ރިޕޯޓް

އެހަނދާނުގައި: މަށާއި ކާފުދާލު!

Jun 4, 2018
20

ވަގުތުން ސާފުވިއެއް ކަމަކު އަޅުގަނޑުގެ ފުރަތަމަ ފޮޓޯގަނޑު ލޮލަށް ފެނުމުގެ ނަސީބެއް އަޅުގަނޑަކަށް ނުލިބުނެވެ. ފަހަކުން ވެސް އެ ލިބޭ ގޮތެއް ނުވި އެވެ. އެ ގަނޑުގައި އަޅުގަނޑު އިންނާނީ ސުތުލި ގޯނި ޖެހި ފަތްޖެހި އެނދެއްގައި ފެހި ކުލައިގެ ސޯޓަކާއެކު މަތީން އެއްޗެއް ނުލަ އެވެ. ކަރުގައި ރަން ފައުނުލީ ފަލަ ހެތަރެއް ކަހަލަ ގޮށްފައްޓަރެއް އަޅާފައި އޮންނާނެ އެވެ. އަތުގައި ރިއްސެޔޮ ނުލާ ގިތީގެ ތިން ޖަނބުރޯލް ހިމެނޭ ކޯޅިއެއް ވެސް އޮންނާނެ އެވެ. ފޮޓޯގައި އަޅުގަނޑު ލައިގެން އިންނަ ފެހި ކުލައިގެ އެ ސޯޓްގެ ވާހަކަ ނުބުނެ ވާކަށް ނެތެވެ. އެއީ ވަރަށް ދެމޭ ސޯޓަކަށްވާތީ އެވެ.

އެ ސޯޓަކީ ބޭރު ދަރުކުރި އަޅުގަނޑުގެ އާއިލާގެ މެންބަަރަކު ސީމޭން ކްލަބަކުން ގެނައި އެތައް ބައިވަރު ހަރުވާޅުތަކެއްގެ ތެރެއިން ބެލްސެއް ފާޑު ހަރުވާޅެއްގެ އެއް ފައިކުރިން ފެހި ސޯޓްތަކެއްގެ ތެރެއިން ސޯޓެކެވެ. އެ ފައި ކުރިން އަޅުގަނޑުގެ ހަގަށް ހުންނަ އަލީއަށް ދެ ސޯޓް އަޅުގަނޑަށް ދެ ސޯޓް، ރުއްކޮށީގޭ ކުރިމަތިން ހުންނަ އަޅިފަށުއިގޭ ދޮށީ ދެބެންކުރެ ކޮންމެ ގޮލައަކަށް ދެ ސޯޓެވެ. އަދި ބެލްސް ގެނައި ބޭބެގެ އަޅުގަނޑުމެނާ އެއް ފުރައިގެން އަހައްމަދަށް ދެ ސޯޓް ފަހާފައި އަޅުގަނޑުގެ ދޮއްޓަށް ހުންނަ ދޮންދައްތައަށް ފިސާރި ކަރުބޮޑު ފިއްތިކޮޅެއް އަންމާ ފެހި އެވެ.

އަހައްމަދު ފިޔަވައި އަޅުގަނޑުމެން ހަތަރުބެއިންނަކީ ވެސް ތަންމައްޗަށް ފަހަރުވަ ލައި އުޅުނު ކުދީންނެވެ. އޭނާވެސް ނުލައި ކަމަށް ބުނަނީ އެވެ. ހުރަހެއް ކަނޑައިފީވިއްޔާ ގޮރު ވަހެއް ހުރެ އެވެ. ސޯޓާ ގުޅޭ ވަރަށް މަޖާ ކަމެއް ވެސް ހިނގާފައި ވެއެވެ. ދެމޭ ސޯޓަކަށް އެ ސޯޓު ވަނީ އެހެން ވެގެނެވެ. އެނދަށް ފަހަރުވާލެމުން ފަތިހު ފަތިހާ ސޯޓް ހިފައިގެން ގޮސް އަނެއް ގޭގެ ގިފިލީ ރޯނުގައި އޮންނަ ގުރާ ފެހި ސޯޓްލައި ފަހަރުވާ ލެވުނު އަޅުގަނޑުގެ ގުރާފެހި ސޯޓް އެގޭގެ ގިފިއްޔަށް ދޫކޮށްލާފައި ދުވެ އަންނަނީ އެވެ. އެކަމަކު އެކަން ސިއްރެއް ނުވެއެވެ. ސަބަބަކީ އަޅުގަނޑު ނިދާން އަރާ ފަތްޖެހި އެނދު އޮންނަނީ ފޯވެ ތިކިލައިލަ އެވެ. ދުވާ ހުތް ވަހުން ހަތަރުދަން ފަށަށް ކައިރި ނުވެވެ އެވެ.

މި ދެންނެވި ފޮޓޯ ނެގި ދުވަހަކީ ތަންމައްޗަށް ފަހަރުވާލައި ސޯޓް ބަދަލު ކުރެވިގެން އަމިއްލަ ގޭގައި އަޅުގަނޑު ބީރައްޓެއްސަކަށްވެފައި ހުރި ދުވަހެކެވެ. އަތޮޅުވެރިން ވަޑައިގަންނަވައިގެން އެންމެންހެން ފޮޓޯ ނަގަމުން ގޮސް އަޅުގަނޑު ވެސް ގެން ގެންގޮސް އެ ފަތްޖެހި އެނދުގައި ގަދަކަމުން ބޭންދީ އެވެ. އެ އެނދަކީ އަޅުގަނޑު ފަހަރުވާ ލުމުން ހޫނު ފެން އަޅައި އަތްވަށް ނެރުނު ގޮތަށް ފަތުރާލާފައި ހުރި އެނދެކެވެ. އަވި ނިވައިލުމުން ހަވީރު ފިންޏަށް އެނދަށް އެރޭވަރަށް ވަސް ކެނޑިފައި ވަނީ އެވެ.

އެ ފޮޓޯ ނަގާން ހުންނެވީ އޭރުގެ އަތޮޅުވެރިޔާ އެވެ. އަޅުގަނޑު ނުދާން ބޮޑާ ހާކައިގެން ހުއްޓާ "އަންނާނެންޏާ އަންނަހަރޭ، ނަޔަސް ގެނެސް ފޮޓޯ ނަގާނަމޭ" ވިދާޅުވެ އުރާލައިގެން ކަހަލަ ގޮތަކަށް ގެން ގޮސް އެނދުގައި ބޭންދީ ވެސް އަތޮޅުވެރިޔާ އެވެ. އަޅުގަނޑަށް ހާއްސަ އަދި ތާރީހީ އެ ބޭފުޅަކީ މުޅި ރާއްޖެއަށް މަޝަހޫރު ކދ. އަހުމަދު މަނިކު އަދި ފަހުން ކޭޑީ އެވެ. ގައުމީ ހިދުމަތްތެެރިއެކެވެ. ޅެންވެރިއެއް، ވާހަކަ ދެއްކުންތެރިއެއް ލިޔުންތެރިއެއް އަދި ތާރީހު ދިރާސާ ކުރައްވާ ބޭފުޅެކެވެ. ކުޅިވަރުގެ ޝަހުސިއްޔަތެއް، ފޮޓޯގްރާފަރެއްވެސް މެއެވެ.

