އެމެރިކާގެ އަސްކަރީ ފައިޓާ ޖެޓް ތަކުން ގޮތް ނޭނގޭ ޖައްވީ އުޅަނދެއް އަނެއްކާވެސް ވައްޓާލައިފި އެވެ.
މިއީ މިދިޔަ ނުވަ ދުވަހުގެ ތެރޭގައި އެމެރިކާއިން ވައްޓާލި ގޮތް ނޭނގޭ ހަތަރުވަނަ އުޅަނދެވެ.
އެމެރިކާ އިން އެންމެ ފުރަތަމަ ވައްޓާލާފައިވަނީ އެމެރިކާ ސަރަހައްދު މަތިން ދަތުރުކުރަމުން ދިޔަ ބިޔަ ފުއްޕާ ހަމެކެވެ. އެއަށްފަހު އެސަރަހައްދުން ފެނުނު ގޮތް ނޭނގޭ ކުޑަ ތިން އުޅަނދު ވަނީ ވައްޓާލާފަ އެވެ. އެއީ އެމެރިކާގެ އެލަސްކާ މަތިންނާއި އެމެރިކާ-ކެނެޑާގެ ބޯޑަރުގެ ވައިގެ ސަރަހައްދުންނާއި އަދި އެމެރިކާގެ ލޭކް ހިއުރޮން މަތިންނެވެ.
މިތަކެތި އެމެރިކާގެ ވައިގެ ސަރަހައްދުން ފެނިފައިވާތީ އުތުރު އެމެރިކާގެ ރައްކާތެރިކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އަދި ހަމަ އެއާއެކު އެމެރިކާ ޗައިނާގެ ގުޅުމަށް މިވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފަ އެވެ.
މީގެ ކުރިން ޗައިނާ އިން ބުނެފައިވަނީ އެމެރިކާ މަތިން އުދުހެމުންދިޔަ ބިޔަ ފުއްޕާހަމަކީ ޗައިނާގެ އުޅަނދެއް ކަމަށާއި އެ އުޅަނދު މިސްރާބުން ކަޓައިގެން އެމެރިކާ ސަރަހައްދަށް އަމިއްލަ ބާރުގައި އެތެރެވެވުނީ ކަމަށެވެ. އަދި އެއީ މޫސުމާ ބެހޭ ދިރާސާ ތަކެއް ހެދުމަށް ބޭނުންކުރަމުން އައި އުޅަނދެއް ކަމަށެވެ.
ނަމަވެސް އެމެރިކާ އިން ވަނީ އެފް-22ގެ ޖެޓު ފޮނުވައި އެ އުޅަނދު ވައްޓާލާފަ އެވެ. އެމެރިކާ އިން ތުހުމަތު ކުރާ ގޮތުގައި މިއީ ޖާސޫސް ކުރުމަށް ބޭނުންކުރާ އާލާތެކެވެ.
އެމެރިކާ އިން މިހާތަނަށް މި އުޅަނދުތަކުގެ އަސްލާ މެދު އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެ އެވެ. އަދި ކޮން ބޭނުމަކު ބޭނުންކުރާ އާލާތްތަކެއް ކަމަކަށްވެސް ބުނެނުދެ އެވެ.
މި އުޅަނދުތައް ވައްޓާލުމަށްފަހު އެތަކެތި ދިރާސާ ކުރުމަށް އެމެރިކާއިން ވަނީ އެ އާލާތްތަކުގެ އެތިކޮޅުކޮޅު އެއްކުރުމުގެ މަސައްކަތް އެލަސްކާއާއި ޔުކޮން އަދި ކެނެޑާ ސަރަހައްދުގައި ހިންގަން ފަށާފަ އެވެ.
އެމެރިކާގެ ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޯ އީސްޓް އޭޝިއާ ކަމުގެ މަގާމު 2019 އިން 2021 އަށް އަދާކުރި ހެއިނޯ ކްލިންކް ވިދާޅުވެފައިވަނީ އުތުރު އމެރިކާގެ ވައިގެ ސަރަހައްދުން ފެނިފައިވާ އުޅަނދުތަކުގެ ގޮތް ނޭނގޭތީ އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
"މިއީ ވަރަށް ހައިރާން ކުރުވަނިވި ކަމެއް. ތިން ދުވަހެއްގެ ތެރޭގައި އެމެރިކާގެ ވައިގެ ސިފައިން ވަނީ ގޮތް ނޭނގޭ ތިން އުޅަނދެއް ވައްޓާލާފައި. އަހަރެމެންގެ ސަރުކާރުން އަދިވެސް އެއްވެސް އެއްޗެއް ނުބުނޭ މި އުޅަނދުތަކުން ދާއިމީ ނުރައްކަލެއް އޮތްކަމެއް ނުވަތަ މިއުޅަނދުތަކުގެ އަސްލެއް." ކްލިންކް ވިދާޅުވެފައިވެ އެވެ.
