މީހުން

މަލިކު ހިތުދަސް ދިވެހި ތާރީހުގެ އިލްމުވެރިޔާ!

އަދިވެސް ދިވެހިންގެ ހިތާ ކައިރިގައިވާ އަދި ތާރީހީ އިހުގެ ސިފަތައް ވެސް ފެންނަން އޮތް މަލިކަށް އެންމެ ހިތްކިޔާ، އެތަން ދެކެ އެންމެ ލޯބިވާ މީހާ މިހުރީ ދިވެހީންގެ ތެރޭގަ އެވެ. މިއީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ؟ އެކަމަކު މިއީ ތެދެކެވެ.

ގާނޫނީ ދާއިރާއިން ތައުލީމު ހާސިލްކޮށްފައިވާ އުމުރުން 39 އަހަރުގެ މުހައްމަދު ނާޖިހު، ތާރީހު ދިރާސާ ކުރަން ހިތްޖެހުނީ އިއްޔެއަކު މިއަދަކު ނޫނެވެ. އެކަމަކީ އޭނާގެ ތައުލީމީ ހަޔާތް ފެށުނު ހިސާބުން ވެސް އެންމެ ގަޔާވާ ކަމެވެ. ތައުލީމު ހާސިލް ކުރިއިރު ވެސް އޭނާ ގަވައިދުން ކުރާ ކަމެއް އޮތެވެ. ލައިބްރަރީއަށް ގޮސް ފޮތްފޮތް ހާވާ ބެލުމެވެ. ކޮންމެ ފޮތެއް ވެސް ހުޅުވާފައި އެންމެ ފުރަތަމަ ބަލަނީ އެ ފޮތެއްގައި ރާއްޖެއާ ގުޅޭ މައުލޫމާތެއް އޮތްތޯ އެވެ.

"ފޮތުގެ އިންޑެކްސްގައި "މޯލްޑިވްސް" ޖަހާފަ އޮތިއްޔާ އެ ސަފުހާއެއް ހުޅުވައިގެން ކިޔަނީ، އެގޮތަށް ބަލަމުން ބަލަމުން އައިސް އަބްދުﷲ ފަރޫގު ހަސަނާއި ސޯދުބެ މަލިކަށް ވަޑައިގެން ފަތްތޫރައިގައި ލިޔުއްވާފައިވާ ލިޔުންތައް ފެނިގެން މަލިކާމެދު ޝައުގުވެރިކަން އުފެދިގެން ދިޔައީ،" ތާރީހުގެ ތެރެއިން މަލިކަށް ނާޖިހުގެ ހިތް ލަންބުވާލި ގޮތް ކިޔައިދިނެވެ.

ނާޖިހު މަލިކު ދަސްކޮށްފައިވާ މިންވަރަކީ އޭނާ ބުނާ ގޮތުގައި، "މަލިކުގެ މީހުންނަށް އެމީހުންގެ ތާރީހާއި ސަގާފަތާ ގުޅޭ ގޮތުން ނޭނގޭ މިންވަރަށް އެ މައުލޫމާތުތައް އެނގެ" އެވެ.

"އަޅުގަނޑު އެންމެ ފުރަތަމަ ބެލީ މަލިކާ ގުޅުން ބަދަހި ކުރެވޭނެ ގޮތެއް، އެގޮތުން ފޯނާއި އީމެއިލް މެދުވެރިކޮށް އެކަން ކުރިން، އޭރު ސޯޝަލް މީޑިއާގެ ވަސީލަތްތަކެއް މިހާރު މިހުރި ގޮތަކަށް ނުހުރޭ، އީމެއިލް އައިޑީއެއް ހޯދައިގެން މަލިކު ކުއްޖަކާ ގުޅުން ބަދަހިކުރީ، ފަހުން އެކޮޅުގެ ޓެލެފޯން ޑައިރެކްޓްރީ ފޮތެއް ލިބުނީމަ އެއިން ރެންޑަމްކޮށް ހަމަ މީހުންނަށް ގުޅައިގެން ގުޅުން އުފެއްދީ، މަލިކު މީހުންނާ ގުޅުން އޮންނަތާ އެތައް އަހަރެއް ފަހުން އަޅުގަނޑަށް މަލިކަށް ދެވުނީ،" މަލިކާ ގުޅުން އުފެއްދި ގޮތް ނާޖިހު ކިޔައިދިނެވެ.

