އަޅުގަނޑުގެ ހަނދާންތަކުުގެ ތެރެއަށް ދާއިރު އުމުރުން 13 ވަރަކަށް އަހަރުގައި ތަހުގީގަކަށް ހާޒިރު ކުރި އެވެ. އެއީ ސިފައިން ކުރި ތަހުގީގެއް ކަމެއް ފުލުހުން ހިންގި ތަހުގީގެއް ކަމެއް އަަޅުގަނޑަށް އަދިވެސް އޮންނަނީ އޮޅިފަ އެވެ. އެ ތަހުގީގައި އަޅުގަނޑާ ފުރަތަމަ ކުރި ސުވާލަކީ "ކޯލާ ބޮއެ އުޅެން ހެއްޔޭ" އެވެ.
އެ ތަހުގީގަށް އަޅުގަނޑު ހާޒިރު ކުރީ ރީތި ދުވަހެއްގެ އަސުރުން ތިރިވި ފަހުން މުންޑޫ އަތިރިމަތީގައި އޮތް ބޮޑު ބަނބުކެޔޮ ގުޅިއެއްގެ މަތިން އެއްކޮޅުން އަނެއް ކޮޅަށް އެއް ފުރައިގެ ކުދިވެރިންނާއެކު ނަލައަށް ދުވެ ދުވެ ހުއްޓައި ސިފައިންގެ ފަށް އެރި ދެމީހަކު ގޮސް އޮބައިގަނެ ދުވަހުގެ ރީތިކަން ގެއްލުވައިލާފަ އެވެ.
އެ ތަހުގީގަށް އަޅުގަނޑު ހާޒިރު ކުރި އިރު ދެ މޭޒެއް ހުއްޓެވެ. އެއް މޭޒުގައި އަޅުގަނޑު ބަލައި ދިޔަ ސިފައިންގެ ދެ މީހުނެވެ. އަނެއް މޭޒުގައި ކާނަލް ޝައުކަތު އިބްރާހީމެވެ. އަދިވެސް ސިފައިންގެ ހައެއްކަ މީހަކު އެތާނގައި ތިއްބެވެ. އެ މީހުން ތިބީ ބިޑިއަޅައި ހައްޔަރު ކޮށްފައި ތިބި ދެ މީހަކާއި ހާޒިރުކޮށްފައި ތިބި ދެ އަންހެނަކު ބައިތިއްބާފައިވާ ދިގު ގޮނޑިއާ ކައިރީ އެކަމަކު އަޅުގަނޑާ ވިއްސަކަށް ފޫޓު ދުރުގަ އެވެ.
އެއީ މުންޑޫގެ އަތިރިމަތީގައި އޮންނަ ރައްޔިތުންގެ ރުއްގަނޑެވެ. އަބަދުވެސް ފަހި ވައި ޖެހިޖެހި އޮންނަ ހިތްފަސޭހަ ރުއްގަނޑެކެވެ. އަޅުގަނޑުގެ ފުރާވަރުގެ ބައެއް ރީތި މަންޒަރު އެ ރުއްގަނޑުގެ ތެރޭގައި ވެއްޖެ އެވެ.
އަޅުގަނޑު ހާޒިރު ކުރެވިފައި މިއިނީ އިސްކޮޅާއި ޖާނާއި ޝަހުސިއްޔަތުގެ ގޮތުން ވަރުގަދަ، އަދި ސިފައިންގެ އޮފިސަރެއްގެ ގޮތުގައި ޖެހިލުން ކުޑަ ކާނަލް ޝައުކަތު އިންނެވި މޭޒަށެވެ. އަޅުގަނޑުގެ ދެ އަތުގައި ބިޑިއެއް ނެތް ކަމަކު އިރުކޮޅެއް ވަންދެން ދެ އަތުގައި ތުރުތުރެއް ހުއްޓެވެ. ހިނގަ ހިނގާ އޮތް ތަހުގީގުގައި ޝައުކަތު އަޅުގަނޑު ގާތުގައި އައްސަވަނީ މިހެނެވެ: "ކޯލާ ވަރަށް މީރު ހެއްޔެވެ؟"
އިސްކޮޅެއް ނެތް ކުޑަކުޑަ އަޅުގަނޑަށް ބުނެވުނީ "އާނއެކޭ ކޯލާ އެބަހުރި ހެއްޔޭ؟ ހުރިއްޔާ ދެހެރޭ،" އެވެ.
