އޮބިޗުއަރީ

އެ ހަނދާނުގައި: ކެމެރާމަން ކުޑޭ

May 31, 2017
5

ދެހާސް ފަނަރަ ވަނަ އަހަރުގެ ޑިސެމްބަރު 11 ވަނަ ދުވަހު އަޅުގަނޑު ރަހުމަތްތެރިޔަކު ފޯނުކޮށްފައި ކެމެރާމަން މުހައްމަދު އަބްދުލްޣަފޫރު ނިޔާވި ކަމުގެ ހަބަރު ދިނެވެ. މީހަކު ނިޔާވުމުގެ ހަބަރު ލިބުމުން އިހަށް ކުރާންވީ ކަމެއްވިއްޔާ އަޅުގަނޑު ކުރީމެވެ. އެކަމަކު އަޅުގަނޑަކަށް މާ ބޮޑަކަށް ސަމާލު ކަމެއް ނުދެވުނެވެ. ބުނެވުނީ އެހެންތޯ އެވެ؟ އޭ ބޭފުޅަކު ވިދާޅުވީ ވަރަށް ގިނައިން ހޮޑުލެވޭތީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް ނިޔާވީއޭ އެވެ. ދެންވެސް އަޅުގަނޑަށް ބުނެވުނީ އެހެންތޯއޭ އެވެ. އެކަމަކު "ކުޑޭ ނިޔާވީ ކިޑްނީ ފޭލި" ވެގެނޭ ބުނުމާއެކު އަޅުގަނޑު ރީއްޗަށް ގަނޑުވެއްޖެ އެވެ. ދެން ޖެހުނީ ފޯނު ބާއްވާށެވެ. ކުޑޭގެ އަސްލު ނަން އަޅުގަނޑަށް އެނގުނީ އޭނާ ވަކިވެގެން ދިޔަ ދުވަހު އެވެ. އަޅުގަނޑުގެ ހަނދާންތައް ގޮސް އެ މަރުހޫމުގެ ގައިގައި ކަފުނެއްހެން އޮޅައިލި އެވެ.

އަޅުގަނޑު ނޫސްވެރިކަމުގެ ދާއިރާއަށް ނުކުތް އިރުވެސް ކޮނޑުމަތީގައި ހަތަރު ފަސްކިލޯގެ ކެމެރާ ބާއްވައިގެން ހިނިތުންވުމާއެކު ކުޑޭ އުޅެ އެވެ. އޭނާއާ އަޅުގަނޑާ ދެމެދު ގާތް ގުޅުމެއް އުފެދުނީ ވަކި ކަމެއްގެ ތެރެއިން ވަކި ސަބަބެއް މެދުވެރިވެގެނެކޭ ބުނާ ހިތެއް ނެތެވެ. ފެނުމާއެކު އެއޮތީ ގާތް ރަހުމަތްތެރިއަކަށްވެފަ އެވެ. އެއީ އަޅުގަނޑުގެ ސަބަބަކުން ނޫނެވެ. އެއީ ކުޑޭ ކިބައިގައި ހުންނަ އެހެން މީހުންގެ ހިތް އަތުލުމުގެ ބާރަކުން ވީ ކަމެކެވެ.

ކޮންމެ މީހަކަށް ވިޔަސް ދިމާވާ ހިނދުން ފެށިގެން ކުޑޭ ވާނީ އެމީހެއްގެ ގާތް މީހަކަށެވެ. އަޅުގަނޑުމެން ދެމީހުންގެ ރަހުމަތްތެރިކަން ގާތް ކަމަކަށް ބަދަލުވީ ޖަޕާނު ސަރުކާރުން މާލޭގެ ތޮށިލައި ނިއްމާލުމަށް ބޭއްވި ރަސްމިއްޔާތާއި މިހާރު ވެސް ބޭނުން ކުރަމުން އަންނަ އާޓިފިޝަލް ބީޗް ހުޅުވުމުގެ ރަސްމިއްޔާތުގެ ކަވަރޭޖްގެ ތެރެއިންނެވެ. އަޅުގަނޑާ ކުޑޭއާ ދެމީހުންނަކީ އެކަހަލަ ކަވަރޭޖްތަކުގެ ތެރޭގައި ވަރަށް ގިނައިން އެހެން ނޫސްވެރިންގެ ކުރިމައްޗަށް އަރައި ކޮއްޕާ ގަޅުވާ އެއް ސައިޒެއްގެ ދެމީހުންނެވެ. ރަށުން ބޭރުގެ ކަވަރެޖްތަކާއި މާލޭގެ އިވެންޓްތަކުގައި ވަރަށް ސަކާރާތް ގަނެ ޖެއްސުންކޮށް އުޅެމު އެވެ. އެހެން އުޅުމުގެ ތެރޭ ވިލިމާލޭގައި ކެމެރާއާއެކު އަޅުގަނޑު މޫދަށް ވެއްޓުނު ފަހަރެއް ވެސް ދިޔައެވެ. ހަގީގަތުގައި އަޅުގަނޑުގެ މިޒާޖު ހުންނަ ގޮތުން އެހެން ނޫސްވެރިނާ ބީރައްޓެހި ގޮތެއް ހުންނާނެ އެވެ. އެކަމަކު ކުޑޭގެ މަޖާގަނޑު ޖެހުނީމާ އަޅުގަނޑުގެ އަނގައިގެ "ބެޓެރީ ޗާޖް" ވެ އެވެ.

