ރިޕޯޓް

ޝަރުއީ ހުކުމްތަކުގެ ބަހުސް މަޖިލީހަށް: ކޮން ކަހަލަ ކަމެއް؟

ވެރިކަން ކުރުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރާއި، ޝަރުއީ ބާރު ވަކިކުރެވި، އެއް ބާރުން އަނެއް ބާރަށް ފާރަވެރިވާ ގޮތަށް ދިވެހިން އެދެމުން ދިޔަ ގޮތަށް ގާނޫނު އަސާސީ ބައްޓަން ކޮށްފައި ވެއެވެ. އޭގެ ފަހުން އެންމެ ބޮޑު އުއްމީދަކަށް އޮތީ ވެސް މިނިވަން ޝަރުއީ ނިޒާމެއް ގާއިމުވުމެވެ. އެކަމަކު އެއް ބާރުން އަނެއް ބާރުގެ ތެރެއަށް ވަންނަ ކަމުގެ ތުހުމަތަކަށް ބަދަލެއް އައި ތަނެއް އަދިއެއް ނުފެނުވެ. އެ ތުހުމަތުތައް ޖުޑިޝަރީއަށް ވެސް އަމާޒުވެ އެވެ. އެގްޒެކެޓިވް ބާރުގެ ނުފޫޒު ޖުޑިޝަރީގެ ބާރަށް ވަންނަ ކަމުގެ ތުހުމަތު ވެސް އޮވެ އެވެ. ރައްޔިތުންގެ މަޖިލީހަށް ވެސް އެ ތުހުމަތުތައް އަމާޒުވާ ވެއެވެ.

ދިވެހި ރައްޔިތުން އެދެމުން ދިޔަ ބަދަލު އަދިވެސް ލިބިފައި ނުވާތީ، އެންމެ ބޮޑު ނިންމުމެއް ނިންމީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގަ އެވެ. އަބަދުވެސް އިންސާފުވެރި ފަނޑިޔާރުގެއެއް އޮންނަން ޖެހޭނެ ކަމަށް ވަކާލާތު ކުރަމުން ދިޔަ އެމްޑީޕީއަށް، މީގެ ކުރިން އެއްވެސް ޕާޓީއަކަށް ނުދޭ ފުރުސަތު ރައްޔިތުން ދިނީ އެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އެވެ. އެ ސުޕަ މެޖޯރިޓީގެ ބޭނުން ކުރަނީ އަދި މިހާތަނަށްކުރީ ރައްޔިތުން އެ އެދޭ ގޮތަށް ހެއްޔެވެ؟ ނޫނީ ގާނޫނު އަސާސީން ދީފައިވާ ބާރުގެ އިމުން ބޭރުވެ އެހެން ބާރުތަކަށް ވަންނަ ސަގާފަތާ އެއް ގޮތަށް ހެއްޔެވެ؟

އެމްޑީޕީން ބުނާ ގޮތުގައި، މިހާ ހިސާބަށް އައިއިރު ޖުޑިޝަރީ އިސްލާހު ކުރުމުގެ މަސައްކަތް މަޖިލީހުގެ ތެރެއިން ފަށައި ނިމިއްޖެ އެވެ. މިހާރު ޖުޑިޝަރީއަށް ފާޑު ކިޔާ މީހަކު ނެތެވެ. އަދި ވެސް އިސްލާހީ އެ މަސައްކަތް ނުހުއްޓުވޭނެ ކަމަށް ވެސް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ އިސް ބޭފުޅުން ވިދާޅުވަމުން ގެންދަވަ އެވެ. ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކޮށްފި އެވެ. ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މެދުވެރިކޮށް ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފަށައި، މަޖިލީހަށް ފޮނުވައިގެން ބައެއް ފަނޑިޔާރުން ވަކިވެސް ކޮށްފި އެވެ.

