މާލޭ ކަޅުވަކަރު މިސްކިތް އަލުން ރާވައި ބެހެއްޓުމުގެ މަސައްކަތް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއެވެ.
ހެރިޓޭޖް މިނިސްޓްރީގައި މިއަދު ބޭއްވި ހަފުލާއެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގް އެވެ. އެ މަސައްކަތް ހަވާލު ކުރި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް ޑިރެކްޓަރު އިބްރާހީމް މުއްތޮލިބް އެވެ.
ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމަށް ހަވާލުކޮށްފައިވަނީ، ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 2.9 މިލިއަން ރުފިޔާ އަށެވެ.
މި މަޝްރޫއުގެ ދަށުން ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވަނީ، މިސްކިތް ބެލެހެއްޓުމަށް ކުރަންޖެހޭ ސިވިލް މަސައްކަތް ކުރުމެވެ.
އޭގެ ތެރޭގައި މިސްކިތާއި ހަރިންމަ ފާރު އަދި ވަޅުގެ ފައުންޑޭޝަން އެޅުމާއި މިސްކިތް ބަހައްޓާ ސަރަހައްދުގެ ވަށާ ފާރު ރޭނުމާއި ލޭންޑްސްކޭޕިންގެ މަސައްކަތްތައް ކުރުމުގެ އިތުރުން ލޭންޑްސްކޭޕް ޕްލޭންގައިވާ ގޮތަށް ކޮންކްރީޓް ޕޭވްމަންޓް އެޅުމާއި އައުޓްޑޯ އެގްޒިބިޝަން އޭރިއާ ތައްޔާރުކުރުން ހިމެނޭ ކަމަށް ހެރިޓޭޖުން ބުންޏެވެ.
މީގެ އިތުރުން، ކުލަ އާއި ދޮންވެލި ލުމާއި ކަރަންޓު ވަޔަރިން އާއި އަލިފާންނިއްވާ އާލާތްތައް ހަރުކުރުމުގެ މަސައްކަތް ވެސް އެ ޕްރޮޖެކްޓްގެ ތެރޭގައި ހިމެނެ އެވެ.
މިސްކިތް އަލުން ރޭވުމުގެ އަމަލީ މަސައްކަތްތައް ކުރަން ނިންމާފައިވަނީ ހެރިޓޭޖް ޑިޕާޓްމަންޓުގެ ޓީމަކުންނެވެ. އަދި، މިސްކިތު ބައިތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރާނީ ހެރިޓޭޖް ޓީމުގެ ކޮންޒަވޭޝަން އޮފިސަރުން ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
ސަލްޓަން ޕާކު ގައިހުރި ކަޅުވަކަރު މިސްކިތް ރޫޅާލާފައިވަނީ 2016 ވަނަ އަހަރު އެވެ. މިސްކިތް ނަގައި އެތަނުގައި ވިންޓާ ތީމް ޕާކްއެއް ހެދުމުން އާންމުންގެ ވަރަށް ގިނަ ފާޑުކިއުންވެސް ކުރީ ސަރުކާރަށް އަމާޒުވި އެވެ.
ކަޅުވަކަރު މިސްކިތް މިހާރު ބަހައްޓަން ނިންމާފައިވަނީ، ކުރީގެ ދިރާގު އޮފީސް ހުރިތަނުގަ އެވެ. އެހެންނަމަވެސް، އެ މިސްކިތުގައި ބަންގި ގޮވައި ނަހަދާނެ ކަމަށާއި ނަމަވެސް އެ ތަނުގައި ބޭނުން ކޮންމެ މީހަކަށް ނަމާދު ކުރެވޭނެ ކަމަށް ހެރިޓޭޖުން މީގެ ކުރިން ވަނީ ބުނެފަ އެވެ.