އޭ ފަހުން ކުއްލި ގޮތަކަށް ޓީވީއެމުން ވަކިވެ އަޅުގަނޑަށް ކުޑޭ ގެއްލުނީ އެވެ. ދެން ކުޑޭއާ ބައްދަލުވީ ނިޝާން އިއްޒުދީނުގެ އިތްޒަތްތެރި ވެރިޔާ އަބްދުއް ރަޝީދު ހުސައިން އެގްރިކަލްޗަރު މިނިސްޓްރީގައި ހުންނެވި އިރު އުތުރުގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅެއްގައި އެމަނިކުފާނާއެކު އުތުރަށް ދެވި، ދަނޑުވެރިކަމުގެ ރަށް ހދ. ވައިކަރަ މުރައިދޫންނެވެ.

އަޅުގަނޑުމެން އެރަށަށް އެރި އިރު އެރަށުގައި ހައްދާ ދަނޑުވެރިވެރި ކަމުގެ ބާވަތްތައް އޮށީގެ ދިގު އައްޓެއްގައި އަތުރައިގެން އަތަށް މާސިންގާ ބަނޑިޔަލެއްހާ ބޮޑު ދޮން ފަޅޮލެއް ލައިގެން ހެވިފައި އެ ހުރީ އެއްކަލަ ކުޑޭ އެވެ. އަޅުގަނޑަށް އަހަލައިވުނީ ކުޑޭ މިހާރު މިރަށުގައި ހެއްޔެވެ؟ ދެއްވި ޖަވާބު އެނގޭ ހެއްޔެވެ؟

"ބައެއް ފަހަރު ދަނޑުފޯރީގަ އެެވެ! ބައެއް ފަހަރު ދަނޑު ހެއްދުމުގަ އެވެ! މިހާރަށް ދަނޑު ފޯރިއަށްވުރެ ކަމުދިޔައީ ދަނޑު ހެއްދުމެވެ! އެހެންވެ ދުވަސްކޮޅަކަށް މިރަށުގައި މަޑުކޮށްލީ އެވެ.!"

ވައިކަރަ މުރައިދޫގައި އެދުވަހު އަޅުގަނޑުމެނަށް ތައްޔާރުކޮށްފައިވާ ހުރި ކުރުނބާތައް ކެނޑި އިރު ކުޑޭ ފުރަތަމައަށް ކެނޑި ކުރުނބާ ވަޒީރުގެ އަތްޕުޅަށް ދިއްކޮށްލެވުމުގެ ބަދަލުގައި ލައިދިނީ އަޅުގަނޑުގެ އަތަށެވެ. އެކަމާ އަޅުގަނޑު ވަރަށް ލަދުވެސް ގަތެވެ. ކަންފަތްދޮށުގައި އެހެން ހެދީ ކީއްވެގެން ހެއްޔޭ އެހީމާ ބުނީ މިފަހަރުގެ ތަރުތީބު އޮތްގޮތް ކަމަށެވެ. އެދުވަހަށް ފަހު އަނެއްކާވެސް ކުޑޭއާ ވަކިވާންޖެހުނީ އެވެ. އެކަމަކު ކުޑޭ ހަދިޔާއަކަށް އެ ދުވަހު ދިން ކުޑަކުޑަ ދެގަނޑު ވަޅޯމަސް އަޅުގަނޑުގެ ދަބަހުގައި މާލެ ގެނައިމެވެ. ވަޅޯ މަހަކީ އަޅުގަނޑަށް ވަރަށް މީރު އެއްޗެކެވެ. ރިހާކުރު ބޮނޑިއަކީ އަޅުގަނޑުގެ ބޭހެވެ.

