ރަސްރަނި ބަގީޗާ

ނަން ބަދަލުނުވެގެން ހީވީ އެހެން ކަމެއްހެން!

Jan 12, 2020
26

ރީއްޗަށް ފުރިހަމައަށް ތަރައްގީ ކުރި ރަސްރަނި ބަގީޗާ މިހާރު ވަނީ ގާތްގަނޑަކަށް ވީރާނާވެފަ އެވެ. ރަސްރަސްކަލުންނާއި ރާނީންގެ ބަގީޗާއެއް ތެރެއިން ދެމޭ ކޯރެއް ގޮތަށް ރަސްރަނި ބަގީޗާގައިވާ މަޑު ނޫކުލައިގެ ރީތި އަދި ސާފު މަސް ފެންގަނޑު މިހާރު ވަނީ އަޑި ނުފެންނަ ވަރަށް ހަޑިވެފަ އެވެ. ބައެއް ތަންތަން ހަލާކުވެފައިވާއިރު ގަދައަށް ފެހިޖަހާލައި ފެންގަނޑު ވަނީ އެކީ ކިލަނބުވެފަ އެވެ. ބަގީޗާގެ ތެރެއަށް ވަދެގެންދާ އިރުގެ ކުރިން އެ ފެންގަނޑު ތެރެއިން އަޅައިގަންނަ ކުލަ ކުލައިގެ ބޮޑެތި މަސްތައް މަރުވެ، ދެތިން މަހަށް ވެފައި ވެއެވެ.

ނަން، ސަލްޓަން ޕާކަށް ބަދަލުކޮށްފައިވާ ރަސްރަނި ބަގީޗާގެ މެދުގައި އޮންނަ ދިއްލޭ ފެންއަރުވާ ވަޑާމުގެ ގިނަ ބައިބަޔާއި ބޮކިތައް މަސައްކަތެއް ނުކުރެ އެވެ. އެ ފެންގަނޑު ވެސް ވަނީ ގަދަ ފެއްސަށް ބަދަލުވެ މަދިރިފަނި އަޅާފަ އެވެ. އަދި މުޅި ހިސާބުގެ މަންޒަރު ހުތުރުކޮށްލާފައި ވެއެވެ.

ބަގީޗާގައި ކުޑަކުދިން އެންމެ ގަޔާވި ދާގަނޑެންހެން އޮންނަ އެތި ސާފު ނުކޮށް އޮވެ އޮވެ މުޑުދާރު ވެގެން ގޮސް އެތައް ފަހަރަކު ތެމި ހިކިފައިވުމުން ދުވާ ތަންމުޑުވަހުން މިހާރު ހިސާބުގަނޑާ ކައިރިވެލާން ނުކެރެ އެވެ.

މާލޭގެ ހުރިހާ އަވަށެއް ގުޅޭ ނިމުމުގައިވާ ތާރީހީ އަދި މުހިންމު ބަގީޗާގެ ހުޅަނގު ކޮޅުގައި ހުންނަ 100 އަހަރަށް ވުރެ ގިނަ ދުވަސްވީ ތާރީހީ އިމާރާތް ކައިރިއަށް ދިޔައިމާ ލިބެނީ ސިހުމެވެ. ފެންނަނީ ހައިރާން ވާނެ މަންޒަރެކެވެ. "އުސްގެކޮޅު" މިހާރު ހުރީ ބާ މުދާ ވައްދާ ގުދަނަކަށް ބަދަލު ކޮށްފަ އެވެ!

ރާއްޖޭގައި އޮތް ރަސްކަން ނިމުމާއެކު އެތަނުގައި ޕާކެއް ތަރައްގީ ކުރީ 1970 އިގެ އަހަރުތަކު ތެރޭގައި ރައީސް އިބްރާހިމް ނާސިރެވެ. ވަރަށް ގިނަ ތަފާތު ގަސްތައް އިންދައި ބަގީޗާއަކަށް ހައްދަވަައި، އުސްގެކޮޅު ފިޔަވައި އެތަނުގައި ދެން ހުރި އިމާރާތްތައް ތަޅައިލި އެވެ. އަދި "ސަލްޓަން ޕާކް" ގެ ނަމުގައި އާންމުންނަށް އެތަނަށް ވަދެވޭ ގޮތައް ހުޅުވައިލި އެވެ. "ސަލްޓަން" އެއީ ރަސްކަލުންނަށް ދިވެހިން ކިޔައި އުޅުނު "ސުލްތާން" މި ބަސް އިނގިރޭސި ބަހުން ކިޔާ ގޮތެވެ.

