ބޭރު ދަތުރު

ހައިރާން: ފިނިފިނި ފޮނިފޮނި މަޑުމަޑު ފިޔާތޮއްޓެއް!

ޗައިނާގެ ޔުނާން އިން: އައިޝާ އަޝްރަފް
Dec 3, 2019
1

ފިނި މޫސުމަކީ ސުނޯގެ ވެސް މޫސުމެވެ؛ ފިނި ކޯޓުތަކުގެ ތެރޭގައި ފިލައި ހުއްޓަސް ހީކެރުވުމާއި ތުރުތުރު އެޅުމާއި ގުޑުގު ޑެއް އެޅުމަކާއެކު ރޫރޫލުމެއް ވެސް އިހުސާސް ކުރަންޖެހޭ މޫސުމެކެވެެ. އެހެން ވެގެން ކަން ނޭނގެ އެވެ. މިއީ ދަތުރު ހަދައިގެން ތަންތަން ބަލަމުން ހާވަމުން ދަތުރު ކުރަމުންދާ މީހުނަށް މާ ކަމުދާ މޫސުމަކަށް އާއްމުކޮށް ނުވެ އެވެ. ބައެއް މީހުން މަތިމައްޗަށް ހެދުން އަޅައިގެން ގޮސް ފިންޏަށް ބަލި ވަނީ އެވެ. ދެ ތިން ފޮޓޯގަނޑާއެކު އޮންނަނީ އެ މީހުންގެ ދަތުރު ނިމިފަ އެވެ.

ފިނި މޫސުމުގައި އެހެން ގައުމުތަކެކޭ ވެސް އެއްގޮތަށް ގަނޑުވާ ޗައިނާގެ ޔުނާންގައި ތަފާތެއް ވެއެވެ. ޔުނާން ޕްރޮވިންސުގެ ޑާލީ އިން މި ފިނި މޫސުމުގައި ވެސް، ބަހާރެއްގެ ފޮނި ފޮނި ފިޔާތޮށި ކުލައެއް އެބަ ޖައްސައި ދެ އެވެ. މިކަން ދުށް މީހުނަށް އާ ކަމަކަށް ނުވިޔަސް ތަޖުރިބާގެ ދަތުރެއްގައި ދިވެހި ރާއްޖެއިން ޗައިނާ އަށް އައިސް ތިބި ޒުވާން ނޫސްވެރިންނަށް މިކަން ވީ ސަޕްރައިޒެކެވެ. އަދި ގުދުރަތު އަޖައިބުން ފުރިގެންވާ ހަދިޔާއަކަށެވެ.

އަންހެން ކުދިންގެ މެދުގައި މަގުބޫލު ޗެރީ ބްލޮސަމްސް އަކީ ބަހާރު މޫސުމަށް މަޝްހޫރު މަލެކެވެ. ހާއްސަކޮށް މިއަކީ ޖަޕާނުގެ ރަމްޒެކެވެ. އެކަމަކު މި ފިޔާތޮށި މާތައް ޗައިނާގެ ޑާލީއަށް ފެތުރި ގަދަވެގެން އެ ހުންނަ ވުލިންގް ފަަރުބަދަަތަކުން މާރީއްޗެއްކޮށް އެބަ ފެނެ އެވެ. ބަހާރު މޫސުމެއް ނޫނަސް ބަހާރެކެވެ. މިތަނަށް ފާޑަކު އަތްވެއް ވެސް ދޭމެ އެވެ. އެކަމަކު 10 ޑިގްރީ އަށް ފިނިކަން ވެސް އެބަ ހުރެ އެވެ.

މި ދަތުރުގައި، ޗެރީ ބްލޮސަމް، މާ ގަސްތަކެއްގެ ބޮޑު ވާދީ އަކަށް އަހަރެމެން ގޮވައިގެން ފައިބާނެކަން އެނގުުނީ މި ސަަރަހައްދަށް އައި ފަަހުންނެވެ. މި މަންޒަރު ފެނުމުން ކުޑަ އިރުކޮޅަކަށް ލޯ މަރާލައި ހުރިހާ ކަމެއްގެ މަތީން ހަނދާން ނައްތާލީ ދުނިޔޭގައި ލަހައްޓަވައި މި ހާއްސަ ވަގުތުކޮޅާ ބައްދަލުވިކަން މައްޗަށް ހަމްދު ކުރުމަށެވެ. -- އަލްހަމްދުލިﷲ

