އެމެރިކާ

ބްލިންކަންގެ ޗައިނާ ދަތުރުފުުޅު ކުއްލި ގޮތަކަށް ކެންސަލް ކުރައްވައިފި

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ބްލިންކަން، ޗައިނާއަށް ކުރައްވަން އޮތް ދަތުރުުފުޅު ކެންސަލް ކުއްލި ގޮތަކަށް ކެންސަލް ކުރައްވައިފި އެވެ.

ބްލިންކަންގެ ޗައިނާ ދަތުރުފުޅު ކެންސަލް ކުރެއްވީ ޗައިނާގެ "ސްޕައި ބެލޫން" އެއް އެމެރިކާގެ ސަރަހައްދު މަތީގައި އުދުހެމުން ދިއުމާ ގުޅިގެންނެވެ.

ބްލިންކަން ޗައިނާއަށް ކުރައްވަން އުޅުއްވި ދަތުރުފުޅުގެ މަގުސަދަކީ ބޮޑު ދެބާރުގެ ދެމެދުގައި މިވަގުތު ނުތަނަވަސްކަން ބޮޑުވެފައިވާތީ އެކަން ހައްލުކުރެއްވުމެވެ. އެމެރިކާއިން ޗައިނާއަށް ތުހުމަތު ކުރަަމުންދަނީ އެމެރިކާގެ އިސްތިގުލާލަށް އަރައިގަންނަމުންދާ ކަމަށެވެ.

އެމެރިކާގެ ޖައްވުގެ ވަރަށް މަތިން ޗައިނާގެ މި ބެލޫން އުދުހެމުން ދިއުމާ ގުޅިގެން ޕެންޓަގަން އިން ވަނީ މިއީ ޖާސޫސް ކުރުމަށް ހިންގާ ހަރަކާތެއްކަމަށް ބުނެފަ އެވެ. ނަމަވެސް ޗައިނާ އިން ބުނެފައިވަނީ މިއީ ޖާސޫސް ކުރުމަށް ބޭނުންކުރާ އާލާތެއް ނޫންކަ މަށެވެ.

އެމެރިކާގެ އިރުން އޮންނަ ކެންސަސްގެ މިޒޯރީ މަތިން މި ބެލޫން އުދުހެމުން ދަނިކޮށް ނަގާފައިވާ ވީޑީއޯ ތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެތައް ބަޔަކު މި ބެލޫން ބެލުމަށް ދުރިމިއާއި ކެމެރާތައް ބޭނުންކުރަމުން އެބަދެ އެވެ. މި ބެލޫން އުދުހެމުންދަނީ އާންމުކޮށް ފްލައިޓްތައް އުދުހޭވަރަށްވުރެ މަތިން ގާތްގަނޑަކަށް 60،000 ހާސް ފޫޓު މަތިންނެވެ.

ބްލިންކަންގެ ދަތުރުފުޅު ކެންސަލް ކުރައްވާފައި މިވަނީ މައްސަލަ ޖެހިގެން އުޅޭ ބެލޫން އަކީ މޫސުމީ ދިރާސާ ކުރުމަށް ބޭނުންކުރާ ވައިގެ އުޅަނދެއް ކަމަށާއި އަދި އެ އާލާތް ދަތުރުކުރަމުންދާ ރާސްތާއިން ކަޓައިގެން ދިޔައީ ކަމަށް ޗައިނާ އިން ތަކުރާރުކޮށް ބުނަމުން ދަނިކޮށެވެ.

އެމެރިކާ އިން ވަނީ ޗައިނާ އިން މިކަމާ ގުޅިގެން ދައްކަ ވާހަކަތައް ގަބޫލުނުކުރާ ކަމަށް ވަގުތުން ބުނެފަ އެވެ. ޗައިނާ އިން ބުނެފައިވަނީ ސްކޫލް ބަހުގެ ދެ ބަސްވަރުވާ މި ބެލޫން އަކީ ޖާސޫސް ކުރުމަށް ބޭނުންކުރާ އާލާތެއް ނޫން ކަމަށާއި އެ އުޅަނދަށް ދަތުރުކުރުމުގެ ކުޅާދާނަކަން ލިބިފައިވަނީ ދާދި ކުޑަކޮށް ކަމަށެވެ.