އަޅުގަނޑުގެ ބަސްމަގު ހުރި ގޮތުން ކަަމެއް ނޫނީ ޝައުކަތަށް އަޅުގަނޑު އެނގޭތީ ކަމެއް ނޭނގެ އެވެ. އިންނެވީ ވަރަށް ބޮޑަށް ހިނިފުޅުވަޑުވައިގެނެވެ. އަދި މިވެނި ރެއެއްގައި އެވެނި މީހާ ކޯލާ ދަޅެއް ދީފައި މިވެނި ތަނެއްގައި މަޑުކޮށްލާށޭ ބުނީ އެއީ ކާކު ހެއްޔޭ ވެސް އައްސަވައިފި އެވެ. ކޯލާ ދަޅު ދިން މީހާ އެރޭ މުންޑޫ ނޫވިލާގޭގައި ނިދިތޯ އާއި އޭނާގެ އަތުގައި ފިތާ ބައްތިއެއް އޮތްތޯ ވެސް އެބަ އައްސަވަ އެވެ.
ޝައުކަތުގެ ސުވާލުތަކުން އެއީ ކޮން ވާހަކައެއްކަން އަޅުގަނޑަށް ވަގުތުން އެނގިއްޖެ އެވެ. އަދި މިއީ ކޮން ތަހުގީގެއް ކަމަށާއި "އަތުރާފައި" ތިބީ ކޮން ކަމަކާ ގުޅިގެން ބިޑި އަޅުވަފައި ދެ މީހުން ކަން ވެސް އަޅުގަނޑަށް ރަނގަޅަށް އެނގުނެވެ. އެކަން އަޅުގަނޑަށް އެނގިއްޖެކަން ޝައުކަތު ވެސް ދެނެގެންފި ކަހަލަ އެވެ. ދުރުގައި ތިބި ސިފައިންގެ ދެ މީހުންގެ ހަތަރު ލޯ ބޮޑު ކަމުން އަޅުގަނޑުމެން މެދުގައި ދެކެވުނު ވާހަކައެއް އަހާން ތިބި ކަހަލަ އެވެ.
ޝައުކަތު ދެން އެއްސެވީ ބިޑި އަޅުވައިފައި ތިބި ދެ މީހުންގެ ތެރޭގައި އެ މީހާ އެބައިން ހެއްޔޭ އެވެ؟
މިހާރެކޭ އެއް ގޮތަށް އޭރުވެސް އަޅުގަނޑަކީ ވަރަށް ފާޑެއްގެ މީހެކެވެ. ހަމަ ވަގުތުން "ނޫނެކޭ ނޭނގެއޭ" ބުނެފީމެވެ. ޝައުކަތު ތެދުވެ ވަޑައިގެންނެވި އެވެ. އޭނާ އަޅުގަނޑު ގޮވައިގެން ރުއްގަނޑުން ބޭރަށް ނުކުންނަވައި ތަންކޮޅެއް ދުރަށް ވަަޑައިގެން ހަމަ އެ ސުވާލު ތަކުރާރު ކުރެއްވި އެވެ. އަޅުގަނޑު ދެންނެވީ "ނޯން... މަކަށް ނޭންގެ" އޭ އެވެ.
އެކަމަކު ވަރަށް ރަނގަޅަށް ހަނދާވެ އެވެ. އެރޭ ކޯލާ ދަޅެއް ލިބުނެވެ. ދިން މީހާ ވެސް އެނގެ އެވެ. އަޅުގަނޑު ޝައުކަތަށް ޖަވާބު ދިނީ މިހެނެވެ: "އެރޭ މަށް ކޯލާ ދަޅެއް ލިބެނެވެ. އެ ދަޅަ ދިނޫ ކާކު ކަމެއް މަކަށް ނޭނގެ" އެވެ.
އަޅުގަނޑުގެ މި ހަނދާނަކީ ކާނަލް ޝައުގުތާ އަޅުގަނޑާ ބައްދަލުވެ ކުރެއްވުނު ތަޖުރިބާއަކަށްވުމުން މިއީ ކޮން ތަހުގީގެއް ކަމާއި އަޅުގަނޑާ ޝައުކަތާ އޮތް ގާތް ކަމެއް ބުނެލައި ދީފައި ކުރިޔަށް ދާން ފަސޭހައެއް ވާނެ އެވެ.