ގަޑި ބަލައިލާފީމެވެ؛ މި އާދެވުނީ ތިންް ގަޑި އިރުގެ ދަތުރަށްފަހު އެވެ. މިހާރު މިތިބީ އަޖައިބެއް ކަހަލަ ވުލިން ފަރުބަދަތަކުގެ އުހަށް އެރިފަ އެވެ. ކަން ދިމާ ކުރި ގޮތުން މި އާދެވުނީ މާ އަވަހަށް ހަފުތާ އެއްހާ ދުވަސް ކުރިއަށެވެ. މި މާތައް ރަނގަޅަށް ފޮޅިލައި ފޮނި ފިޔާތޮށި ކުލަ ރަނގަޅަށް ޖެހިލައި ފަރިވެ ޖަރީވާން އަދި އަ ހަތް ދުވަސް އެބަ ބޭނުންވެ އެވެ. އެކަމަކު އެހާ ދުވަހަށް މިތާނގައި މަޑު ކުރެވޭކަށް ނެތެވެ.

މިހާރު ވެސް ވަރަށް ހިތްގައިމެވެ، އެކަމަކު މިވަގުތަށް ފެންނަން ހުރީ ލެއްޕިފައި ހުރި ފިޔަތައް ފޮޅެން ތައްޔާރުވާ މަންޒަރެވެ. އަދި ހަތް ދުވަސް ފަހުން އެ ފިޔަތައް ހުޅުވާލައި މުޅި ސަރަހައްދު، އެއްކުލަ، ފިޔާތޮށި ކޮށްލައި ސަރާސަރަށް މަރުހަބާ ކިޔާނެ އެވެ. މިތާނގައި މިވާ ފަރުބަދަތަކާއި ވާދީތަކާ ގުޅިފައިވާ ގަސްތަކާއި އެކުވެފައިވާ ގަަދަ ފެހި ކުލައާއެކު ފިޔާތޮށި ކުލައިގެ ޗާލުކަން ގުޅައިލުމުން ހީވާނީ "ފެއަރީ ލޭންްޑް" އެއްގައި އުޅެވޭހެން ދޯ އެވެ.

ޗެރީ ބްލޮސަމް މޫސުން އައިސް މުޅީ ވާދީތައް ޒީނަތްތެރިވެ ނަަލަ ހެދޭން ތައްޔާރުވަމުން އަންނައިރު އެ މަންޒަރު ދެކޭށާއި ފޮޓޯ ނަގާށާއި ފަރިވެ ފޮޅި ވަގުތަށް އިންތިޒާރުގައި މި ސަރަހައްދަށް ޖަމާވެފައި ތިބި މީހުން މިހާރު ވެސް މަދީއަކީ ނޫނެވެ. ހަމަ "އަޅުކަމެއް" ހާ ބައިވަރެވެ. އެކި ގައުމުތަކުންް ފަތުރުވެރިންނާއި ފޮޓޯގްރާފަރުންގެ ސަފުތައް މާ ގަސްތައް ކައިރީ ހީވަނީ "ތޮވާފެއް" ކުރާހެނެވެ.

ބައެއް ގަސްތަކުން މާތައް ފޮޅެން ފަށާފައި ހުރުމުން އެ ގަސްތަކަށް ޒޫމްކޮށްގެން ފޮޓޯ ނަގަނީ އެވެ. އެމީހެއްގެ ގަނޑު ރީތި ކުރެވޭތޯ އެވެ. ފޮޓޯ ނަގާ މީހުން ދިޔައީ މި ސަރަހައްދުގެ ރީތިކަން އެމީހުންގެ ކެމެރާގައި ރައްކާ ކުރަމުންނެވެ. އަދި ހަފުތާފަހުން މި ފޮޓޯތައް ނަގާނަމަ ހުންނާނީ ކިހާ ނަލައެއްކޮށް ހެއްޔެވެ؟

ސައިފަތް ދަނޑުތަކަށް ހިޔާ ދޭ މާތައް

މިތާނގެ ޗެރީ ބްލޮސަމް ގަސްތައް ފެންްނަން ހުންނަނީ، ދުރު ދުރުގައި ވަކީންނެވެ. އެކަމަކު ހާލުން ހާލަކުން ނޫނެވެ. ބަލާ ބެލުމަށް ހީވަނީ މީހަކު ވަކި މިނަކަށް ރިޔަން އަޅައިގެން އިންދާފައި ހުރި ހެނެވެ.

އެ ސަަރަހައްދުގެ މީހެއް ގާތު އަހައިލުމުން އޭނާ ބުނި ގޮތުގައި މި ގަސްތަކަކީ ވަކި ކަމަކު ވަކިި ހާއްސަ ބޭނުމެއްގައި މަހުޖަނަކު އިންދާފައިވާ ގަސްތަކެެވެ.

