ކޮށްދޭނެ ކަމަށް ޝަރުތުކޮށްފަ އެެވެ. އެ އަވަށުގައި ދިރިއުޅޭ ޗައިނާ މީހުން ގަބޫލު ކުރާ ގޮތުގައި މިހާރު އެ ޑްރެގަން ދިރިއުޅެމުން ދަނީ ކިއަން ލޮންގްގެ ވެރިކަމުގައި ބިނާ ކުރި އެ ޕޮންޑްގެ ތެރޭގަ އެވެ.

ވާހަކަތައް އަޑުއަހާފައި އަހަރެންނަށް ސިފަވީ ކުޑައިރު ބަލާ ޑްރެގަން ކާޓޫންތަކެވެ. ތާރީހީ ސްކްރިޕްޓް ވެސް އެ އޮތީ ކާޓޫންތަކުގެ ސްކްރިޕްޓެއް ހެންނެވެ. އެހާ ހިތްގައިމު މާހައުލެެއްގައި ތަފާތު ވާހަކަތައް އަޑުއަހާލުމަކީ ޝައުގުގައި ހުންނަ ކަމެކެވެ. މި ވާހަކަތައް ލިޔެލާނަމޭ އަހަރެން ގަސްދުކޮށްލީމެވެ.

އެހެން ދަމުން ޕޮންޑްގެ އެއް ކައިރިއަކަށް ދެވުމާއެކު އޮފިޝަލް ގައިޑް އަދި މާ މޮޅު ވާހަކައެއް ބުނެލައިފި އެވެ. ފެންގަނޑުގެ އެއްކައިރީގައި ހުރެފައި ހަޅޭއް ލަވައިގެންފިއްޔާ ފެންގަނޑުގެ ތެރެއިން ބޮކި ޖަހާނެއޯ އެވެ. ފަހަރަކު ނޫސްވެރިޔަކު އެ ތަނުގައި މަޑުކޮށްފައި އަޑުގެނެތްތަނަށް ހަޅޭއް ލަގައިގަތެވެ. އެ ބުނާހެން ފެންގަނޑުގެ ތެރެއިން ބޮކި ޖެހި އެވެ.

ހަޅޭއް ނުލަވާ ހުންނައިރު ވާނެ ގޮތެއް ވެސް ނޫސްވެރިން ބަލާލި އެވެ. ހަޅޭއް ނުލެވިޔަސް ބޮކި ޖަހާ ކަމަށް އެއް ބަޔަކު ފާހަގަކުރި އެވެ. އަނެއް ބަޔަކު ފާހަގަ ކުރީ ސައުންޑް ވޭވް ދައުރުކުރުމުން ވާނެ ފަދަ ކަންކަމާ ގުޅުން ހުރި ސައިންސްގެ ނޮލެޖެވެ. އަހަރެންނަކީ ސައިންސްގެ ކަންކަން މާ ރަނގަޅަށް އެނގޭ މީހެއް ވެސް ނޫނެވެ. އެ ބަހުސްގައި އެންމެ ފަހުން ނިންމީ އެއީ ވެސް ޗައިނާ މީހުން ގަބޫލު ކުރާ ކަންކަމުގެ ތެރޭގައިވާ ކަމެއްގެ ގޮތުގައި ބެލުމަށެވެ.

ލިޖިއަންގް ސިޓީން ފެނުނު މަންޒަރުތައް ހިތްގައިމުވުމާއެކު އޮފިޝަލުން ދިން ސިޓީގެ ގައިޑް ފޮތުގައި ފާހަގަކޮށްފައިވާ އެހެން ތަންތަން ބަލާލީމެވެ. އަދި އަހަރެންގެ "ޓްރެވެލް ލިސްޓް" އަށް އިތުރުކޮށްލީ އެ ތަންތަން ވެސް ބަލާލަން ދެވޭނެ ދުވަހެއް އަންނާނެ ކަމުގެ އުއްމީދެވެ. -- އިންޝާﷲ --