ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ރ. ފުއްގިރި ކުއްޔަށް ދިނުމަށް ކުރިއަށް ގެންދިޔަ މުއާމަލާތުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ބައިވެރިވެވަޑައިގެންނެވި ކަމަށް ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ވިދާޅުވުމާ ގުޅިގެން އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން ތަހުގީގުކޮށްދިނުމަށް އޭނާ ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންފި އެވެ.
ފުއްގިރި މުއާމަލާތުގައި ބޮންޑޭ ބައިވެރިވެވަޑައިގެންނެވި ކަމަށް އަދީބް ވިދާޅުވީ ފުއްގިރި ކުއްޔަށް ދިނުމުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާއާއި ގުޅިގެން ކުރިއަށްދާ އަޑުއެހުންތަކުގައެވެ.
ކްރިމިނަލް ކޯޓުގައި ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވަމުން އަދީބް ވިދާޅުވީ 2.5 މިލިއަން ޑޮލަރަށް އެރަށް ކުއްޔަށް ނަގަން އިންޑިއާގެ ވަރުގަދަ ބަޔަކު އަންނާނެ ކަމަށް ޔާމީން އެންގެވި ކަމަށެވެ. އެ މުއާމަލާތް ނިންމަން ކުރިއަށް ދިޔަ ބައްދަލުވުމެއްގައި އިންޑިއާ ކުންފުންޏާ އެކު އިބްރާހީމް ރަޝީދު ބައިވެރިވި ކަމަަށް އަދީބް ވިދާޅުވި އެވެ.
މިމައްސަލައާއި ގުޅިގެން ބޮންޑޭ މަޖިލީހަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ ކޯޓުގައި އަދީބް ދެއްވި ދޮގު ހެކިބަހާ ގުޅިގެން އޭނާގެ އަބުރަށް އުނިކަން ލިބިފައިވާ ކަމަށެވެ.
އަދީބްގެ ހެކިބަސް ދޮގުކުރައްވާ ބޮންޑޭގެ ސިޓީގައި އިތުރަށް ވިދާޅުވީ މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާ ނުލެވި މަޖިލީހުގެ މަސައްކަތް ހުއްޓިފައިވީ ނަމަވެސް އަދީބް ދެއްކެވި ވާހަކަތައް ތަހުގީގުކޮށްދިނުމަށް ފުލުހުންނަށް ހުށަހަޅައި ދިނުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައެއް ޖަލްސާތަކުގައިވެސް ފުއްގިރިއާއި އިބްރާހީމް ރަޝީދުއާ ގުޅުވައިގެން ބައެއް މެންބަރުން ވާހަކަދައްކަވާފައިވެ އެވެ.