ކާފުދާލު އެ ފޮޓޯ ނެންގެވުމަށްފަހު ސާފުކޮށްލެއްވުމުގެ ގޮތުން ގަނޑުގެ ކަނެއްގައި ހިއްޕަވައި ދެއަތަށް ތަޅުވާލައްވައި ފުމެލައްވާފައި ދެއްވީ އަޅުގަނޑުގެ ދޮންބޭބެ، މުންޑޫ މުހައްމަދު ފުޅުގެ އަތްޕުޅަށެވެ.

ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމަށް ފަހު ލ. އަތޮޅުގެ އަތޮޅުވެރިޔާ ކަމުގެ މަގާމުގައި ކާފުދާލު ހުންނެވީ ރައީސް މައުމޫން ދެއްވި އަދަބެއްގެ ގޮތު، 42 ދުވަހަށެވެ. އެއީ ނޮވެމްބަރު 15، 1978 އިން ޑިސެމްބަރު 27، 1978 އަށެވެ.

"ވެރި ކަން ބަދަލުވުމުން ނަމެއްގައި އަތޮޅުވެރިކަަން ދެއްވާފައި މަހެއްހާ ދުވަހަށް ހައްދުމައްޗަށް އަރުވާލެއްވީ" މިއީ ކާފުދާލު ވިދާޅުވާ ގޮތެވެ. އެ މުއްދަތުގައި އަޅުގަނޑުގެ އާއިލާއާ ބޭއްވި ގާތް ކަމާއި އަޅުގަނޑުގެ ފޮޓޯއެއް ވެސް ނަންގަވާފައިވާތީ އަޅުގަނޑަށް، އަޅުގަނޑު އެނގެން ފެށީއްސުރެ ވަރަށް ބޮޑަށް ކދ. އަހުމަދު މަނިކު ދެކޭ ހިތް ވެއެވެ.

އަތޮޅުވެރިޔާ ކަމުގެ ކުރު މުއްދަތު ހަމަވުމުން ކާފުދާލު މާލެ ވަޑައިގަންނަވައިފި އެވެ. އޭގެ އެތައް އަހަރެއް ފަހުން ހަލުވަމުން ހެލުވަމުން އައި ދޯންޏެއްގައި އަޅުގަނޑަށް ވެސް މާލެ އާދެވިއްޖެ އެވެ. އަދި އެނބުރެމުން އެނބުރެމުންދާ ގާކޮޅެއްހެން މާލޭގެ ގޭގެއަށް ބަދަލުވާން ފެށިއްޖެ އެވެ. އެއީ ވަރަށް ބައިވަރު ގޭގެ އެވެ.

އޭގެ ތެރެއިން ހުންނާން ޖެހުނު ގެއެއްގެ ބޭފުޅަކު ކދ. އަހުމަދު މަނިކުގެ ބޭކަނބަލަކާ ކައިވެނި ބައްލަވައިގެން އުޅުއްވަ އެވެ. އަޅުގަނޑު ހަނދާންވާ ގޮތުން އެކަމަނާ އުޅުއްވަނީ އޭރުގެ އެއާމޯލްޑިވްސްގަ އެވެ. އެ ބޭފުޅުންގެ އެދިވަޑައިގަތުމަކަށް ހެންވޭރު ޝޭޑީގްރޯވް ގައި ހުރި ގާކުނޑިތަކެއް، ގާޑިއަލުގައި އުކާލަން ދާން ޖެހުނެވެ. އެގެ އަކީ ކާފުދާލުގެ ގެއެވެ.

އަޅުގަނޑާއެކު އެ ގެއަށް ދިޔައީ ކްލަބް ވެލެންސިޔާގެ ގޯލަށް ކުޅުނު ހުސައިން ހަބީބާއި އީގަލްސްގެ ފަހަތަށް ކުޅުނު އިސްމާއީލް ޝަރީފާއި އޭނާގެ ދޮއްޓަށް ހުންނަ އަހުމަދު ޝަރީފާއި އެ ކުދީންނާއި ދެބެގެން ދެދަރި، އަދި ވިކްޓަރީއަށް ކުޅުނު މުހައްމަދު ހިބްރާހިމް (ކައްޕި) އެވެ. ގައުމީ ކެޕްޓަނެކެވެ.

ޝޭޑީ ގްރޯވް އަށް ދިޔައިރު އަޅުގަނޑުމެންގެ ތެރޭގައި ދެކެވުނީ ހުކުރު ކުރިން އުކައިލަންޖެހޭ ބޮޑު ގާ ފުނީގެ ވާހަކަ އެވެ. އެ ގެއަށް ދެވުމުން ގާ ފުންޏަށްވުރެ އަޅުގަނޑަށް ބޮޑުވީ ހެދިފައި ހުރި ބިޔަ ސައްކެޔޮ ގަހާއި އެ ގަހުގައި އަޅާފައިވާ ހެސަ ބޮޑު ދެތިން ސައްކޭލެވެ. ހަމަލޮލުން ސައްކޭލެއް ދެކެ ބީހުނު އާ ފަހަރަކީ ވެސް އެއީ އެވެ. ރަހަ ބަލައިލާން ލިބުނީ މާލެ އަތޮޅު ބޮޑު ބަނޑޮހުގަ އެވެ.

ޝޭޑީގްރޯވްގެ ގާފުނި ނަގާން އުޅުނު އިރު އަޅުގަނޑު ހިތައި ހުރީ އެތަނަށް ކދ. އަހުމަދު މަނިކު ނުކުންނަވާނެ ކަމަށެވެ. އެކަމަކު އެދުވަހަކު އެ ނަސީބު މިންވަރެއް ނުވި އެވެ. އެކަމަކު ހުކުރު ކުރީން ގާފުނި ބޭރުކޮށް ތަން ސާފު ކޮށްލެވުމުގެ ހިތްހަމަޖެހުން ލިބުނެވެ.

އޭގެ އަހަރުތަކެއް ފަހުން އާފަތިހުގެ ރިޕޯޓަރަކަށް އަޅުގަނޑަށް ވެވިއްޖެ އެވެ. އެ ނޫހުގެ ޓައިޕިސްޓުންގެ ތެރޭގައި ވެސް ކދ. ގެ ބޭފުޅަކާ ކައިވެނި ބައްލަވައިގެން އުޅުއްވާ ބޭފުޅަކުވެސް އިންނަވަ އެވެ. ކަންދިމާ ކުރި ގޮތުން އަޅުގަނޑު ލިޔާ ވަރަށް ގިނަ ލިޔުންތައް ޓައިޕް ކުރަނީ ވެސް އޭނާ އެވެ. ވާހަކަ ދެކެވި ރަހުމަތްތެރިޔަކަށްވި އެވެ. ވަރަށް ގިނައިން އަޅުގަނޑަށް މީރު ހެދިކާ ގެނެސް ދެއްވާނެ އެވެ. އަދި ބޭނުމޭ ބުންޏަސް ޖެހިގެން އަންނަ ދުވަހު ނޫސް ކަރުދާހުގައި އެއެއް ގެނެސް ދެއްވަ އެވެ.

