ހެރިޓޭޖް މިނިސްޓްރީ

ތަރިކައާއި ބެހޭ ގަވާއިދުތައް ގެޒެޓްކުރަން ފޮނުވައިފި

ދިވެހިރާއްޖޭގެ ތަރިކަ ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތައް އެކުލަވާލައި، ގެޒެޓު ކުރުމަށް ފޮނުވާފައިވާ ކަމަށް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ޔުމްނާ ވިދާޅުވީ، ދިވެހިރާއްޖޭގެ ތަރިކަ ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތައް، އެ ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތަށް ނިންމާފައިވާ ކަމަށެވެ. އަދި އެޓާނީ ޖެނެރަލްއާއި ކަމާއިބެހޭ އެހެނިހެން ފަރާތްތަކުގެ ހިޔާލު ހޯދުމަށްފަހު، އެ ހިޔާލުތަކަށް ރިއާޔަތްކޮށް ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްފައިވާ ކަމަށެވެ. އަދި މިހާރު އެ ގަވާއިދުތައް ގެޒެޓް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާފައިވާ ކަމަށް ޔުމްނާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ތަރިކަ ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލަން ޖެހޭނެ ކަމަށް އެ ގާނޫނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ގަވާއިދާއި ދާރުލްއާސާރު ހިންގުމުގެ ގަވާއިދެވެ.