ނާޖިހު "އެންމެ ލޯބިވާ" މަލިކަށް އޭނާ އެންމެ ފުރަތަމަ ދިޔައީ 2015 ވަނަ އަހަރުގެ ޑިސެންބަރު މަހު އެވެ. އޭރު މުޅި މަލިކުގައި އޭނާ ރައްޓެހިން ތިބެ އެވެ. މުޅި މަލިކާއި މަލިކުގެ ތާރީހު އޭނާ ހިތު ދަހެވެ. އެތަނަށް ނުގޮސް އެތަން އެއްކޮށް ހިތުދަސްކުރީ އެވެ.

"އަޅުގަނޑު ބަލަން މާލޭގައި ވެސް މަލިކު މީހަކު އުޅޭތޯ، މަލިކު މީހަކު މާލެ އައިސް އުޅޭތޯ، މަލިކު މީހަކު މާލެ އައިސްފިނަމަ އެމީހަކު ގޮވައިގެން އުޅޭނީ އަޅުގަނޑު، އަޅުގަނޑު ރައްޓެހިން ވެސް ކިޔާނެ މަލިކު މީހެކޭ އަޅުގަނޑަކީ، މާ ގިނައިން މަލިކު ވާހަކަ ދައްކާތީ މަލިކު މީހެއް ކަމަށް ހީކޮށް ފޭސްބުކުން ފްރެންޑް ރިކްއެސްޓް ފޮނުވާ މީހުން ވެސް އުޅޭ،" މަލިކަށް އޮތް ލޯބި ނާޖިހު ވިދާޅުވެ ދެއްވި އެވެ.

ނާޖިހަށް މަލިކަށް އެންމެ ފުރަތަމަ ވަޑައިގެންނެވުނު ދަތުރުގައި އޭނާއަށް ހަނދާން އާކޮށް ދިނީ އޭނާގެ ޅަ ފުރާއެވެ. މަލިކު މީހުންގެ ދިރިއުޅުމާއި ރަށުގެ މާހައުލު އޮންނަނީ ރާއްޖެ އައްޑިހައިގެ އަހަރުތަކުގައި އޮންނަ، ސާދާ ގޮތަކަށް ކަމަށް ނާޖިހު ވިދާޅުވެ އެވެ. ގިނަ ގޭގޭގައި ބޮޑު އަށްޓާއި ކުޑަ އަށި ވެސް ހުރެ އެވެ. އެހެންނަމަވެސް ރާއްޖޭގެ ރަށްރަށަށް ނާންނަ އަސާސީ ގިނަ ހިދުމަތްތަކެއް މަލިކަށް ވަރަށް ކުރިންސުރެ ވެސް ލިބިފައިވާކަން އޭނާ ފާހަގަ ކުރައްވަ އެވެ. އެމީހުންގެ ދޯނިތަކުގައި އިންޖީނު އެޅީވެސް ރާއްޖެއަށްވުރެ ކުރީންނެވެ.

"ތަރައްގީވާން ޖެހޭ މިންވަރަށް މަލިކު ވެސް ތަރައްގީ ނުވެ އޮތަސް އެތަނުގެ މީހުން ވަރަށް ތަރައްގީ ވެއްޖެ، މަލިކުގެ މުޖުތަމައު އޮތީ ވަރަށް ބޮޑަށް ތަންދޮރު ފިލާފައި އޮތް ބައެއްގެ ގޮތުގައި، ކުޑައިރުންސުރެ ވެސް ރަނގަޅަށް ކިޔަވައިދިނުމުގެ ކަންކަން ކުރިއަށް ގެންގޮސްފަ އޮތީ،" ނާޖިހު ބުންޏެވެ.

