ޗައިނާގެ އޭރޯ ސްޕޭސް ޕްރޮގްރާމްތައް ހިންގާ ހަ ކުންފުންޏެއް އެމެރިކާއިން ބްލެކްލިސްޓް ކޮށްފި އެވެ.
މި ކުންފުނިތައް ބްލެކްލިސްޓް ކޮށްފައި މިވަނީ މިދިޔަ ހަފުތާ ތެރޭގައި ޗައިނާގެ ފުއްޕާ ހަމެއް އެމެރިކާގެ އަވަށްތަކުގެ މަތިން ވަޔާއެކު ދަތުރުކުރަމުންދިޔަ މައްސަލަ ހޫނުވެފައިވަނިކޮށެވެ. ޗައިނާ ބުނާ ގޮތުން އެއީ މަދަނީ ބޭނުންތަކުގައި -- މޫސުމާ ގުޅުން ހުރި އިލްމުތައް ދެނެގަތުމަށް ބޭނުންކުރި ހަމެކެވެ. އެމެރިކާ ބުނާ ގޮތުން ޗައިނާގެ ބޭނުމަކީ ޖާސޫސްކުރުމެވެ.
ޗައިނާގެ ކުންފުނިތަކެއް ބްލެކްލިސްޓް ކުރުމުން އެމެރިކާގެ ޓެކްނޮލޮޖީގެ ސާމާނު އެ ކުންފުނިތަކަށް އެތެރެކުރުން ހުއްޓިގެންދާނެ އެވެ.
ފުއްޕާ ހަން ވައްޓާލި މައްސަލާގައި ދެގައުމުގެ ދެމެދުގައި ގުޅުން ގޯސްވެފައިވާއިރު އެމެރިކާގެ މި ނިންމުމާއެކު ޗައިނާއާ ދެމެދު ހިނގަމުންދާ ޑިޕްލޮމެޓިކް އަރާރުން އިތުރަށް ގޯސްވާނެ ކަމަށް ބެލެވެ އެވެ. އެމެރިކާ އިން ބުނެފައިވަނީ ޗައިނާގެ ފުއްޕާ ހަމުގައި އިންޓެލިޖެންސް ސިގްނަލްތައް ދަނެގަނެ އަދި އެސިގްނަލްތައް ނެގުމަށް ބޭނުންކުރެވޭ އާލާތްތައް ހަރުކޮށްފައިވާ ކަމަށެވެ. ޗައިނާ އިން ބުނަނީ ފުއްޕާ ހަން ދަތުރުކުރަމުން ދިޔަ ވައިގެ ރާސްތާއިން ކަޓައިގެން ދިޔައީ ކަމަށެވެ.
ބްލެކްލިސްޓް ކުރި ހަ ކުންފުންޏަކީ ޗައިނާގެ އަސްކަރީ ގާބިލުކަން ޒަމާނީ ކުރުމަށް އެހީތެރިވާ ކުންފުނިތަކެއް ކަމަށް ޔޫއެސް ބިއުރޯ އޮފް އިންޑަސްޓްރީ އެންޑް ސެކިއުރިޓީއިން ވަނީ ބުނެފަ އެވެ.
މި ހަ ކުންފުންޏަކީ ޗައިނާގެ އަސްކަރިއްޔާގެ ވައިގެ އުޅަނދުތައް ތަރައްގީކުރުމަށް ޗައިނާގެ އަސްކަރިއްޔާއިން ހިންގާ އޭރޯ ސްޕޭސް ޕްރޮގްރާމްތަކަށް އެހީވާ ކުންފުނިތަކެއް ކަމަށް އެމެރިކާއިން ދަނީ ބުނަމުންނެވެ.
އެމެރިކާގެ ގައުމީ މަސްލަހަތާއި އިސްތިގުލާލު ހިމާޔަތް ކުރުމަށް އެ ކުންފުނިތަކާމެދު ފިޔަވަޅު އެޅުމަށް އެއްވެސް ވަރަކަށް ޖެހިލުން ނުވާ ކަމަށް އެމެރިކާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ކޮމާސް ޑޮން ގްރޭވެސް
މި ހަކުންފުންޏާ މެދު ފިޔަވަޅު އެޅުމަށް އެއްވެސް ވަރަކަށް ޖެހިލުން ނުވާނެކަމަށް ޓުވިޓާގައި ޑެޕިއުޓީ ސެކްރެޓަރީ އޮފް ކޮމާސް ޑޮން ގްރޭވެސް ވަނީ ވިދާޅުވެފަ އެވެ.
އެމެރިކާއިން ބްލެކްލިސްޓް ކުރި ހަ ކުންފުންޏަކީ ބެއިޖިން ނަންޖިއާން އޭރޯސްޕޭސް ކޯ އާއި ޗައިނާ އެލެކްޓްރޯނިކްސް ޓެކްނޮލޮޖީ ގުރޫޕް ކޯޕަރޭޝަން 48ގެ ރިސާޗް އިންސްޓިޓިއުޓް އާއި ޑޮންގުއާން ލިންކޮން ރިމޯޓް ސެންސިން ޓެކްނޮލޮޖީ ކޯ އާއި އީގަލްސް މެން އޭވިއޭޝަން ސައެންސް އެންޑް ޓެކްނޮލޮޖީ ގުރޫޕް ކޯ ގެ އިތުރުން ގުއާންޒޫ ޓިއާން-ހައި-ޒިއާން އޭވިއޭޝަން ޓޭކްނޮލޮޖީ ކޯ އަދި ޝަންޒީ އީގަލްސް މެން އޭވިއޭޝަން ސައެންސް އެންޑް ޓެކްނޮލޮޖީ ގުރޫޕް ކޯ އެވެ.
އެމެރިކާގެ މި ނިންމުމާމެދު ޗައިނާ އިން މިހާތަނަށް އެއްވެސް ވާހަކައެއް ދައްކާފައި ނުވެއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ހުއްދައާއެކު އެމެރިކާ އަސްކަރިއްޔާއިން ވަނީ ޗައިނާގެ ފުއްޕާ ހަން ވައްޓާލާފަ އެވެ.