އޭނާގެ ގާތުގައި ވަރަށް ގިނައިން އަޅުގަނޑު ކާފުދާލުގެ ވާހަކަ ދައްކައި އަހައި ހަދަމެވެ. އޭނާގެ ޖަވާބަކަށް ވަނީ ހަމައެކަނި ހީނލުމެކެވެ. މިހައިރު އަޅުގަނޑު އޭނާ ނުދެކޭތާ ވަރަށް ޒަމާން ވެއްޖެ އެވެ. ނަން ފިޔަވައި އަޅުގަނޑު ވަރަށް ބަދަލުވެފައި ހުރުމާއެކު ގާތުން ފެނުނަސް މިހައިރު އަޅުގަނޑަށް އެ ބޭފުޅަކު އެނގޭނެ ހެނެއް ހީއެއް ނުވެއެވެ.

އޭގެ ދުވަސްކޮޅެއްފަހެވެ. އެކަމަކު ހަވީރުގެ ނޫސްވެރިޔަކަށް ނުވަނީސް ފުރަތަމަ ފަހަރަށް ކާފުދާލާ ވާހަކަ ދެކެވޭ ގޮތް ވެއްޖެ އެވެ. ފޯނުންނެވެ. އޭރު އެމަނިކުފާނު ހުންނަވަނީ ޕަބްލިކް ވޯކްސް މިނިސްޓްރީގެ ނައިބުގެ މަގާމުގަ އެވެ. ކާފުދާލާ ގުޅީ މާލޭގައި ހަތަރު ބުރިއަށް ނޫނީ ފަސްބުރިއަށްވުރެ މައްޗަށް އިމާރާތް ކުރުމުގައި އަމަލަ ކުރަންޖެހޭ ގޮތާބެހޭ ގޮތުން މިނިސްޓްރީން ކުރި އިއުލާނެއްގެ ތަފުސީލެއް ހޯދާށެވެ.

އަޅުގަނޑުގެ ގުޅައިލުމުން ވަރަށް ގިނަ ވާހަކަ، ވަރަށް ދިގުކޮށް ބަރުކޮށް ދެއްކެވި އެވެ. މައިގަނޑު ވާހަކަފުޅަކީ އެ މަނިކުފާނު ވެސް ލިޔެ އުޅުއްވާ ވާހަކަ އެވެ. އަދި މިހައިރަށް އަލަށް އުފެދޭ ލިޔުންތެރިންނާއި ނޫސްވެރިން، ބަސް ސުންނާފަތިކޮށް ހަލާކު ކުރާ ވާހަކަ އެވެ. އެހުރިހާ ވާހަކަފުޅެއް ދައްކަވާފައި ދެންވި ވިދާޅުވީ "ތިޔަ ކުރާ ސުވާލެއްވިއްޔާ ދެން ކޮށްބަލާށޭ!" އެވެ.

އަޅުގަނޑު ކުރި ސުވާލަކަށް ވިއްޔާ ޖަވާބު ދެއްވި އެވެ. އޭގެ އަނެއް ދުވަހު ހެނދުނު ނޫސް ޗާޕްވެގެން ނުކުމެ ރަނގަޅަށް ހިނގައި ނުގަންނަނީސް ކާފުދާލު އަޅުގަނޑަށް ގުޅުއްވައިފި އެވެ. ހުންނެވީ ވަރަށް ބޮޑަށް ކޯފާވެފަ އެވެ. އަޅުގަނޑު ލިޔުނު ހަބަރުގައި އެމަނިކުފާނު ވިދާޅު ނުވާ ވާހަކައެއް ހިމަނާފައިވާ ކަމަށާއި އެ ކަމާ ގުޅިގެން ބަޔާނެއް ނެރުއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ޑިޕާޓްމަންޓް އޮފް އިންފޮމޭޝަނަށް މައްސަލަ ފޮނުވާނެ ކަމަށް ވިދާޅުވެފައި ފޯނު ކުރުކޮށްލެއްވީ އެވެ.


އޭގެ އިރުކޮޅެއް ފަހުން އަލުން ގުޅުއްވި އިރު އަޅުގަނޑު އިނީ ރީއްޗަށް ރާޑިވެ ރޮވިފަ އެވެ. މިފަހަރު ގުޅުވައި އަލުން އަޅުގަނޑު ހޯއްދައިގެން އަދި އެއްވާހަކައެއް ވިދާޅުވާން އެބައޮތް ކަމަށް ދެންވި އެވެ. އަޅުގަނޑަށް ދެންނެވުނީ "އާދޭހޭ ވިދާޅުވާށޭ" އެވެ. ވިދާޅުވީ "ސައިޒަށް ވުރެ މާ ބޮޑުވެގެން ގަލަމަކީ މީހުންގެ ބަނޑު ހެހޭ ފޭރާއަކަށް ހެއްދެވީމާ ދެން އާދަހަލީމާ ގުޅުން ކެނޑުނީއޭ!" އެވެ.

މިއޮށްވީ ގޮތެއް ނިކަން ބަލައިބަލާށެވެ. ބައްދަލު ކުރާ ހިތްވާ ޝަހުސިއްޔަތާ ބައްދަލު ނުވެވެނީސް ކުރެވުނު އެންމެ ކަމަކު ކޯފާވެ، ގުޅުން ކެނޑުނީ އެވެ. އެ ހަބަރުގައި އަޅުގަނޑަށް ހެދުނު ގޯހަކީ މައުލޫމާތެއްގެ ގޮތުގައި މިސާލެއްގެ ގޮތުން ވިދާޅުވި އިމާރާތެއްގެ ނަން ބޭނުން ކުރެވުނީ އެވެ. މި ދެންނެވި އިމާރާތް މިހާރު މާލެ މައްޗަށް، ވަރަށް އުހަށް އަރާއި އެހެން އިމާރާތްތަކާ ދިމާއަށް ބަލާން އެބަހުރެ އެވެ.