އަޅުގަނޑު ހާޒިރުކޮށް ފަށައިގެން އުޅުނު ތަހުގަކީ މަސް ބޯޓަކުން މުންޑޫއަށް ފޭބި މީހެއްގެ ބޮނބިފަޅީގައި ފޭރާއަކުން ޖަހައި ރޯނާގަންނަވާލި ހާދިސާއެއްގެ ތަހުގީގެކެވެ. އެ ތަހުގީގަށް އަޅުގަނޑު މުހިންމު ވަނީ އެ މީހާ ބޯޓުން ފައިބައި މަޑު ކުރީ މުންޑޫ ނޫވިލާގޭގައި ކަމަށް ވުމާއި އެގޭގައި އެރޭ އަޅުގަނޑު އޮތަތީ އެވެ.
އެރޭ ދަންވަރު ބަޔަކު މީހުން ވަދެގެނެ އެގޭ ތެރެއިން ބޯޓު މީހަކު ނެރެގެން އެ ދިމާ އަތިރިމައްޗަށް ގެންގޮސް ފޭރާއަކުން ޖަހައި ހޭނައްތާލި އެވެ. ބިޑި އަޅައިފައި ތިބި ދެ މީހުންގެ މައްޗަށް އެކަން ސާބިތު ކުރަން އަޅުގަނޑުގެ ހެކި ބައެއް ބޭނުން ވަނީ އެވެ.
"އާނއެކޭ އަޅުގަނޑު ދުށީމޭ އެއީ އެ ދެ މީހުނޭ" އަޅުގަނޑުލައްވާ ބުނުވަން ޝައުކަތު ވަރަށް މަސައްކަތް ކުރެއްވި އެވެ. އަދި ވަޑައިގެން ރުއްގަނޑާ މާ ދުރު ނޫން ހިސާބެއްގައި ހުންނަ މުންޑޫ އަތިރީގޭގެ ފިހާރައިން އަޅުގަނޑަށް ވަރަށް މީރު މެޓައެއް ވެސް ގަނެ ދެއްވި އެވެ. އެކަމަކު އަޅުގަނޑު "ގަނެ"އެއް ނުލެވުނެވެ.
އޭރަކު އަދި ފިހާރަތަކުގައި ކޯލާ ވިއްކާކަށް ނުހުރެ އެވެ. އެހެން ނޫންނަމަ އަޅުގަނޑަށް ކޯލާ ދަޅެއް ޝައުކަތު ގަނެ ދެއްވީހެވެ. އެ ދުވަސްވަރު ރަށް ރަށަށް ކޯލާ އާއި ނޫޑުލްސް ލިބެނީ ދުވާލު ހަތަރު ދަމު ދުރުމި އަޅައިގެން އަތިރި މަތި ބަލާފައި ރޭގަނޑު ބެގީ ކޮށްގެން ބޯޓުން ފައިބާ މީހުންގެ އަތުންނެވެ.
ބޯޓު މީހުން ދުވާލު ވެސް ފައިބަ އެވެ. އެކަމަކު ފައިބާނީ ގަނޑުފެން ހިފައިގެން ނަމެއްގައި މިރުސް ގަތުމުގެ ބޭނުމުގަ އެވެ. ކަމަކީ ރީތިހާ އަންހެން ކުދިން ތިބޭ ގޭގެއަށް ވަނުމެވެ. ރޭގަނޑަށް ދަންކޮށްފައި އެމީހުން ފައިބަނީ އެހެން ބޭނުމެއްގަ އެވެ. ފައިބާއިރު ނޫޑުލުހާއި ކޯލާ ބާލާނެ އެވެ.
އަޅުގަނޑަކީ ގޭތެރޭގައި ނުހުރެ ރަށުތެރޭގައި ހިނގާން އާދެވެފައިވާ މީހެކެވެ. އެއީ އަޅުގަނޑު ވަރަށް ކުރާ ހިތްވާ ވެސް ކަމެކެވެ. ދިރިއުޅުމަށް އަޅުގަނޑު މިހާރު މި ކުރާ މަސައްކަތުގެ ފެށުމަކީ އެއީ ކަމަށް ވެސް ވެދާނެ އެވެ. އެކަމަކު އަޅުގަނޑަކީ އެހެން މީހުން އުޅޭ ގޮތް ފާޑުގެ މީހަކަށް އެއްއިރަކު ވެސް ނުވެއެވެ.
