ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކޮންޒަވޭޝަން ލެބޯޓަރީއެއް ގާއިމުކުރުމާ ގުޅޭ މަޝްވަރާތައް ފަށައިފި އެވެ.
މިކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓާ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަ އެންޑް ހެރިޓޭޖް އާދަމް ނަސީރާއި ރާއްޖޭގައި ހުންނަ ޗައިނާ ސަފީރު ވަން ލީ ޝިން ބައްދަލުކުރެއްވުމަށްފަހު އެވެ.
މިބައްދަލުކުރެއްވުމުގައި މިނިސްޓަރު ވަނީ ރާއްޖޭގައި އެންމެ އިހުގައި ބޭނުންކުރި ބައެއް ތަކެތި ހަލާކުވަމުންދާތީ އެފަދަ ތަކެއްޗަށް ދޭންޖެހޭ ފަރުވާ ދިނުމަށްޓަކައި ލެބޯޓަރީއެއް ހުރުމުގެ މުހިއްމު ހިއްސާކުރައްވާފަ އެވެ.
މިނިސްޓަރުގެ ކަންބޮޑުވުން އަޑުއެއްސެވުމަށްފަހު ޗައިނާ ސަފީރު ވަނީ ކަމާ ގުޅޭ ލިޔުންތައް ހުށަހެޅުމުން އެކަމުގައި އެހީތެރިވެދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ދެ ގައުމުގެ ދުވަސްވީ ލިޔުންތައް ތަރުޖަމާކުރުމާ ގުޅޭގޮތުންވެސް މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.
މިބައްދަލުކުރެއްވުމުގައި ޗައިނާ ސަފީރު ވަނީ އެ ގައުމުން ރާއްޖޭގައި އަޅައިދީފައިވާ ދާރުލްއާސާރުގެ އިމާރާތް މަރާމާތުކުރުމާއި އާސާރު ތަރައްގީކުރުމާ ގުޅޭ ކަންކަމުގައި ޗައިނާއިން އެހީތެރިކަން ދެއްވާނެ ކަމުގައިވެސް ވިދާޅުވެފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެ ގައުމުން ވަނީ ރާއްޖެއަށް ވަރަށް ގިނަ ދާއިރާތަކަކުން އެހީތެރިކަން ދިނުމަށް ނިންމާފަ އެވެ. މީގެތެރޭގައި ސަގާފީ ކަންކަމަށް އެހީތެރިކަން ދިނުންވެސް ހިމެނެ އެވެ.