ކާފުދާލު ގެއްލުނަސް އަޅުގަނޑުގެ ނަސީބުގެ އެހާ ގޯހެއް ނުވި އެވެ. ޕަބްލިކް ވޯކްސް މިނިސްޓަރު އުމަރު ޒާހިރުގެ އަރިހުގައި އަޅުގަނޑު ވަރަށް މަގުބޫލެވެ. މިނިސްޓަރު ވިދާޅުވާ ގޮތުން އަޅުގަނޑަކީ " ބޯ ނުކޮށާ ފްރެންޑެ" ކެވެ. ވަރަށް ގިނައިން ޒާހިރު އިންޓަވި ދެއްވަނީ ވެސް މުޅީންހެން އަޅުގަނޑަށެވެ. އަދި މިހައިރުން ވެސް އެއްޗެއް ކޮންމެހެން ވިދާޅުވާން ބޭނުންފުޅުވެއްޖެވިއްޔާ ގުޅުއްވަނީ އަޅުގަނޑަށެވެ. އެ މިނިސްޓްރީގެ އެންމެ ގިނަ މަސައްކަތްތަކާ ހަވާލުވެ އުޅުއްވަނީ މައިޒާން އިބްރާހިމް މަނިކެވެ، އޭނާ ވެސް އަޅުގަނޑާ ގާތެވެ. އެހެންވެ ކާފުދާލާ ގުޅުން ކެނޑުނަސް ބޮޑު ބިޔަ މިނިސްޓްރީގެ މަސައްކަތްތަކުގެ މައުލޫމާތު ހޯދާކަށް ދައްޗެއް ނޯވެ އެވެ.

އެއްހާސް ނުވަސަތޭކެ ނުވަދިހައަށްވަނަ އަހަރާއި ޖެހިގެން އައި 1999 ވަނަ އަހަރުން ބައެއްގައި އަޅުގަނޑު ހުންނާން ޖެހުނީ އައްޑު އަތޮޅުގަ އެވެ. އެއީ ފޭދޫގައި ހަވީރުން ގާއިމް ކުރި "ހަވީރު އައްޑޫ ބިއުރޯ" ހިންގުމާ ހަވާލުވެގެނެވެ. އަޅުގަނޑު މިހިރަ ކުޑަކުޑަ، ތަރުތީބެއް ނެތް އިންސާނާ އެވަރުގެ ބޮޑު އޮފީހަކާ އެހައި ޅައުމުރުގައި ހަވާލުވީމާ އެތަނަކަށް "ބޮޑު ރާޅު" އަރާފައި އޮންނާނެ ގޮތް ހިތްޕުޅަށް ގެންނަވާށެވެ.

އައްޑު އަތޮޅުގެ ހުރިހާ ހަބަރެއް ނޫހަށް ދަނީ އަޅުގަނޑުގެ ބެލުމުގެ ދަށުންނެވެ. އައްޑު އަތޮޅުގެ މަގުތައް ހެދުމާއި ގަމުގެ މަސައްކަތްތަކާއި ބަނދަރު ހެދުމާއި ފުން ކުރުމާއި ނެރު ގޮއްވުމާއި ގޮނޑުދޮށްތައް ވެލީން މުއްސަނދި ކުރުމާއި ވިޔަފާރި އާއި އާންމު ހަބަރުތައް ނޫހާ ހަމައަށް ގެނެވޭން އޮންނަނީ އަޅުގަނޑު މެދުވެރިކޮށް ކަމަށްވާތީ މިނިސްޓަރު އުމަރު ޒާހިރާއި މައިޒާން އިބްރާހިމް މަނިކު އަޅުގަނޑަށް ވަރަށް ގިނައިން ގުޅުއްވާ ހައްދަވަ އެވެ. ހަމަ ވަރަށް ގިނައިންނެވެ.

އެއް ދުވަހަކު ފޯނު ކޯލެއް އަތުވެއްޖެ އެވެ.
"މިއީ ކާފުދާލު އިނގޭތޯ؟"

އެ ބަރު، ވަރުގަދަ އަޑު ޖެހުމާއި "މިއީ ކާފުދާލޭ" ވިދާޅުވުމާއެކު އަޅުގަނޑު މިހިރަށް ބޯހަރު ގޮލައި މެންދުރަށް ވިރޭ ބޮލާކީނުހެން ދިޔައި ވެއްޖެ އެވެ.

"އާދަހަލީމް މާދަމާ މިނިސްޓަރު އައްޑު އަތޮޅަށް އެބަ ވަޑައިގަންނަވާ،"
އާދެ، އާދެ!"
"އާދަހަލީމް ގޮވައިގެން ހުޅުމީދޫއަށާއި ހިތަދޫ ބަނދަރު ބައްލަވައިލަން ވަޑައިގަތުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވި، އެ ދަތުރުގައި ވަޑައިގެންނެވޭ ގޮތަށް ހުންނަވައިފިއްޔާ ވަރަށް ރަނގަޅޭ ދަންނަވަން ވެސް މިނިސްޓަރު ވިދާޅުވި."

ހުއްޓުމެއް ނެތި ވާހަކަ އޮއްސަވަމުން ދެންދެވި އިރު އަޅުގަނޑަށް މޫނުގައި ފަހަރަކު އެތިފަހަރެއް ވިހެލަމުން ދިޔަހެނެވެ. އެ އަޑުގެ ފުދޭ ކަމާއި ވަރުގަދަ ކަމާއި މާޒީ އޮތް ގޮތުންނެވެ. އެވަރަށް ބިރުވެސް ގަންޖެވެ. އެކަމަކު ވެސް "އާދޭހޭ ދެވޭނެއޭ" ދަންނަވައިފީމެވެ. ދެން ފޯނު ކުރުކޮށްލައްވައިފި އެވެ.

ބިއުރޯގައި އަޅުގަނޑު ބޭނުން ކަމެއް ބޭނުން ގޮތަކަށް ވަރަށް މިނިވަން ކަމާއެކު ކުރެވެ އެވެ. ހުޅު މީދޫއަށް ވިޔަސް ފުވައްމުލަކަށް ވިޔަސް ދެވެ އެވެ. އިތުރު ބޭފުޅެއްގެ ހުއްދައެއް ހޯދާކަށް ނުޖެހެ އެވެ.

ޖެހިގެން އައި ދުވަހު މިނިސްޓަރު ވަޑައިގެންފިކަން އަޅުގަނޑަށް އެނގެ އެވެ. އެކަމަކު ހަބަރެއް ނެތެވެ. ކާފުދާލުވެސް ނުގުޅުއްވަ އެވެ. އިބްރާހިނިކު ވެސް ނުގުޅުއްވަ އެވެ. އަޅުގަނޑުވެސް އަޅައި ނުލައި އުޅުނީ އެވެ. އެދުވަހު މެންދުރެއްހާއިރު ބިއުރޯގައި އަޅުގަނޑު އިންދާ ކުއްލިއަކަށް އުމަރު ޒާހިރުގެ ކާރުކޮޅު ބިއުރޯގެ ކުރިމައްޗަށް މަޑުކޮށްލާފައި ބިއްލޫރި ކައްސަވާލައްވާފި އެވެ. އާދައި މަތީން ފުރަތަމަ ވިދާޅުވީ މިހެނެވެ:
"ތިއީ އެއްކަލަ، އަދި ވެސް ބޮލެއް ނުކޮށޭ!"
ދެން ވިދާޅުވީ "ކާން ދާންވީއޭ" އެވެ. އަޅުގަނޑަށް ދެންނެވުނީ ހަމަ މިހާރު ތޯއޭ އެވެ. ވިދާޅުވީ "ހަމަ މިހާރު ތިހުރި ގޮތަށް ދާންވީ މަރަދޫފޭދޫއަށް، ކާންވީމާ ގަޑިއެއް ނޯވޭ!"

