ހެރިޓޭޖް މިނިސްޓްރީ

ކޯގަންނު ގަބުރުސްތާނަށް ގެއްލުން ދިން މައްސަލަ ބަލަނީ

އައްޑޫ ސިޓީގެ މީދޫގައި ހުންނަ ކޯގަންނު ގަބުރުސްތާނަށް ގެއްލުން ދިން މައްސަލަ ބަލަން ފަށައިފި އެވެ.

މިގަބުރުސްތާނަކީ މީދޫގައި އެންމެ ފުރަތަމަ އިސްލާމްވީ މީހުން މަރުވުމުން ވަޅުލުމަށް ބޭނުންކުރި ރާއްޖޭގެ އެންމެ ގަދީމީ ގަބުރުސްތާނެވެ.

ކޯގަންނު ގަބުރުސްތާނަކީ ވޯލްޑް މޮނިއުމަންޓް ފަންޑުގެ ވޮޗް ލިސްޓުގައި ވެސް ހިމެނޭ ތަނެކެވެ.

މިގަބުރުސްތާނުގައި ހުންނަ މަހާނަ ގާތަކަށް ބަޔަކު ގެއްލުން ދީފައިވަނީ އެތަނުގައި ސެކިއުރިޓީއަށް ހުންނަ މީހާ ހުކުރަށް ދިޔަ ވަގުތު ކަމަށް މީދޫގެ ބައެއް މީހުން ސޯޝަލްމީޑިއާގައި ބުނެފައިވެ އެވެ.

ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން މިއަދު ވިދާޅުވީ މިފަދަ ދުވަސްވީ އާސާރުތައް ގަސްދުގައި ހަލާކުކޮށް ގެއްލުންދީ ހެދުމަކީ ވަރަށް ދެރަ ކަމެއް ކަމަށާއި މިއީ ރަށަށާއި ގައުމަށްވެސް ލިބޭ ބޮޑު ގެެއްލުމެއް ކަމަށެވެ.

މިނިސްޓަރު ޔުމްނާ އިތުރަށް ވިދާޅުވީ ކޯގަންނު ގަބުރުސްތާނަކީ 2022 ވަނަ އަހަރުން ފެށިގެން ވޯލްޑް މޮނިއުމަންޓް ފަންޑުގެ ވޮޗް ލިސްޓުގައި ހިމެނޭ ތަނަކަށް ވާތީ މިތަނަކަށް ގެއްލުން ދިނުމަކީ މިއީ ގާނޫނީ ކުށެއް ކަމަަށެވެ.

ރާއްޖޭގެ ސަގާފަތާއި ތަރިކައިގެ ގާނޫނޫގައިވާ ގޮތުން ތަރިކައަކަށް ގެއްލުންދީފިނަމަ ކުށުގެ ކުޑަބޮޑު މިނަށް ބަލައި، 10،000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވިދާނެ އެވެ.