ޗައިނާ

ޗައިނާ އާއި އެމެރިކާ ޖެޓެއްގެ ނުރައްކާތެރި ކުރިމަތިލުމެއް

ޗައިނާގެ ފައިޓަ ޖެޓަކާއި އެމެރިކާގެ ނޭވީ ޕްލޭން އެއްގެ ދެމެދުގައި އިއްޔެ މިވަނީ ނުރައްކާތެރި ގޮތަކަށް ކުރިމަތިލުމެއް ހިނގާފަ އެވެ.

މި ހާދިސާ ހިނގާފައި މިވަނީ މައްސަލަ ބޮޑުވެފައިވާ ދެކެނު ޗައިނާ ކަނޑުގެ ފަޒާގެ ސަރަހައްދުގައި އިއްޔެގެ ވަގުތެއްގަ އެވެ.

އެމެރިކާގެ ޖެޓެއް ޗައިނާގެ ބާރުގެ ދަށުގައިވާ ދެކުނު ޗައިނާ ކަނޑުގެ ޕަރަސެލް އައިލެންޑްސް މަތިން 21،00 ފޫޓު މަތިން އުދުހިފައިވަނީ މި ރަށްތަކާއި 30 މޭލު ދުރުމިނުންނެވެ. މި ރަށް ތަކަކީ ގާތްގަނޑަކަށް 130 އަކަށް ކުދި ރަށްތަކެއްގެ މައްޗަށް އެކުލެވޭ ރަށްތަކެކެވެ. މީގެ ތެރެއިން އެންމެ ބޮޑު ރަށުގައި ޗައިނާގެ އަސްކަރީ މަރުކަޒުތައް ރުކުރުވާލާފައިވެ އެވެ.

"އެ އަންނަނީ ޕީޕަލްސް ލިބަރޭޝަން ޕީއެލްއޭ އާމީ އެއާޕޯޓަކުން،" އެމެރިކާ ނޭވީގެ ރޭޑިއޯ އިން ކުއްލިއަކަށް ތޫނު އަދި ހަލުވި އަޑަކުން އިވުނެވެ.

އެމެރިކާގެ އަސްކަރީ ވައިގެ އުޅަނދެއްގައި ވަރަށް މަދުން ނޫނީ ނުދޭ ފުރުސަތެއްގައި ސީއެންއެންގެ ނޫސްވެރިއަކު އަޑު އެހި އެވެ.

"އެމެރިކަން އެއާކްރާފްޓް – ޗައިނީޒް އެއާ ސްޕޭސް އަކީ 12 ނޯޓިކަލް މައިލްސް – މި އަށްވުރެ ގާތަށް އަތުވެއްޖެނަމަ ހުރިހާ ޒިންމާއެއް ނަގަން ޖެހޭނީ ކަލޭމެން،" ރޭޑިއޯ އިން އަޑު އިވުނެވެ.

އެއިގެ ކުޑަ އިރުކޮޅެއްފަހުން ވައިގެ ތެރޭގައި މިސައިލުން ހަމަލަދޭ ޗައިނާގެ ފައިޓާ ޖެޓެއް އެމެރިކާގެ ޕްލޭނާ 500 ފޫޓަށް ކައިރިކޮށް އެއަށް ސީދާ ހުރަސް އެޅި އެވެ.

ޗައިނާގެ ފައިޓާ ޖެޓް ކައިރިކުރިލެއް ބޮޑުކަމުން ސީއެންއެން ނޫސްވެރިޔާއަށް ޗައިނާގެ ޕައިލެޓް އެމީހުންނާ ދިމާލަށް ބޯ އަނބުރާލައި ލޯއަޅާލިތަނާއި އަދި އޭތީގެ ފިޔަގަނޑުގައި އިން ރަތް ކުލައިގެ ތަރި އާއި އޭގައި ހަރުކޮށްފައިވާ މިސައިލްތައް ރީއްޗަށް ފެނުނެވެ.