ކާރަށް އެރުމާއެކު ވެސް ތިޔަ އިސްތަށިގަނޑު ކޮށައި ތުނިކޮށްލާނީ ކޮން އިރަކުން ހެއްޔޭ އެއްސެވި އެވެ؟ އެ ސުވާލު ކުރައްވާ ދެން ވިދާޅުވީ "މިހާރު މިދަނީ ނިޒާރު ކަތީބުގެ ގެއަށެވެ. އޭގޭގައި އިބްރާހިނިކާއި ކާފުދާލު ވެސް އެބަ އިންނެވި އެވެ. ވަރަށް ވަރުގަދަ މަހެއް ފިހެގެން އެކާން އިންތިޒާރު ކުރަނީ އެވެ."

ކާރުގެ ފިނީގެ ތެރޭގައި ވެސް އަޅުގަނޑު ދާހިތްލައި ފޯވެއްޖެ ކަހަލަ އެވެ. މަޑުމަޑުން އިނދެފައި ދެންނެވުނީ އެތާނގައި ކާފުދާލުވެސް އެބަ އިންނެވިތޯއޭ އެވެ؟ އެއަކަށް ވަޒީރު ޖަވާބެއް ނުދެއްވަ އެވެ. ވިދާޅުވީ "ކާފުދާލަށް ކާފުދާލު ކިޔުނު ގޮތް އައްސަވަން ކެރޭނެ ހެއްޔޭ" އެވެ. ޖަވާބު ދޭން ބޭނުންވިޔަސް އަޅުގަނޑަށް އިނދެވުނީއަކީ އެހާލަކު ނޫނެވެ. ކާފުދާލު ސިފަ ކުރައްވާފައިވާ ގޮތާއި އަދި އިއްޔެއަކު އައި ވަރުގަދަ އަޑު އަޅުގަނޑު ސިކުނޑި ތޮރުފައި ކައި ހުސް ކުރަމުންދާހެން ހީވާތީ އަޅުގަނޑަށް އިނދެވުނީ ބިރެއް ގެންފަ އެވެ.

ކަތީބުގެ "އާނަރު" ގެއަށް ދެވުނީ މެންދުރުފަހު ދޭއްޖައި ބައިގަޑީގަ އެވެ. ގޯތި ތެރޭގައި ހުރި ޖޯލި ފައްޗެއްގައި ކާފުދާލާއި އިބްރާހިނިކާއި ނިޒާރު ތިއްބެވި އެވެ. ކާފުދާލުގެ އަތްޕުޅުގައި ކެމެރާއެއް ވެސް އޮތެވެ. މިިނިސްޓްރީގެ އެހެން ދެ ތިން މުވައްޒަފަކާއި ރަށު އޮފީހުގެ ދެ ތިން ބޭފުޅަކު ވެސް ކުރި މައްޗަށް އަތް ހުރަސް ކޮށްލައްވައިގެން ކޮޅަށް ތިއްބެވި އެވެ. މިނިސްޓަރު ވަދެ ވަޑައިގަތުމާއެކު "ހާދަލަހެއް ތިޔަވީ ކިއެއްވެހޭ؟" ކާފުދާލު އައްސަވައިފި އެވެ.

އަދި "ނިޒާރު ފިހުނު، މަސް ކާފުދާލު ކައިފިއޭ" ވިދާޅުވެފައި އިބްރާހިނިކު ޖެއްސެވި "އެއް ހެއްހެއްހެއް" ގެ ހިނިގަނޑެއްގެ ސަބަބުން އެތަނުން މިނިސްޓަރަކީ ކޮބައިކަން އިރުކޮޅަކަށް އަޅުގަނޑަށް އޮޅޭ ގޮތްވި އެވެ.

ނިޒާރު ވަޑައިގެންނެވީ ސުފުރާ ތައްޔާރުތޯ ބައްލަވައިލެއްވުމަށެވެ. އަޅުގަނޑު ދުރުގައި މަޑުކޮށްލައިގެން ހުރީ އެވެ. ކުޑައިރުކޮޅަކަށް އަޅުގަނޑަށް ފެނުނު މަންޒަރުތަކަކީ އަޖައިބެކެވެ. މިނިސްޓަރު އުމަރު ޒާހިރާއި ކާފުދާލާއި އިބްރާހިނިކުގެ ހުނުމާއި ސަކާރާތްޖެއްސެވުމެވެ. އަޅުގަނޑަށް ހަމަ ފެނުނީ އެކުގައި އުޅޭ ބާރަތޭރައިގެ ތިން ފިރިހެން ކުދީންވެސް ކުރާނެ ސަމާސާ އާއި ކިޔާނެ ހަޖުލާއި ކުރާނެ ޖެއްސުމެވެ. ހަމަ ހީވަނީ ކުޑަކުޑަ ތީން ކުދީންހެވެ. ސަކަރާތް ޖަހަމުން ގޮސް ކާފުދާލު ހައްދަވާ ގޮތަކީ ފުރަގަހުން މިނިސްޓަރުގެ އިސްތަށިފުޅުގައި ކޮއްޓަވައިލައްވާފައި "އަޅުގަނޑެއް ނޫން އިބްރާހިނިކު އިނގޭތޯ!" އޭ ވިދާޅުވަނީ އެވެ. އިބްރާހިނިކު ވެސް "އަޅުގަނޑެއް ނޫން ކާފުދާލު އިނގޭތޯ!" އޭ ވިދާޅުވެފައި އެއްކަހަލަ "އެއްހެއްހެއްހެއް" ގެ ބާރު ހިނިގަނޑު ފަޅައިލައްވަނީ އެވެ. -- އިބްރާހިނިކަކީ އަޅުގަނޑާ އާއިލީ ގޮތުން ތިމާގެ ބޭފުޅެކެވެ. އޭނާގެ ވާހަކަ އާއި އެ އުފާވެރި ހިނިގަނޑުގެ އަޑު އަޅުގަނޑު ލިޔަމުން މި އަންނަ އެހަނދާނުގެ އޭނާގެ ބައިގައި އިރާދަ ކުރެއްވިއްޔާ ލިޔާނަމެވެ. އަޅުގަނޑުމެން ކިޔައި އުޅޭ އެ ދޮންބޭބެގެ ވާހަކަ ފަހަށް ބާއްވާފައި އޮތީ މައިޒާން އަހަންމަދޭ (ބޭބެ) ގާތުން ބައެއް ވާހަކަ ފިލުވާން އޮތަތީ އެވެ. --

ޖޯލި ފަތީގައި އިންނަވައިގެން އުމަރު ޒާހިރު ވެސް އެ ދެބޭފުޅުނަށް ކުދި ކުދި ގޯނާ ކުރައްވާމެ އެވެ.

