ދިރާގުގެ ހެޑް އޮފީސް ހިންގަމުން އަންނަ ބިމުގައި ރާވާފައިވާ ކަޅުވަކަރު މިސްކިތް މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.
ރާއްޖެ އިސްލާމްވި ދުވަހާ ގުޅުވައިގެން މި މިސްކިތް މިއަދު ހުޅުއްވައި ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މިސްކިތް ހުޅުއްވައި ދެއްވާ ވާހަކަ ދައްކަވަމުން ރައީސް ވަނީ އެ މިސްކިތް ސަރުކާރުން ބެހެއްޓި ބިމަކީ މިސްކިތުގެ ދާއިމީ ވަޒަނަށް ވުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސަގާފީ ތަރިކަ އަކީ ފަތުރުވެރިކަން ވިއްކުމުގައި ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައި ވެސް ބޭނުންކުރާ އެންމެ މުހިއްމު އެއް ވަސީލަތް ކަމަށާއި އޭގެ ނަތީޖާ ރަނގަޅު ކަމަށެވެ. އެކަމަށްޓަކައި މިއަދު ތަރިކަ ރައްކާތެރިކޮށް ދަމަހައްޓަންވީ އިގްތިސޯދު ކުރިއަރުވާ އާމްދަނީ އިތުރުކޮށްދޭ ވަސީލަތެއް ކަމަށް ވެސް ދެކިގެން ކަމަށް ވިދާޅުވި އެވެ. އަދި ކޮވިޑްގެ ސަބަބުން ކުރިމަތިވި އިގްތިސޯދީ ހީނަރުކަމުން ސަލާމަތްވުމަށްޓަކައި އަންނަ އަހަރު އިގްތިސޯދީ ދާއިރާތައް އިތުރު ކުރާއިރު ރާއްޖޭގައި ސަގާފީ ތަރިކަ އާލާ ކުރެވޭނެ ގޮތަކާމެދު ވިސްނުން ބެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވަނީ ވިދާޅުވެފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ 2016 ގައި ސަރުކާރުން ވަކިވެ ދިޔައީ ކަޅުވަކަރު މިސްކިތް ރޫޅާލާ ނަގަން ނިންމި ހިސާބުން ކަމަށާއި ދެމެހެއްޓެނިވި ތަރައްގީއެއް ގެނެވޭނީ އަމިއްލަވަންތަކަމާއި އިސްލާމްދީނާއި ސަގާފަތާއި ފަންނުވެރިކަން ހިމަނައިގެން ކަމަށެވެ. އަދި ސަގާފަތް ދޫކޮށްލާފަ ގެންނަ ތަރިކަ އަކީ ހަގީިގީ ތަރައްގީއެއް ނޫން ކަމަށެވެ.
ކަޅުވަކަރު މިސްކިތް އަލުން ރޭވުމުގެ ޕްރޮޖެކްޓު ކުރިއަށްދިޔަ ގޮތުގެ ކުރު ވީޑިއޯއެއްވެސް ވަނީ އެ ރަސްމިއްޔާތުގައި ދައްކާލާފަ އެވެ. އެ ޕްރޮޖެކްޓު ރޭވުމުގައި ހަރަކާތްތެރިވީ ޒުވާން ދިވެހިންނެވެ.