ހަބަރު

ދިވެހި ބަހަށް ޝައުގުވެރި ކުރެވޭނީ އިޖާދުގެ އެހީގައި: ޔުމްނާ

ދިވެހި ބަހަށް ޒުވާނުންގެ ޝައުޤުވެރިކަން އިތުރު ކުރަން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދިވެހިބަސް ބޭނުން ކުރެވޭނެ ތަފާތު ގޮތްގޮތް އީޖާދު ކުރަންޖެހޭ ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

ދިވެހި ބަހުގެ ދުވަހާ ގުޅުވައި މިނިސްޓާ ޔުމްނާ މައުމޫން މިއަދު ވަނީ ހިތާބެއް ދެއްވާފަ އެވެ. މި އަހަރުގެ ދިވެހިބަހުގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ، "ބުނާނީ، ލިޔާނީ ދިވެހިބަހުން" ނެވެ.

އެކަމަނާގެ ހިތާބުގައި ވިދާޅުވެފައި ވަނީ ދިވެހި ބަހަށް ކުޑަކުދީންނާއި ޒުވާނުން ޝައުޤުވެރި ކުރެވޭނީ، މަދަރުސާތަކުގައި ކުދީން ޝައުޤުވެރިވާ ފަދަ ގޮތަކަށް ދިވެހިބަސް ކިޔަވައިދީގެން ކަމަށެވެ. އަދި ވިދާޅުވީ ޅަފަތުގެ މަރުހަލާގައި ޝައުޤުވެރިވާފަދަ ގޮތަކަށް ދިވެހިބަހުން ކިޔަވައިދިނުން މުހިއްމު ކަމަށާއި ފަށާ ތައުލީމުގެ މަރުހަލާގައި މިހާރަށްވުރެ ބޮޑަށް ދިވެހިބަސް ބޭނުން ކުރާށާއި ދިވެހި ބަހުން ކިޔަވަން ފުރުސަތު ލިބިގެން ކަމަށެވެ.

"މިހެންވުމުން ގޭތެރޭގައްޔާއި މަދަރުސަތާތަކުގައްޔާއި އޮފީސްތަކުގައި ދިވެހިބަހުން މުޢާމަލާތް ކުރެވެން އޮންނަ ހަމަ ކޮންމެ ހާލަތެއްގައި ދިވެހިބަހުން ބުނެ ދިވެހިބަހުން ތާނަ އަކުރުން ލިޔަން އަޅުގަނޑު ގޮވައިލަން"

މީގެ އިތުރުން މައިންބަފައިންނަށް އަމާޒު ކޮށް މިނިސްޓަރު ވިދާޅުވީ، ދިވެހި ބަސް ރައްކާތެރި ކުރެވޭނީ ކުޑަކުދީންނާއި ޒުވާނުން ދިވެހިބަހަށް ޝައުޤުވެރި ކޮށްގެން ކަމަށެވެ. އެގޮތުން، ތުއްތުކުދީންނާ ދިވެހިބަހުން ވާހަކަދައްކާ ގޭތެރޭގެ މާހައުލުގައި ދިވެހިބަހުން ވާހަކަ ދައްކައި ފޮތްކިޔައިދިނުމަށް ވަނީ ބާރު އަޅުއްވާފަ އެވެ.

ދިވެހިބަސް އުވިދިއުމުގެ ބިރު ހީވެފައި ވުމުން، މި ބަސް ހިމާޔަތްކޮށް ކުރިއަރުވައި ތަރައްގީ ކުރަންޖެހޭ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރަން ޖެހޭ ކަމަށް ޔުމްނާ ވިދާޅުވި އެވެ. އަދި، މީޑިޔާތަކުންނާއި ނޫސްވެރިކަން ކުރާ ފަރާތްތަކުން ދިވެހިބަހުގެ ހަމަތަކާއި އުސޫލުތަކަށް ސަމާލުކަން ދެއްވައިގެން ލިޔުއްވަން ވަނީ އިލްތިމާސް ކޮށްފަ އެވެ.