އެމެރިކާގެ އުޅަނދުގައި އިން ޕައިލެޓް ލެފްޓިނަންޓް ނިކީ ސްލޯޓާ ވަގުތުން ޗައިނާގެ ޕައިލެޓަށް ބޯލެނބުމުގެ ގޮތުން ހަރަކާތެއް ކުރި އެވެ.

"ޕީއެލްއޭ ފައިޓާ އެއާކްރާފްޓް. މިއީ އެމެރިކާގެ ޕީ8 އޭ – އަހަރެންގެ ވައަތް ފަރާތު ފިޔަނގަނޑު ކައިރީ ކަލޭ ތިހުރީ. އަހަރެން ބޭނުން ހުޅަނގާ ދިމާލަށް ދާން. އަހަރެން އެދެން ކަލޭވެސް އެހެން ހެދުމަށް. އޯވަރ،" އެއިގެ އިރުކޮޅެއް ފަހުން އެމެރިކާ ޕައިލެޓް ރައްދު ދިނެވެ.

އެހެންނަމަވެސް އެ އަޑަށް އެއްވެސް ޖަވާބަށް ނުދީ ޗައިނާގެ ޖެޓުން ގާތްގަނޑަކަށް 15 ވަރަކަށް މިނެޓަށް އެމެރިކާގެ ޕްލޭންއަށް ބަލަމުން ގޮސް ފަހުން އަނބުރާލާފައިވެ އެވެ.

ސީއެންއެންގެ ނޫސްވެރިޔާ ފާހަގަކުރި ގޮތުގައި މި ހާދިސާއިން ދެކެނު ޗައިނާ ކަނޑުގައި މައްސަލަ ހޫނުވެފައި އޮތް މިންވަރު ދޭހަވެގެން ދިއުމުގެ އިތުރަށް ޗައިނާ އާއި އެމެރިކާ ދެމެދު މަސްރަހު ހޫނުވެފައި އޮތް މިންވަރުވެސް ވަޒަންކުރެވެ އެވެ. ނަމަވެސް އެމެރިކާގެ ކޮމާންޑަރު މިކަން ދެކުނީ އެހެން ނަޒަރަކުންނެވެ.

"އަހަރެން ބުނާނީ މިއީ އަނެއްކާވެސް ހަމަ އެހެން ހުކުރު ދުވަހެއްގެ ހަވީރެކޭ އެއްފަދަ ދުވަހަކޭ،" އެމެރިކާގެ ނޭވީ ކޮމާންޑަރު ހައިންސް ނޫސްވެރިޔާއަށް ވިދާޅުވި އެވެ.

މައްސަލަ ހޫނުވެފައިވާ ދެކެނު ޗައިނާ ކަނޑުގެ ސްޕްރެޓްލީ ޖަޒީރާ ރަށްތަކަކީ ޗައިނާ އާއި ފިލިޕިންސާއި ވިއެޓްނާމާއި މެލޭޝިއާއާއި އަދި ބުރުނާއީގެ އިތުރުން ޓައިވާންވެސް ދައުވާ ކުރާ ރަށްތަކެކެވެ.

ހުކުރު ދުވަހުގެ މިހާދިސާ ހިނގި ޕަރަސެލްސް ރަށްތަކުގެ ފަޒާގެ ސަރަހައްދަކީ ކުރިން މި ފާހަގަކުރި ގައުމުތަކުންވެސް ދައުވާކުރާ މިންވަރުން ޕަރަސެލްސް ރަށްތަކުގެ ފަޒާއާ ވެސް ފުށުއަރާ ސަރަހައްދެކެވެ.

މިސަރަހައްދަކީ މީގެ އިތުރަށް 3.4 ޓްރިލިއަން ޑޮލަރުގެ މުދާ ހިފައިގެން ދުނިޔޭގެ ތިންބައިކުޅަ އެއްބައި ކާގޯ ބޯޓުފަހަރު ދަތުރުކުރާ ރާސްތާ އެކެވެ. އަދި ހަމަ އެ ސަރަހައްދަކީ މަހާއި ތެލާއި އަދި ގޭހުން މުއްސަނދި ސަރަހައްދެކެވެ.