ގޭތެރޭ މަޑު ނުވެ ގިނަ އޮޅި ގިރާކޮށް ރަށުތެރެ އާއި ވަލުތެރެ ހަވާ އުޅުމުގައި އަޅުގަނޑު ވަރަށް ގިނަ ވަގުތު ހޭދަ ކުރާތީ އަންމާ އަޅުގަނޑަށް ދީފައި އޮންނަ ނަމަކީ ވެސް "ރަށުތެރޭ ކަންތަކެ"ވެ. މިހާރަށް ބަލަންޏާ "ރަށުތެރޭ ކަންތައް" އެއީ ވަރަށް ވަރަށް ނޫސްވެރި "ޓޯކް އޮފް ދަ ޓައުން" ކަލަ ވަަރަށް މެޓްރޯ ނަމެކެވެ.
ގޭގައި މަޑު ނުވެ އަޅުގަނޑު މަގު ހިނގަނީ އެހެން ބޭނުމެއް ވެސް އޮވެގެނެވެ. ގޭގައި ހިތު ދަސް ކުރާން ޖެހޭ ފިލާވަޅުތަކަށް ފިލާށެވެ. ހާއްސަކޮށް "ރީތި އަހުލާގު"ގެ ނަން ދީފައި އޮންނަ އުނދަގޫ ފޮތަކަށް ފިލާށެވެ. އެހެން ފިލާވަޅުތައް ނިންމާފައި ކޮންމެ ރެއަކު އެ ފޮތެއް ހުޅުވައިގެން "...އަހުލާގު، އަހުލާގަކީ ރީތިއުޅުމެވެ... ކޮންމެ ކުއްޖަކު ވެސް ވީހާވެސް ރިވެތިކޮށް އުޅޭން ދަސްކުރާން ވާނެ އެވެ..."
މި ފޮތް ހިތުން ދަސް ކުރާން އަޅުގަނޑަށް ވީ ވަރަށް ފޫހި ކަމަކަށެވެ. އެހެންވިޔަސް މިހާރު ވެސް ބޮޑު ބައެއް ހިތު ދަހެވެ.
ވަރަށް ގިނަ ރޭރޭ އިރުފޮހޭތަނުން އަޅުގަނޑު ހަދާ ގޮތަކީ ނޫވިލާގެއަށް ވަދެ އެގޭގެ ބޮޑު އައްޓަށް އަރާ އޮށޯވެ ލޯ މަރައިގެން "ނިދަނީ" އެވެ. އެއީ އަޅުގަނޑުގެ ލޯބިވާ އަދި އެންމެ ގާތް ކަމެއް ވެސް އޮތް މާމައާ ކާފަގެ ގެއެވެ.
ކާފަ ޒަކަރިއްޔާ ދީދީއަކީ އައްސުލްތޯނު މުޒައްފަރު މުހައްމަދު އިމާދުއްދީނުގެ އިބްރާހިމް ރަސްގެފާނުގެ މުހައްމަދު ޣިޔާސުއްދީނު ރަދުންގެ އިބްރާހިމް ފާމުލަދޭރި ކިލެގެފާނުގެ އައިޝާ ދީދީގެ މުހައްމަދު ދީދީގެ ދޮންދީދީގެ ތުއްތު ދީދީގެ ޒަކަރިއްޔާ ދީދީ އެވެ. އަޅުގަނޑަކީ އެ ޒަކަރިއްޔާ ދީދީގެ މަރިޔަން ދީދީގެ މުންޑޫ އާދަމް ހަލީމެވެ.
ވަރަށް ގިނަ ފަހަރު ބައްޕަ އަޅުގަނޑު ހޯދަން ދާއިރު އޮންނަނީ ކާފަގެ ބޮޑުއަށީގައި ނިދާފައި އެކަމަކު "ދަންޑެހަލަކަށް" ވެގެނެވެ. އިސާހިތަކު މާމަ ނުކުމެ "އެ އޮތީ ކައިގެނޭ" ބުނީމާ ދެން ފަސޭހައިން އަޅުގަނޑު ގެންދެވޭނެ ގޮތެއް ނޯވެ އެވެ. އެހިސާބުން އެ ރެއަކަށް އަޅުގަނޑު މިނިވަންވީ އެވެ.