ޝަރުއީ ކޯޓެއްގެ ފަނޑިޔާރަކު އަމަލު ކުރާ ގޮތާ މެދު ހިތްހަމަނުޖެހޭ ފަހަރުތަކުގައި މަޖިލީހަށް ކުއްލި މައްސަލަތަކެއް ވައްދައި ތަޅުމުގައި ބަހުސްތައް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ. އެކަމަކު މި ގޮތަށް ހުށަހަޅާ މައްސަލަތައް މެދުވެރިކޮށް ފަނޑިޔާރުގެއަށް މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ނުފޫޒުގަދަ ބޭފުޅުންގެ ނުފޫޒު ފޯރުވުމުގެ ތުހުމަތު ވެސް އަމާޒުވެއްޖެ އެވެ. ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ ކޯޓުތަކަށް "އަތް ބާނާ" ކަމުގެ ތުހުމަތެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ އެންމެ ފުރަތަމަ ބައްލަވަމުން ގެންދެވި އޭރުގެ ގާޒީ އަހުމަދު ހައިލަމްގެ މައްސަލައަކަށް ތަޅުމުގައި ބަހުސެއް ކުރި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭން ޖަހާފައި ފޮޓޯއެއް ވައިބާ ގްރޫޕެއްގައި ގާޒީ ހިއްސާކުރައްވައިގެނެވެ. ޔަގީނުން ވެސް އެއީ މައްސަލައެކެވެ. ސުލޫކީ މައްސަލައެކެވެ. އެކަމަކު އެ މައްސަލަ ހުށަހަޅަން އޮތް މުއައްސަސާއަކީ މަޖިލީސް ހެއްޔެވެ؟

ފަނޑިޔާރެއްގެ ކަމެއްގައި ކަންބޮޑުވުން އޮތިއްޔާ އެ ބަހުސް ކުރެވޭނެ، އަޅުގަނޑުމެން ތިބޭނަމަ އެ ވާހަކަ ދައްކަން ވެސް ދައްކަނާން
ހަސަން ލަތީފް | ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު

މަޖިލީހުގެ ޖަލްސާއަކށް މިފަދަ އެހެން މައްސަލައެއް ހުށަހެޅި ބަހުސަށް ހުޅުވާލަން ފާސްކޮށްފައި ވެއެވެ. އެއީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތުހުމަތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ބާތިލްކޮށް ކްރިމިނަލް ކޯޓުން މައްސަލަ ބޭރުކޮށްލަން ހުކުމް ކުރި ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ އެވެ. ޝަރީއަތަކުން ކޮށްފައިވާ ހުކުމަކަށް މަޖިލީހުން ބަހުސް ކުރުން ވާނީ ކޯޓުގެ ބާރަށް ވަނުމަށް ނޫން ހެއްޔެވެ؟

މަޖިލީހަށް ހުށަހެޅިދާނެ ކުއްލި މައްސަލަ އާއި މައްސަލައިގެ ބާވަތްތައް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. އެ ގޮތުން ޝަރީއަތުގައި އޮތް މައްސަލައަކާ ގުޅޭ ގޮތުން މަޖިލީހަށް ކުއްލި މައްސަލައެއް އަދި މައްސަލައެއް ވެސް ނުވެއްދޭނެ އެވެ. ގަވާއިދަށް އެ ގޮތަށް އޮތުމުގެ ބޭނުމަކީ ވެސް ޝަރީއަތްތަކަށް މަޖިލީހުގެ ބާރު ނުފޯރުވުމެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ބާތިލްކުރި ގާޒީގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވި އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ފާހަގަކުރެއްވި ގޮތުގައި އޭނާ ހުށަހެޅުއްވި މައްސަލައަކީ މަޖިލީހުގެ ގަވާއިދު ޖާގަދޭ މައްސަލައެކެވެ. ގަވާއިދުގައި ބުނަނީ ޝަރީއަތުގައި އޮތް މައްސަލައަކާ ގުޅޭ ގޮތުން މައްސަލައެއް ހުށަނޭޅެނެ ކަމެވެ. އޭނާ ހުށަހެޅުއްވި މައްސަލައަކީ ޝަރީއަތް ނިމި ހުކުމް ވެސް ކޮށްފައިވާ މައްސަލަ އެކެވެ.

"ގަވާއިދުގައި މި ބުނަނީ ޝަރީއަތުގައި އޮތް މައްސަލައެކޭ ހުށަނޭޅޭނީ، އަޅުގަނޑު ހުށަހެޅި މައްސަލައަކީ ޝަރީއަތް ނިމި ހުކުމް ކުރި މައްސަލައެއް، ގާޒީ ގާނޫނީ އިޖުރާއަތްތަކާ ހިލާފަށް އަމަލުކޮށްފައި ވާތީ، އެ މައްސަލަ، ދެން ޖަލްސާއަކަށް މައްސަލައެއް މި އެޖެންޑާ ކުރާނީ މަޖިލީހުގެ އިދާރީ މޭޒުން ބަލާފައި ގަވާއިދަށް އެ ކަމެއް ފެތޭތީ،" ހަސަން ވިދާޅުވި އެވެ.