ޗައިނާ އިން ވަނީ މި ރަށްތަކުގެ ސަރަހައްދުގައި އަސްކަރީ މަރުކަޒުތައް މިސައިލްތަކާއިއެކު ގާއިމްކޮށްފަ އެވެ. އެކަމާ ހެދި ސަރަހައްދަށް ނިސްބަތްވާ އެހެން ގައުމުތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޗައިނާ އިން އެ ގައުމުގެ ސަރަހައްދެއް ކަމަށް ދެކޭ 12 ނޮޓިކަލް މޭލަކީ އެމެރިކާ އިން ގަބޫލުކުރާ މިންގަނޑެއް ނޫނެވެ. 2016 ގައި ދި ހޭގްގައި ހުންނަ ބައިނަލްއަގުވާމީ ކޯޓުން ވަނީ ޗައިނާ އިން ތާރީހީ ގޮތުން ދައުވާ ކުރާ ކަނޑުގެ ބޮޑު ސަރަހައްދަކީ ގާނޫނީ ގޮތުން ޗައިނާ އަށް އެއްވެސް ހައިސިއްޔަތެއް ލިބިދޭ ސަރަހައްދެއް ނޫން ކަމަށް ނިންމާފަ އެވެ. އެހެންނަމަވެސް ޗައިނާ އިން ވަނީ މިކަން ގަބޫލު ނުކޮށް އެތަނުގައި އަސްކަރީ މަރުކަޒުތައް ގާއިމުކޮށްފަ އެވެ. އަދި އެތަނުގައި އަސްކަރީ ތަމްރީނުތައް ބާއްވަމުން ގެންދިއުމުން އެހެން ގައުމުތަކާ ޗައިނާއާ ދޭތެރެއަކުން މައްސަލަ ހޫނުވެ އެވެ.

މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ނޭވީ ޕްލޭނުން ފިލިޕިންސާ ދިމާލަށް ދަތުރު ކުރުކޮށް 1،000 ފޫޓަށް ކައިރިކޮށްލުމުން ޗައިނާ އިން ގާއިމުކޮށްފައިވާ މިސައިލް ހަލާކުކޮށްލާ ނިޒާމް ފެނުނެވެ. އަދި ހަމަ އެއާއި އެކު ޗައިނާގެ އިންޒާރުތައް އިވެން ފެށި އެވެ.

"ޔޫއެސް އެއާކްރާފްޓް. ޔޫއެސް އެއާކްރާފްޓް. މިއީ ޗައިނާގެ ނޭވީ ހަނގުރާމަ އުޅަނދު 173. ކަލޭ ތިދަތުރުކުރަނީ އަހަންނާ ދިމާލަށް ތިރިކުރަމުން. ކަލޭގެ ބޭނުން ހާމަކުރޭ. އޯވަރ،" އެމެރިކާގެ ނޭވީ ޕްލޭންގެ ރޭޑިއޯ އިން އަޑު އިވުނެވެ.

"އެމެރިކާގެ އުޅަނދު ދަތުރުކުރާނީ ރައްކާތެރި ދުރުމިނެއްގައި،" ލެފްޓިނަންޓް ސްލޯޓަ ވަގުތުން ރައްދުގައި ޖަވާބު ދިނެވެ.

"ޔޫއެސް އެއާކްރާފްޓް. ޔޫއެސް އެއާކްރާފްޓް. މިއީ ޗައިނާގެ ނޭވަލް އުޅަނދު 173. ކަލޭ ވަރަށް ސާފްކޮށް ތިދަނީ އަހަރެންގެ ސަލާމަތަށް ނުރައްކާ ކުރަމުން،" ޗައިނާގެ އުޅަނދުން ރައްދުގައި ޖަވާބު ދިނެވެ.

"އަހަރެން މިއީ ޔުނައިޓެޑް ސްޓޭޓްސްގެ މިލިޓަރީ އެއާކްރާފްޓެއް. އަހަރެން ކަލޭގެ ޔުނިޓާއި ސަލާމަތީ ދުރުމިނުގައި އުޅޭނަން،" ލެފްޓިނަންޓް ސްލޯޓަ ރައްދުގައި އަނެއްކާވެސް ޖަވާބުދީ އެމެރިކާގެ މިޝަން ކުރިއަށް ގެންދިޔަ އެވެ.

