ޔުމްނާ މައުމޫން

ސަލްޓަން ޕާކް ކޮންނަނިކޮށް ފެނުނު އާސާރީ ތަކެތި މިހާރު ހުރީ ދާރުލްއާސާރުގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މާލޭގެ ސަލްޓަންޕާކް ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން އެ ޕާކް ކޮނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފެނުނު އާސާރީ ތަކެތި މިހާރު ހުރީ ގައުމީ ދާރުލްއާސާރުގައި ކަމަށް ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

ސަލްޓަންޕާކް ކޮނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފެނުނު އާސާރީ ތަކެތީގެ ތަފުސީލު ލިޔުމުން ހޯދުމަށް ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާ ސުވާލު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު އެވެ. އެ ޖަވާބުތައް މަޖިލީހަށް އިއްވީ މިއަދުގެ ޖަލްސާގަ އެވެ.

މެންބަރު އިބްރާހީމް ރަޝީދުގެ ސުވާލަށް ކުރީގެ މިނިސްޓަރު ޔުމްނާ ދެއްވި ޖަވާބުގައި ވަނީ ސަލްޓަންޕާކް ތަރައްގީކުރުމުގެ މަޝްރޫއު ހިންގާފައިވަނީ އެކަމަނާ އެ މަގާމާ ހަވާލުވުމުގެ ކުރިން 2017 ވަނަ އަހަރުގައިކަން ފާހަގަކުރައްވާފަ އެވެ.

އެ ސުވާލާ ގުޅިގެން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން މައުލޫމާތު ސާފުކުރެއްވުމަށްފަހު ދެއްވި ޖަވާބުގައި ޔުމްނާ ވިދާޅުވީ ސަލްޓަން ޕާކް ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން ޕާކްގެ ލިލީ މަގަށްވާ ފަޅިން ރިހި ފައިސާ ފޮތިތަކަކާއި މުށި ސީނު ތަށިތަކަކާއި ގުޅިއެއްގެ ބައިތަކެއް ފެނިގެން އެކަން އެމްއެންޑީއެފުން އޭރުގެ ޑިޕާޓްމަންޓް އޮފް ހެރިޓޭޖަށް އެންގީ ޖޫން 15، 2017 ގައި ކަމަށެވެ.

"މި މައުލޫމާތު ލިބުމާ ގުޅިގެން އެ ޑިޕާޓްމަންޓްގެ ޓީމެއް ސަލްޓަން ޕާކަށް ގޮސް ބަލައި ކޮނެފައިވާ ވަޅުގަނޑުން ނަގާފައިވާ ފަސްފުނިން ފުރައިގެން އެ ދުވަހުގެ އިރު އޮއްސުމާ ހަމައަށް 96 ފައިސާ ފޮތި ހޯދިފައިވޭ. އެ ފަސްފުނި ފުރާނައިގެން އިތުރު ފައިސާ ފޮތިތަކެއް ފެނިފާނެ ކަމަށް ބަލައި ޖެހިގެން އައި ދުވަހު އެ މަސައްކަތަށް ދިޔައިރު ފަސްފުނި އެއްކޮށް ގެއްލިފައިވާ ކަމަށް އެ މަސައްކަތުގައި އުޅުނު މުވައްޒަފުން މައުލޫމާތު ދީފައިވޭ،" ޔުމްނާ ވިދާޅުވި އެވެ.

މީގެ އިތުރުން ސަލްޓަން ޕާކުގައި ކުރި މަސައްކަތުގެ ތެރެއިން ފެނިފައިވާ 43 ފައިސާ ފޮއްޗެއް އޮކްޓޫބަރު 18، 2017 ގައި އެމްއެންޑީއެފުން ހެރިޓޭޖް ޑިޕާޓްމަންޓާ ހަވާލުކޮށްފައިވާކަން ރެކޯޑްތަކުން ފެންނަ ކަމަށް ޔުމްނާ ވިދާޅުވި އެވެ.

ޔުމްނާ ވިދާޅުވީ ޖުމްލަ 139 ފައިސާ ފޮތި ގައުމީ ދާރުލްއާސާރުގައި އެބަ އޮތް ކަމަށް ސަފާގީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށެވެ.

މީގެ އިތުރުން އެކި ސައިޒުގެ 713 ސީނު ތައްޓާއި ތެޅިފައިވާ ސީނު ތަށިތަކެއްގެ ބައިތަކާއި ގުޅިއެއްގެ ބައިތަކަކާއި ލޯ ތާހެއް ޖުލައި 19، 2017 ގައި ގައުމީ ދާރުލްއާސާރަށް ލިބިފައިވާ ކަމަށް ސަފާގީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނެފައިވާ ކަމަށް ޔުމްނާ ވިދާޅުވި އެވެ.

މިތަކެތި ގައުމީ ދާރުލްއާސާރަށް ލިބުމާއެކު އާސާރީ ތަކެތީގެ ރަޖިސްޓްރީގައި ހިމަނާފައިވާ ކަމަށާއި ތަކެތި މިހާރު ބެހެއްޓިފައި ހުރީ އާސާރީ ތަކެތި ބެހެއްޓުމަށް ހާއްސަކުރެވިފައިވާ ސްޓޯރޫމްގައި ކަމަށް ޔުމްނާ ވިދާޅުވި އެވެ.