ރާއްޖޭގައި ހެރިޓޭޖް ޓޫރިޒަމް ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެފި އެވެ.
އަވަސްގެ ފޭސްޓްފޭސް ޕްރޮގްރާމު ވާހަކަ ދައްކަވަމުން ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު ވިދާޅުވީ ރާއްޖޭގައި ހުރި އާސާރީ ތަރިކަތަކަކީ ގައުމަށް ބޮޑު އާމުދަނީއެއް ހޯދޭނެ ތަންތަން ކަމަށެވެ. އެކަން ކުރުމުގެ ވިސްނުން ހެރިޓޭޖް މިނިސްޓްރީގައި އެބަހުރި ކަމަށާއި ޓޫރިޒަމަށް އަމާޒުކޮށްގެން ތަރިކަތަކުން ފައިދާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ސަގާފީ ޓޫރިޒަމަކަށް ރާއްޖެ ހުޅުވިގެން ގޮސް، ގޮނޑު ދޮށާއި މޫދު ބަލަން ފަތުރުވެރިން އަންނަ ގޮތަށް، ރާއްޖޭގެ ތަރިކަ ބަލަން އައުން އެއީ އަމާޒަކީ" ސްޓޭޓް މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ.
ހެރިޓޭޖް ޓޫރިޒަމަށް ރާއްޖެ ހުޅުވާލާއިރު ހާއްސަކޮށް ވަކިވަކި ރަށްރަށަށް އަމާޒުކޮށްގެން އެކަން ކުރިއަށް ގެންދިއުމުގެ ވިސްނުން ގެންގުޅޭ ކަމަށް ތޯރިގް ވިދާޅުވި އެވެ. ވަކިވަކި ރަށްތަށުގެ ތަރިކައިގެ ޕްރޮމޯޝަންތައް ބޭރުގެ ގައުމުތަކުގައި ކުރިއަށް ގެންދިއުމަށް ވެސް މިނިސްޓްރީން ވިސްނުން ގެންގުޅެ އެވެ.
"މިގޮތަށް ކަންކުރީމާ އޭރުން ރަށްތަކުގެ ރަށްޔިތުންނަށް ވެސް ފާގަތި ކަމެއް ލިބިގެންދާނެ"
ތޯރިގު ވިދާޅުވީ ރައްޔިތުން ވެސް ހެރިޓޭޖް ޓޫރިޒަމް ވަރަށް ބޭނުންވާ ކަމަށެވެ. އެއީ ބޮޑު މަންފާއެއް ލިބޭނެ ކަމެއް ކަމަށް ބައެއް މީހުންނަށް ގަބޫލުކުރެވޭތީ ބައެއް ރަށްތަކުގެ މީހުން އެ ރަށްރަށުގައި ތަރިކައެއް ހަދައިދިނުމަށްވެސް އެދޭ ކަމަށެވެ. އެކަމަކު ތަރިކަ އެއީ ބަޔަކު ބޭނުންވުމުން ހަދާ އެއްޗެއް ނޫން ކަން އާންމުންނަށް އޮޅުންފިލުވައިދޭން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
ތޯރިގު ވިދާޅުވި ގޮތުގައި ރާއްޖޭގެ ސަގާފަތާއި އާސާރީ ތަރިކަ ހިމާޔަތް ކުރުމުގެ މުހިއްމު ކަން އާންމުންނަށް ބުނެދިނުމަށް އެ މިނިސްޓްރީ އަށް ވެސް އަދި އެންމެ ރަނގަޅު މަސައްކަތްތަކެއް ކުރެވިފައެއް ނުވެ އެވެ. އެހެންވެ ކުރިއަށް އޮތް ދުވަސްތަކުގައި އެ މަސައްކަތަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ބައެއް ކައުންސިލްތަކުގެ ޝައުގުވެރިކަން އެކަމަށް ހުރިކަން ވެސް ތޯރިގު ވަނީ ފާހަގަކުރައްވާފަ އެވެ.