އިންޑިއާ ސަރުުކާރުގެ އެހީގައި މިވަގުތު ހިނގަމުންދާ އެންމެ ބޮޑު މަސައްކަތަކީ މާލޭގެ ހުކުރު މިސްކިތް އާބަތުރަ ފިލުވުމުގެ މަަސއްކަތް ކަމުގައި ހެރިޓޭޖު މިނސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޔުމްނާ މިހެން ވިދާޅުވީ ރާއްޖޭގެ ކުރީގެ އާސާރުތަކުގެ ތެރެއިން ރާއްޖޭގެ ރައްޔިތުން ބުދު ދީނަށް އުޅުނު ކަމުގެ ނިޝާންތައް ފެންނަން ހުރި އާސާރުތައް އާބާތުރަ ފިލުވުމަށް އެކަނި އިންޑިއާ އިން ފައިސާގެ އެހީ ދީފައިވާ ކަމަށް ދޭހަވާ ގޮތަށް ބައެއް ނޫސްތަކުގައި ލިޔެފައިވާ ހަބަރު ދޮގު ކުރައްވައި ކުރެއްވި ޓުވީޓްތަކެއްގަ އެވެ.
ބައެއް ނޫސްތަކުގައި ހަބަރުތައް ގެނެސްފައިވާ ގޮތަށް ފާޑުވިދާޅުވަމުން މިނިސްޓަރު ޔުމްނާ ވިދާޅުވީ ހަގީގަތް އޮޅޭ ގޮތަށް ނޫސްތަކުން ހަބަރު ގެނައުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ނޫން ކަމަށެވެ.
"އިންޑިއާގެ އެހީގައި މިވަގުތު ކުރެވޭ އެންމެ ބޮޑު ހެރިޓޭޖް މަސައްކަތަކީ މާލޭ ހުކުރު މިސްކިތް އާބަތުރަ ފިލުވުމުގެ މަސައްކަތް،" ޔުމްނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ނ. ލަންދޫ އާސާރީ ސަރަހައްދު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މައިގަނޑު މަސައްކަތަކީ ވެސް މިއުޒިއަމެއް ގާއިމުކޮށް ލޯކަލް ޓޫރިޒަމް ފުޅާކުރުން ކަމަށެވެ.
ރާއްޖޭގެ ތާރީހުގެ އެކި ޒަމާނަށް ނިސްބަތްވާ އާސާރުތައް ރައްކާތެރިކޮށް ބެލެހެއްޓުމުގެ މަސައްކަތް ޒަމާނުއްސުރެ ކުރަމުން އައީ ވެސް އަދި މިހާރު ކުރަމުން ދަނީވެސް އަވައްޓެރި ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ އެހީގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މާލޭގެ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވައި މަރާމާތުކުރުމުގެ މަސައްކަތަކީ އިންޑިއާ ސަރުކާރުގެ ފަންނީ އަދި މާލީ އެހީއާއެކު ކުރިއަށްގެންދާ މަސައްކަތެކެވެ. އެގޮތުން އެ މަޝްރޫއަށް 1.5 މިލިއަން ޑޮލަރު ނުވަތަ 23 މިލިއަން ރުފިޔާގެ އެހީ އިންޑިއާ އިން ދޭން ނިންމާފައިވެ އެވެ. އެހީ ދިނުމަށް ހުށަހެޅުއްވީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ޖޫން 2019ގައި ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ.