ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަަރުކާރުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެޅުއްވި "ފަންޏެއް" ކަމަށް ރައީސް ނަޝީދު ވިދާޅުވާ ވާހަކަ ހިމެނޭ ވީޑިއޯ ރައްޔިތުންގެ މަޖިލީހުގައި އަޅުވައި ދިނުމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެދިވަޑައިގެންފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ އަދީބުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ބާތިލު ކުރަން ހުކުމް ކުރި މައްސަލަ ހުށަހަޅުއްވައިފަ އެވެ. އެ މައްސަލައަށް ބަހުސް ކުރައްވަމުން މެންބަރުން ގެންދެވީ، ސިޔާސީ ވާދަވެރިކަމުގައި ލީޑަރުންނަށް ފާޑުވިދާޅުވެ ބަހުގެ ހަމަލާތަކެއް ދެމުންނެވެ.
ވަރަށް ޖޯޝުގައި ނިޒާމީ ނުކުތާތަކާއެކު މެންބަރުން މައްސަލައަށް ބަހުސް ކުރައްވަމުން ގެންދަވަނިކޮށް މޮސްޓާ ނެންގެވި ނިޒާމީ ނުކުތާއެއްގައި ފާހަގަ ކުރެއްވީ މަޖިލީހުގެ އިންތިހާބުގައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަގެ ކެމްޕޭން ޖަލްސާއެއްގައި ރައީސް ނަޝީދު ދެއްކެވި ވާހަކައަކަށެވެ. އެދިވައިގަތީ މަޖިލީހުގައި އެ ވީޑިއޯ އަޅުވައި ދިނުމަށެވެ.
އެ ކެމްޕޭންގެ ތެރޭގައި ނަޝީދު ވިދާޅުވެފައި ވަނީ އަހުމަދު އަދީބަކީ ރައީސް ޔާމީންގެ ވެރިކަމަށް ލޮޅުމެއް އެރުވުމަށް އެމަނިކުފާނު އެޅުއްވި ފަންޏެއް ކަމަށެވެ. އެއީ އަދީބަށް ރުހުން ނުދިނުމަށް އެމްޑީޕީން ނެރުނު ވިޕްލައިނާ ހިލާފަށް އީސަ ވޯޓު ދެއްވީ ސީދާ ނަޝީދު އަންގަވައިގެން ކަމަށް ސާފު ކޮށްދޭން އެމަނިކުފާނު ދެއްކެވި ވާހަކަތަކެކެވެ.
މޮސްޓާ އެ ގޮތަށް އެދިވަޑައިގަތުމުން މަޖިލީހުގެ ރައީސްގެ ގޮތުގައި އިންނެވި ނަޝީދު ވިދާޅުވީ ބަހުސް ކުރައްވަން މެންބަރަށް ލިބިވަޑައިގެންނެވި ފުރުސަތުގައި އެދިވަޑައިގެންނެވިނަމަ އެ ގޮތަށް ހަމަޖައްސައި ދެއްވާނެ ކަމަށެވެ. ނަމަވެސް ނިޒާމީ ނުކުތާއެއްގެ ތެރެެއިން ފާހަގަ ކޮށްދެއްވާއިރު އެއީ ނިޒާމީ މައްސަލައަކަށް ނުވާތީ ހަމަޖައްސައި ދެވެން ނެތް ކަމަށެވެ.
ނަޝީދު ދެން ވިދާޅުވީ، މަޖިލީހުގެ ޖަލްސާ ދެން ބާއްވާ ދުވަހެއްގައި ބަހުސް ކުރުމުގެ ފުރުސަތެއްގައި މެންބަރު އެ ގޮތަށް އެދިވަޑައިގަތުމުން ނަޝީދު ދެއްކެވި އެ ވާހަކައިގެ ވީޑިއޯ މަޖިލީހުގައި އަޅުވައިދޭން އެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާއަށް އަންގަވާނެ ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އެ ވީޑިއޯއަކީ މަޖިލީހުގައި އަޅުވަން ވަރަށް ބޭނުންތެރި ވީޑިއޯއެކެވެ. އެ ވީޑިއޯގައި ދިވެހި ރައްޔިތުންނަށް އެނގެން ޖެހޭ ވަރަށް މުހިއްމު މެސެޖްތަކަކާއި ވާހަކަތަކެއް ހިމެނޭ ކަމަށެވެ. އެހެންކަމުން އެ ވީޑިއޯ އަޅުވައިދޭން މެންބަރު ދެން އެދިވަޑައިގަންނަވާ ފަހަރެއްގައި އަޅުވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
މީގެ ކުރިން ވެސް ބައެއް ވީޑިއޯތައް މަޖިލީހުގެ ތަޅުގައި އަޅުވައިދިނުމަށް މެންބަރުން އެދިވަޑައިގަތުމުން ރައީސް ނަޝީދު އެ ފުރުސަތު ދެއްވާފައިވެ އެވެ. އެ ގޮތުން ފެބްރުއަރީ 8، 2012 ގައި އެމްޑީޕީގެ ފުރަތަމަ ސަރުކާރު ވައްޓާލީ "ބަޣާވާތަކުން" ކަމަށް ބުނެ ކުރި މުޒާހަރާގެ ތެރެއިން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އަށް ފުލުހަކު އަނިޔާ ކުރި މަންޒަރުތައް ހިމެނޭ ވީޑިއޯއެއް މަޖިލީހުގެ ތަޅުމުގައި އެޅުވި އެވެ.