ނޫވިލާގޭގައި އަޅުގަނޑު ވަރަށް ނިދާ ހިތްވެ އެވެ. ރޭގަނޑުގެ ދަން ބަޔަށް އަޅައިލީމާ އެގޭ ތެރެއަށް އެ ވަންނަ އަންހެންވެރިންނާއި އެ މީހުންގެ ފަހަތުން ވަންނަ ބޯޓު މީހުންގެ އުޅޭ ގޮތް އަޅުގަނޑުގެ ވަގު ލޮލުން ވަރަށް ބަލާ ހިތްވެ އެވެ.
އެ މީހުން ރަށު އަންހެން ކުދިންނަށް ބޯޓުން ބާލައިދޭ ކޯލާ ދަޅުތަކާއި ރޭގަނޑު މެންދަމެއްހާއިރު ކައްކާ ނޫޑުލިސްގަނޑަށް އަޅުގަނޑު ވަރަށް ދަހިލަވަ އެވެ. ފައިހިލަވަޅު އޮބުމުން އެ ގޭގެ ތެރޭގައި ހިނގާ ހުރިހާ ކަމެއްހެން އަޅުގަނޑަށް ފެނެެވެ. އެ ހުރިހާ އަޑެއް ވެސް އަޅުގަނޑަށް އިވެ އެވެ. އެކަމަކު އެއްވެސް މަންޒަރެއް ވެސް އަޅުގަނޑަކަށް ނުފެންނާނެ އެވެ. އެއިން އަޑެއްވެސް ނީވޭނެ އެވެ. އެއީ ބޯޓު މީހުން ކަނޑާފައި ދޭ ކޯލާ ދަޅެއް ދަމާލައިގެން ވައެއް ލެވޭ ހިސާބުން އަޅުގަނޑަށް ވާ ގޮތެކެވެ. އަޑެއް ނީވޭނެ އެވެ. ނުއެއް ފެންނާނެ އެވެ.
އެފަދަ އެއް ރެއެއްގައި ކޯލާ ދަޅަކުން ނުފުދިގެން ބޯޓު މީހަކު އަޅުގަނޑަށް ވޯކްމަނެއް ދިނެވެ. އަޅުގަނޑު މާލެ އާއިރު ވެސް އެ ވޯކްމަން ގެންގުޅެމެވެ. އެ ވޯކްމަން އަޅުގަނޑަށް ދިނީ "ނާގޯށި" ބޯޓުން ފޭބި އދ. ހިމަންދޫ އަހުމަދެވެ. އޭނާގެ ފުރިހަމަ ނަން ހަނދާނެއް ނުވެ އެވެ.
ނޫސް ރިޕޯޓަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށި ފަހުން ހިމަންދޫގައި ހިނގައިދިޔައި ބޮޑު ހަމަ ނުޖެހުންތަކުގެ ފުރަތަމަ ދަތުރުގައި ފުލުހުންނާއެކު އަޅުގަނޑު އެރަށަށް ދިޔައިމެވެ. އެ ދަތުރުގައި ވެސް އެމީހާ ފާހަގަވާ ގޮތެއް ނުވި އެވެ. އެއީ ހިމަތޮޅި ހިސާބަކަށް "ފިޔާކޮށާ ގޮތެއް" ހުންނަ ދޮން އަަހަންމަދެކެވެ.
ފޭރާއިން ޖަހައިގެން މިއުޅެނީ އޭނާގެ ކަންކަށިމަތީގަ އެވެ. އޭނާގެ ގައިގަ ތަޅައިގަތީ މުންޑޫ އަންހެން ކުއްޖެގެ މައްސަލާގައި ހިތްހަމަ ނުޖެހިގެން ވަދެގަތް ޒުވާން ފިރިހެނުންތަކެވެ. އެ މީހާގެ ގައި ފުރަތަމަ ބޮނޑި އެޅީ ދެބުރި ގުޅާފައިވާ ފިތާބައްތިއަކުންނެވެ. އޭގެ ފަހުން އޭނާ ކޮއްޕާ ގަޅުވާފައި އެ ދިމާއިން އަތިރިމައްޗަށް ގެންގޮސް ފޭރާއިން ޖަހައި ވައްޓާލާފައި އެބަޔަކު ދުވެ ފިލައި ރައްކާވީ އެވެ. -- ހަމަ ފިސާރި ތެދަށް ދަންނަވަފާނަމެވެ. އަޅުގަނޑު އެތަނެއް ނުދެކެމެވެ. އަޅުގަނޑަށް ދެވުނީ އެވީ ކަމެއް ހިނގައި ނިމުނު ފަހުންނެވެ. އަޅުގަނޑަށް އުޅެވުނީ ކޯލާ ދަޅެއް ބޮވޭތޯ އެވެ.