އެމެރިކާ އިން ބުނާ ގޮތުގައި މިއީ އާންމުކޮށް އެމެރިކާ އިން ކުރިއަށް ގެންދާ މިޝަން ތަކެވެ. ބައިނަލްއަގުވާމީ ގާނޫނު ހުއްދަކުރާ މިނުން އެމެރިކާއިން އަބަދުވެސް ހަރަކާތްތެރިވާ ކަމަށް އެމެރިކާ އިން ބުނަމުން ގެންދެ އެވެ. ނަމަވެސް ޗައިނާ އިން ދެކެނީ އެމެރިކާގެ ހަރަކާތްތަކުން މައްސަލަ ހޫނުވަމުންދާ ކަމަށެވެ.

މިދިޔަ ނޮވެމްބަރުގައި އެމެރިކާގެ މިސައިލް ގާއިމުކޮށްފައިވާ އުޅަނދެއް ސްޕްރެޓްލީ ރަށްތަކުގެ ކައިރިން ދަތުރުކުރުމުން ޗައިނާ އިން ވަނީ އެ ކަމަކީ ޗައިނާގެ އިސްތިގްލާލަށް އަދި ސަލާމަތަށް ސީރިއަސް ގޮތެއްގައި ނުރައްކާވާ ކަމެއް ކަމަށާއި އަދި އެކަމަކީ އެމެރިކާ އިން ކަނޑުތަކުގައި އެމީހުންގެ ނުފޫޒު ހިންގައި އެސަރަހައްދުގައި އަސްކަރީ ބާރު ގާއިމުކުރުމުގެ ސާފް ހެކި ކަމަށް ބުނެފަ އެވެ.

އެމެރިކާގެ ނޭވީ އިން މިކަމާ ގުޅިގެން ބުނެފައިވަނީ އެމެރިކާގެ އުޅަނދުން މަސައްކަތް ހިންގާފައިވަނީ ބައިނަލްއަގްވާމީ ގާނޫނުތަކުން ހުއްދަދޭ މިންގަނޑުގެ ތެރެއިން ކަމަށާއި އެ އުޅަނދުގެ މަސައްކަތް ހިންގާފައިވަނީ ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ބޭރުކަނޑުތަކުގެ މިނިވަންކަން ދެވިފައި އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.

މިދިޔަ ހުކުރު ދުވަހުގެ މިޝަން ހިންގުން ބެލެހެއްޓި އެމެރިކާގެ ކޮމާންޑަރު ހައިންސް ދެކެނީ އޭނާ ޗައިނާގެ ފަރާތްތަކާއި މުއާމަލާތު ކުރާއިރު އަބަދުވެސް ހާސްކަން ބޮޑުވުމާ މައްސަލަ ކުޑަ ކަމަށެވެ.

"ހިމޭންކަން މަގުފަހިކުރާނީ ގޮތްނޭނގޭ ކަންކަމަށް. ޖަވާބު ނުދެންޏާ ސުވާލު އުފެދޭނެ. އަހަރެމެން މިދައްކާ ވާހަކަ އެމީހުންނަށް އިނގޭތަ؟ އެމީހުންނަށް އަހަރެމެން ބޭނުންވަނީ ކޮންކަމެއްކަން އެނގޭތަ؟ އެމީހުންނަށް އިނގޭތަ އަހަރެމެންގެ ފުށުން އެއްވެސް ނުރައްކަލެއް ނެތްކަން؟" ކޮމާންޑަރު ހައިންސް ވިދާޅުވި އެވެ.

"މިދިޔަ ހުކުރު ދުވަހުގެ މިޝަންގައި މީގެ ގިނަ ސުވާލުތަކަށް ޔަގީނުންވެސް ޖަވާބު އޮތް. އަދި ޖަވާބުތައް ޕްރޮފެޝަނަލް،" ކޮމާންޑަރު ހައިންސް ބޭނުންވަނީ މިފަދައިން މިކަން އޮތުމަށެވެ.