އޮގަސްޓު 21، 2017 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް އެ ޕާކު އިތުރަށް ތަރައްގީކޮށް، ބޮޑެތި ބަދަލުތަކެއް ގެންނެވި އެވެ. އުސްގެކޮޅު ހުރި ހިސާބުގައި ހެރިޓޭޖް ޕްލާޒާއެއް ގޮތަށް ހެދި އެވެ. ނަމަވެސް އޭރުގެ އިދިކޮޅު ފަރާތްތައް އޭރު އެންމެ ގޯސް ކަމަކަށްވީ އިނގިރޭސި ބަހުން އޮތް "ސަލްޓަން ޕާކު" އެ ނަން ރާނީންނާއި ރަސްރަސްކަލުންނަށް ނިސްބަތްކޮށް، "ރަސްރަނި ބަގީޗާ" އަށް ބަދަލު ކުރުމެވެ.

އެ ބަދަލާއެކު އެންމެ ބޮޑަށް ފާޑުކީ ފަރާތްތައް މިއަދު ތިއްބެވީ ސަރުކާރުގަ އެވެ. ކުރިން އެ ފަރާތްތައް ބުނި ގޮތުގައި އެހާ ދުވަސްވީ ނަމެއް ބަދަލު ކޮށްލުމަކީ ތާރީހު ހަލާކު ކޮށްލުމެކެވެ. އަދި އާސާރީ ތަންތަނަށް ދިން ބޮޑު ގެއްލުމެކެވެ.

ނަމަވެސް އެ ފަރާތްތަކުން ރަސްރަނި ބަގީޗާ ބެލެހެއްޓުމާ ހަވާލުވި ފަހުން އަޅައި ނުލާ ދޫކޮށްލައި، އެންމެ އާސާރީ ބިނާ ގުދަނަކަށް ހެދުމުން ތާރީހަށް އެ ދެވުނީ ކިހާ ވަރެއްގެ އަހައްމިއްޔަތު ކަމެއް ހެއްޔެވެ؟ އަދި ސަރުކާރާ ހަވާލުވި ގޮތަށް އެންމެ އިސް ކަމަކަށް ބަގީޗާގެ ނަން އަލުން ސަލްޓަން ޕާކަށް ބަދަލު ކުރަން އުޅުނު އިރު ހީވީ އެހެން ފަދަ ކަމެއްހެންނެވެ.

ހެރިޓޭޖަށް ވަކި ވުޒާރާއެއް އޮންނަނީ ވެސް މި ސަރުކާރުގަ އެވެ. އެކަމަކު ތާރީހީ ބަގީޗާ ތަރައްގީ ކުރުމުގައި ބަދަލުވީ ނަން އެކަންޏެވެ. ތަނަކަށް އަޅައިލުމެއް ވެސް ބަލައިލުމެއް ވެސް ނެތެވެ. ރަސްރަނި ބަގީޗާ މިހާރު އޮތީ ފަޅުކޮށް ގޮނޑަކަށް ވާން ދޫކޮށްލައިފަ އެވެ.

މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވި ގޮތުގައި މިހާރު އުސްގެކޮޅު ބޭނުން ކުރަނީ އެއްޗެހި ރައްކާ ކުރާ ގުދަނެއް ގޮތުގަ އެވެ. އެތަނުގައި ރަސްރަނި ބަގީޗާއާ ގުޅޭ ގިނަ ލިޔުންތަކެއް ވެސް ހުންނާނެ އެވެ. އަދި އެ އެއްބަސްވުންތަކާއި ލިޔުންތަކަކީ ރިވިއުކޮށް ކޯޓަށް ވެސް ހުށަހަޅަން ޖެހޭ ތަކެއްޗެވެ. އިތުރަށް ރަސްރަނީގެ ގިނަ ތަންތަނަކީ ބޭކާރަކަށް ހަދާފައި ހުރި އިސްރާފެއް ގޮތު އެކަމަނާ ސިފަ ކުރެއްވި އެވެ.

