އެމެރިކާ

ޖާސޫސީ ދެވަނަ ބެލޫނެއް ލެޓިން އެމެރިކާ މަތީގައި

ދެވަނަ ޖާސޫސީ ބެލޫނެއް ލެޓިން އެމެރިކާ މަތިން ފެނިފައިވާ ކަމަށް އެމެރިކާގެ ޕެންޓަގަން އިން ބުނެފި އެވެ.

މި ބެލޫން ސީދާ ހުރީ ކޮން ދިމާލެއްގައި ކަމެއް ޕެންޓަގަން އިން ހާމައެއް ނުކުރެ އެވެ. ލެޓިން އެެމެރިކާގެ ގައުމުތަކުގެ ތެރޭގައި ކިއުބާ، ހެއިޓީ، ހޮންޑިއުރަސް، ގުއަޓަމާލާ ފަދަ ގައުމުތައް ހިމެނެ އެވެ.

ޗައިނާގެ ޖާސޫސީ ބެލޫންއެއް ލެޓިން އެމެރިކާ މަތިން ފެނިފައިވާ ކަމަށް ޕެންޓަގަނުން ހާމަކޮށްފައި މިވަނީ އެމެރިކާގެ ޖައްވުން މިފަދަ ބެލޫން އެއް ފެނުނުތާ އެއް ދުވަސް ފަހުންނެވެ.

ޗައިނާ އިން ބުނެފައިވަނީ އެމެރިކާ މަތިން ފެނުނު ބެލޫން ހާދިސާއަކީ "ފޯސް މަޝޮއާ"ގެ އެކްސިޑެންޓެއް ކަމަށެވެ. އަދި އެމެރިކާގެ ސިޔާސީ ފަރާތްތަކުން މިކަން ނާޖާއިޒު ގޮތެއްގައި ބޭނުން ހިފަމުންދަނީ ޗައިނާގެ އަގު ވައްޓާލުމަށް ކަމަށްވެސް ބުނެފައިވެ އެވެ.

"އަހަރެމެންނަށް މައުލޫމާތު ލިބެމުން އެބަދޭ ލެޓިން އެމެރިކާ މަތިން ބެލޫން އޮތް ކަމުގެ. އަހަރެމެންނަށް ބެލެވެނީ މިއީވެސް ޗައިނާގެ ޖާސޫސީ ހަރަކާތެއް ކަމަށް،" ޕެންޓަގަން ތަރުޖަމާނު ޕެޓް ރައިޑާ މިދިޔަ ހުކުރު ދުވަހު ވިދާޅުވެފައިވެ އެވެ.

އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ ސީއެންއެންގައި ބުނެފައިވަނީ އެމެރިކާއާއި ދިމާލަށް މިވަގުތު މި ބެލޫން ދަތުރުކުރަމުން ނުދާ ކަމަށެވެ.

ޗައިނާއާއި އެމެރިކާ ދެމެދު ބޮޑުވެފައިވާ ނުތަނަވަސް ކަމާ ހެދި އެމެރިކާގެ ހާރިޖީ ވަޒީރު ބްލިންކަން ޗައިނާއަށް ކުރައްވަން ނިންމެވި ދަތުރުފުޅު ވެސް މިހާރު ވަނީ ކެންސަލް ކުރައްވާފަ އެވެ.

ބެލޫންގެ މައްސަލައިގައި ބްލިންކަންގެ ދަތުރުފުޅު ކެންސަލް ކުރައްވާފައިވަނީ ޗައިނާއިން ތަކުރާރުކޮށް މިއީ މޫސުމީ ދިރާސާ ކުރުމަށް ބޭނުންކުރާ ވައިގެ އުޅަނދެއް ކަމަށާއި އަދި އެ އުޅަނދު ދަތުރުކުރަމުންދާ ރާސްތާއިން ކަޓައިގެން ދިޔައީ ކަމަށް ބުނެފައިވަނިކޮށެވެ.

"ޗައިނާ އިން އަބަދުވެސް ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯލަނބަމުން ދަނީ. އަދި ހަމަ ހުރިހާ ގައުމެއްގެ އިސްތިގުލާލަށް ވެސް އިހުތިރާމް ކުރަމުން ދަނީ،" ޗައިނާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރަނީ ޗައިނާގެ އަމަލަކީ ނުރައްކާތެރި ހާލަތެއް އުފެދުމަށް މަގުފަހިވުމެއް ކަމަށެވެ. މިކަމުން ހާމަކޮށްދެނީ އެމެރިކާގެ ނިއުކްލިއާ ހަތިޔާރަށް ޗައިނާގެ ލޯ އަމާޒުވެފައިވާ މިންވަރު ކަމަށްވެސް ދިރާސާ ކުރާ މީހުން ދެކެ އެވެ. އަދި ޗައިނާގެ ސިޔާސަތަކީ ނިއުކްލިއާ ހަނގުރާމައެއް ފެށިއްޖެ ހާލަތެއްގައި އެމެރިކާގެ އިންޓަކޮންޓިނެންޓަލް ނިއުކްލިއާ މިސައިލްތައް ނައްތާލުން ކަމަށް ބެލެވޭ ކަމަށްވެސް ދިރާސާކުރާ މީިހުން ބުނެފައިވެ އެވެ.