މަލިކު، ދަސްކޮށް ދިރާސާ ކުރަން ބޭނުންވި ބައެއް ބޭރުގެ މީހުން ވެސް މައުލޫމާތު ސާފުކުރަން މަލިކުގައި ތިބެފައި ނާޖިހުގެ ގާތަށް އައިސްފައި އެބަ ހުއްޓެވެ. މަލިކުގައި އެ މައުލޫމާތު ހިއްސާކުރާނެ މީހުންނަށްވުރެ ނާޖިހުގެ އެ އިލްމް ފުޅާވީމަ އެވެ. ނާޖިހު ވިދާޅުވި ގޮތުގައި މަލިކުގެ ތާރީހީ ގިނަ ތަންތަނާއި ތަކެތި މިހާރު ވަނީ ނެތިގެން ގޮސްފަ އެވެ. އެހެންވެ ތާރީހީ ގިނަ މައުލޫމާތުތައް ވެސް ވަނީ ނެތިގޮސްފަ އެވެ.

އައްޑު އަތޮޅަށް ނިސްބަތްވާ ނާޖިހު، އެ އައްޑޫގެ ތާރީހާ ގުޅޭ ގޮތުންނާއި މުޅި ރާއްޖޭގެ އާއްމު ތާރީހުގެ ގިނަ މައުލޫމާތެއް އެއްކޮށްފައިވާއިރު ދިވެހި ބަހާއި ގުޅުން ހުރި ދިރާސާތަކަކީ ވެސް ނާޖިހު ކުރައްވާ ކަން ކަމެކެވެ. އޭނާ ވިދާޅުވާ ގޮތުން މި ފަދަ ދިރާސާތައްކޮށް، ބަހަށް އަންނަމުންދާ ބަދަލުތަކާ މެދު ފިކުރުކުރަން އޭނާއަށް ފަސޭހައީ އޭނާގެ އަމިއްލަ މާދަރީބަހުރުވަ ކަމަށްވާ އައްޑޫބަހުގެ ސަބަބުންނެވެ.

ދިވެހިބަހުގެ އެކެޑަމީގެ ބަސް ކޮމެޓީގެ މެންބަރުކަން ވެސް ކުރައްވާފައިވާ ނާޖިހު އަންނަނީ އަމިއްލަ ގޮތުން އޭނާގެ އެކުވެރިން ތަކަކާއެކު ދިވެހިބަސް ކުރިއަރުވައި، އާއްމުން ބަހަށް ހޭލުންތެރި ކުރުމަށްޓަކައި ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް މަސައްކަތް ކުރަމުންނެވެ. އެ ގޮތުން ފޭސްބުކްގައި އޮންނަ "ބަސްޖަގަހަ" ގުރޫޕް ފާހަގަކޮށްލެވެ އެވެ. އަދި އަމިއްލަ މާދަރީބަހުރުވައަށް ހާއްސަކޮށް، އައްޑޫ ބަހުރުވަ ދިރުވައި އާލާކުރުމަށް ނާޖިހު ގެންދަނީ "އައްޑޫ ބަސް" ގެ ނަމުގައި ގުރޫޕެއް ވެސް ހިންގަމުންނެވެ.

ތާރީހު ދިރާސާ ކުރެއްވުމުގައި ނާޖިހު އުޅުއްވާތާ މިހާރު 25 އަހަރުވެފައިވީ ނަމަވެސް އޭނާގެ ދިރާސާއެއްގެ މައްޗަށް މިހާތަނަށް ފޮތެއް ލިޔުއްވާފައެއް ނެތެވެ. އޭނާ ވިދާޅުވާ ގޮތުން ފޮތެއް ލިޔަން އޭރު އޭނާގެ ޝައުގުވެރިކަން ނެތީ، ފޮތް ލިޔެ ޗާޕުކުރުމަށް އެ ދުވަސްވަރު ހުރި ގޮންޖެހުންތަކާއި ތަކުލީފުތަކުގެ ސަބަބުންނެވެ.

