ރިޕޯޓް

މިސްކިތް ރޭވި ޓީމުގެ ތާރީހީ މަސައްކަތް

ކަޅުވަކަރު މިސްކިތް އަލުން ރާވައި ބަހައްޓައި ހުޅުވުމަށް މި މަހު 17 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ތާރީހު ދިރާސާ ކުރައްވާ އަލާ ދީދީގެ ފަރާތްޕުޅުން ކުރު ކުރަން ޖެހުނު ދިގު ވާހަކައިން މުހިއްމު ކަމެއް ފާހަގަވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކަޅުވަކަރު މިސްކިތަކީ އެކި ދާއިރާތަކުގެ މީހުނަށް ހުރި ބޮޑު އިލްމީ ފޮތެކެވެ. އެއީ ސިޔާސީ ބޭފުޅުންނަށް ސިޔާސީ ފޮތެކެވެ. ކުރަހަނިކަމުގެ ދާއިރާގެ ބޭފުޅުންނަށް ކުރަހަނިކަމުގެ ފޮތެކެވެ. އަދި، ތާރީހު އިލްމުވެރިންނަށް ނުވަތަ ތާރީހަށް ޝައުގުހުރި ބަޔަކަށް އެ މިސްކިތް ވާނީ ތާރީހު ފޮތަކަށެވެ.

"ބައްލަވާ އެތާ ހުރި ކުރެހުންތައް. އާޓުގެ ތެރެއިން އެކި ކުރެހުންތައް އަޅައި އޭގެ ފުރިހަމަކަމާއި އެކަތި އަނެކަަތި ފައްތާފައި ހުރި ގޮތާއި އަދި ގަލު ވަޑާން. ކިތައް ފަހަރުތޯ ރޫޅައިގެން އެތައް މިތަނަށް ގެންދިޔައީ މިސްކިތް އެހެރީ އަދިވެސް ފެންނަން. އާކިޓެކްޗާގެ ކޮންފަދަ ރީތި ކަމެއްތޯ ދިވެހިން ތައާރަފު ކޮށްފައި އެވަނީ" އަލާ ދީދީ ވިދާޅުވި އެވެ.

އަލާގެ މި ވާހަކައާ ދެބަސްވެވޭކަށް ނެތެވެ. އެކަމަށް ހެކިދޭ އިތުރު ބަޔަކީ ގިނަ ދުވަސްތަކެއް ވަންދެން އެ މިސްކިތުގައި ހުރި ހިރިގަލާއި ގަލުގައި ކަނޑާ ނަގައިފައި ހުރި ގަލުވަޑާމުގެ ފުރިހަމަ މަސައްކަތްތައް ކައިރިން ދުށް އަދި ހުރިހާ ގަލެއް ހިތު ދަސްކުރި ޓީމެވެ. މި ޓީމުގައި ތިބި އެކި ދާއިރާތަކުގެ މީހުންނަށް އެ މިސްކިތްވީ ހަމަ ފޮތަކަށެވެ.

މިސްކިތް ރޭވުމުގެ މަސައްކަތުގައި އުޅުނު ޕްރޮޖެކްޓު މެނޭޖަރު، އައިމިނަތު ޝިފާނާއަކީ ސިވިލް އިންޖިނިއަރެކެވެ. އޭނާ ބުނި ގޮތުގައި މަސައްކަތް ފެށުމާ ހަވާލުވެ އައީ އަމިއްލައަށް ވަރަށް ޕްލޭންތައް ކޮށްގެނެވެ. ކަޅުވަކަރު މިސްކިތް ރޭވުުމުގެ ޓީމެއް އެކުލަވާލުމުން ޓީމުގެ މެމްބަރުންނާ މަޝްވަރާކޮށް ރާވާނެ ގޮތައިި މުޅި ޕްލޭން ސިކުނޑިން ކަރުދާހަށް ގެނަ އެވެ. އެކަމަކު އަމަލީ މަސައްކަތް ފެށުމުން ކުރިމަތިވީ ތަފާތު މަސައްކަތެކެވެ.

ޝިފާނާގެ ޓީމަށް އެންމެ އުނދަގޫވީ މިސްކިތުގެ ފަށައިގަންނަ ލެވެލެވެ. ތިން ފަހަރެއްގެ މަތިން އެ ލެވެލްގެ ހުރިހާ ގަލެއް އަތުރާ ނިމުމަށްފަހު ރޫޅާލި އެވެ. އެއީ އެ ފައުންޑޭޝަނުގައި އެއްވެސް ވަރަކަށް އެއްވަރު ނުވެ ނުވަތަ ތަފާތެއް އައިސްފި ކަމުގައި ވާނަމަ ކުޑަ މިސްކިތާ އެއްވަރު ނުވާތީ އެވެ. ޝިފާނާ ބުނި ގޮތުގައި މިސްކިތް ރާވާނެ ގޮތުގެ ނުވަތަ މިސްކިތުގެ އެއްވެސް މެނުއަލް އެއް ނެތް އިރު އެކަންވީ ބޮޑު ޗެލެންޖަކަށެވެ.

