ޔުމްނާ މައުމޫން

ތައުލީމީ ނިޒާމުގައި ތާރީހުގެ ބައި އިތުރުކުރަން އެދިވަޑައިގެންފި

Feb 27, 2022
1

ތައުލީމީ ނިޒާމުގެ ތެރޭގައި މިހާރަށް ވުރެ ބޮޑަށް ތާރީހާއި އާދަކާދަ އަދި ސަގާފަތުގެ ބައިތައް ހިމަނައިދިނުމަށް ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން އެދިވަޑައިގެންފި އެވެ.

މިނިސްޓަރު ޔުމްނާ މިކަމަށް އެދިވަޑައިގެންނެވީ މިއަދު ފާހަގަކުރާ ދިވެހި ތާރީހު ދުވަހުގެ މުނާސަބަތުގައި އާންމުކުރެއްވި މެސެޖެއްގަ އެވެ.

މި އަހަރުގެ މި ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "ދިވެހި ތާރީހާއި ފަތުރުވެރިކަން" އެވެ. މި އަހަރަކީ ދިވެހިރާއްޖޭގައި ރަސްމީ ސިފައެއްގައި ފަތުރުވެރިކަން ފެށުނުތާ 50 އަހަރު ފުރޭ އަހަރު ކަމަށް ވާއިރު، މިއީ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތު ކުރުމަށް މިހާރު ފަށާފައިވާ މަސައްކަތްތަކާ ނުހަނު މުނާސަބު ޝިއާރެއް ކަމުގައި މިނިސްޓަރު ގަބޫލުކުރައްވަ އެވެ.

ޔުމްނާ ވިދާޅުވީ ދިވެހިރާއްޖޭގެ ކޮންމެ އަތޮޅަކީ ވެސް އަދި ކޮންމެ ރަށަކީވެސް ޝައުގުވެރި، މުއްސަނދި ތާރީހެއް އޮތް ރަށެއް ކަމަށެވެ. އެހެންކަމުން އަތޮޅުތަކާއި ރަށްރަށުގެ ތާރީހު ހޯދައި، އެއްކޮށް، ފަސޭހައިން ބޭނުންކުރެވޭ ޒަމާނީ ވަސީލަތްތަކުގައި އެ މައުލޫމާތު ރައްކާކުރުމަށް ލޯކަލް ކައުންސިލްތަކަށް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.

"އެގޮތުން އަތޮޅާއި ރަށްރަށާއި ގުޅޭ ކުރީގެ ލިޔެކިޔުންތައް އަރުޝީފް ކުރުމާއި، އިސް ރަށްވެހިންގެ ފުށުން ރަށުގެ ތާރީހާއި، ޒަމާންވީ ފޯކުލޯރު އޮޅުންފިލުވައި ރައްކާކުރުމަކީ ކުރުން މުހިއްމު ކަމެކެވެ. މިފަދައިން އެއްކުރެވޭ މައުލޫމާތަކީ ސަގާފީ ފަތުރުވެރިކަމުގެ އާރުކާޓީންގެ ގޮތުގައި ތިބޭނެ ލޯކަލް ގައިޑުން ތަމްރީނު ކުރުމަށް ބޭނުންތެރި ވަސީލަތަކަށް ވެގެންދާނެ އެވެ." ޔުމްނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހީންގެ ދިގު ތާރީހަކީ ދިވެހީންގެ ފަހުުރު ކަމަށާއި ރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމަކަށް، ގައުމުގެ އަމިއްލަ ޝަޚްސިއްޔަތު ދެމެހެއްޓޭނީ ތާރީހު އުގަންނައިދީ، ތާރީހަށް ހޭލުންތެރިކުރެވުނު މިންވަރަކުން ކަމަށެވެ.

ސަގާފީ ފަތުރުވެރިކަމަކީ ޒުވާން ޖީލުތައް ދިވެހީންގެ ސަގާފަތާއި ތާރީހާއި ތަރިކައަށްދޭ އަހައްމިއްޔަތުކަން އިތުރުވެ، ސަގާފި ފަންނުތަކާއި ހަރަކާތްތައް ޒުވާން ޖީލުތަކަށް ދަސްކޮށްދީ، ވާރުތަކޮށްދިނުމަށް އޮތް ދެމެހެއްޓެނިވި މަގެއް ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ނަމަވެސް މިކަން އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނީ ތައުލީމާއި ތަމްރީނުގެ ނިޒާމުގެ ތެރެއިން ތާރީހާއި ގުޅޭ ސައްހަ މައުލޫމާތު ފޯރުކޮށްދެވިގެންނެވެ. ތައުލީމީ ނިޒާމުގެ ތެރޭގައި މިހާރަށް ވުރެ ބޮޑަށް ތާރީހާއި އާދަކާދަ އަދި ސަގާފަތް ހިމެނުމަކީ ކޮންމެހެން ކުރަންޖެހިފައިވާ މުހިއްމު މަސައްކަތެކެވެ. މި ދެންނެވުނު ކަންކަން ކުރުމުގައި ކައުންސިލްތަކާއި، ކަމާ ބެހޭ އެހެން ފަރާތްތަކާއިއެކު ގުޅިގެން މަސައްކަތް ކުރުމަށް އަޅުގަނޑުމެން މި ތިބީ ތައްޔާރަށެވެ." ޔުމްނާ ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ދިވެހީންނަކީ ދިވެހީންގެ ތާރީހާއި ތަރިކައަށް ފަހުރުވެރިވެ، ލޯބިވާ ބައެއް ކަމުގައިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ރާއްޖެ އާއި ބައިނަލްއަގްވާމީ މައިދާނުގައި މަގުބޫލުކަމާއި ގަދަރުވެރިކަމާއިއެކު ދިވެހީންގެ ތާރީހު ބަލައިގަތުމަށްވެސް އެދިވަޑައިގެންނެވި އެވެ.