އަޅުގަނޑުމެނަށް ކާން އިށީންދެވުނު އިރު ތިނެއްވެސް ޖައިފި އެވެ. އެ ސުފުރާގައި މީރުހައި ތަކެތީގެ ސުމާރެއް ނެތެވެ. އެއީ ތެދެކެވެ. ބޮޑު ފަލަ ރަތް މަހެއް ފިހެގެން އަރުވާފައި އޮތެވެ.

ސުފުރާ ކައިރިއަށް ދެވުމާއެކު އަޅުގަނޑަށް އިޝާރާތްކޮށްފައި ކާފުދާލު އެއްޗެއް އެބަވިދާޅުވެ އެވެ.
"އާދަހަލީމަށް ލަގަދުޖާވަޅު އޮތީ! އެއީ ކޯންޗެއްކަން އެނގޭތަ؟"

ސިހިފައި ނޫން ނޭނގެއޭ ދަންނަވައިފީމެވެ. ދެން ވިދާޅުވީ "އިބާރާހިނިކާ އާދަހަލީމަށް ލަގަދުޖާވަޅު ކިޔައިދީބަލަ؟"

"އެއީ ރިޔާސަތު، މޭޒުގެ ކޮޅުގޮނޑި،" ޖަވާބު ދެއްވީ ވެސް ކާފުދާލެވެ.

އެހިސާބުން ސުފުރާގެ އެ ބުނާ ލަގަދުޖާވަޅެއްގައި އެ ދުވަހު އަޅުގަނޑަށެވެ. އެއް ފަރާތުން އަޅުގަނޑާ އެންމެ ގާތުގައި ކާފުދާލެވެ. އަނެއް ފަރާތުން އުމަރު ޒާހިރެވެ. މިނިސްޓަރާ ޖެހިގެން ނިޒާރެވެ. ކާފުދާލާ ޖެހިގެން އިބްރާހިނިކެވެ. ދެން ދެ ފަރާތަށް ބެހިފައި އޮތީ މިނިސްޓްރީ އާއި މަރަދޫ ފޭދޫ އޮފީހާއި އަތޮޅު އޮފީހުގެ ބައެއް މުވައްޒަފުންނެވެ. އަތޮޅުވެރިޔާ ކަމުގައި އޭރު ހުންނެވީ ހާމިދު ޔޫސުފެވެ. އެ ފަރީއްކޮޅަށް ހާމިދަށް ވަޑައިގެންނެވޭ ގޮތެއް ނުވީ އެވެ.

އެންމެން ހަމަވުމުން މިނިސްޓަރުގެ ބަދަލުގައި ވާހަފުޅު ދެއްކެވީ ވެސް ކާފުދާލެވެ.

"އާދަހަލީމް ބިސްމި ކިޔާފައި ފައްޓަވާ! ބިސްމިއަކީ މުއުޖިޒާތެއް!"

ހިނިއައިސް އިނދެ އަޅުގަނޑު ކާން ފަށައިފީމެވެ. މަޑުމަޑުން ބިރު ކެނޑޭ ގޮތްވެ ކާފުދާލުގެ ސަމާސާ އާއި އޭނާގެ ވަރުގަދަ އަޑާއި ވާހަކަ ދެއްކެވުމުގެ ލަހުޖާގައި އަޅުގަނޑަށް ރަނގަޅަށް ޖެހި ބާރަށް ހެވޭން ފަށާއިފި އެވެ. އެކުން ހިނި އައި ގޮތަކީ ކާފުދާލު ލާމުގެ އަތޮޅުވެރި ކަމުގައި ހުންނެވި އިރު މުންޑޫން ބައްދަލުވި ރީތި އަންހެނެއްގެ ހަނދާން އާވެގެން އޭގެ އެތަކެއް އަހަރު ފަހުން މުންޑޫއަށް ވަޑައިގެން ބައްލަވައިލައްވަން ވަޑައިގެންނެވި ވަގުތު ކަން ހިނގައިދިޔަ ގޮތެއްގެ ވާހަކަ އަމިއްލަފުޅަށް ފެއްޓެވުމުން އެ ދެމެދަށް އުމަރު ޒާހިރު ވިދާޅުވި ވާހަކައަކުންނެވެ. - ކާފުދާލު އެ އިޝާރާތް ކުރެއްވި އަންހެން މީހާ ދުނިޔޭގައި އެބަ އިންނެވި އެވެ. އުމުރު ދޮށިވެފައިވުން ފިޔަވައި އޭނާ ރީތި ކަމަކަށް މާ ބޮޑު ބަދަލެއް ނާދެ އެވެ. - މާތް ﷲ ކުޅަދުންވަންތަކަން ދެކޭށެވެ!

ސަމާސާއާއެކު ކެއުމުގެ ފޯރި ގަދަވި ވަރަކަށް އަޅުގަނޑުގެ ހުން ފިލައި ރަނގަޅަށް ހަޔާތް ކެނޑިއްޖެ އެވެ. ދެން ހަމަ ލަހެއް ނުކޮށް "އޭ ކާފުދާލޭ، ކާފުދާލަށް ކާފުދާލޭ ކިޔަނީ ކީއްވެގެން ހެއްޔޭ، އެއީ ކިހިނެއް އައި ނަމެއް ހެއްޔޭ" އަހައިފީމެވެ. އެ ސުވާލު ކުރީ މިނިސްޓަރު ކޮއްޓާލާފައި އެ ސުވާލު ކޮށްބާލާށޭ އެއްސެވީމަ އެވެ.

އެ ސުވާލު ކުރުމާއެކު ޖަވާބު ދެއްވަން ފައްޓަވައިފި އެވެ. ފުރަތަމަ ވިދާޅުވީ "ހާށަވިޔަނީގެ އަކުރުތަކުގެ ތެރެއަށް އަޅުގަނޑު ކޮއްޕާލީ މުހައްމަދު އަމީން! ހާށަވިޔަނި ފުރިހަމަ ވާނީ އޭގައި އަޅުގަނޑުވެސް އޮވެގެން!"