މި ހިނގަނީ އެ މައްސަލައިގެ ތަހުގީގެވެ؛ ޝައުކަތު ވާހަކަފުޅު ދައްކަވާއިރު އަޑުގައި ވަރަށް ބާރު އަދި ބަރު ގޮތެއް ހުރެ އެވެ. އަޅުގަނޑަށް މެޓާ ގަނެދެއްވާފައި އަނެއްކާ ވެސް އައްސަވަނީ "ފޭރާއިިން ޖެހީ ބޯ ރަތް މީހާ" ހެއްޔެވެ؟
"ތެދަށް ނުބުނެފިއްޔާ ކައްދުއަށް ގެންދާނީ؟" އަޅުގަނޑު އަތުގައި ހިއްޕަވާފައި ޝައުކަތު ވިދާޅުވި އެވެ.
ކައްދޫއަކީ އަޅުގަނޑަށް އާ ތަނެއް ނޫނެވެ. އެކަން ޝައުކަތަށް ވެސް އެނގިވަޑައި ގަންނަވާނެ އެވެ. އެހެން ނޫނަސް އަޅުގަނޑު ނުދެކޭ ތަނެއް ނުއިވޭ އަޑެއް ބުނެދޭނީ ވެސް ކިހިނެއް ހެއްޔެވެ؟
އިލްޔާސް އިބްރާހިމްގެ އެންގެވުމަށް ކައިރު ތުއްތުމަނިކުގެ ބެއްލެވުމުގެ ދަށުން ކައްދޫ އެއާޕޯޓް ހަދަން ފެށި އިރުވެސް އަޅުގަނޑަށް އެރަށަށް ދެވެ އެވެ. އަދި ޝައުކަތުމެން ފޯރީގައި ފަޔަށް ބަޑި ޖަހައި ކޮންމެ ދުވަހަކު ޝިކާރަކޮށްގެން ހަނާ ކުރާ މާކަނާގެ މަސް ކާން ވެސް އަޅުގަނޑަށް ލިބިފައި ވެއެވެ. އެހެންވެ އަޅުގަނޑު ޖަވާބު ދިނީ މިހެނެވެ.
"މަށް މާރަނގަޅަ، މާކަނާ މަހަ ކާން ލިބޭޅެއް ނޮ!"
"މިހާރު މާކަނާ މަހެއް ނުހުރޭ މިހާރު ހުންނާނީ ގެރި!"
"އެހެންވެއްޖައްވާ ގެރި މަހަ ކާނޫ... އަދި ކައްދުއަށް ގެންދިޔައިމަ ބަޑި ޖަހާނޫ ވާއްލަށާ ކާއްޅަށް،"
އަޅުގަނޑު އެހެން ބުނުމުން ޝައުކަތު ހިނފުޅުވެޑުވި އެވެ. އެހިސާބުން ދެން އޭނާ އަޅުގަނޑު ދޫކޮށްލެއްވީ އެވެ. ގައިމަށް ވެސް ބަޔާނެއް ނުނަންގަވަ އެވެ.
ފަހުން އެނގުނު ގޮތުގައި އަޅުގަނޑު އޮބައިގަތީ ހިމަންދޫ މީހާއާ ގުޅުމެއް އޮތް މުންޑޫ އަންހެން ކުއްޖާ، -- ދުނިޔޭގައި ތާހިރު ދިރިއުޅުމެއް އުޅެމުން އެބަދޭ -- އެ ހުރިހާ މަންޒަރެއް އަޅުގަނޑަށް ފެންނާނެ ކަމަށް ތަހުގީގުގައި ބުނެފައި އޮވެގެނެވެ. އަދި ފޭރާއިން ޖެހި އިރު އެތާނގައި އަޅުގަނޑު ހުއްޓޭ ވެސް ބުނެފައި އޮވެގެނެވެ. އަޅުގަނޑަކު ނުދެކެމެވެ.
