ހަބަރު

އަށްވަނަ އާޓް ސަމިޓްގައި މިނިސްޓަރު ޔުމްނާ

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އާޓްސް ކައުންސިލްސް އެންޑް ކަލްޗާ އެޖެންސީސް (އިފަކާ) އިން މެލޭޝިޔާގެ ކުއަލަ ލަމްޕޫރުގައި ބާއްވާ "ވޯލްޑް ސަމިޓް އޮން އާޓްސް އެންޑް ކަލްޗަރ"ގެ އަށްވަނަ ބައްދަލުވުމުގައި ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން ބައިވެރިވެވަޑައިގެންފި އެވެ.

މިމަހުގެ 12 އިން 14 ގެ ނިޔަލަށް ކުރިއަށްދާ މިބައްދަލުވުމުގައި 81 ގައުމަކުން 432 މަންދޫބަކު ބައިވެރިވެ އެވެ.

ސަމިޓްގެ މައިގަނޑު ޝިއާރުގެ ގޮތުގައި ކަނޑައަޅައިފައިވަނީ ''ހުޅުވިފައިވާ ވިސްނުމަކުން، ސަގާފަތާއި އިލްމާއި ބަދަލު'' އެވެ. މި ސަމިޓުގެ ބޭނުމަކީ އާ ނަަޒަރަކުން އުފެއްދުންތެރި ގޮތްގޮތަށް ސަގާފަތާއި ފަންނުވެރިކަމަށް ބަލައިލުން ކަމަށް ހެރިޓޭޖް މިނިސްޓްރީއިން ބުނެ އެވެ.

ހެރިޓޭޖުން ބުނި ގޮތުގައި، ވޯލްޑް ސަމިޓް އޮން އާޓްސް އެންޑް ކަލްޗާގެ ސަބަބުން ބައިނަލް މައިދާނެއްގައި ސަގާފަތާ ބެހޭ އިދާރާތަކާއި އެއިދާރާތަކާ ގުޅުންހުރި ތަފާތު އެކި ފަރާތްތައް އެއްތަންވެ މަޝްވަރާކުރެވުމުން ރާއްޖެ އާއި އެހެނިހެން ގައުމުތަކާއި އިތުރަށް ގުޅުން ބަދަހިވެ، ދިވެހިންނަށް އެ ދާއިރާއިން ކުރިއަށް ދިއުމަށް ފުރުސަތުތައް ފަހިވެގެންދާނެ ކަމަށްވެސް ހެރިޓޭޖުން ބުނެ އެވެ.

މި ސަމިޓުގައި ސަގާފަތާއި ފަންނުވެރިކަން ކުރިއެރުވޭނެ ފަހުގެ ގޮތްތަކާއިމެދު މަޝްވަރާކޮށް އަމަލީ ގޮތުން އެކަންކުރެވޭނެ ގޮތްތައް ދެނެގަނެ، އެމަސައްކަތުގައި އެކި ގައުމުތަކުން އަމަލުކުރަމުންދާ ގޮތް ހިއްސާކުރާނެ އެވެ.

މިނިސްޓަރު ޔުމްނާގެ ދަތުރުފުޅުގައި ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިކުރާމް އާއި ޑިރެކްޓަރު ޖެނެރަލް ހައްވާ ނަޒުލާ ބައިވެރިވެވަޑައިގެންނެވި އެވެ.