ދެން އެ ވިދާޅުވެ ދެއްވަނީ އެވެ: " މާލޭގެ ގޭގެއަށް ނަން ކިޔާން ފެށުނު ދުވަސްވަރު ވީ ގޮތަކީ މުހައްމަދު އަމީނަށް ފާހަގަ ކުރެއްވިއްޖެ އާދައިގެ ނަންނަމަށްވުރެ މާލޭގެ ދެ ކުއްޖަކަށް ކިޔާ ދެ ނަމެއް ދިގުވެގެން އުޅޭ ކަމަށް، އެއީ ކުޑަ އަހުމަދު ކަލޭފާނުގެ އިބްރާހިމް މަނިކާއި ބުޗާ ކަޅުތުއްތުގެ ދޮން މަނިކުގެ އަހުމަދު މަނިކު، ފަހުން މި ދެންނެވި ނަމަކީ އަޅުގަނޑުގެ ނަން. އަޅުގަނޑުމެން ދެ ކުދީންނަކީ ވެސް ކުޅިވަރުގައި ވަނަ ހޯދާ ކުދީން. އެއް އަހަރަކު ކަސްރަތު މުބާރާތުގައި އެއްވަނަ އަށް އައިސްގެ ސެޓްފިކެޓް ދޭންޖެހުނު ކުދިންގެ ތެރޭގައި އަޅުގަނޑުމެން ދެ ކުދީން ހިމެނުނީ. ސެޓްފިކެޓްތަކުގައި ސޮ ކުރަން މުހައްމަދު އަމީންގެ އަރިހަށް ގެންދިޔައިރު އޮތީ އެއްކަލަ ދިގުވެގެން އުޅުއްވާ ދެ ނަން . އެހިސާބުން މުހައްމަދު އަމީން ވިދާޅުވަނީ ސަރުކާރަކުން ސެޓްފިކެޓް މި ދެވެނީ ތިން ނަމެއް ކިޔާ ތިން މީހަކަށްހޭ؟ އަދި އޭގެ ތެރެއިން ވެސް ކާކަށް ހެއްޔޭ؟ ދެން ހެއްދެވި ގޮތަކީ ދެ ކުދިންގެ ނަން ބަދަލު ކުރުމަށް ނަން ކުރުކޮށްލީ އަޅުގަނޑުގެ ނަން، ބުޗާ ކަޅުތުއްތުގެ ދޮން މަނިކުގެ އަހުމަދު މަނިކު. މި ބަދަލުވީ ކދ. އަހުމަދު މަނިކަށް، އަނެއް ކުއްޖާގެ ނަން ބަދަލުވީ ކއ. އިބްރާހިމް މަނިކަށް،" މި ވާހަކަތައް ވިދާޅުވެ ދެއްވި ގޮތަށް އަޅުގަނޑުގެ ނޯޯޓްތަކުގައި އެބަހުއްޓެވެ.

އެ ދުވަހުގެ ސުފުރާގައި ވަރަށް ސަކަރާތް ގަނެވިފައި އިރުފުސް ފޮހުނު ތަންވަޅަށް ވަކިވާންޖެހުނެއް ކަމަކު ކާފުދާލާއި އަޅުގަނޑުގެ ދެމުގައިވާ އުސް ފާރު ރޫޅި ބިމަށް ފައިބާއްޖެ އެވެ. އަޅުގަނޑުމެން އެތަންވަޅަށް ވަކި އިރު އަޅުގަނޑު ފޭދުއަށް ދަތުރު ކުރީވެސް ކާފުދާލުގެ އަރިހުގައި އެ މަނިކުފާނު އިންނެވި ކާރުގަ އެވެ.

ފޭދޫއަށް ދަތުރު ކުރި މަގުމަތީގައި މުޅީހެން ދެކެވުނީ އައްޑޫ ބަޣާވާތުގެ ވާހަކަ އެވެ. ލިޔުންތެރިކަމާއި ޅެންވެރި ކަމުގެ ވާހަކާއެވެ. މިހައިރު މިތަންވަޅަށް ކާފުދާލުގެ ފޮޓޯ ނެންގުވުމުގެ ވާހަކަތައް ފެއްޓެވުމާއެކު އަޅުގަނޑުގެ ފޮޓޯއެއް ފުރަތަމަ ނެންގެވީ ކާފުދާލު ކަމަށް ދަންނަވައިފީމެވެ. ފުރަތަމައިނުން ވިދާޅުވީ "އަސްތާ އެހެންހެއްޔޭ؟" އެވެ. ދެން އަޅުގަަނޑުގެ ހަނދާނުގައި ހުރި ވާހަކަތައް ދެންނެވުމުން އަޅުގަނޑަށްވުރެ މާ ތާޒާކޮށް އެ ވާހަކަތައް ހަނދާކޮށްދެއްވަމުން ވިދާޅުވި ގޮތުގައި އެ ފޮޓޯގަނޑު އޭނާ ދެއްވީ އަޅުގަނޑުގެ ދޮންބޭބެގެ އަތްޕުޅަށެވެ. އޭނާގެ އަތުން ލިބޭތޯ ބަލަށެވެ.

"ބޮޑާހާކާފައި ހުއްޓާ އަހަރެން އާދަހަލީމް ގެންދިޔައީ އުރާލައިގެންދޯ، ވަރަށް ރީއްޗަށް އެދުވަސް ހަނދާން އެބަހުރި..."

"އެ ދުވަހު އެ ބޭނުން ކުރެއްވީ ދެއްތޯ ވަގުތުން ސާފު ކުރާ ކެމެރާއަކީ؟"

ކާފުދާލު ވިދާޅުވި ގޮތުގައި އަޅުގަނޑުގެ ފޮޓޯއެއް ނަގަން މުންޑޫގައި ބޭނުން ކުރެއްވި ކެމެރާއަކީ ސިފައިންގެ ހިދުމަތުގައި އުޅުއްވެވި އިރު ރައީސް އިބްރާހިމް ނާސިރު ހަދިޔާއަކަށް ދެއްްވި ކެމެރާއެކެވެ.

"އެއީ އަސްލު ޕޮލޯރައިޑް އިންސްޓިގިރާމެއް! އެއަށް ފަހު ވެސް އެ ކެމެރާ ގެންގުޅެވުނު ޒަމާންތަކަކަށް، އެ ކެމެރާއިން ރާއްޖޭގެ ވަރަށް މިސްކިތްތަކުގެ ފޮޓޯ ވެސް ނެގުނު... ނާސިރު އެ ކެމެރާ ދެއްވާފައި ވިދާޅުވި މުހިންމު ފޮޓޯތައް ނަގާފައި ރައްކާ ކުރާށޭ، އެހެން ނެގުނު ހާހެއްގައި ފޮޓޯ އަޅުގަނޑު އެބަގެންގުޅެން، އޭގެ ތެރޭގައި ގިނަވަނީ މިސްކިތްތަކާއި އިމާރާތްތައް،"

ދުވެލި ހަލުވި ދަތުރެކެވެ. އެކަމަކު ވާހަކަ އޮލަވެސް ދަތުރެކެވެ. މަރަދޫފޭދޫން ފޭދޫއަށް ދަތުރު ކުރި އިރު އަޅުގަނޑަށް ފާހަ ކުރެވުނީ ކާފުދާލަކީ ބަސް ފަސޭހަ ބަލާޣާތްތެރިއެއް ކަމެވެ. ރީތި އަދަބުތައް ތޮބީއަތުގައި ވާކަމާއި ސިޔާސަތާއި ބުއްދި އާއި ހިލްމާއި އިލްމުވެރިކަން ބޮޑު ކަމެވެ. ހިތްވަރުފުޅު ގަދަ ކަމާއި ސަމާސާ ކުރައްވާ ހިތްތަކުގެ ވެރިޔަކަށް ވެވަޑައިގަންނަވާ ކަމެވެ. ފޭދޫއަށް އާދެވުމުން އެތަންވަޅަށް އަޅުގަނޑުމެން ވަކިވާންޖެހުނީ އެވެ. އެކަމަކު ހަމަ އެރޭ ގަމުގެ ދޫގަހުގައި ބައްދަލުވީމު އެވެ.