"އަޅުގަނޑުމެން ވަރަށް އަވަހަށް ހެރިޓޭޖް މިނިސްޓްރީއާ ގުޅިގެން މަޝްވަރާ ކޮށްގެން އެ އުސްގެކޮޅާއި ސަލްޓަން ޕާކާ މެދު ރައްޔިތުންގެ ހިޔާލާއެކު ގޮތްތަކެއް ނިންމާނަން،" ޝިފާ ވިދާޅުވި އެވެ.

ވަރަށް ބޮޑު ހަރަދެއް ކޮށްގެން ވިޔަސް ރަސްރަނި ބަގީޗާ ތަރައްގީކޮށްފައި ވަނީ އެތަނުން ދައުލަތަށް ބޮޑު އާމްދަނީއެއް ވެސް ލިބޭ ގޮތަަށެވެ. އެގޮތުން އިވެންޓު ބާއްވަން ސްޓޭޖުތަކާއި ރާއްޖޭގައި ފުރަތަމަ ފަހަރަށް ވިންޓާ ޕާކެއް ވެސް ހެދި އެވެ. ނަމަވެސް އެއިން އެއްވެސް ތަނެއް ބޭނުން ނުކޮށް، ވިންޓާ ޕާކު ވެސް ބަންދު ކޮށްފައި ހުންނަތާ އެތައް މަހެއް ވެއްޖެ އެވެ.

އާމްދަނީ ހޯދަން އިސްޓިކާ ޖަަހާއިރު އާމްދަނީ ލިބެން އޮތް މި މަގު ބަންދުކޮށް، އަތް އަަޅައިގެން ވަކި ތިބެންވީ ސަބަބެއް އެބައޮތް ހެއްޔެވެ؟ ރަސްރަނި ބަގީޗާގައި އިވެންޓުތައް ބާއްވާ މީހުން ޖަމާ ކުރި ވަރަކަށް ކެފޭއާއެކު ވިންޓާ ޕާކު އަދި އެހެން ތަންތަން ވެސް ހިނގާނެ އެވެ. އެވަރުގެ ސިމްޕަލް ކަމެއް ނުކޮށް، ނަން ބޯޑާއި ކަންކަން ބަދަލު ކުރަން ހިފީ ކީއްވެ ހެއްޔެވެ؟

ވިންޓަ ޕާކް

ބައި ގަރުނަށް ވުރެ ގިނަ ދުވަސްވެފައިވާ މި ޕާކު އެންމެ ރީއްޗަށް ބަލައިލެވޭ ގޮތައް 10 ވަރަކަށް ފޫޓު މަތީގައި ހަދާފައި ހުންނަ "ބިއްލޫރި ގެ" ވެސް މިހާރު ހުންނަނީ ފަޅަށެވެ. އެތަން ރައީސް ޔާމީންގެ ސަރުކާރުން ހެދީ ކްލާސްރޫމްތަކާއި ކުރެހުންތައް ކުރެހޭ އާޓް ގެލެރީއެއްގެ ގޮތަަށެވެ. އަދި ތާރީހީ ތަފާތުު ކަންކަން ދަސް ކުރެވޭ ގޮތެށެވެ. ނަމަވެސް މިހާރު ބަންދުކޮށް ހުންނަނީ "ސްޓާފް އޮންލީ" ކަރުދާސް ހިއްޕާފަ އެވެ. އެތަނަށް އަރާ ސިޑި ވަށައިގެން ނައިލޯނު ދަމާ ބަންދުކޮށްފަ އެވެ.

ކުރީގެ އިދިކޮޅު އަދި މިހާރުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުން "ސަލްޓަން ޕާކް" އެ ނަން "ރަސްރަނި ބަގީޗާ" އަށް ބަދަލު ކުރަން ބޭނުން ނުވީ އެ ނަމަށާއި އެ ތަނަށް ކުރާ ގަދަރެއްގެ ބޮޑު ކަމުން ކަމަށް ބުނެ އެވެ. މިއަދު އެތަން ވީރާނާވެ، ތާރީހު ހަލާކުވަމުންދާއިރު އަޅައިލާނެ ބަޔަކު ނެތި ވީރާނާއަށް ދޫކޮށްލާފައި ވަނީ އެއީ ކޮންކަހަލަ ގަދަރެއް ހެެއްޔެވެ؟