އެމެރިކާގެ އޮފިޝަލުން މީގެ ކުރިން ބުނެފައިވަނީ މިދިޔަ ހައެއްކަ އަހަރުގެ ތެރޭގައި މިފަދަ ހަތަރު ބިޔަ ފުއްޕާހަމެއް އެމެރިކާގެ ޖައްވުން ފެނިފައިވާ ކަމަށާއި ނަމަވެސް އެމެރިކާ ސަރަހައްދަށް މިހާ އެތެރެވެފައި ނުވާ ކަމަށެވެ. އަދި ޗައިނާ އިން ފުއްޕާހަމުގެ އުޅަނދުތައް ބޭނުންކޮށްގެން ދުނިޔޭގެ ފަސް ކޮންޓިނެންޓެއްގެ 40 ގައުމު މަތިން ދިރާސާތަކެއް ކޮށްފައިވާ ކަމަށެވެ.
އެމެރިކާގެ އެސިސްޓެންޓް ޑިފެންސް ސެކްރެޓަރީ މެލީއްސާ ޑެލްޓަން އިއްޔެ ވިދާޅުވެފައިވަނީ ޗައިނާގެ ފުއްޕާހަމުގެ އުޅަނދު ފެނުމަށްފަހު އެމެރިކާގެ ވައިގެ ދިފާއުން އެކަށީގެންވާ ބަދަލުތައް ރާޑަރު ސިސްޓަމް ތަކަށް ގެނެސް ކުޑަ އުޅަނދުތަކާއި ލަހުން ދަތުރުކުރާ އާލާތްތައް ދަނެގަނެވޭނެ ގޮތްތައް ހަމަޖައްސާފައިވާ ކަމަށެވެ.
އާއްމު ގޮތެއްގައި އެމެރިކާ އަދި ކެނެޑާގެ އިންޓެލިޖެންސުން އެ ސަރަހައްދަށް ބާރުމިނުގައި އަންނަ މިސައިލް ފަދަ ތަކެތީގެ މައުލޫމާތު އެއްކުރެވޭ ގޮތް ގާއިމްކޮށްފައިވެ އެވެ. ނަމަވެސް ލަހުން ދަތުރުކުރާ މިފަދަ އުޅަނދުތައް ދަނެގަނެވޭނެ ގޮތް ގާއިމްކޮށްފައެއް ނެތެވެ.
އެމެރިކާ އަދި ޗައިނާގެ ގުޅުން ގޯސްވަމުންދާތީ އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކަން މިދިޔަ ހަފްތާގައި ޗައިނާއަށް ކުރައްވަން އޮތް ދަތުރުފުޅުވަނީ ފުއްޕާހަމުގެ މައްސަލާއާ ވިދިގެން ކެންސަލް ކުރައްވާފަ އެވެ. އަދި އެއިގެފަހުން ޗައިނާގެ ހަ އޭރޯސްޕޭސް އިންޖިނިއަރިން ކުންފުންޏެއް ބްލެކްލިސްޓް ކޮށްފައިވެ އެވެ.
ދެ ގައުމުންވެސް ދަނީ މި ހިންގަމުންދާ ހާދިސާ ތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ހިލާފަށް ހިންގަމުން އަންނަ އަމަލުތަކެއް ކަމަށް ބުނަމުންނެވެ. އަދި ދެ ގައުމުންވެސް އެގައުމުތަކުން ހިންގާފައިވާ އަމަލުތައް ހިންގާފައިވަނީ އެގައުމުތަކަށް ބައިނަލްއަގްވާމީ ގާނޫނުތަކުން ލިބިދީފައިވާ ހައްގުތަކުގެ ދަށުން ކަމަށް ދަނީ ބުނަމުންނެވެ.