ދެހާސްދިހައެއް އަތުވެއްޖެ އެެވެ. ރައީސުލްޖުމްހޫރިއްުޔާގެ އަޮފީހުން ބޭފުޅަކު ގުޅުއްވައިފި އެވެ. އާދަމް ހަލީމްގެ ވީޑިއޯ ޑޮކިއުމެންޓްރީއެއް ހަދަން ގައުމީ އިނާމާބެހޭ ކޮމެޓީން ބޭނުންވާތީ ޓީވީއެމްގެ ކެމެރާމަނަކާއި އެހެން ދެބޭފުޅަކާއެކު ބަނޑޮހަށް ގޮސް ދިނުމަށް އެދިވަޑައިގަތެވެ.

އެ ފޯން ކޯލް ކުރެއްވީ ރައީސް އޮފީހުގައި މހާރުވެސް އެ އުޅުއްވާ މާދޫގެ ހުސައިން އާމިރެވެ. އަޅުގަނޑު ދެންނެވީމެވެ. ބަނޑޮހަކީ އަޅުގަނޑުގެ ގެ ކަހަލަ ތަނެވެ. އަޅުގަނޑު ބޮޑު ފިރިހެނަކަށްވީ އެތާނގަ އެވެ. މުޅީން އުޅޭނީ އަޅުގަނޑުގެ ރަހުމަތްތެރިންނެވެ. އަޅުގަނޑު މިހާ ދުވަހު ނޫސްވެރިކަމުގައި އުޅެ މުޅީން ބަދަލުވެ މީހަކާ އިނދެ ކުއްޖަކު ލިބިފައި ހުއްޓާ އަދިއެއް އެމީހުނަކަށް ނުފެންނާނެ އެވެ. އަންހެނުންނާއި ދަރިފުޅު ގޮވައިގެން ދިޔައަސް އެންމެ ރަނގަޅު ހެއްޔެވެ؟

އާމިރު ވިދާޅުވީ ޓީވީއެމްގެ ކެމަރާމަނުންގެ މައްސަލައެއް ނެތިއްޔާ އެންމެ ރަނގަޅު ކަމަށެވެ. އެކަމަކު މިއީ އަދި ސިއްރު ކަމެއް ކަމަށެވެ. ބަލާލާފައި ހަބަރެއް ވެލާނަމޭ އެވެ.

އިރުކޮޅަކުން އަޅުގަނޑަށް ފޯނެއް އައިސްގެ ނެގި އިރު ފޯނު ކުރީ އެއްކަލަ ކުޑޭ އެވެ. ފުރަތަމަ ވެސް ބުނީ "އާދަނާ މިފަހަރު މިއޮތީ މަށާ ޖެހިފައޭ..." އެވެ. އަދިވެސް އެހެން ބައިވަރުތަކެއް އެމުނި އެވެ.

ބަނޑޮސް ދަތުރުގައި އެއޮށްބޮޑު ކެމެރާއާއެކު އެއް ދުވަސް ވަންދެން ކުޑޭ އުޅުނީ އަޅުގަނޑުގެ ދަރިފުޅު ވެސް ގާތްގަނޑަކަށް އޭނާގެ ކޮނޑަށްލައިގެން އަޅުގަނޑުގެ އަންހެނުން ވެސް އިނގިލި ކުރީގައި ލައިގެނެވެ. ބަނޑޮހުގައި އެއޮތް އަޅުގަނޑުގެ ބޮޑު "އާއިލާ" އަކާ ނުޖައްސަ އެވެ. ކުޑޭއަކީ ނައިފަރަށް ނިސްބަތްވާ މީހެއްކަން ވެސް އަދި އަޅުގަނޑުގެ އަންހެނުންނަކީ އެ އާއިލާއާ ގާތް ކަމެއް އޮންނަ މީހެއްކަން އަޅުގަނޑަށް އެނގުނީ ވެސް އެފަހަރު އެވެ.

އަޅުގަނޑަކީ ކިހިނެއް ކޮންގޮތަކުން ނޫސްވެރިޔަކަށް ވީ އަދި ބަނޑޮހުގައި ކޮން މަސައްކެތް ކުރި، ކިހިނެއް އުޅެމުން އައި މީހެއްކަން ކުޑޭއަށް އެނގޭނީ ވެސް އެ ދަތުރުގަ އެވެ. ނޮވެމްބަރު މަސް ފެށުނު ތަނާ ކުރި އެ ދަތުރަކީ ދަތުރު ކުރަސް ދިގު ހަނދާނެކެވެ.