ނަމަވެސް ވިލިމާލެ ދާއިރާގެ މެންބަރު އަމިއްލަ މެންބަރު އަހުމަދު އުޝާމް ވިދާޅުވާ ގޮތުގައި، ގާޒީއަކު ކޮށްފައިވާ ހުކުމަކަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމަކީ ގާނޫނީ އުސޫލާ ހިލާފު ކަމެކެވެ. ގާޒީއަކު ކޮށްފައިވާ ހުކުމަކާ މެދު ހިތްހަމަނުޖެހޭނަމަ އޮންނަ ގާނޫނީ އުސޫލަކީ މަތީ ކޯޓެއްގައި އެ މައްސަލަ އިސްތިއުފާނު ކުރުމެވެ.

ގާޒީއެއްގެ ހުކުމަކަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރާކަށް ނުޖެހޭނެ، އެކަން ގާނޫނީ އުސޫލާ އެކަން ހިލާފު
އަހުމަދު އުޝާމް | ވިލިމާލެ ދާއިރާގެ މެންބަރު

މަޖިލީހުގައި އެ މައްސަލައަށް ކުރީގެ ޑިޕިއުޓީ އެޓާނީ ޖެނެރަލް އުޝާމް ވާހަކަފުޅު ދެއްކަވުމުން ރައީސް ނަޝީދު ރައްދު ދެއްވާ ވިދާޅުވި ގޮތުގައި ހުށަހަޅާފައިވާ މައްސަލައަކީ ގާޒީ ކުރި ހުކުމާ ގުޅޭ މައްސަލައެއް ނޫނެވެ. އެ މައްސަލައަކީ ގާޒީ އަމަލުކުރި އިޖުރާއަތްތަކާ ގުޅޭ މައްސަލައެކެވެ.

އެ ނުކުތާއަށް އުޝާމް ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވާ ގޮތުގައި ފަނޑިޔާރެއް ނުވަތަ ގާޒީއެއްގެ ސުލޫކީ މައްސަލައެއް އޮތްނަމަ ހުށަހަޅަން ޖެހޭ ތަނަކީ ޖޭއެސްސީ އެވެ. މަޖިލީހެއް ނޫނެވެ. މަޖިލީހުގެ ތަޅުމުގައި އެ ބަހުސް ކުރާކަށް ނުޖެހޭނެ އެވެ.

"އައިސް މި ޖެހެނީ ހަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައަކާ. ފަނޑިޔާރުގެ ގާބިލްކަމުގެ މައްސަލައަކާ. ފަނޑިޔާރު ގަމާރު ވާހަކަ [އެމްޑީޕީ މެންބަރުން ވިދާޅުވާ އަޑު] މި އިވެނީ، އެ މައްސަލަ ހުށަހަޅަން ޖެހޭނީ ޖުޑިޝަލް ސާވިސް ކޮމިޝަނަށް، އެ މައްސަލަ މަޖިލީހުގެ ފްލޯއަށް ހުށަހަޅައިގެން ބަހުސް ކުރަން ޖެހޭ ކަމެއް ނޫނޭ، މިއީ [އެމްޑީޕީން] ތިޔަ ވަކާލާތު ކުރައްވާ އިންސާފުނަމަ ހަމަ ސާބަސް ދަންނަވާލަން ޖެހޭނީ" މެންބަރު އުޝާމް ތަޅުމުގައި ވިދާޅުވި އެވެ.

ބާ ކައުންސިލްގެ ރައީސް، ގާނޫނީ ވަކީލު މައުމޫން ހަމީދު ވެސް އެ ނުކުތާތައް ފާހަގަ ކުރައްވަ އެވެ. މި ގޮތުން މައްސަލަ ބެއްލެވުމުގައި ގާޒީ އިޖުރާއަތްތަކަށް އަމަލުކުރި ގޮތާ މެދު ސުވާލު އުފެދޭނަމަ ޖޭއެސްސީއަށް ހުށަހަޅައިގެން ޖޭއެސްސީން މައްސަލަ ކުރިއަށް ގެންދެވޭނެ އެވެ. މަޖިލީހަށް މައްސަލަ ގެންގޮސް ތަޅުމުގައި ބަހުސްކޮށް ފަނޑިޔާރުގެ ގާބިލްކަން ބަލާ ހިސާބަށް ދާނަމަ ޝަރުއީ ނިޒާމާއި އިސްތިއުނާފް ކުރުމުގެ ނިޒާމަށް އަސަރުތަކެއް ކުރާނެ ކަމަށެވެ.

