ޔުމްނާ މައުމޫން

އޮލިމްޕަސް ހުޅުވާނެ ދުވަހެއް ހޯދަން މިނިސްޓަރަށް ސުވާލު

Jun 30, 2022

މަރާމާތުކުރުމަށް އޮލިމްޕަސް ބަންދުކުރުމަށްފަހު ހުޅުވުން ލަސްވަމުން ދާތީ އާޓްސް މިނިސްޓަރު ޔުމްނާ މައުމޫނާ ސުވާލުކުރެއްވުމަށް ހުށަހަޅުއްވައިފި އެވެ.

ލިޔުމުން ޖަވާބު ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން އެވެ.

ފިރުޝާންގެ ސުވާލުގައި އެދިވަޑައިގެންފައިވަނީ އޮލިމްޕަހުގެ މަސައްކަތް ނިންމުމަށްފަހު ހުޅުވޭނެ ތާރީހެ އޮޅުންފިލުއްވައިދެއްވުމަށާއި އޮލިމްޕަހުގެ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބެއް ސާފުކުރުމަށެވެ.

ކޮވިޑް-19ގެ ނުރައްކާ ބޮޑުވުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން އޮލިމްޕަސް ބަންދުކުރީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ. އޭގެފަހުން އޮލިމްޕަސް ހުޅުވަން ސަރުކާރުން އެކި ތާރީހު ދިން ނަމަވެސް އޮލިމްޕަސް ހުޅުވާފައެއް ނުވެ އެވެ. ފަހުން އާޓްސް މިނިސްޓްރީން ވަނީ އެތަނަށް ބޮޑެތި ބަދަލުތައް ގެނެސް ޒަމާނީ ވަސީލަތްތައް ގާއިމުކުރުމަށް ކަމަށް ބުނެ އޮލިމްޕަސް ހުޅުވުން ފަސްކޮށްފަ އެވެ.

މާލޭގައި ފިލުމު އަޅުވާ ހަމައެކަނި ސިނަމާގެ ގޮތުގައި ހުރި އޮލިމްޕަސް ބަންދުކޮށްފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ ފިލްމީ ދާއިރާގެ ބޭފުޅުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އޮލިމްޕަސް މަރާމާތުކޮށް އަޕްގްރޭޑް ކުރަނީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުންނެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 21 ވަނަ ދުވަހު އެވެ.

އާޓްސް މިނިސްޓްރީން އެންމެ ފަހުން ބުނި ގޮތުގައި މިހާރު ކުރަމުންދަނީ އޮލިމްޕަސް މަރާމާތުކޮށް ވަސީލަތްތައް އަޕްގްރޭޑް ކުރުމުގެ ދެވަނަ ފިޔަވައްސެވެ.

ދެވަނަ ފިޔަވަހީގައި ކުރާ މަސައްކަތްތަކުގެ ތެރޭގައި އޮލިމްޕަހުގައި ފިލްމު ދެއްކުމަށް ޕްރޮޖެކްޓަރެއް ހޯދައި، ސާވާއާއި އެކު އިންސްޓޯލްކޮށް، އޮލިމްޕަސް ހޯލްގެ ސަރައުންޑު ސައުންޑް އިންސްޓޯލްކޮށް، ރޫމް ކަރެކްޝަން ހެދުމާއި، ޑޮލްބީ ސެޓްފައިލްކުރުުމުގެ މަސައްކަތް ކުރުން ހިމެނެ އެވެ. މީގެއިތުރުން އޮލިމްޕަސް ހޯލް އަދި ރިހާސަލް ރޫމްތައް އެކޯސްޓިކްސް ޓްރީޓް ކުރުމަށް ބޭނުންވާ އެކޯސްޓިކް ޕެނަލް، ފާރާއި ސީލިންގުގައި ޖަހާ ސްޕޮންޖް އަދި ފްލޯކާޕެޓް އެޅުން ވެސް ހިމެނެ އެވެ.