އަޅުގަނޑަށް ފާހަގަ ކުރެވުނު އެއް ކަމަކީ ކުޑޭގެ މަޑުމައިތިރި ކަމާއި މަސައްކަތުގެ އަހުލާގެވެ. އޭނާ ޖޯކް ކިޔާ ގަޑި އާއި ދަނޑުފޯރި ޖައްސާ ވަގުތުތައް ވެސް ވަރަށް ބޮޑަށް ތަރުތީބުކޮށްފައި އޮންނަ އޮތުމެވެ. ދަތުރަށް ފަހު ރައީސް އޮފީހުން ތައްޔާރު ކުރި ޑޮކިއުމެންޓްރީގެ އިތުރުން ކުޑޭ އަމިއްލައަށް ތައްޔާރުކޮށްފައި ދިން އަޅުގަނޑާބެހޭ ޑޮކިއުމެންޓްރީއެއް އަދިވެސް އަޅުގަނޑުގެ އިށީނދެ މީން މޭޒުގެ ފުރަހަގުގައި މިހިރަ ކުޑަ ލައިބުރަރީގައި އެބައޮތެވެ. އޭގައި އެކުވެރި ކުޑޭ ޖަހާލާފައި ވެއެވެ.

ކުޑޭއަކީ ހާއްސަ ރަހުމަތްތެރިއަކަށްވުރެ ހާއްސަ ރަހުމަތްތެރިއެކެވެ. އެހެންވެ ކޮންމެ މަަހަކުވެސް ކުޑޭގެ ހަދިޔާ ފޮށިގަނޑު އަންނާނެ އެވެ. އޭގައި ހުންނާނީ އަޅުގަނޑުގެ ދަރިފުޅަށާއި އަންހެންނަނަށް ވަރަށް މީރު ނައިފަރުގެ އަތުޖެހި އެވެ. ދެން ކޮކީސް އޭ ކިޔާ ފާޑެއްގެ ފޮނި މުރަނަ އެއްޗެކެވެ. އެއީ ސިޓިން ރޫމުގައި ޓީވީ ދޮށު އިނދެގެން މުގުރާލަން ވަރަށް ފައްކާ އެއްޗެކެވެ. އެއަކީ ހަމަ ކޮންމެ މަހަކުހެން އަންނަ ފޮށިގަނޑެކެވެ. އެ ފޮށިގަނޑަށް ހަދިޔާ ގަންނަވާފައި ހުންނަނީއަކީ ވަކި ސުމާރެއްބަލައިގެނެއް ނޫނެވެ.

އަޅުގަނޑުވަރަށް ގިނައިން ކުޑޭ ގާތުގައި ކަންތަކު ކިޔައި އުޅުނީމެވެ. އެއިން ކޮންމެ ކަމަކަށް ވެސް ބުނީ އާއެކޭ އެވެ. ލަހެއް ނުވެ ކޮށްދޭވެސް މެ އެވެ. އެހެންނަމަވެސް އަޅުގަނޑު ގާތުގައި ކުޑޭ އެދުނު އެންމެ ކަމެއް އޭނާ ވަކިވެގެން ދިޔައިރުވެސް އަޅުގަނޑަށްއޮތީ ކޮށް ނުދެވި އެވެ. އެއީ އަޅުގަނޑުގެ މާކަންނެތާ މާފޮޑަރާ ކަމުންވެފައި އޮތް ބޮޑު ގެއްލުމެކެވެ. ފެލިވަރު ކާރުހާނާގެ މަންޒަރުތަކެއް ނަގައިގެން ސީޕްލޭނުގައި މާލެ އަންނަނިކޮށް އޭގައި ކުޑޭ ހުއްޓާ އެ ބޯޓް ވެއްޓުނު ހާދިސާގައި އޭނާގެ ހަނދާންތައް ލިޔެ ދިނުމަށް ކުޑޭ އޮތީ އެދިފަ އެވެ. އެކިފަހަރުމަތީން އެވާހަކަތައް އަޅުގަނޑަށް ކިޔައިވެސް ދިނެވެ. އިރާދަ ކުރެއްވިއްޔާ އެކަން ފުރިހަމަ ކޮށްދެވޭތޯ ބަލާނަމެވެ. މާތްﷲ ކުޑޭގެ ފާފަ ފުއްސަވާ ސުވަރުގޭގެ ދާއިމީ ނިއުމަތް އޭނާއަށް މިންވަރު ކުރައްވާށި އެވެ!