"ފުރަތަމަ ލެވެލް ދިމާ ކުރެވިގެން ކުޑަ މިސްކިތް ރޭވޭނީ ވެސް. ކުރިން މިސްކިތް ރޫޅާލި އިރު އެ ޓީމުން ވަރަށް ރަނގަޅަށް އަސްލު އެކަން ކޮށްފައި އޮތީ. ހަމަ ފުރިހަމައަށް ނަންބަރު ޖަހާ ޕެކް ކޮށްފައި ހުރީ. އޮތް މިސްކިތުގެ ކޮންމެވެސް ވަރެއްގެ ކުރެހުމެއް ވެސް. އެކަމަކު ފުރިހަމައަށް އެކަން ކުރާނެ ގޮތުގެ އެއްވެސް މެނުއަލެއް ނެތް މަސައްކަތެއް މިއީ. ހަގީގަތުގައި މި ކަން ކުރަން އެނގުނީ އޭގެ ތެރެއަށް ވަދެވުނީމަ. މިހާރު ރާވާފައި ވެސް އެހެރީ އެންމެ ކުރިން ރާވާފައި ހުރި ގޮތަށް ހަމަ"

ކަޅުވަކަރު މިސްކިތް ރޭވި ޓީމަށް އެ މިސްކިތް އެންމެ ފުރަތަމަ ރޭވި މީހުނާ ދިމާނުވިޔަސް، ނުވަތަ އެމީހުނަކީ ކޮން ބަޔެއްކަން ނޭނގުނަަސް މިސްކިތް ރޭވުމުގައި ބޭނުން ކޮށްފައި ހުރި އާކިޓެކްޗަރަލް ވިސްނުމާއި މުޅި މިސްކިތުގައި ހުރި ގަލުވަޑާމުގެ ކަވި މަސައްކަތުން ހައިރާން ކުރުވަ އެވެ. އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ މީހަކަށްވެ ހުރެ ޝިފާނާ އަށް ވެސް އެކަން މުޅިން ތަފާތު ވީ ކަމަށް ބުންޏެވެ. އަދި އެއީ އޭނާގެ ހަޔާތުގައިވެސް އެހެން ފެނުނު ތަފާތު ކަމެއްގެ ގޮތުގައި ސިފަ ކުރި އެވެ.

"އެހާ ކުރީގެ މަސައްކަތެއް މިއީ. ވަރަށް ފާހަގަވި ދިވެހިންނަކީ ވަރަށް ފަންނުވެރި ވަރަށް ޓެލެންޓެޑް ބައެއްކަން. މި ހުރިހާ ގަލެއް ރާވާފައި މިހުރީ ލޮކް ސިސްޓަމް އަށް. ހިތަށް އަރާ ކިހިނެތްބާއޭ އޭރު މިސްކިތް ހެދި މީހުން ލޮކް ސިސްޓަމަށް އެ މަސައްކަތް ކުރީވެސް. އިމާރާތަކަށްޓަކައި މިކަހަލަ ކަވި މަސައްކަތެއް މިޒަމާނުގައި ނުކުރާނެ ކަންނޭނގެ. ވަރަށް ފުރިހަމަ މަސައްކަތެއް މިއީ"
އައިމިނަތު ޝިފާނާ | ކަޅުވަކަރު މިސްކިތް ރޭވުމުގެ ޕްރޮޖެކްޓު މެނޭޖަރު

މި ޓީމުގައި މަސައްކަތް ކުރި، އިސްމާއިލް އަޝްރަފް (އިއްމަ) ކިޔައިދިން ގޮތުގައި، މިސްކިތުގެ ކޮންމެ ގަލެއް މިހާރު އެހެރީ އެއަށްދޭން ޖެހޭ ފަރުވާދީފަ އެވެ. ވިހި މީހުން ވެސް ހަމަ ނުވާ އެ ޓީމުގައި އުޅުނު އާކިޓެކްޓުން މިހާރު ވަނީ މިސްކިތުގެ ކޮންމެ ކަނެއް ކުރަހާފަ އެވެ. އަދި ފައިލުކޮށް ރައްކާކޮށްފަ އެވެ.

"އެހެން ފަހަރަކަށް އެ މިސްކިތް ރާވަން ޖެހުނަސް އުނދަގޫ ނުވާނެ ގޮތަށް މިހާރު ހުންނާނީ ހުރިހާ ކުރެހުންތައް ވެސް ފުރިހަމަ ކޮށްފައި. އެކަމަކު އަޅުގަނޑުމެން ވެސް އެދެނީ މިތަނުގައި މިސްކިތް ދާއިމީ ވުން"

އިއްމަ ބުނި ގޮތުގައި، އޭނާއާއެކީ މަސައްކަތް ކުރި ޒުވާން ޓީމަށް ރެއާ ދުވާލު މަސައްކަތުގައި ވަގުތު ހޭދަ ކުރި އިރުވެސް މި ކުރެވެނީ ކިހާ ވަރެއްގެ ކަމެއްކަން ކުރިން ނޭނގެ އެވެ. ދެވަނަ ފަހަރު ކޮށްލަން ނުލިބޭނެ މިކަހަލަ މަސައްކަތެއް ކުރަން ލިބުނީތީ އެ ޓީމުގެ އެންމެންވެސް ތިބީ އުފަލުންނެވެ.