ދޫގަހުގެ ގޯތީގެ ތެރޭގައި ވަގުތު ހޭދަ ކުރެއްވި އިރު ކާފުދާލުގެ އަރިހު އަޅުގަނޑު ދެންނެވީމެވެ. "އަޅުގަގަނޑުގެ އާއިލާ ދެނެވަޑައިގަންނަވަމުންތޯ އެވެ؟" އަޅުގަނޑު އެހެން އެހުމާއެކު ވިދާޅުވާން އިންނެވި ފޮތެއް ލައްޕަވާލައްވާފައި ވިދާޅީ އާދަހްލީމަށްވުރެ ބޮޑަށް އާދަހަލީމާއި އާއިލާ ދެނެވަޑައިގަންވާ ކަމުގައެވެ.

ހަނދާން ނައްތައިލަން ދަތި ބައްދަލުވުންތަކަށް ފަހު ކާފުދާލު އެނބުރި މާލެ ވަޑައިގެންނެވި ނަމަވެސް އަޅުގަނޑާ ގުޅުން ބާއްވަވަ އެވެ. ފޯނު ކުރައްވާ ވަރަށް ގިނައިން އަޅުގަނޑުގެ ލިޔުންތަކަށް ފާޑު ވިދާޅުވެ ބައެއްކަން ރަނގަޅުކޮށް ދެއްވައައި އަޅުގަނޑު "ސައިޒަށް ފިޓް" ކޮށް ދެއްވި އެވެ. އެއީ ވަރަށް ގިނައިން ކުރެއްވެވި ކަމެކެވެ. އޭގެ ސަބަބުން ކާފުދާލުގެ ގައިން އަޅުގަނޑު ގަޔަށް "ބައްޔެއް" ވެސް އެރި އެވެ.

ހާށަވިޔަނީގެ އަކުރުތަކުގެ ތެރެއަށް އަޅުގަނޑު ކޮއްޕާލީ މުހައްމަދު އަމީން! ހާށަވިޔަނި ފުރިހަމަ ވާނީ އޭގައި އަޅުގަނޑު ވެސް އޮވެގެން،
ކާފުދާލު އަހުމަދު މަނިކު| ދިވެހިންގެ ގައުމީ ހިދުމަތްތެރިއެއް

އެ ބަލިން އަޅުގަނޑުގެ ލިޔުންތަކުގައި ވަރަށް ގިނަ ފަހަރަށް "އާދަޔާހިލާފު" ގެ ބަދަލުގައި "އާދަޔާ ތަފާތު" ބޭނުން ކުރަން ފެށުނެވެ. ވަގުތު ބުނެ ދިނުމުގެ ގޮތުން "މިތެއް ގަޑި ތިރީސް" ލިޔުމުގެ ބަދަލުގައި "މިތެއް ޖަހައި ބައިގަޑީ"ގައި ލިޔުމާއި "ހައްދޫ ކަނޑުގެ ރާޅުތައް ދޯނީގެ ކަންކަށީގައި ތަޅަމުން" ދިއުުމުގެ ބަދަލުގައި "ހައްދޫ ކަނޑުގެ ރާޅުގައި ދޯނީގެ ކަންކަށީގައި ހައްދު ޖަހަމުންދިޔޭ" ފަދަ ވަރަށް ގިނަ ބަސްތައް ބޭނުން ކުރެވޭން ފެށުނެވެ އެނޫނަސް އެ "ބަލީ" ގެ ވަރަށް ގިނަ އާލާމާތްތައް އަޅުގަނޑުގެ ލިޔުމު ފެންނާނެ އެވެ. ކާފުދާލުގެ ފުރައަށް އެކަން ފާހަގަވާނެ އެވެ.

ރައްޔިތުންގެ މަޖިލީހާއި ހާއްސަ މަޖިލީހުގެ ކުރީގެ މެންބަރު އަދި ރާއްޖެއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ގައުމީ ހިދުމަތްތެރިޔާ، ކާފުދާލު އަވަހާރަވީ މާރިޗް 25، 2017 ގައި އުމުރުފުޅުން 80 އަހަރުގަ އެވެ.

ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައިވެސް ހާއްސަ ޝަހުސިއްޔަތެއްގެ ގޮތުގައި ހިމެނިވަޑައިގަނަވާ އަދި ސްޕޯޓްސް ޑިވިޒަންގެ ވެރިޔާގެ މަގާމުވެސް ފުރުއްވެވި ކާފުދާލަކީ ސިފައިންގެ ހިދުމަތުގައި ވެސް ދުވަސްތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި ރާއްޖޭގެ އިލެކްޝަން ކޮމިޝަނަރުގެ މަގާމާއި ރާއްޖޭގެ އިމިގްރޭޝަން ކޮންޓްރޯލާ ކަމާއި ކަސްޓަމްސް ވެރިޔާގެ މަގާމާއި ކޮންސްޓްރަކްޝަން މިނިސްޓަރީގެ ނައިބުގެ މަގާމާއި އަތޮޅުވެރިކަން ވެސް ކުރެއްވެވި އެވެ.

އެމަނިކުފާނު އަވަހާރަވި ހަބަރު އަޅުގަނޑު އެހީ މާލެއާ ކައިރި ޕެރަޑައިސް ރިސޯޓްގެ ގޮނޑުދޮށުގެ ފަތްޖެހި ގޮނޑިއެއްގައި އުޑު ބަލާން އޮއްވަ އެވެ. އެ ހަބަރާއެކު ވަގުތުން ސާފު ކަރުނަ ލޮލުން ފުންމާލި އެވެ. އަދި އެ ކަރުނާގައި ލޯ ފުސްވަމުން ދިޔަވަރަކަށް ކުޑަކުޑައިރު އަޅުގަނޑުގެ ފޮޓޯއެއް ނަގާ އެ މަނިކުފާނު އުޅުއްވި މަންޒަރުގެ ބައިވަރު ފޮޓޯ އަޅުގަނޑަށް ފެނުނެވެ. -- އިންނާލިﷲ ވައިންނާ އިލައިހި ރާޖިއޫން -- އެ މަރުހޫމަށް ފުއްސަވައި ސުވަރުގެ މަތިވެރި ނިއުމަން މިންވަރު ކުރައްވާށި އެވެ.