"އަޅުގަނޑު ދިރާސާ ކުރުމަށްފަހު ބޭނުން ވަނީ ހާމަ ކުރަން، ފޮތްފޮތް ލިޔެ ޗާޕުކުރުމަކީ ބޮޑު ތަކުލީފަކަށް ވެފައި އޮންނަނީ، އެހެންވެ ކިރިޔާ ވެސް އާ މައުލޫމާތެއް ލިބޭއިރަށް އަޅުގަނޑު ބަލަނީ ފޭސްބުކުން ޓްވިޓާއިން ވައިބާއިން ހާމަކޮށްލެވޭތޯ، ގިނަ ފަހަރަށް މިހެން ހެދީމަ ލަނޑު ވެސް ލިބޭ، އަޅުގަނޑު ބުރަ މަސައްކަތުން ހޯދާ މައުލޫމާތު ބައެއް މީހުން ކްރެޑިޓް ނުދީ އަމިއްލަ ބޭނުމަށް ބޭނުން ވެސް ކޮށްލާ، އެކަމަކު މާބޮޑަކަށް އަޅައެއް ނުލަން، އަޅުގަނޑަކީ ލިބޭ މައުލޫމާތު ހާމަކުރަން ބޭނުންވާ މީހެއް،" ދިވެހީން ކުރީން ލިޔެ އުޅުނު ދިވެސް އަކުރު ވެސް ލިޔަން ކިޔަން ދަންނަ ނާޖިހު ވިދާޅުވި އެވެ.

ނާޖިހަކީ މިހާރު ދިވެހި ޒުވާނުންގެ ތާރީހީ އެދުރެވެ. އޭނާ ޓްވިޓާއަށް ދޫކޮށްލާ ކުޑަކުޑަ ތާރީހީ މައުލޫމާތު ކޮޅަކީ އެންމެން ވެސް އެޔާ ގާޔަވާ އެއްޗަކަށް ވަނީ ވެފަ އެވެ. ޒުވާނުންގެ މެދުގައި ތާރީހަށާއި ސަގާފަތަށް މިހާރު އޮތް ލޯބި، ގެނައުމުގައި ނާޖިހުގެ ދައުރު ވަރަށް ބޮޑެވެ. އިހުގެ ކުޅިވަރުތަކާއި ސަގާފަތްތަކާ ފޮޓޯތަކާއެކު ނާޖިހު ކުރަން ފެއްޓެވި ޓްވީޓްތަކަކީ ޒުވާނުންގެ ވިސްނުމަށާއި ޝައުގަށް ބަދަލު ގެނައި ކަމެކެވެ.

ފޭސްބުކްގައި "ދިވެހީން" އާއި "ހިސްޓްރީ އެންޑް ކަލްޗާ އޮފް އައްޑު އެޓޯލް" ގެ ނަމުގައި ޕޭޖްތައް ހަދައިގެންނާއި "ވޮނަދޮނަ ރާއްޖެ" ފަދަ އާއްމުންގެ މަގުބޫލުކަން ލިބިފައިވާ ޕޭޖްތައް މެދުވެރިކޮށް ދިވެހި ތާރީހާއި، ސަގާފަތާއި، ފަންނުވެރިކަމާއި ގުޅުންހުރި ތަފާތު އެކި މައުލޫމާތު ހިއްސާކޮށް ނާޖިހު އަންނަނީ އާއްމުންގެ މެދުގައި ހޭލުންތެރިކަން އުފައްދަމުންނެވެ.

