އޯއައިސީ

އޯއައިސީގެ ރަންޔޫބީލްގައި ދިވެހި ފަންނާނުންނަށް ފުރުސަތު ދެނީ

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ރަންޔޫބީލް ފާހަގަ ކުރަން ބާއްވާ ހަފުލާގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ފަންނާނުންނަށް ހުޅުވާލައިފި އެވެ.

މި ހަފްލާ އޮންނަނީ މި މަހުގެ 25 އިން 28 އަށް ސައޫދީ އަރަބިއްޔާގެ ޖިއްދާގަ އެވެ. މިނިސްޓްރީ އޮފް އާޓްސް އިން ބުނި ގޮތުގައި މި ހަފްލާގައި ބައިވެރިވުމުގެ ފުރުސަތު ފަންނާނުންނަށް ލިބިފައިވާއިރު އެ ފަންނާނުންގެ ހުރިހާ ހަރަދެއް ވެސް އޯއައިސީން ހަމަޖައްސައިދޭޭނެ ކަމަށެވެ.

މި ހަރަކާތްތަކުގައި ބައިވެރިކުރެވެނީ ސަގާފީ ހަރަކާތްތަކެއް ހުށަހަޅާދެވޭނެ ގިނަވެގެން 10 ފަންނާނުންގެ ގްރޫޕަކަށެވެ.

ރަންޔޫބިލް ހަފްލާގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މާދަމާ މެންދުރު 12 ޖެހުމުގެ ކުރިން ބައިވެރިވުމުގެ ފޯމާއި، ޕާސްޕޯޓު ކޮޕީ އަދި ކަލްޗަރަލް އިވެންޓް އެއްގައި ބައިވެރިވެ ނަގާފައިވާ ގްރޫޕް ފޮޓޯއެއް ހުށަހެޅުމަށް އާޓްސް މިނިސްޓްރީން ވަނީ އެދިފަ އެވެ.

އެ މިނިސްޓްރީން ގެޒެޓުކޮށްފައިވާ އިއުލާނާއެކު ފޯމު ވަނީ ހިމަނާފަ އެވެ.