ތަހުގީގު އޮތް ރޭގެ އިރާކޮޅުވެސް އަޅުގަނޑާ ޝައުކަތާ ބައްދަލުވި އެވެ. އެއީ އަޅުގަނޑުމެންގެ ގެ، ރުއްކޮށީގޭގެ ކާގޭގެ ސުފުރާމަތީންނެވެ. އެތާނގައި އަޅުގަނޑުގެ ބައްޕަ ވެސް އިންނެވި އެވެ. ދެން ތިބީ ސިފައިންނެވެ. ކެއުމުގެ ތެރޭގައި ޝައުކަތު އަޅުގަނޑުގެ މަންމައަށް ގޮވާލައި އަޅުގަނޑަށް އިޝާރަތްކޮށް ބުންޏެވެ. "މަރިޔަން ދީދީ... މިއަދު މީނަ ވެސް ހާޒިރު ކުރަން ޖެހުނު!"
އޭގެ ޖަވާބުގައި މަންމަ ބުނީ "ރަށުތެރޭ ހިނގާ މީހުން ހާޒިރު ކުރާނެ" އޭ އެވެ.
ފަހުން އަޅުގަނޑު މާލެ އާއިރު ޝައުކަތަކީ އާއިލީ ރަހުމަތްތެރިއެކެވެ. އެގޮތް ވެފައި ވަނީ ބައިވަރު ފަހަރުމަތީން އެކި އެކި ތަހުގީގުތަކުގައި އަޅުގަނޑުމެން ރަށަށް ވަޑައިގެން ހުންނެވި އިރު އަވަހާރަފުޅު ލެއްޕެވުމާއި ފަރީއްކޮޅުގެ ކަންކަން އަޅުގަނޑުމެންގެ ގޭގައި އޮންނާތީ އެވެ. އަޅުގަނޑުގެ މަންމަ އާއި ބައްޕައަކީ ޝައުކަތުގެ ދެދުނިޔޭގެ ރަހުމަތްތެރީންނެވެ.
އަޅުގަނޑު ނޫސް ރިޕޯޓަރަކަށްވީ ފަހުން ޝައުކަތާ ވަރަށް ގިނައިން ބައްދަލުވެ އެވެ. ޝައުކަތަކީ ވަރަށް މަޝްހޫރު ފަޔާ ބްރިގޭޑަކަށް ވެފައި އަލިފާނުގެ ހާދިސާތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މުޅީން ވެސް މައުލޫމަތު ދެއްވަނީ އޭނާ އެވެ. ފުލުހާއި ސިފައިން އެކުގައި އޮތް އިރު ބައެއް ފަހަރަށް ފުލުހުންގެ ފަރާތުން އަލިފާނާ ގުޅޭ މައުލޫމާތު ދެއްވަނީ ވެސް ޝައުގަތެވެ.
އަބަދުވެސް ވަރަށް ގާތްކޮށް ވާހަކަފުޅު ދައްކަވާ އުޅުއްވި އެވެ. ވަރަށް ގިނައިން ސަމާސާ ވެސް ކުރައްވާނެ އެވެ. އެއް ފަހަރަކު ފުލުސް އޮފީހުގައި އޮތް މައުލޫމާތު ދިނުމެއްގެ އަރިމަތީގައި ނުސްވެރިންނަށް ބިސްކޯދާ ކޯލާ ބަހައްޓާފައި ހުއްޓެވެ. އެ ދުވަހު ޝައުގަތު ވަޑައިގެން އަޅުގަނޑުގެ ގައިގާގައި ކޮއްޓާލާފައި ކޯލާ ތަށި ދައްކަވައި ލައްވާ ހަދާންތައް ތާޒާކޮށްލައި ދެއްވި އެވެ. އެ ބާވަތުގެ ސަމާސާ ވަރަށް ގިނައިން ކުރައްވަ އެވެ. މިހާރަކު އަޅުގަނޑު ކޯލާއެއް ނުބޮމެވެ. އަޅުގަނޑުގެ ކުދީންނެއް ވެސް ނުބޮ އެވެ. އެކަމަކު އަޅުގަނޑުގެ އަންހެނުންނަށް ކޯލާ އަޅައިދިން ވަރަކަށް ބޯނެ އެވެ.
