ޔުމްނާ މައުމޫން

މިނިސްޓަރް ޔުމްނާ ލަންކާގެ ކަލްޗާ މިނިސްޓަރާ ބައްދަލުކުރައްވައިފި

ކަލްޗާ މިނިސްޓަރް ޔުމްނާ މައުމޫން ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ކަލްޗާ މިނިސްޓަރު އެފެޔާސްގެ އެޗްއީ ވިދުރާއާ ބައްދަލުކުރައްވާފި އެވެ.

މިނިސްޓަރު ޔުމްނާގެ މިދަތުރުފުޅާ ގުޅޭގޮތުން އަވަސްއަށް މައުލޫމާތު ދެއްވަމުން ހެރިޓޭޖް މިނިސްޓްރީގެ ޑައިރެކްޓަރް އޮފް ކޮމިއުނިކޭޝަން އިސްމާއިލް ނާއިލް ވިދާޅުވިީ މމިނިސްޓަރް ޔުމްނާ މައުމޫންގެ މިދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ލަންކާގެ ކަލްޗާ މިނިސްޓްރީއާއި ރާއްޖޭގެ ކަލްޗާ މިނިސްޓްރީއާ ދެމެދު މީގެކުރިން ސޮއިކުރި އެއްބަސްވުމުގައިވާ ކަންކަން އަވަހަށް ކުރުން ކަމަށެވެ.

"މީގެއިތުރުން އެއްބަސްވުމުގައިވާ މަސައްކަތްތަކާ ގުޅޭގޮތުން ދެ މިނިސްޓަރުންގެ ބައްދަލުވުމުގައި ވަނީ މަޝްވަރާވެސް ކުރައްވާފައި،" ނާއިލް ވިދާޅުވި އެވެ.

ކުރިން ސޮއިކުރި އެއްބަސްވުމުގައި ތަރިކަ ރައްކާތެރިކުރުމާއި، އާސާރީ ތަކެތި ހޯދުމުގައި އެހީތެރިކަން ހޯދުމާއި، ތަޖުރިބާ ހިއްސާކުރުމާއި، ގައުމީ ދާރުލްއާސާރު، އަރުށީފް އަދި ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކުރުމަށް ލަންކާގެ ފަންނީ އެހީތެރިކަން ދިނުމަށް އެއްބަސްވެފައިވެ އެވެ.

މިނިސްޓަރު ޔުމްނާގެ މިދަތުރުފުޅުގައި ވަނީ ލަންކާގެ ނޭޝަނަލް މިއުޒިއަމް، ނޭޝަނަލް އާކައިވްސް އަދި ނޭޝަނަލް ލައިބްރަރީއަށް ވެސް ޒިޔާރާތްކުރައްވާފަ އެވެ.

މިނިސްޓަރު ލަންކާއަށް ވަޑައިގެންނެވިއިރު އަރިހުގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ތޯރިގާއި، އެ މިނިސްޓްރީގެ މުޝީރު އައްބާސް އިބްރާހީމް އާއި، ޕާމަނަންޓް ސެކްރެޓަރީ ޝަމްއޫން ހަމީދު އާއި މިނިސްޓްރީގެ އެހެން ބައެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޔުމްނާ މިމަހުގެ ނުވަވަނަ ދުވަހު ލަންކާއަށް ފެއްޓެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭގެ ވަގުތެއްގައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.