ހަބަރު

"ގާޒީއެއްގެ ހުކުމަކަށް މަޖިލީހުގައި ބަހުސް ނުކުރެވޭނެ"

ފަނޑިޔާރެއް ނުވަތަ ގާޒީއެއް ކުރައްވާ ހުކުމަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމަކީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކުރެވޭ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު، ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީ ބޮޑު ހިނާޔާތުގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ދައުލަތުން އުފުލި ދައުވާތައް ބާތިލުކޮށް އެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރު ކޮށްލަން ގާޒީ އިސްމާއީލް ރަޝީދު އިއްވެވި ހުކުމުގެ މައްސަލަ އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު މިއަދު ހުށަހެޅުއްވި އެވެ.

އެ މައްސަލައަށް ބަހުސް ކުރައްވަމުން އަމިއްލަ މެންބަރު އުޝާމް ވިދާޅުވީ، ފަނޑިޔާރަކު ނުވަތަ ގާޒީއަކު ކުރައްވާ ހުކުމަކާ މެދު ހިތްހަމަ ނުޖެހޭނަމަ އޮންނަ ގާނޫނީ އުސޫލަކީ މަތީ ކޯޓެއްގައި އިސްތިއުނާފު ކުރުން ކަމަށެވެ.

އުޝާމް އެހެން ވިދާޅުވުމާއެކު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އޭނާގެ ވާހަކަތައް މެދުކަނޑާލެއްވި އެވެ. ދެން އެމަނިކުފާނު ވިދާޅުވީ މަޖިލީހުގައި ބަހުސް ކުރަމުން ދަނީ އެ ގާޒީ ކުރެއްވި ހުކުމަކާ ގުޅޭ ގޮތުން ނޫން ކަމަށެވެ. އެއީ ގާނޫނީ އިޖުރާއަތްތަކަށް އެ ގާޒީ އަމަލު ނުކުރެއްވި ކަމަށް ދެކެވޭ ވާހަކަތަކުގެ މައްސަލައެއް ކަމަށެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވުމަށް އުޝާމަށް އަލުން ފުރުސަތު ދެއްވި އެވެ. އެ ވާހަކައަށް ރައްދު ދެއްވަމުން އުޝާމް ވިދާޅުވީ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް އޮތްނަމަ އެކަމާ ގުޅިގެން އަމަލު ކުރާ ގާނޫނީ އުސޫލަކީ ވެސް މަޖިލީހުގައި އެ ކަމަށް ބަހުސް ކުރުމެއް ނޫން ކަމަށެވެ. އެ ކަމަށް ހުށަހަޅަން ޖެހޭނީ ޖުޑިޝަލް ސާވިސް ކޮމިޝަނަށް ކަމަށެވެ.

"ފަނޑިޔާރު ނުވަތަ ގާޒީގެ ސުލޫކީ މައްސަލައެއް އޮތްނަމަ އެ މައްސަލަ ހުށަހަޅަން ޖުޑިޝަލް ސާވިސް ކޮމިޝަނަށް. އެ ކޮމިޝަނަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮވޭ ކޮންމެ ފަރުދަކަށް، މަޖިލީހަށް މައްސަލަ ހުށަހެޅުއްވި މެންބަރު [ހަސަން ލަތީފް] ވެސް ޖޭއެސްސީއަށް ހުށަހެޅުމުގެ ފުރުސަތު ގާނޫނުގައި އެބަ އޮތް." އުޝާމް ވިދާޅުވި އެވެ.

އުޝާމްގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ ފަނޑިޔާރަކު ވަކި ގޮތަކަށް ހުކުމް ކުރެއްވުމުން ނުވަތަ ވަކި ގޮތަކަށް އަމަލު ކުރެއްވުމުން، ގާނޫނީ އުސޫލުތަކާ ހިލާފަށް މަޖިލީހުގެ ތަޅުމަށް އެކަން ގެނެސް ބަހުސް ކުރުމަކީ އެމްޑީޕީގެ މެންބަރުން ވަކާލާތު ކުރައްވަމުން ގެންދެވި އިންސާފު ކަމަށް ވާނެ އެ ކަމަށް "ވަރަށް ބޮޑަށް ސާބަސް" ދަންނަވާ ކަމަށެވެ.

ހަސަން ލަތީފް ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަނުން އެ މައްސަލަ ބެލުމަށް ގޮވާލައްވާ ކަމަށެވެ. ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވެސް އިއްޔެ ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވެފައި ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ.

މީގެ އިތުރުން އަދީބު މިނިވަންވާ ގޮތަށް އޭނާއަށް ދައުލަތުން އުފުލި ދައުވާތައް ބާތިލްކޮށް މައްސަލަ ކޯޓުން ބޭރުކޮށްލަން ކްރިމިނަލް ކޯޓުން ކުރި އެ ހުކުމް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވެ އެވެ.