"ޝަރީއަތުގައި ހިނގި މައްސަލަތަކެއްގައި ރައްޔިތުންގެ މަޖިލީހުން ވަކި ގޮތެއް ނިންމަން އަވަސް އަރުވާލައިގެން އެހެން ކުރިއަށް ދާނަމަ، އިސްތިއުނާފް ކުރުމާއި ފާރަވެރިވުމާއި ޖަވާބުދާރީވުމުގެ ނިޒާމަށް ހުރަސްއެޅޭނެ، އެ ކަމުން ފަނޑިޔާރުން ބިރުގަނެ، އޭގެ ނުބައި އަސަރު ޝަރުއީ ނިޒާމުގެ މިނިވަން ކަމަށް ވެސް ކުރާނެ، މިއީ އިންސާފު ގާާއިމު ކުރުމާއި ގާނޫނީ ހުކޫމަތް ދަމަހައްޓަން ވެސް ހުރަހެއް،" މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައިވެ އެވެ.

ގާނޫނީ ބައެއް ވަކީލުން ފާހަގަކުރައްވާ އެ ނުކުތާތަކަށް ވެސް ހަސަން ލަތީފް ރައްދު ދެއްވަ އެވެ. ވިދާޅުވާ ގޮތުގައި އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާ ކޮންމެ ކަމެއް އެއީ، ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައެއް ނަމަ ހުށަހެޅޭނެ އެވެ. މަޖިލީހުގެ ގަވާއިދުގައި މަޖިލީހަށް މައްސަލަ ހުށަހެޅުމުގެ މާއްދާގައި ބުނަނީ ވެސް ރައްޔިތުންގެ މަސްލަހަތު ވަރަށް ބޮޑު ކަމެއްގައި މައްސަލަ ހުށަހެޅުން ކަން ފާހަގަ ކުރެއްވި އެވެ.

"ފަނޑިޔާރު ވަކި ގޮތަކަށް އަމަލު ކުރާން އަންގަން މަޖިލީހުން ގޮތެއް ނިންމާކަށް އެ މައްސަލައަކު ނޯންނާނެ، ފަނޑިޔާރާ މެދު ވަކި ފިޔަވަޅެއް އަޅާން ޖޭއެސްސީއަށް މަޖިލީހުން އަމުރެއް ފޮނުވާކަށް ވެސް ނޯންނާނެ، އެކަމަކު ކަންބޮޑުވުން އޮތް މައްސަލައެއްގައި، ކަމާ ބެހޭ މިނިވަން މުއައްސަސާއަށާއި، ދައުލަތުގެ ސަމާލު ކަމަށް ގެންނަން ބަހުސް ކުރެވޭނެ." ހަސަން ލަތީފް ވިދާޅުވި އެވެ.

މައްސަލައެއް ބެއްލެވުމުގައި ފަނޑިޔާރަކު އަމަލު ކުރަން ޖެހޭ އިޖުރާއަތްތަކަށް އަމަލުނުކުރުމަކީ ފަނޑިޔާރުގެ ގާބިލްކަމާ މެދު ސުވާލު އުފެދޭނެ ކަމެއް ކަމަށް ހަސަން ވިދާޅުވި އެވެ. މިސާލެއްގެ ގޮތުން ފާހަގަކުރައްވަމުން ވިދާޅުވީ މީގެ ކުރިން ވުޖޫދުގައި އޮތް ނަމަވެސް ވަރަށް ފަހަކުން އުވާލާފައިވާ ގާނޫނީ މާއްދާއަކަށް ރިއާޔަތްކޮށް ފަނޑިޔާރަކު ހުކުމްކޮށްފަާނެ ކަމަށެވެ. އެފަދަ ކަމެއްގެ ކަންބޮޑުވުންތަކުގެ ވާހަކަތައް މައްސަލައެއްގެ ގޮތުގައި ދެއްކޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ސާފު މެޖޯރިޓީ ލިބި، ޖޭއެސްސީގެ އެކުލެވުން އޮންނަ ގޮތުން އެ ކޮމިޝަންގެ މެޖޯރިޓީ ވެސް އެމްޑީޕީއަށް އޮތް އިރު، ޖޭއެސްސީއާއި މަޖިލީހުގެ ތެރެއިން މި ކުރެވޭ މަސައްކަތަކީ ހަމަ ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މަސައްކަތް ހެއްޔެވެ؟ ނުވަތަ މިހާރު ބާރުގައި މި ތިބި ބަޔަކު ޝަރުއީ ކޯޓުތަކުގެ ބާރުތަކުގެ ތެރެއަށް ވަނުމުގެ މަސައްކަތް ހެއްޔެވެ؟ މި ސުވާލު އުފެދެނީ އެ ޖާގަ ދެވޭ ގޮތަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރެވޭތީ އެވެ.