ނާޖިހުގެ މަސައްކަތްތަކުގައި އޭނާއާ އެންމެ އެކުގައި މަސައްކަތް ކުރައްވަނީ ތާރީހަށް ގިނަ ހިދުމަތްތަކެއްކޮށްދެމުން އަންނަ އާއްމުންގެ މެދުގައި މަގުބޫލު އަލާ ދީދީ އެވެ. އެކުގައި ފެށި އެ މަސައްކަތް ފުޅާވެ، ދެ ބޭފުޅުން ވެސް މިހާރު މަސައްކަތް ކުރައްވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެދުނު ހެރިޓޭޖް މިނިސްޓްރީގަ އެވެ. ރިސާޗް އެނަލިސްޓެއްގެ ގޮތުގައި އެ މިނިސްޓްރީގައި ވަޒީފާ އަދާކުރަމުންދާއިރު ނާޖިހުގެ އުއްމީދުތައް ވަރަށް ބޮޑެވެ.

"މިނިސްޓްރީއަށް ގާނޫނީ ބާރުތައް ލިބުމުން ގިނަ ކަންތައްތަކެއް ކުރުމުގެ ވިސްނުން އެބަހުރި، މުޅި ރާއްޖެ ޑޮކިއުމެންޓް ކުރާނެ، މަހާނާ ގާތަކުގެ މައުލޫމާތުތައް ނެގޭނެ، އެއީ އާއިލީ ގުޅުންތަކާއި ދަރިފަސްކޮޅާއި މީހުންގެ ނަން ކިޔާ އުޅުނު ގޮތް ތާރީހަށް ރައްކާކުރަން މުހިންމު ކަމެއް، ރަށްރަށުގެ ސަގާފަތްތަކާއި ކުޅިވަރުތައް ގެއްލެމުންދާއިރު އެތަކެތި ރިކޯޑު ވެސް ކުރަން މަސައްކަތް ކުރާނެ، މިހާރު ހުރި ވަރަކުން ބަހުރުވަ އާއި ރާގުތައް ވެސް ރެކޯޑް ކުރާނެ،" ނާޖިހު ވިދާޅުވި އެވެ.

އޭގެއިތުރުން ތާރީހަށް ޒުވާނުން އިތުރަށް ޝައުގުވެރިވާ ގޮތްތައް ހޯދައި، ތާރީހީ ފުލޯކު ވާހަކަތައް ކުރިއެރުވުމަށް މަސައްކަތް ކުރަން މިނިސްޓްރީގެ ވިސްނުން އެބަހުރިކަން ވެސް ނާޖިހު ފާހަގަކުރެއްވި އެވެ. ނާޖިހު ގަބޫލު ކުރައްވާ ގޮތުގައި ފުލޯކު ވާހަކަތަކަކީ އަދަބީ ބޮޑު ހަޒާނާއެކެވެ. އަދި، ހަމަ އެހެންމެ އިހުގެ ދިވެހިންގެ ހުނަރުވެރިކަމާއި މަސައްކަތްތެރިކަމަކީ ވެސް ޒުވާނުންނަށް އެނގެން ޖެހޭ މައުލޫމާތުތަކެކެވެ.

"ދިވެހިންނަކީ ހުސްގަޔާ މުންޑުގަނޑެއް އަނދެގެން އުޅުނު ބައެއް ނޫންކަން، ބޮޑު ހަޟާރަތެއް އޮތް ބައެއްކަން، ދިވެހިންގެ ކޮންމެ ކަމަކަށް އަމިއްލަ އުފެއްދުން އިހުގަ ހުރި، ދިވެހިންގެ ގަލުވަޑާމުގެ މަސައްކަތް ހައިރާންވާހާ މޮޅު، ސިމެންތި އާއި އުވަ ވެސް ނުލައި ރާވާލާފައި އެ ހުންނަ ގޮތް ކިހާ ކުޅަދާނަ، އޮޑި ދޯނިފަހަރު ބަނުމާ، މި ސަރަހައްދުގައި ވެސް އެންމެ މޮޅަށް އެކަން ކުރަނީ ދިވެހިން،" ނާޖިހު ވިދާޅުވި އެވެ.