ވާހަކައަކީ މިއީ އެވެ: ކުރިން ފާހަގަ ނުކުރެވުނަސް ފަރުބަދަތައް މަތީ ވަށަވަށައިގެން އެކީ އެކައްޗަކަށް ފެތުރިފައި އެ އޮތީ ސައިފަަތް ދަނޑުތަކެކެވެ. މީގެ 20 އެހެންނާ 30 އަހަރު ކުރިން ޓައިވާނުގެ މަހުޖަނު ވިޔަފާރިވެރިއަކު މި ފަރުބަދަތައް ހުރި ސަރަހައްދަށް ކުރި ދަތުރެއްގެ ތެރޭގައި އޭކަރުތަކަށް ދެމިގެންދާނެހެން ސައިފަތް ގަސްތައް އިންދީ އެވެ. އަދި އެއާއެކު އެ ސައިފަތް ދަނޑުތަކަށް ހިޔާ އަޅައި ދޭނެ ވިންޓާ ޗެރީ ބްލޮސަމް ގަސްތައް ކިއިރި ކައިރިން އިންދައި ދިނީ އެވެ.

އެ ސައިފަތް ދަނޑުތަކަށް އޭނާ ދިިން ހިމާޔަތާއެކު އެ ގަސްތައް މިއަދު ވެފައި ވަނީ މިތާނގެ ޒީނަތަކަށެވެ. ޗެރީ ބްލޮސަމްް ގަސްތަކުގެ މި ވާދީ އަކީ މިހާރު މި ސިޓީގެ އެންމެ މަޝްހޫރު އެއް ޓޫސްޓު އެޓްރެކްޝަނެވެ. ކޮންމެ އަހަރަކު އެތަކެއް، އެތަކެއް ހާސް ފަތުރުވެރިނަށް އައިސް ގަދަ ފެއްސަކާއި މަޑު ފެއްސަކާއި ގަދަ ފިޔާތޮއްޓަކާއި މަޑުފިޔާ ތޮށީގެ މި ރީތި މަންޒަރުތަކަށް މަރުހަބާ ކިޔައެވެ. ހަމަ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ ކުރީީ ކޮޅު މި ސަރަހައްދު ފުރާލަ އެވެ.

ދެތިން ހަފުތާއަށް ފޮޅިފައި ހުންނަ މި މާތަކުގެ އިތުރުން ސައިފަތް ދަނޑުތަކަކީ ވެސް ވަރަށް ހާއްސަ ބިންތަކެކެވެ. މި ފަަރުބަދަ ތަކުގައިވާ ދަނޑުތަކަކީ މުޅި ޑާލީގައި ހުރި ޗައިނާއަށް ވެސް މަޝްހޫރު ސައިފަތެވެ. މިތަނުން ސައިގެ އެކި ރަހަތައް ވިއްކަ އެވެ. އަބަދާ އަބަދު ސަޔާ ގުޅުންހުރި ތަފާތު މައުރަޒުތައް ހިނގަހިނގާ އޮވެ އެވެ.

ޑާލީގެ ވަރަށް އުހުގައި ހުރި މި ފަރުބަދަތަކުން "އިވުނު" ޗެރީ ބްްލޮސަމްގެ ފޮނި ވާހަކަތަކުގެ އެންމެ ރީތި މަންޒަރު ފެނުމުގެ ނަސީބު ނުލިބުނަސް ލިބުނު ސަަޕްރައިޒް ހަމަ ވަރަށް ކަމުދިޔަ އެވެ. މާ ފިނި މޫސުމެއްގައި މާ އުހަކުން މި ފެނުނީ އާ ބަހާރެކެވެ. ޗެރީ ބްލޮސަމްގެ ނަލަ ކަމެވެ. އެންމެ ފުރިހަމަ މަންޒަރު ފެންނާނީ ޑިސެމްބަރު މަހު މެދަކާ ކަމައިން މިރަށަށް އަންނަ މީހުނަށެވެ. އެއީ ދެން ނަސީބުވެރިންނެވެ.

މި ދަތުރު ނިންމާލައި މި ސަރަހައްދުން އެނބުރި މިދަނީ މިތާނގެ ރީތިކަން ބަލައިލުމަށްފަހު ހިތް އުފާވެގެނެވެ. އިރާދަފުޅުން މިންވަރު ކުރައްވައިގެން މިފަދަ އެހެން ދަތުރެއްގައި މި އުސް ފަރުބަދަ ކުންނު ތަކާއި މި ފެހި ވާދީތަކާއިި މި ފޮނި ފޮނި، ފިނި ފިނި ފިޔާތޮށީގެ ތެރެއަށް އެނބުރި އެބަ އަންނަމެވެ. -- ސްމައިލީ ފޭސް