ޝައުކަތާ ބައްދަލުވާ ކޮންމެ ފަހަރަކުވެސް ވަރަށް ޝައުގުވެރި ކަމާއެކު އަޅުގަނޑާ ދައްކަން ބޭނުންފުޅުވާ ވާހަކައެއް އޮވެ އެވެ. އެއީ ނޫސްވެރިކަމުގެ ވާހަކަ އާއި ނޫސްވެރިންގެ ވާހަކަ އެވެ. ނޫސްވެރިން ހަބަރު ލިޔާ ގޮތް ޝައުކަތަކަށް ކަމަކު ނުދެ އެވެ. އަމުދުން ސުރުހީތައް ހުންނަނީ މާ ބޮޑަށް ގޯސްކޮށެވެ. ވަރަށް ގިނައިން މިހެން ވިދާޅުވެ އެވެ. "ގަލަމަކީ ކަނޑިއަކަށްވުރެ ތޫނު އެއްޗެ"ކެވެ. "ސަރުކާރާއި އާންމުންގެ ބަނޑަށް ގަލަން ހަރައިގެނެއް" ނުވާނެ އެވެ.
އޭޕްރީ 16، 2003 ގައި ޝަރަފުވެރިކަމާއެކު ސިފައިންގެ ހިދުމަތުން ވަކިވެވަޑައިގެންނެވި ފަހުން ޝައުކަތު އަޅުގަނޑަށް ދެ ފަހަރެއްގެ މަތީން ގުޅުއްވި އެވެ. އެއީ މާލޭގައި ހިނގި އަލިފާނުގެ ބޮޑު ދެ ހާދިސާއަކާ ގުޅިގެނެވެ. ބޭނުންފުޅަކަށް ވެވަޑައިގަތީ މާލޭގައި އަލިފާން ނިއްވުމާ ބެހޭ ގޮތުން އަޅުގަނޑު ލައްވާ ނޫހުގައި ލިޔުއްވުމެވެ. އޭގެ ފަހުން ދެން އަޅުގަނޑާ ބައްދަލުވީ އަވަހާރަވުމުގެ ދެތިން މަހެއްހާ ދުވަސް ކުރީން މިފްކޯގެ މަސްފިހާރަ އިންނެވެ. ކިޔޫގައި ހުންނަވާފައި ގޮވާލެއްވުމުން އެއީ ކާކުކަން ނަގައި ނުގެނެވި އިރުކޮޅަކު ހުންނާން އަޅުގަނޑަށް ޖެހުނެވެ. ފަސޭހައިން އެނގޭ ގޮތެއް ނުވީ ހިސާބަކަށް ތުނބުޅި ދިގު ކުރައްވާފައި ހުންނެވުމުންނެވެ. މުޅި އެ ތުނބުޅި ވެސް ހުދުވެފައި ވެއެވެ. ފަހުން ހާލު އަހުވާލު އޮޅުންފިލުވާލެއްވި އެވެ. އެކަމަކު އެ ދުވަހު އަޅުގަނޑަށް ވުރެ ގިނައިން ވާހަކަފުޅު ދެއްކެވީ އަޅުގަނޑާއެކު އެދުވަހު ފިހާރައަށް ދިޔަ މިހާރުވެސް ސިފައިންގެ ތެރޭގައި އުޅޭ އަޅުގަނޑުގެ ކޮއްކޮ އާއެވެ. ކަންދިމާ ކުރި ގޮތުން ކޮއްކޮ މިހާރު ހުންނަނީ ވެސް ކައްދޫގަ އެވެ.
ހިތްޕުޅުގެ އާލާސްކަންފުޅަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ހޯއްދަވަނިކޮށް ޝައުކަތު އަވަހާރަވީ ޑިސެމްބަރު 7، 2017 އިގަ އެވެ. އެ ހަބަރުވީ އަޅުގަނޑަށް ހިތަށް ފަޅު ކަމެއް ގެނުވައި ފުން އަސަރެއް ކުރުވި ހަބަރަކަށެވެ. ޝައުގަތަކީ އަޅުގަނޑުގެ ހަނދާނުން ފިލައިގެން ދާނެ ނަމެއް އަދި ޝަހުސިއްޔަތެއް ވެސް ނޫނެވެ. އޭނާއަށް ދިންނެވުމާއި ފުއްސެވުން ދެއްވާށި އެވެ. ސުވަރުގޭގެ ދާއިމީ ރަޙުމަތާއި ނިއުމަތް މިންވަރު ކުރައްވާށި އެވެ.