މި ބެލޫން ފުރަތަމަ ފެނިފައިވަނީ އެމެރިކާގެ މުހިއްމު ހަތިޔާރު މަރުކަޒުތަކެއް ހުންނަ މޮންޓާނާގެ މަތިންނެވެ. މެމްސްޓްރޮމް އެއާ ފޯސް ބޭސް ހުންނަ އެތަނުގައި އިންޓަކޮންޓިނެންޓަލް ބެލިސްޓިކް ނިއުކްލިއާ މިސައިލް މަރުކަޒުތައް ގާއިމުކުރެވިފައިވެ އެވެ. ނަމަވެސް މިހާރު މި ބެލޫން ވަނީ އެމެރިކާގެ އެންމެ މައި ސަރަހައްދުތަކުން ދަތުރުކުރަމުން ގޮސް އިރުމައްޗަށް މިސްރާބު ޖަހާފަ އެވެ. އަދި އެމެރިކާގެ ޖައްވުގައި އެތައް ދުވަހެއް ވަންދެން މި ބެލޫން އޮންނާނެ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.

މި ހާދިސާއާއި ގުޅިގެން ދެ ބާރުގެ ދެމެދުގައި މިވަނީ އިތުރަށް ނުތަނަވަސްކަން ބޮޑުވެފަ އެވެ. ފާއިތުވި ތަނުގައި އެތަކެއް މައްސަލައެއްގައި ހިޔާލުތަފާތުވެ ދެ ގެއުމުގެ ގުޅުންވަނީ ގޯސްވެފަ އެވެ. ނަމަވެސް އެމެރިކާ އިން ބުނަމުންދަނީ ޑިޕްލޮމެޓިކް ދޮރުތައް ހުޅުވިފައިވާ ކަމަށާއި އަދި އެކަށީގެންވާ ވަގުތެއްގައި ބްލިންކަންގެ ޗައިނާ ދަތުރުފުޅު ކުރިއަށް ގެންދަވާނެ ކަމަށެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ މިކަމާ ގުޅިގެން އެއްވެސް އެއްޗެއް ވިދާޅުވާން ދެކޮޅު ހައްދަވާފަ އެވެ. އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕާއި އަދި އެމެރިކާއިން ކުރިން އދ އަށް ކަނޑައަޅާފައި ހުންނެވި އެމްބެސެޑަރު ނިކީ ހޭލީ ވަނީ މި ބެލޫނަށް ވަގުތުން ހަމަލާދީ ވައްޓާލުމަށް ގޮވާލާފަ އެވެ.

އެމެރިކާގެ އޮފިޝަލުން ވިދާޅުވެފައިވަނީ ޗައިނާގެ ސްޓޭޓް ކައުންސެލަރ ވަންގ ޔީ އަށް ބްލިންކަން ހުކުރު ދުވަހު ފޯނުން ގުޅުއްވައި މިކަން ގަބޫލު ނުކުރެވޭ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން އޭނާގެ ދަތުރު ފަސްކުރައްވާފައިވާ ކަމަށެވެ.

ޗައިނާ އިން ވަނީ މިކަމަށް މައާފަށް އެދި އެ އުޅަނދު އެމެރިކާގެ ޖައްވީ ސަރަހައްދަށް ވަދެފައިވަނީ "ފޯސް މަޝޮއާ"އާ ހެދި ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ. ފޯސް މަޝޮއާ މި ބަހަކީ ގާނޫނީ ލަފްޒެކެވެ. މި ލަފްޒުގެ މާނަ އަކީ އެހެން ބާރެއް މެދުވެރިވެ އަމިއްލަ ބާރެއްނެތި ހިނގާ ކަންކަމަށް ބޭނުންކޮށް އުޅޭ ލަފްޒެކެވެ.